
ތާރީހުގެ ތެރެއިން: އުތުރު ގަޑުބަޑަށް 82 އަހަރު!
11 މާޗް 2025 - 15:51
ގަޑުބަޑު އުފެދުނު ސަބަބު
ދިވެހި ރާއްޖޭގެ ސަރުކާރުން 1940ގެ ތެރޭގައި ބޮޑު ސްޓޯރު ހުޅުވުމާ ހަމަ އަށް ދިވެހި ބައެއް ރަށްތަކުން މަސް ކިރުވުމާއި އެ ނޫން ވެސް އުފެއްދުންތައް ހިފައިގެން ކައިރި ކަރަތަކަށް ދަތުރުކޮށް އުޅުނެވެ. އެހެން ނަމަވެސް ބޮޑު ސްޓޯރު ހުޅުވުމާ އެކު ސަރުކާރުން ނިންމީ ދިވެހި މަސްވެރިން އޭގެ ފަހުން މަސް ކިރުވަންޖެހޭނީ ބޮޑު ސްޓޯރަށް އެކަނި ކަމަށެވެ. ސީދާ ބޭރަށް ދަތުރުނުކުރެވޭނެ ކަމަށެވެ. އެއާ އެކު މަސްވެރިން މަސްކިރުވަން މަޖުބޫރުވީ ސަރުކާރުން ނިންމި އަގެއްގައެވެ. އެކަމާ އުތުރާއި ދެކުނުގެ މީހުން ވެސް ވަރަށް ބޮޑަށް ރުޅި އަރައިގަތެވެ.
އެ ދުވަސްވަރަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ރާއްޖެ އަށް ވެރިވެފައި އޮތީ ބަނޑުހައިކަމުގެ ކަޅު އަނދިރިކަމެކެވެ. ކާނޭ، ބޯނޭ އެއްޗެއް ނެތި ދަތި ހާލުގައި ވަނިކޮށް އޭރުގެ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުން ރައްޔިތުން އިތުރަށް ވީ ބިކައެވެ. އޭރު ރަސްކަލަށް ހުންނެވީ އަލްސުލްތާން ހަސަން ނޫރައްދީން (ދެވަނަ) އެވެ. އަރިހުގައި ފުރަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ފަދަ ބޭފުޅުން ކަންކަން ނިންމެވުމުގައި ތިއްބެވިއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަނޑުހައި ހޫނުކަމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ނަތީޖާއަކަށްވީ އުތުރުގެ ރަށްތަކުގެ މީހުންގެ ރުޅި ހައްދުން ނެއްޓިގެން ދިއުމެވެ. ދައުލަތާ ދެކޮޅަށް އެ މީހުންގެ ހިތުގައި އޮތް ނަފުރަތުގެ ހުޅުގަނޑު އޮތީ ފަޅައިގެން ގޮސްފައެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ޝުއޫރުތައް ގަދަވެ މަޝްވަރާތައް ފެށުނެވެ.
މާލެ ސަރުކާރަށް ޚަބަރު ލިބުމާއި ސުލްހައިގެ ވަފުދު

ބުނެވޭ ގޮތުގައި ފުރަތަމަ މި ޚަބަރު ސަރުކާރާ ހަމައަށް ގެނެސްދިނީ ހއ. ދިއްދޫ ދޮން އަލީ ހާޖީ ކިލެގެފާނާއި ހދ. ނޮޅިވަރަންފަރު ކަތީބު އާދަމް މަނިކެވެ. އުތުރުގެ ކަންކަން ގޯސް ކަމާއި އުތުރުގެ ރަށްތަކުގެ ކަތީބުން ވެސް ބައިއަތު ހިފައިގެން ތިބިކަމުގެ ވާހަކަތައް ސަރުކާރުގެ ވެރިންނަށް ކިޔައިދިނުމުން އެކަމަށް ފުރަތަމަ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެއެވެ. އެ މީހުން އަތަށް ސިޓީއެއް ދީފައި ފޮނުވާލީ ކަމަށް ލިޔުންތަކުގައި ވެއެވެ. އެހެން ނަމަވެސް ފަހުން އިވުނު ޚަބަރުތަކާއި ލިބުނު ބައެއް އެހެން މައުލޫމާތުތަކަށް ފަހު އެކަން ހައްލުކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައެވެ.
އެ ގޮތުން މާލޭގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ އިތުރުން އެ މީހުން މާލެ އަށް މިސްރާބު ޖެހުމުގެ ކުރިން މައްސަލަ ފިނިކުރެވޭތޯ ސަރުކާރުގެ ފަރާތުން ސުލްހައިގެ ވަފުދެއް އުތުރަށް ފޮނުވިއެވެ. އެ ވަފުދުގައި ހިމެނިވަޑައިގެންނެވީ ޝެއިޚް މުހައްމަދު ޖަމީލާއި މަލިން މުހައްމަދު ދީދީއެވެ. މި ބޭފުޅުން އުތުރަށް ފުރާވަޑައިގަތީ 22 ފެބްރުއަރީ 1943ގައެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުން މި ވަފުދު ފުރަތަމަ ދިޔައީ ހދ. ވައިކަރަދޫ އަށެވެ. އެއަށް ފަހު ނޮޅިވަރަންފަރަށެވެ.
ދެ ރަށުގައި މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ ނަސޭހަތް ދިނުމަށް ފަހު ވަފުދު މިސްރާބު ޖެހީ ގަޑުބަޑުގެ މައި މަރުކަޒު ހދ. ކުޅުދުއްފުއްޓަށެވެ. އެ ވަފުދުގެ މިސްރާބަކީ ހުކުރު ދުވަހު ހުކުރު ގަޑިއަށް އެ ރަށަށް އެރުމެވެ. ވަފުދު ދަތުރުކުރި ދޯނި ކުޅުދުއްފުއްޓަށް ދިޔައިރު ކަނޑުމަތީގައި ފާރަލުމަށް އުޅުނު ދޯންޏެއް ވަފުދަށް ވުރެ ކުރިން ކުޅުދުއްފުއްޓަށް ގޮސް ޚަބަރު ދީފިއެވެ. ނަސީބު ދެރަކަމުން ވަފުދަށް ކުޅުދުއްފުއްޓާ ހަމައަށް ދެވޭ ވަރުވީ މެންދުރު ފަސްވެ، ހަވީރު ފިނި ޖެހެނިކޮށެވެ. ބައެއް ފޮތްތަކުގައިވާ ގޮތުން ވަފުދު ރަށާ ކައިރިވަމުން ދިޔަ އިރު ރަށު މީހުން ތިބީ ފިލައެވެ. މީގެ ހިކުމަތަކީ ގިނަ ބަޔަކު ބަނދަރުމަތީގައި ތިބި ނަމަ ވަފުދު އަނބުރާ ހިނގައިދާނެތީއެވެ.
ކޮންމެއަކަސް ވަފުދު ފަޅަށް ވަނުމާ އެކު ހިނި އުތުރޭހެން މީހުންތައް ބަނދަރު މައްޗަށް ނުކުންނަން ފަށައިފޫއެވެ. ނުކުތް މީހުންގެ ކޮމާންޑަރަކަށް ހުރީ އަލަވަލު މޫސާ ކަމަށް ބުނެވެއެވެ. އޭރު މީހުންތައް ދިޔައީ ހެއްދެވި ނުހެއްދެވި އަށް ގޮވަމުންނެވެެ. މީހުންގެ އަތުގައި ލަކުޑި ބުރި އާއި އެ ނޫން ވެސް ތަފާތު ހަތިޔާރުތައް ހުރި ކަމަށް ތާރީހީ ފޮތްތަކުގައި ލިޔެފައި ވެއެވެ. ޖަމީލްގެ “ތިމަދުންމަތީ ދަތުރުގެ ހަނދާން” ފޮތުގައި ލިޔުއްވާފައިވާ ގޮތުން އެ މީހުން މައިތިރިކުރެވޭތޯ ދޯނީގެ ދިރުނބާކޮޅަށް އަރުއްވައި ނަސޭހަތް ދެއްވި ނަމަވެސް އެއްވެފައި ތިބި މީހުން ތިބީއަކީ އަޑެއް އަހާ ގޮތަކަށް ނޫނެވެ. އެ މީހުން ގޮވަމުން ދިޔައީ “ދޯނި ދަމައިގަންނާށޭ” އެވެ.
އެ މީހުންގެ ރުޅިގަނޑު ފެނިފައި ވަފުދަށް ފެނުނީ ވީ އެންމެ އަވަހަށް ދޯނި އަނބުރާލައި އެ ތަނުން ނުކުތުމަށެވެ. ދޯނި އަތުލައިގަތުމަށް އެ ރަށުން ބަޔަކު މޫދަށް ވެސް އެރުނެވެ. ދޯންޏަށް ނުކުމެވުނީ ހަމަ ކިރިޔާއެވެ. ދޯނި އަތުލައިގަނެ އެއްގަމަށް އެހެލީ ކަމަށް ބައެއް ލިޔެކިޔުންތަކުގައި ހުރި ނަމަވެސް ޖަމީލްގެ ދަތުރު ނާމާގައި ވާ ގޮތުން އެ މީހުންގެ އަތުނުޖެހި ވަފުދަށް ފަޅުން ނުކުމެވުނެވެ. ނަމަވެސް ފަސްފަހަތުން އައި ދޯނިތަކުން ވަފުދު ދަތުކުރި ދޯންޏާ އަރާ ހަމަކޮށް އަނބުރާ ކުޅުދުއްފުއްޓަށް ގެންދިޔައީއެވެ.
“އެތަނުން އެއް ދޯނި ކައިރިކޮށްލާފައި ފަނާ ދަނޑި އާއި ފަލިތަންޑުތަކުން ތަޅައިގަންނާން ދިމާ ކުރިތަނާއި އެހެން ދޯންޏެއްގައި ހުރި ބޮޑުރުއްދަށުގޭ މޫސާ ފުންމައިގެން ގޮސް އެދޯނީގެ ހުންގާނުގައި ހުރި މީހާ ކޮއްޕާލާފައި ހުންގާނު އަތުލައި ދުރަށް ޖައްސާލައިފި އެވެ. ދެން ހީވަނީ ދެންމެ ދެންމެ އަރައިގެންފާނެ ހެނެވެ. ބައެއް ދޯނިތަކުގެ ކުނބުކަފި ލުއްސައިލައިގެން މަޅައިގަނެ އެވެ. އަނެއް ބަޔަކު ފަނާދަނޑި އާއި ފެންފުޅަފި ފަދަތަކެތި ހިފައިގެން މަޅައިގަނެ އެވެ.” އެ ދުވަހުގެ ބިރުވެރިކަން ސިފަކުރެއްވުމުގެ ގޮތުން ޖަމީލް ލިޔުއްވާފައި ވެއެވެ.
“އެތަނުން އެއް ދޯނި ކައިރިކޮށްލާފައި ފަނާ ދަނޑި އާއި ފަލިތަންޑުތަކުން ތަޅައިގަންނާން ދިމާ ކުރިތަނާއި އެހެން ދޯންޏެއްގައި ހުރި ބޮޑުރުއްދަށުގޭ މޫސާ ފުންމައިގެން ގޮސް އެދޯނީގެ ހުންގާނުގައި ހުރި މީހާ ކޮއްޕާލާފައި ހުންގާނު އަތުލައި ދުރަ”މިކަހަލަ ހާލެއްގައި ގޮވައިގެން ދިޔައިރު އަޅުގަނޑުމެން ތިބީ މުޅިން ބާރު ހުސްވެ ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ނެތިފަ އެވެ. އިރު ވެސް އޮއްސިއްޖެ އެވެ. އަނދިރި ވެސް މޫސުމެވެ. ތިބީ ކަނޑުމަތީގަ އެވެ. ވަށައިގެން ތިބީ ރުޅިއައިސްފައި ތިބި ޖަނަވާރުތަކެއް ކަހަލަ، އެއްވެސް ގޮތެއް ފޮތެއް ނުދަންނަ ޖާހިލު ބައެކެވެ. އިތުބާރު ކުރަން ކެރޭ ކަހަލަ ދެތިން މީހަކު ނޫނީ ކައިރިއަކު ނެތެވެ. ކިތަންމެހާ ވެސް ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑެވެ. ހަމައަކުން އަދި ކިއެއްތަ ނަހަމައަކުން ނަމަވެސް ވާހަކަ ދައްކާ ނަސޭހަތެއް ދެވޭނެ ގޮތެއް ނެތެވެ. ލަވާ ހަޅޭކާއި ގޮވާ އެއްޗެއްސާ ހުރެ ހައިރާންވާވަރު ވެއެވެ.”ށް ޖައްސާލައިފި އެވެ. ދެން ހީވަނީ ދެންމެ ދެންމެ އަރައިގެންފާނެ ހެނެވެ. ބައެއް ދޯނިތަކުގެ ކުނބުކަފި ލުއްސައިލައިގެން މަޅައިގަނެ އެވެ. އަނެއް ބަޔަކު ފަނާދަނޑި އާއި ފެންފުޅަފި ފަދަތަކެތި ހިފައިގެން މަޅައިގަނެ އެވެ.” މުހައްމަދު ޖަމީލްގެ “ތިމަދުންމަތީ ދަތުރުގެ ހަނދާން”
ޖަމީލްގެ ލިޔުއްވުންތަކުން އެނގޭ ގޮތުން ވަފުދުގެ މީހުން ކުޅުދުއްފުއްޓަށް އަނބުރާ ގެންދެވުނީ އިޝާ ނަމާދާ ކައިރިވެފައި ވަނިކޮށެވެ. ވަފުދުގެ ބޭފުޅުން ރަށަށް ބޭލުމާ އެކު އެ ރަށު މުހައްމަދު ކަތީބު ވަޑައިގެން އެއްވެފައި ތިބި މީހުން މައިތިރިކޮށް އެ މީހުން އެ ތަނުން ފޮނުވާލީއެވެ. ބުނެވޭ ގޮތުގައި ކުޅުދުއްފުށީ މީހުން އެހާ ވަރަކަށް ރުޅިއަރައިގެން ގޮނޑު ދޮށަށް ނުކުތީ މާލެއިން ގިނަ އަދަދެއްގެ ބިޑި ހިފައިގެން ބަޔަކު އެ ރަށަށް އަންނަ ވާހަކަ އަޑު އިވިފައި އޮތުމާއި މާލެ ގޮސްފި ނަމަ ގަޔަށް ބަޑިޖަހާނެ ކަމަށް މާދޫގެ އަހްމަދު ކަލޭގެފާނު ވިދާޅުވި ކަމަށް އަޑު އިވިފައި އޮތީމާ ކަމަށް ވެއެވެ.
އިޝާ ނަމާދަށް ފަހު ވަފުދުގެ ބޭފުޅުން ރައްޔިތުންނަށް ބައްދަލުކޮށް ސުލްހައިގެ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ރަށު މީހުން ތިބީއަކީ މީހަކު ދައްކާ ވާހާކައެއް ގަބޫލުކުރާ ހާލަތެއްގައި ނޫން ކަމަށް ވާތީ އިތުރު ކުރިއެރުމެއް ނުލިބުމުނު ކަމަށް ތާރީހީ ލިޔުންތަކުން އެނގެއެވެ. އެ މީހުންނަށް ރަށުން ފުރޭނީ އުތުރުގެ ރައްޔިތުން މާލެ ދިއުމުން ކަމަށް ނިންމައި ވަފުދުގެ މެންބަރުން ރަށުން ފުރިޔަ ނުދީ ހިފެހެއްޓީއެވެ. ވަފުދު ފުރައިގެން ހިނގައިދާނެތީ ރަށުގެ އެއްބަޔަކު އަބަދު ވެސް ހޭލައި ތިބޭކަމަށާއި ފަޅު ތެރޭގައި ވެސް ފޯރިމަރަމުން ދިޔަ ކަމަށް ބުނެވެއެވެ. ސުލްހައިގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބި ވަނިކޮށް އުތުރުގެ ދޯނިފަހަރު މާލެ ދިއުމަށް ފެބްރުއަރީ 27 ވަނަ ދުވަހު ނިންމައި 28 ވަނަ ދުވަހު އޮޑިފަހަރުގައި ފުރިއެވެ. ވަފުދު މިނިވަންވީ އެ ހިސާބުންނެވެ.
އުތުރު އަރުމާޒު މާލެ އައުން

އުތުރުން ފުރައިގެން ނުވަހާހަށް ވުރެ ގިނަ މީހުން 500 ވަރަކަށް ގަނޑެތީގައި މާލެ އައި ކަމަށް ބުނެއެވެ. ދެ ބަނޑޮސް ދޭތެރެއިން އުތުރުގެ އުޅަނދުފަހަރުތައް ދައްކައިލީ 4 މާޗް 1943ގައި ކަމަށް ލިޔުންތަކުގައި ވެއެވެ. އެއީ ބުރާސްފަތި ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ބުނެވޭ ގޮތުގައި އެ ދުވަހު ވަޒީރުލް ދާހިލިއްޔާ އަމީން އޮންނެވީ އާލާސްކަންފުޅަކާ ގެކޮޅުގައެވެ. ނަމަވެސް އެ ޚަބަރު ލިބުމާ އެކު އަވަހަށް ވަޑައިގަތީ ކަސްޓަމް ދޮށަށެވެ. އޭރު ދައުލަތުގެ ބައެއް އިސް ވެރިން ކަސްޓަމް އިމާރާތުގެ މަތީގައި ތިއްބެވި އެވެ. އަދި އިތުރު ބޭފުޅުން ވެސް ގެންނެވިއެވެ. އެ ބޭފުޅުންގެ މަޝްވަރާއާ އެކު އަމީން ނިންމެވީ އުތުރުން އައި މީހުން މާލެ އެރިޔަ ނުދީ ގަލުފަޅަށް ފޮނުވައިލުމަށެވެ. އަދި މަޝްވަރާކުރާނެ ބަޔަކު ސަރުކާރާ މަޝްވަރާކުރުމަށް ގެނައުމަށެވެ.
ސަރުކާރުގެ އެ މެސެޖާއެކު ވަޑައިގެންނެވީ އިބްރާހީމް އަލީ ދީދީ އާއި އިބްރާހީމް މުހައްމަދު ދީދީ ކަމަށް ލިޔުންތަކުގައި ވެއެވެ. އެހެން ނަމަވެސް އުތުރުން އައި މީހުން އެ ބޭފުޅުންނަށް ރައްދުދީ އެ ހުށަހެޅުން ބޮލާލާ ޖެހިއެވެ. އުތުރު މީހުންގެ ބޯހަރުކަމާ ގުޅިގެން ސަރުކާރުން ދެން ހަދާނެ ގޮތަކާ މެދު މަޝްވަރާކޮށް އަވަށްތަކުގެ ވެރިން ގެންނަވައި އަމީން އެދިވަޑައިގަތީ “އެ ބޭފުޅަކު އެ އަވަށެއް ހިފެހެއްޓެވުމަށް” ކަމަށް ލިޔެކިޔުންތަކުގައި ވެއެވެ.
މުހައްމަދު އަމީން ލިޔުއްވާފައިވާ ގޮތުން ބައެއް އުޅަނދުފަހަރު ހަތިޔާރާ އެކީގައި މާލޭ ފަޅަށް ވަނެވެ. އެ މީހުންގެ އަތުގައި ލޮންސިއާއި އެކި ބާވަތުގެ ތޫނު ވަޅި އާއި ފޭއްސާފައި ހުރި ކުރެދި ފަދަ އާލާތްތައް ހުއްޓެވެ. އެ މީހުންނާ ކުރިމަތިލުމަށް ސަރުކާރަށް ތާއީދުކުރާ ބަޔަކު ވެސް އޭރު ބަނދަރުމަތީގައި ތިބި ކަމަށް ލިޔުންތަކުގައި ވެއެވެ.
ބުނެވޭ ގޮތުގައި އުޅަނދުން އައި މީހުންގެ ތެރެއިން އިސް ބަޔަކު މާލެ އަށް ފޭބީ 4 ވަނަ ދުވަހުގެ އިރު އޮއްސެނިކޮށެވެ. އެ މީހުންގެ ހުށަހެޅުމަކަށްވީ އެ މީހުން ގަބޫލުކުރާ ރަސްކަލަކު ވެރިކަމުގައި ނެތުމުން މުހައްމަދު ސަމްސުއްދީނަށް އަނބުރާ ރަސްކަން ހަވާލުކުރުމެވެ. މިއީ އަމީން ލިޔުއްވާފައި ގޮތް ނަމަވެސް އެ މީހުން ނެރުނު ލިޔުމުގައި އެދިފައި އޮތީ އޭރުގެ ރަދުން ހަސަން ނޫރައްދީނަށް ކިޔަމުން އައި ތާނިއާ އާއި އެ މަނިކުފާނުގެ އިއްޒަތް ކެނޑުނު ގޮތް ސާފުކޮށްދިނުމަށެވެ. ސަމްސުއްދީން ރަދުންގެ ނަންފުޅެއް އެ ލިޔުމުގައި ނުވެސް ނެތެވެ. އެހެން ބައެއް ކަންކަން ވެސް އެ މީހުން ހުށަހެޅި ކަމާއި ނަމަވެސް އެކަންކަމަށް ސަރުކާރުން އެއްބަސްނުވުމުން “މާލެ އަށް ހަދާނީ ހަދާނެ ގޮތެއް” ކަމަށް ބުނެ އިންޒާރުތައް ދީ ހެއްދެވި ނުހެއްދެވި އަށް ގޮވައި މަންދޫބުން އެނބުރި އޮޑިފަހަރަށް ދިޔައީ އެވެ.

އުތުރުން އައި މީހުން މައިތިރިކުރުން
އެރޭ ރައްޔިތުންގެ މަޖިީހުގެ ޖަލްސާއެއް ބާއްވައި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމުގެ ހުރިހާ ބާރެއް އަމީނަށް ދޭން ނިންމިއެވެ. އެ ބައްދަލުވުމަށް ފަހު އަމީން ވަަޑައިގަތީ ހަތަރު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ. އޭގެ ފަހުން މާލެ ބެލެހެއްޓުމަށް އަވަށްތަކުން މީހުން ކަނޑައެޅި ފޯރިމަރަން ނުކުތެވެ.
އުތުރުން އައި ބައެއް އޮޑިފަހަރުގެ މީހުން ޖެހިގެން އައި މާޗް މަހުގެ 5 ވަނަ ދުވަހު މާލެ އަރަން މަސައްކަތް ކުރިއެވެ. ނަމަވެސް މާލެއިން އެއްވެފައި ތިބި މީހުން އެ ފުރުސަތު އެ މީހުންނަކަށް ނުދިނެވެ. ހުކުރު ދުވަހު ހެނދުނު އަނެއްކާ ވެސް ސަރުކާރުގެ ވެރިން އުތުރުގެ ވަފުދާ ބައްދަލުކުރިއެވެ. އެހެން ނަމަވެސް އެ ދުވަހު ވެސް ކުރިއެރުމެއް ނުލިބުނު ކަމަށް އަމީން ލިޔުއްވާފައި ވެއެވެ. މެންދުރު ވަގުތުގައި އިނގިރޭސިންގެ މަތިންދާ ބޯޓެއް މާލެ މަތިން ދުއްވިއެވެ.
މެންދުރު ފަހު އަނެއްކާ ވެސް ބައްދަލުވުމެއް ބޭއްވުނެވެ. ބުނެވޭ ގޮތުގައި މި ބައްދަލުވުމަށް އުތުރުގެ ވަފުދު އައި އިރު ތިބީ ވަރަށް ބޮޑަށް މައިތިރިވެފައެވެ. ސަބަބެއް ކަމަށް ބުނެވެނީ މަތިން ދުއްވި މަތިންދާ ބޯޓެވެ. މެންދުރު ފަހު އޮތް ބައްދަލުވުމުގައި އެ މީހުން ވަނީ އެ މީހުން ގޮވި ހަޑިހުތުރު ބަސްތަކަށް މައާފަށް އެދިފައި ކަމަށް ލިޔުންތަކުގައި ވެއެވެ. މި ބައްދަލުވުމަށް ފަހު ދެން ފެނިގެންދިޔައީ އުޅަނދުފަހަރު މާލެ ދޫކޮށް ފުރަން ފެށިތަނެވެ. އިރު އޮއްސުނު އިރު ހުރިހާ އުޅަނދެއް ފުރައިގެން ދިޔައީއެވެ.

ގަޑުބަޑު ތަހުގީގުކުރަން ފެށުން
އޭގެ ދެ ދުވަސް ފަހުން އާރު.އޭ.އެފްގެ މަތިންދާބޯޓުގައި އަމީން ބޮޑުތިލަދުންމައްޗަށް ދަތުރުފުޅެއް ފެއްޓެވިއެވެ. އެ ގޮތުން އުތުރުގެ ބޮޑެތި ރަށްތައް ކަމަށްވާ ހދ. ދިއްދޫ އާއި ކެލަ އާއި ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތެވެ. އެއީ 7 މާޗް 1943ގައެވެ. އެނބުރި ވަޑައިގަތުމަށް ފަހު ގަޑުބަޑުގައި އިސްކޮށް ތިއްބެވި ކުޅުދުއްފުށީ ބޮޑު މުހައްމަދު ފަދަ ބޭފުޅުން މާލެ ގެންނެވީއެވެ. އަދި އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގައި އަދަބު ދިނީއެވެ. ބޮޑު މުހައްމަދު ކަލޭގެފާނަށް ދިނީ “ބުރިން ހަންނެގުމުގެ” އަދަބެވެ. އެ ރަށު ބޮޑު ރުށްދޮށުގޭ މޫސަ އާއި މާޅެންދޫ މުދިން ކިލެގެފާނަށް ވެސް އެ އަދަދު ލިބުނެވެ. މި ތަހުގީގުގައި މާލެއިން އެ ގަޑުބަޑަށް ހިތްވަރު ދިން ބައެއް ފަރާތްތައް ފާހަގަކޮށް އަދަބު ދެވުނެވެ. އޭގެ ތެރޭގައި އިބްރާހީމް ހިލްމީ އާއި އަބްދުﷲ ހިލްމީ އަދި ގަލޮޅުގޭ އިބްރާހީމް ދީދީ ހިމެނެއެވެ.

މައުލޫމާތު:
1- ޖަމީލްގެ ދަތުރު ނާމާ
2- މުހައްމަދު އަމީންގެ ލިޔުންތައް، (“ދިވެހި ރާއްޖެ، ވިލާގަނޑެއްގެ ދަށުގައި”)
3- އުތުރު ރައްޔިތުން ނެރުނު ލިޔުން