ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާނީ 8 ހަފްތާ ފަހުން
18 ފެބުރުއަރީ 2021 - 13:18
ކޯވިޑް-19 ވެކްސިންގެ 2ވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާއަށް ފަހުކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެނަވަ ޑޯޒް ރާއްޖޭގައި ދޭނެ މުއްދަތު މިހާރު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާފަހުންކަމަށް ޑރ.ނަޒްލާ ވިދަޅުވިއެވެ. އަދި މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިގޮތަށް ނިންމީ އެންމެ ފަހުން ވެކްސިންއާ ގުޅިގެން ޢާއްމުކޮށްފައިވާ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެހެންކަމުން ފުރަތަމަ މިވެކްސިން ދިން މީހުންނަށް 8 ހަފްތާ ހަމަވެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންނެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ހުއްޓާނުލާ މިހާރު ހުރި ވެކްސިންގެ ސްޓޮކް ހުސްވަންދެން ވެކްސިން ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިފަރާތްތަކަށް ވެކްސިން ދިނުމަށްފަހު ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތު އަންނަވާއިރު ދެވަނަ ޑޯޒްއަށް ބޭނުންވާ ވެކްސިން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކޮންމެ މީހަކަށްވެސް ވެކްސިން ކާޑެއް ޙަވާލުކުރާއިރު ދެވަނަ ޑޯޒް ޖެހުމަށް އަންނައިރު މިކާޑު ގެނައުމަށް އެޗްއީއޯސީއިން އެދިވަޑައިގަންނަވައެވެ. އެހެންކަމުން ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ދަތުރުކުރާނަމަ މިކާޑު އެކުގައި ގެންދިޔުމަށް އެފަރާތުން އިލްތިމާސްކުރެއެވެ.