އަމިއްލަ ހިޔާލު: ހެޔޮ ނުވާނެ ދިވެހި ރުއް ބާކީ ނުކޮށްލާ

22 ސެޕްޓެމްބަރ 2024 - 15:58

ދިވެހި ރުކަކީ ދިވެހިންގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހި ގައުމީ ގަހެވެ. އެހެންކަމުން ގައުމިއްޔަތުގައި ދިވެހި ރުކަށް ދެވިފައިވާ ހާއްސަކަން ބޮޑެވެ. ދިވެހިންގެ ސަގާފީ މަސައްކަތްތަކާ ވެސް ރުއް ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އޮޑިދޯނިފަހަރު ބަނުމާއި ގެދެރު ހެދުމާއި ވަޑާމާއި ރޯނުވެށުމާއި ފަންގި ވިނުން ފަދަ މަސައްކަތްތަކުގައި ރުކުގެ ދައުރު ބޮޑެވެ. ގައުމީ ކަންކަމުގައި ރުއް އިންދުމާއި ރުކުން ލިބޭ ތަކެތި ބޭނުންކުރުން ބޮޑެވެ. އެހެން ނަމަވެސް މަޑުމަޑުން މިކަން މި ވަނީ ބަދަލުވާން ފަށާފައެވެ. ދިވެހި ރުއް ވެސް “ބާކީކޮށް” އެކަހެރި ކުރަން ފަށައިފިއެވެ.

ގިނަ ސަރަހައްދުތަކެއްގައި ކަދުރު ރުއްތައް

ދިވެހި ރުކުގެ މަގާމުން މަޑުމަޑުން މިހާރު ހޯދަމުން ދަނީ ބޭރުން އެތެރެކޮށްފައިވާ ކަދުރު ރުކެވެ. މީގެ ކުރިން ވެސް ބައެއް ތަންތަނުގައި އަދި ގޭގޭގައި ކަދުރު ރުއް ހުރެއެވެ. ނަމަވެސް އެއީ އިނގިލިތަކުން ގުނާލެވޭހާ މަދު އަދަދެކެވެ. މިއީ މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަދުރު ރުއްތައް ޖާގަ ހޯދަން ފެށީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެންނެވެ. 

advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ ނަމުގައި ސިޓީ ކައުންސިލްގެ ފަރާތުން ގިނަ އަދަދެއްގެ ކަދުރު ރުއް ގެނެސް ޖެހުމާ އެކު ކަދުރު ރުކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެވެ. އަދި އެ މަންޒަރު ބަލާލަން ވެސް ރީއްޗެވެ. އެހެންކަމުން ބޮޑުތަކުރުފާނު މަގުގައި ފެށި މި މަސައްކަތް އެހެން ބައެއް ސަރަހައްދުތަކަށް ވެސް ފެތުރިގެން ދިޔައެވެ.

ސިޓީ ކައުންސިލުން ނާސަރީއެއް ހުޅުވައި ގަސް ވިއްކަން ފެށުމާ އެކު ކަދުރު ރުކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން މި ވަނީ ހުއްޓިފައެވެ. މިހާރު މާލޭގެ އިތުރުން ހުޅުމާލޭގެ ވެސް ގިނަ ސަރަހައްދުތަކެއްގައި ކަދުރު ރުއް އިންދާފައި އެބަ ހުއްޓެވެ. އެ ގޮތުން އަމިއްލަ ބައެއް މީހުންގެ ގޯތި ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ވެސް ގިނަ އަދަދަކަށް ކަދުރު ރުއް އިންދާފައި އެބަ ހުއްޓެވެ.

މިކަން ފެތުރިގެން ގޮސްފައި ވަނީ ހަމައެކަނި މާލެ ސަރަހައްދަކަށް ވެސް ނޫނެވެ. ގެސްޓްހައުސް ވިޔަފާރި ހިންގާ ބައެއް ރަށްތަކުގައި ވެސް ދިވެހި ރުކުގެ ބަދަލުގައި ޒީނަތްތެރިކުރުމަށް ވެސް ގިނަ މީހުން މިހާރު އިންދަނީ ކަދުރު ރުކެވެ. ސަބަބުތައް ވެސް ގިނައެވެ.

“ކުރިން ރުއްގަނޑުތަކަކީ ވެސް މުހިންމު ބައެއް. އެ ތަންތަނުގައި ހުންނަ ކޮންމެ ރުކަކީ ވެސް ކޮންމެ ވެސް މީހަކަށް ލިޔުއްވާފައި އޮންނަ ރުކެއް. އެފަދަ ތަނެއްގައި އިމާރާތެއް ކުރާ ނަމަ ވެސް ފުރަތަމަ ބަލަން މިޖެހެނީ ކޮން ބައެއްގެ ރުއްތަކެއްތޯ އެ ތާ ހުރީ. އެ ރުއްތަކަށް ބަދަލު ދީފައި ނޫނީ އެ ތަނެއް ސާފެއް ވެސް ނުކުރެވޭނެ. އެހެންވެ ރުކަކީ ހަމައެކަނި ރުކެއް ނޫން. އެއީ މީހެއްގެ މުދަލެއްގެ ގޮތުގައި ބަލަމުން އައީ. އެހާ ވެސް މުހިންމު ރުއް،” ކ. ތުލުސްދޫ އިން ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ރުކަކީ މީހުންގެ މުދަލުގެ ގޮތުގައި ބަލަމުން އައުމުގެ ސަބަބުން ރުއްތައް ބެލެހެއްޓުމަކީ ވެސް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އަދި ރުކެއް ކަނޑަންޖެހިއްޖެ ހާލަތެއް ނުވަތަ ނަގަންޖެހިއްޖެ ހާލަތެއްގައި ވެސް އެކަން ކުރުމަށް ދަތިތަކެއް ހުރެއެވެ. ޒަމާނާ އެކީގައި ކަންކަން ބަދަލުވި އިރު މި ކަންކަމާ ގުޅުން ހުރި ގަވާއިދުތަކަށް ބަދަލުތަކެއް އައިސްފައި ނުވުމުގެ ސަބަބުން އަދިވެސް ރުއްރުކާ މެދު އަމަލުކުރަމުން އަންނަނީ ކުރިން ވެސް ރަށްރަށުގައި އަމަލުކުރަމުން އަންނަ އުސޫލުންނެވެ.

ރަށްރަށުގައި ހުރި ރުއްގަނޑުތައް ނެތި ދިއުމުގެ މައިގަނޑު ސަބަބުތައް

ރަށްރަށުގައި ހުރި ރުއްގަނޑުތައް ނެތި ދިއުމުގެ މައިގަނޑު ސަބަބަކަށް ވެފައި އޮތީ ތަރައްގީގެ މަޝްރޫއުތަކެވެ. ބަނދަރު ހެދުމާއި މަގުތައް ހެދުމާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި ބިންގަނޑު ސާފުކުރުމުގެ ތެރެއިން ގިނަ ރަށްތަކުގައި ރުއްތައް ވަނީ ނެތި ގޮސްފައެވެ. ބައެއް ރަށްރަށުން ބޮޑު އަގުގައި ރިސޯޓްތަކަށް ރުއް ވިއްކާފައި ވެސް އެބަ ހުއްޓެވެ. އޭގެ ސަބަބުން ވެސް ރަށްރަށުގެ ހޭޅިފަށުގަ އާއި އެ ނޫން ވެސް ހުސް ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ރުއް ވަނީ އެ ރަށްތަކުން ނެތި ގޮސްފައެވެ.

ހުޅުމާލެ ހިއްކައި ފެހިކުރުމުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ރުއް އިންދިއެވެ. އެހެން ނަމަވެސް މިއަދު ފެންނަން ހުރީ އޭގެ ތެރެއިން މަދު އަދަދެއްގެ ރުކެވެ. ހުޅުމާލެ ފުރަތަމަ ފޭހުގައި ދެ ރުއްގަނޑެއް އަދި ވެސް އެބަ އޮތެވެ. އެހެން ނަމަވެސް އެ ރުއްތަށް ވެސް ލޯމަތިން ގެއްލި ދާނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ.

މީގެ ކުރިން ތަންތަން ޒީނަތްތެރިކުރުމަށާއި އަދި ތަންތަން ފެހިކުރުމަށް ދިވެހި ރުއް ބޭނުންކުރި ނަމަވެސް މިހާރު އެކަން މި ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. އަލަށް ހިއްކާ ބިންތަކުގެ ފަސްގަނޑު ވަރުގަދަކުރުމުގެ ބޭނުމުގަ އާއި ފެހިކުރުމަށް މިހާރު ވެސް ގިނަ އަދަދަކަށް ރުއް އިންދައެވެ. އެހެން ނަމަވެސް ރުއްތައް ސާފުކޮށް ބެލެހެއްޓުމަކީ ވެސް ކުޑަކަމެއް ނޫނެވެ. ހަރަދު ވެސް ދާ ކަމެކެވެ. އެހެންކަމުން ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް ނުވަތަ ފެންފޯއް ރުއް ފަދަ ބައެއް ގަސްތައް މަދުން ނަމަވެސް އިންދައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރި ރުއްތަކަކީ ކާށިން ފަޅާ ކުޑަ ރުކަކުން ގިނަ ބައެއްގެ ލޯކުރިމަތީގައި އެތައް އަހަރަކުން ހެދި ބޮޑުވެފައިވާ ރުއްތަކެވެ. ރުއްގަނޑަކަށް ވަނީ ހަމަ ކުއްލިއަކަށް ނޫނެވެ. އެތަން އެއީ އެތައް އަހަރަކު ހެދި ބޮޑުވެފައިވާ ރުއްތަކުން ލިބިދީފައިވާ ފެހި ކަމެކެވެ. އެތައް ބައެއްގެ ހަނދާންތައް އެ ރުއްތަކާ ގުޅިފައި ވެއެވެ. ނަމަވެސް މިހާރު މި ފެންނަ ކަދުރު ރުއްތަކާއި ފެންފޯއް ރުއްތަކަކީ ބޭރުން އެތެރެކޮށްފައިވާ ފޯދިފައި ނުވަތަ ފޯދޭން ކައިރިވެފައިވާ ހުންނަ ރުއްތަކެވެ. ދިވެހިންގެ އާދަކާދަ އާއި ސަގާފަތާއި މި ރުއްތަކާއި އެއްވެސް ގުޅުމެއް ނެތެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައި ބަދަލާއި މަސައްކަތްތެރިކަމުގައި ރުކުގެ ބޭނުން ކުޑަވުމަކީ ދިވެހި ރުކުގެ މުހިންމުކަން ކުޑަވާންޖެހޭ ސަބަބެއް ނޫނެވެ. ގައުމިއްޔަތާއި ދިވެހި ސަގާފަތް ދިރުވާ އާލާކުރާ ނަމަ ކޮންމެ ވެސް ހިސާބަކުން ދިވެހި ރުކަށް ވެސް ހާއްސަ މަގާމެއް ދޭންޖެހެއެވެ. ރުކަކީ އިގުތިސާދު ފުޅާކޮށް ނަފާހޯދައި އެކްސްޕޯޓުކޮށްގެންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ވިޔަފާރިއެކެވެ. 

އަރަބި ގައުމުތަކުގެ ޓޫރިޒަމް ފުޅާކުރުމަށް މިހާރުވެސް ދިވެހި ރުއް ގަތުމަށް އެތަށް މިލިއަން ޑޮލަރެއް ހަރަދުކުރަން ތިބީ ތައްޔާރަށެވެ. ވުމާއެކު ރަށްތައް ފެހިކުރުމަށާއި އަލަށް ހިއްކާ ބިންތައް ފެހިކުރުމަށް ހިންގާ މަޝްރޫއުތަކުން ދިވެހި ރުކަށް ދީފައިވާ މަގާމު ވިލާތުން އެތެރެކުރާ ދިވެހިންގެ ސަގާފަތާ ގުޅުމެއް ނެތް ރުކަކަށް ދިނުމަށް ވުރެ ދިވެހި ރުކަށް އިސްކަން ދިނުން މުހިންމެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ރާއްޖޭގެ ރީތިކަމުގެ މައިގަނޑު އެއް އަސްލު ދިވެހި ގައުމީ ރުކަށް އިސްކަންދީ ރުއް އިންދުމުގެ ގައުމީ މަސްރޫޢުއެއް ފަށަންޖެހޭ ވަގުތު މިއޮތީ ޖެހިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0