ރިޕޯޓް: އެފްއޭއެމްގެ ދަރަނިވެސް ދައްކަންޖެހޭނީ ސަރުކާރަށްތަ؟

14 އޮކްޓޯބަރ 2024 - 16:20

ޒުވާނުންނާއި ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ހާއްސަ ވުޒާރާތައް ގާއިމުކޮށްފައިވީ ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ވެސް އެކަންކަމުގައި އިސް ދައުރެއް އަދާކުރަމުން އައީ އެސޯސިއޭޝަންތަކުންނެވެ. އެހެންކަމުން އެ ތަންތަނުގެ ހަރަދުތަކުގެ ބޮޑުބައި ބަލަހައްޓަމުން އައީ ވެސް ސަރުކާރުންނެވެ.

އެސޯސިއޭޝަންތައް ހިންގަނީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެންނެވެ. އެހެން ނަމަވެސް ނިޒާމު ހަމަޖެހިފައި އޮތީ އެސޯސިއޭޝަންތަކުން ކުރާ ހުރިހާ ހަރަދެއްގެ ޒިންމާ ދައުލަތުން ނަގަންޖެހޭ ގޮތަކަށް ނޫނެވެ. އެ ޒިންމާ ނަގަންޖެހެނީ އެ އެސޯސިއޭޝަނަކުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ކަމަށްވާ ފުޓުބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ދަރަނީގެ ޒިންމާ ވެސް ނަގަންޖެހިފައި މިވަނީ ސަރުކާރަށެވެ.

advertisement

އެފްއޭއެމްގެ ބޯޑު އެކުލެވިގެން ވަނީ ކްލަބްތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި އެ އެސޯސިއޭޝަންގެ ކަންކަމާއި ބެހުމުގެ ބާރެއް ސަރުކާރަކަށް ވެސް ނޯވެއެވެ. އެކި ވެރިކަމުގައި ސިޔާސީ ނުފޫޒުތައް ފޯރި ނަމަވެސް އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ސަރުކާރަށް ވަދެވޭ ގޮތަކަށް ނޯވެއެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެގައުމަކާ މެދު ފިޔަވަޅު އަޅައެވެ. އެހެންކަމުން އެހެން އެސޯސިއޭޝަންތަކަށް ވުރެ ވެސް ބޮޑަށް އެފްއޭއެމް ހިންގަނީ ވަރަށް މިނިވަންކޮށެވެ. އެހެން ނަމަވެސް ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ދައުލަތުން ކުރާ ހޭދައިގެ ބޮޑު ބައެއް ކުރަނީ އެފްއޭއެމް މެދުވެރިކޮށެވެ. އަދި ބޭރުގެ އެހީތައް ވެސް ވަންނަނީ އެފްއޭއެމްގެ ތެރެއަށެވެ.

ބައްސާމްގެ ބެލުމުގެ ދަށުން އެފްއޭއެމް ވަނީ ދަރާފައި

މި ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި އެފްއޭއެމް ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ހަވާލުވެ ވަޑައިގަތީ އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ގިނަ ވައުދުތަކަކާ އެކީގައެވެ. ކްލަބްތަކަށް ބޮޑު އަދަދަކުން ފައިސާ ދިނުމާއި ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑެތި ސްޕޮންސަރުން ހޯދާ ވާހަކަ އާއި ލީގު މުޅިން ބަދަލުކޮށްލާނެ ކަމުގެ ވައުދުތަކާ އެކު މަގާމަށް ވަޑައިގެންނެވި ނަމަވެސް ކަން ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ދުވެހެއް ދުވަހަކަށް ރާއްޖޭގެ ފުޓްބޯޅަށް ދިޔައީ ދަށަށެވެ. ލީގުގެ ފެންވަރު ދަށްވެ މިހާރު ގަލޮޅު ދަނޑުގައި ރަސްމީ މެޗެއް ނުކުޅޭތާ ވެސް އަހަރެއްވީއެވެ.

އެހެން ނަމަވެސް ބައްސާމްގެ މިލްކިއްޔާތު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އަނބިކަނބަލުންނާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރައްވާ ދަތުރުތައް އިތުރުވެ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ރަންރިހީގެ ޖަވާހިރުތަކާއި އަގު ބޮޑު ސެންޓްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައިރު އެތައް ބަޔަކު އެ ތަނަވަސްކަމާއި މެދު ސުވާލު ކުރަމުން ގެންދިޔައެވެ. ހުޅުމާލެއިން ދެ އެޕާޓްމަންޓް ބައްލަވައިގެންނެވުމުން ވެސް އެތައް ބަޔަކު ސުވާލު އުފެއްދެވިއެވެ. ހުޅުމާލޭގައި ރެސްޓޯރެންޓެއް ހުޅުވުމުން އެވާހަކަ ވެސް ދެއްކިއެވެ. އަނެއްކޮޅުން އެފްއޭއެމްގެ ދަރަނި ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

އެފްއޭއެމްގެ ދަރަނި މިހާ ބޮޑުވެގެން ދިޔައިރު ދަރަންޏާއި އެއްވަރަށް ކުރި ކަމެއް ފެންނާކަށް ނެތެވެ. މައި ލީގު ވަނީ ވަޅު ޖެހިފައެވެ. ކްލަބުތައް ވަނީ ބަނގުރޫޓުވެފައެވެ. ތަމްރީން ޕްރޮގްރާމްތައް ވަނީ ހުއްޓިފައެވެ. ދަނޑުތައް ވަނީ ވީރާނާވެފައެވެ. މުވައްޒަފުންނަށް މުސާރައެއް ނުދެވެއެވެ. ދައްކަންޖެހޭ ކުލިތައް ނުދެއްކެއެވެ. އެތައް ތަނަކަށް ވަނީ ދަރާފައެވެ. ބައެއް ތަންތަނުން އެފްއޭއެމްއަށް މުދާ ދޫކުރުން ވަނީ ހުއްޓާލާފައެވެ.

ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް

އެފްއޭއެމް މިހާ ބޮޑަށް އަޑިއަޅާލާފައި ވަނީ ބައްސާމް އާއި އޭނާގެ ބޯޑު މެންބަރުންގެ އިހްމާލުންނާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް ތުހުމަތުތައް ކުރެވޭ އިރު އޭނާގެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އިދާރަތަކުން އެ ގެންދަނީ ބަލަމުންނެވެ. އެފްއޭއެމްގެ ފައިސާ ބޭނުންކުރައްވައިގެން ބައްލަވައިގެންނެވި ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ހަވާލުކުރަން ކޯޓުން ވަނީ އަންގާފައެވެ. ފުލުހުން އެ މަސައްކަތް އެބަ ކުރެއެވެ. މި ނޫންވެސް އެތައް ތުހުމަތުތަކެއް އެބަ ކުރެވެއެވެ. ސުވާލަކީ މި ހުރިހާ ކަމެއްގެ ޒިންމާ ދެން ނަގަންވީ ސަރުކާރުން ހެއްޔެވެ؟

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ބައްސާމް ވަނީ ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން 1 މިލިއަން ޑޮލަރު އަމީން އެވެނިއު އިން އެޕާޓްމަންޓް ގަތުމަށް ބޭނުންކޮށްފައެވެ. މި ނޫނަސް ގަވާޢިދާއި ހިލާފަށް ޑޮލަރު މާރުކުރުމާއި މި ނޫންވެސް އެތައް އެތައް ކަމެއްގެ ތުހުމަތު ކުރެވެއެވެ. އޭނާގެ މައްޗަށް ޕީޖީ އޮފީހުން އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެވެ.

އެފްއޭއެމް ހިންގުން މި ވަގުތު ހަވާލުކޮށްފައި ވަނީ ފީފާ އިން ކަނޑައަޅާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ. އެފްއޭއެމްގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި އެކުލަވައިލައިފައިވާ މި ކޮމިޓީ ޗެއާކުރައްވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހްމަދު ޒުހޫރުއެވެ. އޭނާއަކީ ކުރިން ޔޫތު މިނިސްޓަރުކަމާއި ސްޓެލްކޯ ހިންގުމާއި ވެސް ހަވާލުވެ ހުންނެވި ބޭފުޅެކެވެ.

ޒިންމާވާންޖެހެނީ އަނެއްކާވެސް ސަރުކާރުތަ?

ނޯމަލައިޒޭޝަން ކޮމިޓީ ބުނެފައި ވަނީ ދަރަނީގެ ގިނަ މައްސަލަތަކެއް ހުރިއިރު އެކަންކަމާއި ބެހޭ ލިޔެކިޔުންތައް ވެސް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް އިސްތިއުނާފުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ. ދާދި ފަހުން ސިވިލް ކޯޓުން ވަނީ ހުޅުމާލެ އާއި ވިލިމާލޭގައި ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކުރި ދެކުނު ކޮރެއާގެ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާ އެކު އެފްއޭއެމުން 2021 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައި ނުވުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ގޮތުގައި 3.2 މިލިއަން ޑޮލަރު (52.1 މިލިއަން ރުފިޔާ) ދެއްކުމަށް ހުކުމް ކޮށްފައެވެ. މި ފައިސާއާއެކު އެފްއޭއެމްގެ ދަރަނި 150 މިލިއަނުން މައްޗަށް އަރާފައިވާއިރު އެ އިދާރާ ބަނގުރޫޓު ވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ އެންމެ ގިނަ ޒުވާނުން ކުޅެމުން އަންނަ ކުޅިވަރަކީ ފުޓުބޯޅައެވެ. މިހާތަނަށް ސަރުކާރުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައި ކުޅިވަރަކީ ވެސް ފުޓުބޯޅައެވެ. އެހެން ނަމަވެސް ފުޓުބޯޅައިގެ މައި އިދާރާ މި ވަނީ ބަނގުރޫޓުވެ ދަރަނި 150 މިލިއަނުން މައްޗަށް ގޮސްފައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ އުންމީދަކީ އެ ހާލަތަށް ރާއްޖޭގެ ފުޓުބޯޅަ އިދާރާ ނުދިޔުމެވެ. އެހެން ނަމަވެސް އެ ކޮމިޓީގެ ވެސް އުންމީދުތައް ގުޅިފައިވަނީ ސަރުކާރާއެވެ. ދަރަނީގެ ޒިންމާ އަނެއްކާ ވެސް ނަގަންވީ ރައްޔިތުންގެ ފައިސާއިން ސަރުކާރުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް މިކަމުގައި ފައިސާއަށް ހިޔާނާތްތެރިވި މީހުންގެ މައްސަލަތައް ދިގުލައި އެންމެ ފަހުން އޮބި ހަނދާން ނެތިގެން ދާނީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0