އަމިއްލަ ހިޔާލު: އަގު ކޮބާ؟ ފިޔަވަޅެއް ނޭޅޭ!

15 ސެޕްޓެމްބަރ 2024 - 15:39

“ސޭޓު! މި ކިހާވަރަކަށް؟”

މިއީ ކުރިން ފިހާރަތަކަށް ގޮސް ކޮންމެހެން އަހަން ޖެހޭ ސުވާލެކެވެ. އެހެން ނަމަވެސް ޒަމާނަށް އައި ބަދަލާއި ކަންކަމަށް އައި ބަދަލުތަކާއި އެކު ތަކެތީގެ އަގު އެހުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ފިހާރަތަކުގެ ހަރުގަނޑުގައި މުދާ ބަހައްޓާފައި ހުންނަންޖެހެނީ އެ އެއްޗެއްގެ އަގު ސާފުކޮށް އެނގޭނެހެންނެވެ. އެއީ ގާނޫނާއި ގަވާއިދުތަކުގައި އެކަން އޮތް ގޮތެވެ. އެހެން ނަމަވެސް މިހާރު ވެސް މި ސުވާލު ކުރަންޖެހޭ ފަހަރު މަދެއް ނޫނެވެ.

ފިހާރަތަކުގައި ހުންނަ ތަކެތީގައި އަގު ޖެހުމަކީ ލާޒިމް ކަމެކެވެ. އެހެން ނަމަވެސް ވަރަށް ގިނަ ފިހާރަތަކުގައި އަދިވެސް ބައެއް ކަހަލަ މުދަލުގައި އަގު ނުޖަހައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ބިދޭސީން ކޮންޓްރޯލްކުރާ ފިހާރަތަކުގައެވެ. އެފަދަ ގިނަ ތަންތަނަކީ ވެސް ގަވާއިދާ ހިލާފަށް ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ކުރާ ވިޔަފާރިތައް ކަމަށް ބެލުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އެހެންކަމުން ޖީއެސްޓީ އަށް ޗާޖްކުރި ނަމަވެސް ޖީއެސްޓީ ދެއްކުމަށާއި ތަކެތީގެ އަގު ޖެހުމާއި މުއްދަތު ހަމަވެފައި ހުންނަ ތަކެތި ހަރުގަނޑުތަކުން ނެގުމަކީ އެ މީހުން މާ ބޮޑަށް ސަމާލުކަން ދޭ ކަންތައްތައް ހެން ހީނުވެއެވެ.

advertisement

“ފިހާރަތަކުން ތަކެތީގައި އަގު ނުޖަހާތީ ވަރަށް ލަނޑު އެބަ ލިބޭ. ކައުންޓަރަށް ދާ ފަހުން މި އެނގެނީ އަސްލު އަގު. ކުރިން ދުވަހަކު ވެސް 78ރ. އަށް ޗިޕްސް ޕެކެޓެއް ގަނެލެވިއްޖެ. އަގު ނުޖަހާ ތަކެތި ވިއްކާ މީހުންގެ ލައިސަންސް އުވާލާ،” ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ވެއެވެ.

ތަކެތީގެ އަގު އެހުމަކީ ކޮންމެ ފަހަރަކު ކުރަން އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. ފިހާރަތަކުގެ ސޭޓުންނަށް ވެސް އެ ޖަވާބު ދޭން އެހާ ފަސޭހަ ނުވާކަން އެ ސުވާލު ކުރުމުން އެ މީހުންގެ މޫނު މައްޗަށް އަރާ ފައިބާ ކުލަވަރުތަކުން އެނގެއެވެ. ހުރި އަގެއްގައި ގަންނާށޭ އެ މީހުން ބުނާ ކަހަލައެވެ. އެހެން ނަމަވެސް އެކަން އެހެން އޮވެގެން ނުވާނެއެވެ. ކޮންމެ މީހަކީ އަގަށް ނުބަލައި ހުރި އަގެއްގައި އެއްޗެހި ގަނެވޭނެ މީހެއް ނޫނެވެ. ވަރަށް ގިނަ މީހުންނަކީ ތަކެތި ހުންނަ އަގު ބަލައިގެން އެކި ފިހާރަތަކުން އަގު އަޅާ ކިޔައިގެން ގަންނަ ބައެކެވެ. އެ ފަދަ މީހުން ތަކެތި ގަންނަނީ ތިން ހަތަރު ފިހާރަ ބެލުމަށް ފަހު އެންމެ ހެޔޮ އަގެއްގައި ތަކެތި ލިބޭ ފިހާރައަކުންނެވެ. މާލީ ތަނަވަސްކަން ހުންނަ ގޮތުން އެ ނޫން ގޮތެއް ވެސް ނޯވެއެވެ. އެހެންކަމުން ކައުންޓަރާއި ހަމައަށް ގޮސް ބިލު ހެދުމުގެ ކުރިން ތަކެތީގެ އަގު އެނގެންޖެހެއެވެ. އެނގެންވެސް ބޭނުން ވެއެވެ.

އަގު ނުޖަހައި ބެހެއްޓުމުގައި އެހެން މަގުސަދެއް ވެސް އޮވެއެވެ. އެއް ކަމަކީ ސޭޓު ބުނި އަގެއްގައި ތަކެތި ވިއްކުމެވެ. ނުވަތަ ސިސްޓަމްގައި ހުރި އަގުގެ އިތުރުން ބިދޭސީ ސޭޓަށް ބައެއް އަޅައިގެން ވިއްކުމެވެ. ދެ ވަނަ ކަމަކީ ކައުންޓަރާ ހަމައަށް އައިސް ބިލް ހަދާ ހިސާބުން ކޮންމެ ކޮންމެ މީހަކަށް ތަކެތީގެ އަގު އަހައި ހިސާބު ހަދަން އުނދަގޫވުމުން ދިން އަގެއްގައި ގަނެގެން ދާން މަޖުބުރުވުމެވެ. މިއީ ވިޔަފާރީގެ އުކުޅެކެވެ. އެހެން ނަމަވެސް އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ގަވާއިދުތައް ހުރީ އެކަން އެގޮތަށް ކުރެވޭ ގޮތަކަށް ވެސް ނޫނެވެ.

އަގު ނުޖުހުމުގެ މައްސަލައިގެ އިތުރުން ވަށިގަނޑުގައި ވަކި އަގެއް ޖަހާފައި ބިލް ހަދާ އިރު ތަފާތު އަގެއް ހެދުމުގެ މައްސަލަ ވެސް ވަކި ކުޑައެއް ނޫނެވެ. ހާއްސަކޮށް ތަރުކާރީ އާއި މޭވާ ވިއްކާ ބައެއް ފިހާރަތަކުގައި މިކަން ބޮޑެވެ. މައިގަނޑު ސަބަބަކަށް ވަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގު އަވަސް އަވަހަށް ބަދަލުވުމެވެ. އެހެން ނަމަވެސް އެއީ ތަކެތި ގަންނަ މީހާ އަށް އޭގެ އަގު އެނގެން ނުޖެހޭ ސަބަބެއް ނޫނެވެ. ތަކެތީގެ އަގު އަހާ ކޮންމެ ފަހަރަކު އެ ތަކެތި ވިއްކަން ހުންނަ މީހާ ރުޅި އަންނަންޖެހޭ ސަބަބެއް ވެސް ނޫނެވެ. އެހެން ނަމަވެސް އަގު އަހާ ކޮންމެ ފަހަރަކު މޫނަށް ރޫ އަރުވާ މީހުންވެސް މަދެއް ނޫނެވެ.

“އެވަކާޑޯ އަޅާފައި ހުރި ވަށިގަނޑުގައި ހުރީ 60ރ. ޖަހާފައި. އެކަމަކު ބިލް ހެދި އިރު މާ ބޮޑު އެއްޗެއް ބިލަށް އެރިހެން ހީވެގެން އަގު އަހާލީމާ ސޭޓު ބުނީ 75ރ. އަށޭ ކިލޯއެއް. އަގު ތަފާތީ ކީއްވެހޭ އަހާލީމާ ބުނީ އަދި އަގު ބަދަލު ނުކުރެވިގެންނޭ. އޭރު އޮތީ ބިލަށް ފައިސާ ވެސް ދެއްކިފައި. އެހެން ފިހާރައެއްގައި ހުރި އެ 75ރ. އަށް ވުރެ ހެޔޮކޮށް. އަގު ކުރިން އެނގުނު ނަމަ ނުގަންނާނަން،” އާންމުންގެ މީހަކު ބުންޏެވެ.

ޖީއެސްޓީ ނެގުމަށް ފަހު މީރާ އަށް ޖީއެސްޓީ ދެއްކުމާއި މުއްދަތު ހަމަވެފައިވާ ތަކެތި ހަރުގަނޑުތަކުން ނެގުމާއި ތަކެތީގެ އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަށް ވިޔަފާރިވެރިން ސަމާލުވާންޖެހެއެވެ. އެއީ ގާނޫނީ ގޮތުން ވެސް އެ މީހުންގެ މައްޗަށް ލާޒިމް ކަމެކެވެ. އެފަދަ ކަންކަމަށް ސަމާލުކަން ނުދޭނަމަ ފިޔަވަޅު އަޅަންޖެހެއެވެ. އެހެން ނޫންނަމަ މިއީ ވެސް އާދައިގެ ކަންކަމަށް ދެކި އާންމު ކަމަކަށް ވެދާނެއެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
1
0
0
0
0
0