ރިޕޯޓު: 1 ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވަނީ އާބާދީގެ މަދު ބަޔަކު – ދިރާސާ

27 ފެބުރުއަރީ 2021 - 13:42

ވެރިރަށް މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ ބަޔަކު އެއްތަނެއްގައި ދިރިއުޅެމުން އަންނަ އެއްތަނެވެ. ރާއްޖެ އުފެދިފައިވާގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި އެކަށީގެންވާ ޙިދުމަތްތައް ލިބެންނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ވެރިރަށް މާލެއަށް ބަދަލުވާން މަޖުބޫރުވެފައެވެ. އެހެންކަމުން މާލޭގެ އެޕާޓްމަންޓްތަކަށް އޮންނަ ޑިމާންޑް އަބަދުވެސް ބޮޑެވެ.

މާލޭގެ އެޕާޓްމަންޓްތަކަށް އޮންނަ ޑިމާންޑް ބެލުމަށް ދާދިފަހުން މޯލްޑިވްސް އޮޕީނިއަން ނެޓްވޯކުން މިވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި 2000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. ދިރާސާއިން ދައްކާގޮތުން 1 ކޮޓަރީގެ އެޕާޓްމަންޓްތަކަށް އޮންނަ ޑިމާންޑް ދަށްކަން ވަނީ ފާހަގަވެފައެވެ.

advertisement

ދިރާސާގައި ބައިވެރިވި މީހުންގެ ނިސްބަތުން 1 ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވާކަމަށް ބުނެފައިވަނީ އެންމެ 7.39% މީހުންނެވެ. މިއީ މަދު އަދަދެކެވެ. 2 ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވާކަމަށް ބުނެފައިވަނީ %20.43 މީހުންނެވެ. އެންމެ ގިނަ މީހުން ބޭނުންވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައްކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން ދިރާސާގައި ބައިވެރިވި 2000 މީހުންގެ ތެރެއިން %72.17 މީހުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ 3 ކޮޓަރީގެ އެޕާޓްމަންޓަތައްކަމަށެވެ.

ދިރާސާގައި މިހެން ދައްކާފައިވާއިރު މިމަހުގެ 24 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މި ސަރުކާރުގެ އެއްވެސް ހައުސިންގ ސްކީމެއްގައި 1 ކޮޓަރީގެ ހައުސިންގ ޔުނިޓްތައް ނުހަދާނެކަމަށްވެސް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ 1 ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ އެންމެ ކުޑަ އާއިލާއަކަށްވެސް ދިރިއުޅެވޭނެ ޖާގައަކަށް ނުވާނެކަމަށެވެ. އެހެންކަމުން މި ސަރުކާރުގައި ފަށާފައިވާ އަދި ފެށުމަށް ނިންމާފައިވާ އެއްވެސް މަޝްރޫޢުއެއްގައި 1 ކޮޓަރީގެ ހައުސިންގ އެޕަރޓްމަންޓްތައް ނުހިމަނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އޮޕީނިއަން ނެޓްވޯކުން ކުރި ދިރާސާއިންވެސް 1 ކޮޓަރީގެ އެޕާޓްމަންޓްތަކަށް އޮތް ތަރުހީބު ކުޑަކަން ފާހަގަވެފައިވާއިރު މިއީ އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރިމަގުގައި ވިސްނާލަންޖެހޭ ކަމެކެވެ. އާބާދީގެ މިހާ މަދު ބަޔަކު 1 ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވާއިރު 1 ކޮޓަރީގެ އެޕާޓްމަންޓްތައް އެޅުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0