އެންޓި ޑިފެކްޝަން ގާނޫނު: އޮތުން މުހިންމު ގާނޫނެއް، އެކަމަކު ވެސް!
28 ނޮވެމްބަރ 2024 - 22:02
އިންތިހާބުތަކުގައި ޕާޓީގެ ނަމުގައި ވާދަކޮށް މަގާމަކަށް ހޮވުމަށް ފަހު ޕާޓީ ބަދަލުކޮށްފި ހާލަތެއްގައި އެ މަގާމެއް ގެއްލެންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފެށިގެން އިންތިހާބީ ހުރިހާ މަގާމެއްގައި ކަން ހިނގަންޖެހޭނީ މި ގޮތަށެވެ. މަޖިލީހުގެ ގޮނޑި އެ ގޮތަށް ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި މިހާރު އެ ވަނީ ލިޔެވިފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ބައްޓަންވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ގޮތަށެވެ. އިންތިހާބުތައް ބައްޓަންކޮށްފައި ވަނީ ވެސް ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް މިހާތަނާ ޖެހެންދެން ޕާޓީ ޓިކެޓަކީ އިންތިހާބުތަކުގައި ވާދަކުރުމުގައި ގާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫންކަން ކޯޓުތަކުގެ ހުކުމްތަކުން އެނގެއެވެ. ޓިކެޓް ނުލިބުނަސް އަލުން އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ކޯޓުތަކުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ގާނޫނު އިސްލާހުކޮށްފައި އެ ވަނީ ޕާޓީ ޓިކެޓަށް އެ ބާރު ދީގެންނެވެ.
އެންޓި ޑިފެކްޝަން ޤާނޫނަކީ ތާއީދު އޮތްކަމެއް
އެންޓި ޑިފެކްޝަން ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް މިދިޔަ ހަފުތާގައި އެ ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއި މެދު ހިޔާލު ތަފާތުވުންތައް ހުރި ކަމުގައި ވިޔަސް ޖުމްލަ ގޮތެއްގައި ގިނަ ބަޔަކު އެއްބަސްވާ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދުކޮށް މީގެ ކުރިން ވެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެވެ. އެހެން ނަމަވެސް ސިޔާސީ ކޯޅުންތަކުގެ ތެރެއިން އެ ގާނޫނު އުވާލީއެވެ.
އޭގެ ފަހުން އަނެއްކާ މި ސަރުކާރު އައި ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން ދަނިކޮށް އެމްޑީޕީގެ މެޖޯރިޓީ އޮވެ ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދުކޮށްފައެވެ. ބިލް ފުރަތަމަ ހުށަހެޅި އިރު އޮތް ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާސްކުރި ގާނޫނު މިހާރު އޮތީ ދަތް ނެތް ސިންގާއެއް ގޮތަށެވެ. އެ ގާނޫނަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށް ފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާ މެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމުގެ ޤާނޫނެވެ. އެ ގާނޫނުގައި ބުނެފައި ވަނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުންގެ ގޮނޑި އޮޓޯއިން ގެއްލޭނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލިސް މެންބަރަކު އެގޮތަށް އަމަލުކޮށްފި ނަމަ އެ މެންބަރަކު އަމިއްލަ އަށް އިސްތިއުފާ ދޭންޖެހެ އެވެ. ނުދީފި ހާލަތެއްގައި އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ލިޔެފައި ނެތުމުން އެކަން އޮތީ އިހްތިޔާރީ ކަމެއްގެ ގޮތުގައެވެ. ނުވަތަ ބާރެއް ނެތް ގާނޫނެއްގެ ގޮތުގައެވެ. އެހެން އެކަން އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެ ގާނޫނުގެ ބާރެއް ނެތްކަން އެނގިގެން ދަނީ އޭގެ ފަހުން ވެސް މެންބަރުން ޕާޓީ ބަދަލުކޮށްފައިވާތީއެވެ. އަދި މިހާރު އޮތް މަޖިލީހުގައި ވެސް އަމިއްލަ ގޮތުން ހޮވުނު ކިތަންމެ މެންބަރުންނެއް ވެރިކަން ކުރާ ޕާޓީއަށް ސޮއިކޮށްފައި ވެއެވެ.
މަޖިލީހަށް ފުރަތަމަ ބިލު ހުށަހެޅި އިރު އޮތީ ޕާޓީގެ ނަމުގައި ވާދަކުރުމަށް ފަހު ޕާޓީ ބަދަލުކުރާ ނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވޭ މެންބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަ ރީކޯލް ވޯޓް ނަގަންޖެހޭ ގޮތަށެވެ. އެ ބިލްގައި އޮތީ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ރީކޯލް ވޯޓެއް ނެގުމަށެވެ. ނަމަވެސް ބިލް ފާސްކުރީ ރީކޯލް ވޯޓުގެ ބައި އެއްކޮށް އުނިކޮށްފައެވެ.
ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގައި މައްސަލަތަކެއް
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކު ގާނޫނު އަސާސީ އަށް އިސްލާހް ގެންނަންޖެހުނީ އެންޓި ޑިފެކްޝަން ގާނޫނުގައި ބާރެއް ނެތީމައެވެ. އަލަށް ގެނައި އިސްލާހުގައި ވާ ގޮތުން ޕާޓީއެއްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ފަހު ޕާޓީ ބަދަލުކޮށްފި ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މަޖިލީހަށް ހޮވުމަށް ފަހު ވެސް ޕާޓީއަކަށް ސޮއިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި އެއްވެސް މައްސަލައަކާ ގުޅިގެން ޕާޓީން އެ މެންބަރަކު ވަކިކޮށްފި ނަމަ ވެސް ގޮނޑި ގެއްލޭނެއެވެ.
ޕާޓީ ބަދަލުކުރާ ހާލަތުގައި ގޮނޑި ގެއްލެންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭގެ މައިގަނޑު އަސާސަކީ އެ މީހަކު މަޖިލީހަށް ހޮވޭ ހައިސިއްޔަތު ބަދަލުވުމެވެ. ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުތަކުގައި ވާދަކުރާ އިރު ޕާޓީތަކުން ކުރާ މަސައްކަތް ވެސް ކުޑައެއް ނޫނެވެ. އަދި އެ މެންބަރަކު ވިއްކަނީ ވެސް އެ ޕާޓީއެއްގެ ސިޔާސަތުތަކެވެ. އެހެންކަމުން މެންބަރު ކަމަށް ހޮވުމަށް ފަހު ޕާޓީ ބަދަލުކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. މިއީ ސިޔާސީ ޕާޓީތަކުން ވެސް އެއްބަސްވާ ކަމެކެވެ. މީގެ ކުރިން އެމްޑީޕީ ވެރިކަމުގައި އޮތް އިރު އަދި އިދިކޮޅުގައި އޮތް އިރު ވެސް އެކަމަށް ވަކާލާތު ކުރިއެވެ. އަދި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކެމްޕެއިންގެ ތެރެއިން ވެސް އަދި އޭގެ ފަހުން ވެރިކަމަށް ވަޑައިގެން ވެސް އެ ކަމަށް ވަކާލާތު ކުރެއްވިއެވެ.
ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އޮތީ ޕާޓީން މެންބަރަކު ވަކިކުރާ ހާލަތެއްގައި ގޮނޑި ގެއްލުމެވެ. އެމްޑީޕީން ވެސް އަދި ޑިމޮކްރަސީ އަށް ވަކާލާތުކުރާ ފަރާތްތަކުން ވެސް ދެކޭ ގޮތުގައި ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ވެގެން ވާނެ ގޮތެއް ނޫނެވެ. މިހާރު ގާނޫނު އަސާސީ އޮތް ގޮތުން މަޖިލީހުގެ ރައީސްގެ ގޮނޑި ވެސް ޕާޓީން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ހާލަތެއްގައި ގެއްލުވާލެވިދާނެއެވެ. އަދި މަޖިލީހުގެ މެންބަރުންގެ ގޮނޑީގެ ވެސް ލަގަން މިހާރު އޮތީ ޕާޓީގެ ނުވަތަ ޕާޓީގެ އެންމެ އިސްވެރިޔާގެ އަތުގައެވެ. އެހެންކަމުން ގާނޫނު އަސާސީގައި ތިން ބާރު ވަކިވެފައި އޮތް އޮތުމުގެ މާނަ ވެސް މި އިސްލާހާ އެކީގައި ނެތިގެން ގޮސްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ.
ޕާޓީގެ ވިޕްލައިނާ ހިލާފުވުން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި މެންބަރަކު ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑިއާ މެދު އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުން އެކަމާ މެދު ދެކޭ ގޮތް ބެލުމެވެ. ނުވަތަ ރީކޯލް ވޯޓެއް ނެގުމެވެ. މިއީ ސިޔާސީ ޕާޓީތަކުން އަދި ވަރަށް ގިނަ ބަޔަކު ކުރިން ވެސް ވަކާލާތު ކުރި ގޮތެކެވެ. އެ މެންބަރެއްގެ މެންބަރުކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އެ މެންބަރަކު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންނަށް ލިބިދޭންޖެހެއެވެ.
ގާނޫނު އަސާސީ އަށް ގެނައި އިސްލާހާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މެންބަރުން ގޮނޑިއަށް މެންބަރުން ހޮވަނީ ހަމައެކަނި ޕާޓީގެ މީހުން ވޯޓު ދީގެންނެއް ނޫނެވެ. އަދި އެ މެންބަރަކު މަޖިލީހުގައި ތަމްސީލްކުރަނީ ވެސް ހަމައެކަނި ޕާޓީއެއް ނޫނެވެ. އެއީ ދާއިރާގެ ގޮނޑިއެކެވެ. އެހެންކަމުން އެ މެންބަރެއްގެ ގޮނޑިއާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ހާލަތެއްގައި ވެސް އެކަން ހަމައެކަނި ކުރެވޭނީ އެ ދާއިރާއެއްގެ ރައްޔިތުންނަށެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުން މެންބަރުން ވެސް މަސައްކަތްކުރަންޖެހެނީ ޕާޓީއެއް ނުވަތަ ވަކި ބައެއްގެ މަސްލަހަތަށްޓަކައެއް ނޫނެވެ. އެ މެންބަރަކު ތަމްސީލްކުރަނީ މުޅި ދާއިރާ ކަމަށްވާ އިރު އެ މެންބަރެއްގެ ގޮނޑިއާ މެދު އަމަލުކުރާނެ ގޮތެއް ޕާޓީ އަށް ކަނޑައެޅިގެން ނުވާނެކަމަށް ދެކޭ ފަރާތްތަށްވެސް ގިނައެވެ.
މައްސަލަ ސުޕްރީމް ކޯޓަށް, ރައްޔިތުންގެ ހިޔާލުވެސް މުހިންމު
ގާނޫނު އަސާސީ އަށް ޕީއެންސީން ގެނައި އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީންނާއި ޑިމޮކްރެޓުން ވެސް ވަނީ ތަދައްހުލްވެފައެވެ. އަލީ ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ދައުލަތުގެ ބާރުތައް ދެމިއޮތުމުގެ އަސާސާއި، ދައުލަތުގެ އެންމެހައި ބާރުތައް އެ އަސާސްގެ ދަށުން ހިނގަން ވާނެ ކަމަށް ބުނާ އަސާސާއި، މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ބަދަލެކެވެ. ސަރުކާރުގެ އިސްލާހު ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އާއި އަދި 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމް މުޅިން ގަޑުބަޑުވެދާނެ ކަމަށް ވެސް މައްސަލާގައި ވިދާޅުވެފައި ވެއެވެ.
އެއްބަޔަކު ދެކޭ ގޮތުގައި ގާނޫނު އަސާސީ އަށް ސަރުކާރުން ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ ބާރުތައް މުށުތެރެއަށް ޖަމާކުރުމެވެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދިފާއުކުރެއެވެ. ރައީސް ޑރ. މުއިއްޒުގެ ކުރީގެ ވެސް ސްޓޭންޑަކީ ޕާޓީ ބަދަލުކުރާ ނަމަ ގޮނޑި ގެއްލުމެވެ. މީގެ ކުރިން 19 ވަނަ މަޖިލިސް އޮތް އިރު ވެސް ރައީސްގެ ސްޓޭންޑް ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރުން ގެނައި އިސްލާހުގައި އޮތް އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ޕާޓީ އަށް މާ ބޮޑު ބާރުތަކެއް ދީފައި އޮތުމެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މެންބަރުން އޮބި އެޅުވުމަކީ ޕާޓީތަކަށް ދޭން ހެޔޮވާ ވަރުގެ ބާރެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ ކުރިން ވެސް ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ސިޔާސީ ބައެއް ފަރާތްތައް ޕާޓީތަކުން ވަކިކޮށްފައި ވެސް އެބަހުއްޓެވެ.
ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ އިސްލާހެކެވެ، އެހެންކަމުން އެކަމުގައި ރައްޔިތުން ދެކޭ ގޮތް ވެސް މުހިންމެވެ. މިއީ ހަމައެކަނި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިގެން ދޫކޮށްލެވޭ ވަރަށް ވުރެ ފުޅާ ބަހުސެކެވެ. އަދި އެއީ ވެރިކަން ކުރާ ޕާޓީން އެކަނި ބޭނުން ވެގެން ވެސް ގެނެވޭނެ އިސްލާހެއް ނޫނެވެ. އެކަމުގައި ރައްޔިތުން ދެކޭ ގޮތް މުހިންމެވެ.