ކޯވިޑް އިން އަރައިގަތުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އިތުރު 21.6 މިލިއަން ޑޮލަރު
26 ޖެނުއަރީ 2021 - 15:05
ކޯވިޑް19 އާއި ގުޅިގެން އަސަރުކޮށްފައިވާ ރާއްޖޭގެ މަސައްކަތްތެރިންނަށް އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ. މި ފައިސާ ހަރަދުކުރާނީ ‘ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް’ ފުޅާކުރުމަށެވެ.
ކޯވިޑް19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތައް އެހީވުމަށް ވާލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާއިރު މި ފައިސާ މެދުވެރިކޮށް އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައިވެސް ވާލްޑް ބޭންކުން ވަނީ ކޯވިޑް19 އިން އަރައިގަތުމަށް ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފައެވެ.
މިކަމާއި ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، އެ ބޭންކުން އިތުރު ފައިސާއާއެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށްވެގެންދާނެކަމަށެވެ.
‘ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް’ ފެށިގެން މިހާތަނަށް އައިއިރު، ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންނަށް ވަނީ މާލީގޮތުން ބޮޑުއެހީއެއް ފޯރުކޮށްދީފައެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް، ކޮވިޑް-19 ގެ ކާރިޡާގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ސަތާރަ ހާހެއްހާ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް ޖުމްލަ 10.3 މިލިއަން ޑޮލަރު ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފައެވެ.