ރިޕޯޓް: ލަންކާގެ އިންތިހާބުން ރާއްޖެއަށް ލިބެނީ ކޮން ފިލާވަޅެއް؟

23 ސެޕްޓެމްބަރ 2024 - 15:33

ވަކިވެ ގަތުމަށް މަސައްކަތްކުރި ތަމަޅައިންނާއި ސްރީ ލަންކާ ސިފައިންނާ ދެމެދު 1983 އިން ފެށިގެން ހިނގަމުން ދިޔަ ދާއިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް އައުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ. އެހެން ނަމަވެސް ހަނގުރާމައަށް ފަހު މިއަދާ ހަމައަށް ވެސް ލަންކާ އޮތީ ބޮޑު ހައިޖާނެއްގެ ތެރޭގައެވެ. އެ އަޑިގަނޑުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ލަންކާގެ ރައްޔިތުން ދެކޭގޮތުގައި މިއަދަކީ ލަންކާއަށް ބޮޑު ބަދަލެއްގެ ފެށުމެކެވެ. އެ މީހުން މިއަދު ވަނީ އާ އިންތިހާބެއްގައި އާ ލީޑަރަކު ހޮވައި އުންމީދު އާކޮށްފައެވެ.

ލަންކާގެ ދާއހިލީ ހަނގުރާމަ ނިމުނު ނަމަވެސް މިއަދާ ހަމައަށް ވެސް އިގްތިސާދު އަނދަވަޅެއްގެ ތެރޭގައި އޮތް އިރު ސިޔާސީ ވެރިންގެ މެދުގައި އޮތް ކޯޅުން އިންތިހާ އަށް ބޮޑެވެ. ރައްޔިތުން ހާލުގައި އުޅުނު ނަމަވެސް ވެރިންނާއި އެމީހުންގެ ބާރުވެރިންގެ ދިރިއުޅުން އިންތިހާއަށް ތަނަވަހެވެ. ސިޔާސީ އާއިލާތަކާއި ސިޔާސީ ބޮޑުން ދިޔާއި ދައުލަތް ހިތަކަށް ލޫޓުވަމުންނެވެ. 

advertisement

ލަންކާގައި މިހާތަނާ ޖެހެންދެން ވެރިކަން ކުރަމުން އައިސްފައި ވަނީ ދެތިން އާއިލާއަކުން

ދައުލަތުގެ ދަރަންޏާއި ކޮރަޕްޝަންގެ ސަބަބުން އާންމުންގެ ދިރިއުޅުން ވަނީ ފުނޑިފައެވެ. ރައްޔިތުން ތިބީ މި ކަމުން ސަލާމަތްވުމަށް އިންތިހާ އަށް ބޭނުންވެފައެވެ. ސިޔާސީ ބޮޑުންނާއި މަދު އާއިލާތަކެއްގެ ވެރިކަން ދެކެ ރައްޔިތުން ތިބީ ފޫހިވެފައެވެ. ހޮނިހިރު ދުވަހު ނިމުނު ލަންކާގެ އިންތިހާބުން ދައްކުވައިދިނީ އެ ނަތީޖާއެވެ. މި ހުރިހާ ފަރާތްތަކުގެ މައްޗަށް ކުރި ހޯއްދެވީ ކުޑަ ދުވަސްކޮޅެއްގައި އާންމުންގެ މަގުބޫލުކަން އިންތިހާއަށް ހޯއްދެވި އަނޫރާ ކުމާރަ ޑިސެނަޔަކަ (އޭކޭޑީ) އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުލުމުގެ ހައްގު ލިބުނު 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވޯޓުލާފައިވާއިރު އޭގެ ތެރެއިން 58 ޕަސެންޓް އޭކޭޑީ އަށް ތާއީދުކޮށްފައި ވެއެވެ. އޭނާއާ ވާދަކުރެއްވި ސިޔާސީ ބޮޑުންނާއި ވެރިކަމުގެ ފޮނި މީރުކަން ލިބެމުން އައި އާއިލާތަކުން ވާދަކުރެއްވި ފަރާތްތަކަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ޓައިގަރުންގެ ހަމަލާއެއްގައި އަވަހާރަކޮށްލެވުނު ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާ އާއި ކުރިން ދެފަހަރެއްގެ މަތިން ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހިމެނެއެވެ.

ލަންކާގައި މިހާތަނާ ޖެހެންދެން ވެރިކަން ކުރަމުން އައިސްފައި ވަނީ ދެތިން އާއިލާއަކުންނެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް ތިއްބަވަނީ އެ އާއިލާތަކުގެ ބޭފުޅުންނެވެ. އާމްދަނީ ލިބޭނެ ގިނަ ވަސީލަތްތައް ހުރި ނަމަވެސް ރައްޔިތުންގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ މި އާއިލާތަކުން ދައުލަތުން ކުރާ ވައްކަންތައް ބޮޑުވުން ކަމަށް ގިނަ ފަރާތްތަތަކަކުން ތުހުމަތުކުރެއެވެ. އޭގެ ހެކިތައް އެ ބޭފުޅުންގެ ދިރިއުޅުމުން ފެންނަން އެބަ ހުއްޓެވެ. 

ލަންކާގެ އިގްތިސާދާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އޮތީ ބަނގުރޫޓުވުމުގެ މަރުހަލާގައި

ބޭރު ގައުމުތަކުގައި ހުރި މުދަލާއި އަގު ބޮޑެތި ސްޕޯޓްސް ކާރުތަކާއި ގަނޑުވަރުތައް އެހުރީ ފެންނަންށެވެ. އާމްދަނީއެއް ވަންނަ ކޮންމެ އިންޑަސްޓްރީއެއްގައި އިންވެސްޓްކޮށްފައި ވަނީ އެ އާއިލާތަކުންނެވެ. އެ އިންޑަސްޓްރީތަކުގެ ފާރަވެރި ވަޒީރުންނާއި ވެރިންނަށް ތިއްބަވަނީ އެ އާއިލާތަކަށް ނިސްބަތްވާ ބޭފުޅުންނެވެ.

ދާއހިލީ ހަނގުރާމައަށް ފަހު އިގްތިސާދަށް ހަމަޖެހުން އަންނާނެ ކަމަށް ބެލުވުނު ނަމަވެސް ގައުމުގެ އިގްތިސާދާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން 2016 ވަނަ އަހަރާ ހަމައަށް އައިއިރު ލަންކާ އޮތީ ބަނގުރޫޓުވުމުގެ މަރުހަލާގައެވެ. ޗައިނާ ފަދަ ގައުމުތަކުން ނަގާފައިވާ ދަރަނި ދެއްކޭނެ ގޮތެއް ނުވެ ޑިފޯލްޓް ވެފައެވެ. 

އަދި އެ އަހަރުގެ ތެރޭގައި ގައުމު ބަނގުރޫޓުވިކަން އިއުލާންކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު އެއްބަސްވުމަކަސް ދިޔައެވެ. މި ހާލަތުގައި ގައުމު އޮއްވައި ކޮވިޑް މެދުވެރިވެ، އާންމުންގެ އެތައް ބަޔަކު ހާލުގައި ޖެހުނެވެ. ތެޔޮ ލިބުން ދަތިވެ، ކަރަންޓް ކެނޑުން އާންމުވެ، އިންޑްސްޓްރީތައް އިނދަޖެހި ރައްޔިތުން ގަނަތެޅި ބިކަވެގެންދިޔައެވެ ކާބޯތަކެތި ލިބުން ދަތިވެ، ޓުއަރިސްޓް ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ.

ނަތީޖާއަކަށްވީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި 2022 ވަނަ އަހަރުގެ ތެރޭގައި އިންގިލާބެއްގެ އޮއިވަރު އުފަންވުމެވެ. އެ އިންގިލާބުގެ ތެރެއިން އާންމުން ވަނީ ރައީސްގެ ގެކޮޅާއި ސަރުކާރުގެ އޮފީސްތައް ހިސޯރުކޮށްފައެވެ. ވެރިންގެ ގެކޮޅުތަކަށް ދިޔައީ ވެރިވެގަންނަމުންނެވެ. ނަތީޖާއަކަށްވީ އެއަހަރުގެ ޖުލައި 3 ވަނަ ދުވަހު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލެވުމެވެ. މަގާމުން އިސްތިއުފާ ދެއްވައި ނޮވެމްބަރު މަހާ ހަމައަށް ދައުރުގެ ބާކީ އޮތް ބައިގައި ވެރިކަން ވަގުތީ ގޮތުން ހަވާލުކުރެއްވީ ރަނިލްއާއެވެ. އެހެން ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ދިޔައީ ރަނިލް ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ

ހޮނިހިރު ދުވަހު ނިމުނު ލަންކާގެ ރިޔާސީ އިންތިހާބު އޭކޭޑީ ކާމިޔާބުކުރެއްވި އިރު އޭނާގެ ކެމްޕެއިންގައި ދެއްކެވީ ކޮރަޕްޝަން ނައްތާލުމުގެ ވާހަކައެވެ. ސިޔާސީ ދާއިރާގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވި ނަމަވެސް 55 އަހަރުގެ އޭކޭޑީއަކީ މީގެ ކުރިން މަގުބޫލު ބޭފުޅެއް ނޫނެވެ. އަދި އޭނާ ތަމްސީލްކުރައްވާ ޕާޓީ  ޖަނަތަ ވިމުކްތީ ޕެރަމުނަ (ޖޭވީޕީ)އަކީ ވެސް ލަންކާގެ ސިޔާސީ މައިދާނުގައި މާ ބޮޑު ބާރެއް އޮތް ޕާޓީއެއް ވެސް ނޫނެވެ. އެ ޕާޓީގެ ފަރާތުން 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާފައެވެ. 

ސްކޫލް ދައުރުން ފެށިގެން ވެސް ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވި އޭކޭޑީއަކީ 2000 ވަނަ އަހަރުން ފެށިގެން ޕާލަމަންޓްގެ ގޮނޑި ފުރުއްވަމުން އަންނަ ބޭފުޅެކެވެ. އަދި 2004 އިން 2005 އަށް ދަނޑުވެރިކަމާއި ބެހޭ ވަޒީރުކަން ވެސް ކުޑަ ދުވަސްކޮޅަކަށް ކުރައްވާފައި ވެއެވެ. ޗީފް އޮޕޮޒިޝަން ވިޕްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުންނެވިއެވެ. ޖޭވީޕީގެ ލީޑަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވީ 2014 ވަނަ އަހަރު އޮތް އެ ޕާޓީގެ ނޭޝަނަލް ކޮންގެރެސްގައެވެ.

ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަމަވެސް އޭކޭޑީ ވެރިކަމަށް ވަޑައިގެންފާނެ ކަމަށް ލަފާކުރެވިފައެއް ވެސް ނެތެވެ. ކެމްޕެއިންގެ ތެރޭގައި ވެސް އޭކޭޑީ ރައްޔިތުންނަށް ވިސްނައިދެއްވީ އިގްތިސާދީ އަނދަވަޅުން ސަލާމަތްވާނެ ގޮތްތަކާއި ދައުލަތުގެ ތެރޭގައި މޫލާފައިވާ ވައްކަމާއި ކޮރަޕްޝަން ނައްތާލާނެ ކަމުގެ ޔަގީންކަމެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ލަންކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ހާމަވެގެން ދިޔައީ މިހާތަނަށް ގައުމުގެ ވެރިންކަންކުރަމުން އައި މަދު ޕާޓީތަކާއި އާއިލީ ވެރިކަންތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލި ފޫހިވެފައިވާ ކަމެވެ. 

ރާއްޖޭގެ ސިޔާސީ މަސްރަހުވެސް އޮތީ މައިގަނޑު ދެޕާޓީއަކަށް ހިބަވެ އެއްފަހަރު އެކޮޅު އަނެއްފަހަރު މިކޮޅު އުސޫލުން ތާށިވެފައެވެ. ކޮންމެ ޕާޓީއަކުން ވެރިކަންކުރިޔަސް، ދައުލަތް ލޫޓޫވުމާއި މަދު އާއިލާތަކުން ގައުމުގެ ހުރިހާ ވަަސީލަތެއް ބަނޑުއަޅަލައިގެން ރައްޔިތުން ދެބޯގެރި ދުއްވުމުގައި ގަރުނެއް ދަނީއެވެ. ލަންކާ އިންތިހާބުގެ ނަތީޖާއިން ދިވެހިންނަށް އެއްޗެއް ދަސްވެ ފިލާވަޅެއްލިބި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ދެކޭ ފަރާތްތައް މަދެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
1
0
0
0