އަމިއްލަ ހިޔާލު : ނޭޕާލް މެއިޑުންނަށް ދެން ވާނީ ކިހިނެއް؟

12 ސެޕްޓެމްބަރ 2024 - 15:54

ގޭތެރޭގެ މަސައްކަތްތައް ކުރުމުގަ އާއި ދަރިން ބެލުމުގައި ރާއްޖޭގައި އެންމެ ގިނައިން ބިދޭސީންގެ ގޮތުގައި މަސައްކަތްކުރަނީ ނޭޕާލު މީހުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުންނެވެ!

މެއިޑުންގެ ގޮތުގައި ނުވަތަ ކުޑަ ކުދިން ބަލާ “ނެނީ”ންގެ ގޮތުގައި ނޭޕާލުން މީހުން ގެނައުމަކަށް ރާއްޖޭގެ ގަވާއިދުތައް ހުރަހެއް ނާޅައެވެ. އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން ނޭޕާލުން މެއިޑުންގެ ގޮތުގައި ރާއްޖެ އަށް މީހުން ފޮނުވުން އެ ގައުމުން ވަނީ ހުއްޓާލާފައެވެ. އެހެންކަމުން އަމިއްލަ މީހުންގެ ކޯޓާގައި ރާއްޖެ އަށް އައުމަށް ނޭޕާލް މީހުންނަށް އެ ގައުމުން ހުއްދައެއް ނުދެއެވެ. އެ މީހުންނަށް ގައުމުން ބޭރުވުމުގެ ހުއްދަ ލިބެނީ ހަމައެކަނި ކުންފުނި ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ނަމުގައި އޮންނަ ވާރކް ޕާރމިޓަކަށެވެ. ރާއްޖޭގައި މިހާރު ގޭތެރޭގެ މަސައްކަތްކުރުމަށާއި ދަރިން ބެލުމަށް ގެންގުޅޭ ނޭޕާލް މީހުންނަކީ ކޮންމެ ވެސް ކުންފުންޏެއްގެ ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ނަމުގައި ގެނެސްފައިވާ މީހުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުންނެވެ.

advertisement

އޮޕަރޭޝަން ކުރެނގި — ހަރުކަށިކަމާއެކު ފިޔަވަޅު އަޅަނީ  

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތް ވަނީ ވަރުގަދަ ކޮށްފައެވެ. ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ކަމަށް ބުނެ ލޭބާރ ރެގިއުލޭޝަން އޮތޯރިޓީ އަށް ލިބޭ ޝަކުވާތަކާ ގުޅިގެން އެފަދަ ތަންތަން ވެސް ގެންދަނީ ބަލަމުންނެވެ. އަދި ވާރކް ވިސާ އޮތް ނަމަވެސް ހުއްދަ ދޫކޮށްފައިވާ ތަން ނުވަތަ ސައިޓް ނޫން ތަނެއްގައި މަސައްކަތްކުރާ ނަމަ ވެސް އެ ފަރާތްތައް ޑިޕޯޓްކުރަމުން އެބަ ގެންދެއެވެ. ދާދި ފަހުން ސެލޫނެއްގައި މަސައްކަތްކުރާ ނޭޕާލްގެ ބަޔަކު ޑިޕޯޓްކޮށްލީ އެ މީހުންނަށް ހުއްދަ ދީފައި ނެތް ތަނެއްގައި މަސައްކަތްކުރާ ކަމަށް ބުނެއެވެ. އެ މީހުންނަކީ ވާރކް ވިސާ އޮތް މީހުންނެވެ. ނަމަވެސް ތަންފީޒީ އިދާރާތަކުން އެކަމުގައި ދުލެއް ނުދިނެވެ. ސުވާލަކީ ގޭގޭގައި މަސައްކަތްކުރާ ނޭޕާލު މީހުންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ހޯމްލޭންޑް ސެކިއުރިތީ މިނިސްޓަރު އަލީ އިހްސާން ހުންނެވީ ވަރަށް ގޮތުގައެވެ. ކަންކަން ހައްލުކުރެއްވުމުގައި މޫނަށް ކަނދުރާއަކަށް ނުބައްލަވައެވެ. ފިޔަވަޅު އެޅުއްވުމުގައި ވަކި މީހަކު ތަފާތެއް ނުކުރައްވާނެ ކަމުގެ މިސާލު ދައްކަވަނީ އަމިއްލަ އާއިލާގެ ތެރެއިން ހިމެނޭ ވިޔަފާރި ކުންފުނީގެ ވެހިކަލަކަށް ވެސް ފުލުހުން ފިޔަވަޅު އަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯއަކުންނެވެ. ހާއްސަކޮށް އެއްވެސް ސަރުކާރަކަށް މިހާތަނަށް ހައްލު ނުކުރެވި އޮތް ބިދޭސީންގެ މައްސަލާގައި މިނިސްޓަރު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. 

ތަންފީޒީ އިދާރާތަކުގެ މަސައްކަތްތައް ދުވަހެއް ދުވަހަކަށް ގެންދަނީ ފުޅާކުރަމުންނެވެ. ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ލޭބާ އޮތޯރިޓީގެ ޓީމުތައް ދަނީ ވަންނަމުންނެވެ. އެ ތަންތަނުން މުވައްޒަފުން ގެންގުޅެފައިވާ ގޮތުގެ ރެކޯޑްތައް ދަނީ ބަލަމުންނެވެ. މުސާރަ ދީފައިވާ ގޮތާއި ބިދޭސީންނާ މެދު އަމަލުކޮށްފައިވާ ގޮތާއި އެ މީހުން ގެންގުޅޭ ގޮތްތައް އަންނަނީ ބަލަމުންނެވެ. ފާހަގަކުރެވޭ ކަންކަމުގައި އަންނަނީ ފިޔަވަޅު ވެސް އަޅަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ބިދޭސީން އެއްވާ ތަންތަނަށް ގޮސް ރެއިޑްތައް ޖެއްސުން ވެސް އެކަށީގެން ވެއެވެ. އެ ގޮތުން ހުކުރު ދުވަހު މާލޭގެ ޕާކްތައް އެކަނި ޗެކް ކޮށްލިޔަސް މިފަދަ އެތައް ބަޔަކު އަތުވާނެއެވެ.

މެއިޑުންނަށް ވާނީ ކިހިނެތް؟

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްވެ އޮވެ ހިންގާ މި މަސައްކަތާ އެކު ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. އެހެން ނަމަވެސް ގޭގޭގައި ގެންގުޅޭ ނޭޕާލް މީހުންގެ ކުރިމަގާ މެދު އޮތް ސުވާލަށް އަދި ޖަވާބެއް ނުލިބެއެވެ. އެ ފަދަ މީހުން ވަކިވަކިން ހޯދައި ފިޔަވަޅު އަޅާނެ ގޮތެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް އެނގޭ ކަމަކީ މި ވަގުތު ގޭގޭގައި މަސައްކަތްކުރާ ނޭޕާލުގެ ގިނަ މީހުންނަކީ ވާރކް ވިސާ އޮތް ނަމަވެސް ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ކަމެވެ. މިއީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެތައް ހާސް ބައެކެވެ. މި މީހުންގެ މައްސަލަ ހައްލުކުރުމުގައި ވަކި އުސޫލްތަކެއް ގެންގުޅޭނެ ކަމަކަށް ނުބެލެވެއެވެ. 

މިފަދަ އެތައް ބަޔަކު ސަރުކާރުގެ އިސްވެރިންގެ ގޭގޭގައި ވެސް އެބަ އުޅެއެވެ. އެ ބޭފުޅުންގެ ގެކޮޅުގެ ކަންކަން ބެލެހެއްޓުމުގަ އާއި ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ނޭޕާލްގެ އެތައް ބަޔަކު ހަރަކާތްތެރިވެ އެވެ. ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް މިފަދަ މީހުން އެބަ ގެންގުޅެއެވެ. އެހެންކަމުން މި މީހުން ފޮނުވާލަން މަސައްކަތް ފަށައިފި ނަމަ މިނިސްޓަރު އިހްސާނަށް ފުދޭ ވަރަކަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މޫނަށް ކަނދުރާ އަށް ނުބައްލަވައި ފިޔަވަޅު އަޅުއްވާ ނަމަ, އެންމެންނަށް އެއްގޮތެއްގެ މަތީން މި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
2
0
0