އަމިއްލަ ހިޔާލު: އިސްލާހު ގެންނަންވީ މުޅި ނިޒާމަށް!

16 މާޗް 2025 - 15:02

މިހާރު އޮތް ފެހި ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. އެ ގާނޫނު އަސާސީއާ އެކު ގާނޫނީ ބޮޑެތި ބަދަލުތަކާއި ވެރިކަމުގެ މުޅި ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ބަދަލުތަކަކީ ރާއްޖެ އަށް އެންމެ އެކަށީގެންވާ ބަދަލުތަކެއްތޯ މިއަދު އެބަ ސުވާލު އުފެދެއެވެ. އެ ބަދަލުތަކުގެ މަތީގައި ދެމި ތިބެންވީތޯ ނުވަތަ ބަދަލުކުރަންވީތޯ ވެސް ސުވާލުކުރެވޭ ދަނޑިވަޅުތައް މަދެއް ނޫނެވެ. 

ވެރިކަމުގެ ނިޒާމުގެ ބަހުސް

ގާނޫނު އަސާސީގެ ތެރެއިން ގެނެވުނު އެއް އިސްލާހަކީ ވެރިކަމުގެ ނިޒާމެވެ. އެކަން ކަނޑައެޅީ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެއް ބަޔަކު ވަކާލާތުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަނެއް ބަޔަކު ވަކާލާތުކުރީ ރިޔާސީ ނިޒާމަކަށެވެ. ކޮންމެ ހާލަތެއް އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ރައްޔިތުންގެ ވޯޓުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމަކަށެވެ. އެހެން ނަމަވެސް ހާގީގަތުގައި އޭރު ސިޔާސީ މަސްރަހު އޮތީކީ ވަކި ކޮޅަކަށް ކަންކަން ނިންމޭ ފަދަ ހާލަތަކަށް ވުރެ ހަލަބޮލިކޮށެވެ.

advertisement

ރައްޔިތުން ކޮންމެ ގޮަތަކަށް ނިންމި ނަމަވެސް ގާނޫނު އަސާސީގެ ތެރެއިން ނިޒާމު ބައްޓަންވީ ރިޔާސީ އަދި ބަރުލަމާނީ ސިފަތައް ވެސް ހިމެނޭ މަސްހުނި ސިފަތައް ހިމަނައިގެންނެވެ. އެހެންކަމުން ރާއްޖެ އަށް އެންމެ ކަމުދަނީ ބަރުލަމާނީތޯ ނުވަތަ ރިޔާސީ ނިޒާމުތޯއާ މެދު ކުރެވޭ ބަހުސަކަށް ހުއްޓުމެއް ނައެވެ. ކޮންމެ ވެރިކަމެއްގައި ވެސް އެ ބަހުސް ކުރެވެއެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ތެރޭަގައި އެންމެ ބޮޑު ކޯޅުމެއް އުފެދުނީ ވެސް އެ ބަހުސްގެ ތެރެއިންނެވެ. މިއަދު ވެރިކަމުގެ ތެރޭގައި އެ ބަހުސް ނެތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގަތުމުގެ ދަތުރުގައި އެ ބަހުސް ކުރެވުނެވެ. އަދި ރައްޔިތުންގެ ހިޔާލު އޮތް ގޮތް ބެލުމަށް ހިޔާލު ހޯދުމުވެ ވޯޓެއްގެ ވާހަކަ ވެސް ދެކެވުނެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމާ މެދު ކުރެވޭ ބަހުސަށް ހުއްޓުމެއް ނައިސް އޮތީ އެ ނިޒާމު ކަނޑައެޅުމުގައި ގޯސްތަކެއް ހެދިފައި އޮތީމައެވެ. މައިގަނޑު އެއް ސަބަބީ ނިޒާމުގެ ވޯޓު ނެގި އިރު އެއީ ކިހިނެއްވާ ކަމެއްކަން އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އޮޅުން ފިލުވައިދެވިފައި ނެތުމެވެ. އޭރު މުއާސަލާތީ ހިދުމަތްތައް މިހާރު މިހުރި ވަރަކަށް ނެތެވެ. އެއީ އިންޓަނެޓް އާންމު ދުވަސްވަރެއް ވެސް ނޫނެވެ.  ސޯޝަލް މީޑިއާ އޮތީ މިހާރު އޮތް ގޮތަށް ނޫނެވެ. ކެމްޕެއިންތައް ކުރީ ސިޔާސީ ގޮތުންނެވެ. އެހެންކަމުން އޮއިވަރު ވެސް އޮތީ ސިޔާސީ ދެ ވިސްނުމަކަށް ބެހިފައެވެ. ވޯޓު ދިން ގިނަ މީހުން ވޯޓު ދިނީކީ ކޮންމެހެން ނިޒާމާ މެދު އޮތް ވިސްނުމަކުން ނޫނެވެ. ވޯޓު ދިނީ ތިމާގެ ސިޔާސީ ފިކުރުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން އޭރު ނެގުނު ވޯޓުގެ ބުރަދަނާ މެދު އަދިވެސް ސުވާލުކުރެވެނީއެވެ.

މައްސަލައަކީ ވެރިންތަ؟

ސުވާލު އޮތީކީ ހަމައެކަނި ވެރިކަމުގެ ނިޒާމާ މެދުގައެއް ވެސް ނޫނެވެ. ފެހި ގާނޫނު އަސާސީގެ ތެރެއިން ގެނެވުނު ވަރަށް ގިނަ އިސްލާހުތަކާ މެދުގައި  ސުވާލުތައް އެބަ ހުއްޓެވެ. ފަހަރުގައި ގާނޫނު އަސާސީ އެކުލަވައިލުމާއި އަދި އެ ގަނޫނު އަސާސީގެ ދަށުން މުޅި ނިޒާމު ބައްޓަންކުރަން ހެދުނު ގާނޫނުތަކުގައި ސިޔާސީ ކުލަވަރު ޖެހިފައި ވުމަކީ އޭގެ ސަބަބަކަށް ވެދާނެއެވެ. 

ގާނޫނީ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީން ގެނެވުނު ބަދަލުތައް ރަނގަޅެވެ. ވެރިކަމުގެ ނިޒާމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން ހުރި ނަމަވެސް މުޅި ނިޒާމު ގޯސް ކަމަށް ބަލައި އަލުން ގާނޫނު އަސާސީ އިސްލާހުކުރަންޖެހޭ ހިސާބަކަށް ނުދެއެވެ. އަދި ކަންކަން ގޯހުން ދިއުމުގެ މައިގަނޑު ސަބަބަކީ ގާނޫނު އަސާސީ ނުވަތަ ނިޒާމެއް ވެސް ނޫނެވެ. މައިގަނޑު ސަބަބަކީ ކަންކަން ހިންގުމަށް ހަވާލުބެ ތިބި މީހުންނެވެ. 

“ނިޒާމުގައި ވަރަށް ސާފުކޮށް ލިޔެފައި މި އޮންނަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ). އޭގައި ބުނެފައި މި އޮންނަނީ އެންމެ އާދައިގެ ރައްޔިތަކު ކަމުގައި ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ، ހުރި މީހަކު ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެއޭ. ވަރަށް ސާފުކޮށް ލިޔެފައި މިއޮތީ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 10 މެންބަރުން ޖޭއެސްސީގައި ތިއްބެވިކަމުގައި ވިޔަސް 141 ވަނަ މާއްދާގެ (ނ)ގައި އެ ބުނަނީ، އެ މީހުންނަށް ހުރަސް ނުކުރެވޭނެ ލައިން އެ އޮތީ އަޅާފައި. އެހާ ސާފުކޮށް ބަޔާންކޮށްފައި ހުންނަ ކަންކަން ހުރަސްކުރަނީ އެ ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުން. އެހެންވީމާ އަދިވެސް އަޅުގަނޑު ދަންނަވާނީ މަގާމުތަކަށް މި އަންނަ މީހުންގެ މައްސަލައޭ މި ހުންނަނީ،”  ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވިއެވެ. 

އަނަސް ވިދާޅުވީ މިހާތަނަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހުތަކަކީ ކޮންމެހެން ނިޒާމު ހަރުދަނާކުރަން ގެނެވުނު އިސްލާހުތަކެއް ނޫން ކަމަށާއި އިސްލާހު ގެނެވުނު ކޮންމެ ފަހަރަކު ވެސް އެކަން ކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. 

ގާނޫނު އަސާސީގެ ތާރީހަށް ބަލާލައިފި ނަމަ  މި ގާނޫނު އަސާސީ އަށް މިހާތަނަށް ގެނެވިފަ ހުރި ކޮންމެ އިސްލާހަކީ ކޮންމެ ވެސް ސިޔާސީ މަގުސަދަކަށްޓަކައި ގެނެސްފައި ހުރި އިސްލާހުތައް. މިސާލަކަށް ރައީސް ޔާމީންގެ ވެރިކަމުގައި 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުން. މިހާރު ގެނެވިފައި އޮތް އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުކުރެވޭ އިރު ހުންނެވި ސިޔާސީ ޕާޓީ ނޫން ޕާޓީއަކަށް ބަދަލުވީމާ ގޮނޑި ގެއްލޭ އިސްލާހު. އެހެންވީމާ މިއީ ސިޔާސީ މަގުސަދަކަށްޓަކައި ބާރުވެރިކަން ދެމެހެއްޓުމަށް ގެންނަންޖެހޭ އިސްލާހުތައް ގާނޫނު އަސާސީ އަށް ގެނެވިފައި ހުރީ. އެއްވެސް ގޮތެއްގައި އެއްވެސް ދާއިރާއެއް ރަނގަޅުކުރާކަށް، ހަރުދަނާ ކުރާކަށް ގެނެވިފައި ހުރި އިސްލާހުތަކެއް މި ގާނޫނު އަސާސީގެ ދަށަކުން ނެތް،”. އަނަސް އަބްދުއްސައްތާރު-

އޭނާ ވިދާޅުވީ މިހާރު އޮތް ނިޒާމަށް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އާއި އެހެނިހެން ފަރާތްތަކުން ވެސް ޖާގަ ދޭންޖެހޭ ކަމަށެވެ. މިއީ އަނަސްގެ އިތުރުން ބައެއް އެހެން ގާނޫނީ ވަކީލުން ވެސް ދެކެވަޑައިގަންނަވާ ގޮތެވެ. އެ ބޭފުޅުންގެ ނަޒަރުގައި މައްސަލަ އުޅެނީ ނިޒާމަކު ނޫނެވެ. މައްސަލަ އުޅެނީ އެކަން ކަމާ ހަވާލުވާ މީހުންގެއެވެ. ކޮންމެ ގޮތަކަށް ނިޒާމު އޮތަސް، ގާނޫނުތަކާއި އުސޫލްތައް އޮތަސް އިހްލާސްތެރި ބަޔަކު ނެތް ނަމަ އެ ކަމެއް ރަނގަޅަށް ނުދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އެމްވީޕްލަސްގެ “މަޝްވަރާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ގާނޫނީ ވަކީލް އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ މުޅި ނިޒާމުގައި މައްސަލަ އޮތީކީ ނޫން ކަމަށާއި ކަންކަން ގޯހުން ގޯހަށް ގޮސްފައި ވަނީ ކަންކަން ކުރުމަށް ހަވާލުވެ ތިބި މީހުން ގޯހުން ކަންކަން ކުރާތީ ކަމަށެވެ. ގާނޫނު އަސާސީގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސި) އެކުލަވައިލެވުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ކަންކަމާ ހަވާލުވާ ފަރާތްތައް ސިޔާސީ ގޮތުން ކޮރަޕްޓްވުމުން ކަންކަން ދުވަހަކު ވެސް އިސްލާހު ނުވާނެ ކަމަށެވެ. 

“އަޅުގަނޑަށް ވެސް ބުރަވެވެން އޮތީ، އެއީކީ އޭގެ ކޮމްޕޮޒިޝަން އޮތް ގަތަކުން ނޭ 100 ޕަސެންޓަ އަޅުގަނޑަކަށް ވެސް ދެންނެވޭކަށް ނެތޭ، ތިބޭ މީހުންގެ ސަބަބުންނޭ، ޕޮލިޓިކަލީ ކޮރަޕްޓް ވީމާ ކުރާނެ ކަމެއް ނޯންނާނެ ނޫންތޯ. އެ ވަރިހަމަ އެންމެ މަތީ ފަނޑިޔާރު ގެއަށް ވިޔަސް، ރައީސުލްހުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް އަދި އެ ނޫން ތަނެއް ކަމުގައިވީ ނަމަވެސް މި މެންޓާލިޓީގައި މަސައްކަތް ކޮށްފި ކަމަށް ވަނީ ނަމަ ދުވަހަކު ވެސް ނެތް ރަނގަޅުވާކަށް،” އިމްތިޔާޒް ފަހުމީ-

ގާނޫނު އަސާސީގައި ބާގަނޑުތައް ގިނަ!

މި ފާއިތުވި އަހަރުތަކުގައި ފެހި ގާނޫނު އަސާސީގެ ދަށުން އެކި މުއައްސަސާތަކަށް އެކި މީހުން އައްޔަންކޮށްފިއެވެ. ވެރިކަމުގެ ތިން ދައުރު ނިމި ހަތަރު ވަނަ ދައުރު ކުރިއަށްދާ އިރު ފަސް ރައީސުން އައިސްފިއެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ބާރުވެރިކަން އިތުރުކުރުމަށް ނުވަތަ މަސްލަހަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ތަނެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވައުދާ އެކު ވެރިކަމަށް އަންނަ މީހުން ވެސް ވެރިކަމަށް އައުމުން އެކަން ހަނދާނެއް ނުހުރެއެވެ. ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ނުދައްކާ ވެރިކަމެއް ނުދެއެވެ. ނަމަވެސް އެކަމެއް ނުވެއެވެ. ސުޕްރީމް ކޯޓަށް ވެސް ހަދަނީ ހަދާނެ އްއްޗެކެވެ. އެ އިރެއްގައި ހުންނަވާ ވެރިއަކު ނުރުހޭ ނަމަ އަދަދު ވެސް ބަދަލުކުރަންވީ އެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުން އެ ގޮތަށް އެކަން އެ ވަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކުގެ ސަބަބުންނެވެ. މުޅި ނިޒާމު ބައްޓަންކުރަންވީ ވެރިންނަށް ބޭނުންހާ ގޮތެއް ނުހެދޭނެ ފަދަ ގޮތަކަށެވެ. ނުވަތަ ނިޒާމު ބަދަލުކުރުމުގެ އިހްތިޔާރު ވެރިންނަށް ނުވަތަ ވަކި ބަޔަކަށް އެކަނި ލިބޭ ގޮތަށް އޮތް އޮތުން ބަދަލުކުރަންޖެހެއެވެ. 

“މިހާރު ވެސް ރައްޔިތުންގެ މެދުގައި (ޝަރުއީ ދާއިރާ އަށް އިތުބާރެއް އޮތީޔަކީއެއް ނޫން. ސަރުކާރާ ދެކޮޅަށް ދައުލަތާ ދެކޮޅަށް އެއްވެސް މައްސަލައެއް ނިންމެނީއަކީއެއް ނޫން. ޖަލަށްދާ މީހަކު ވާނުވާގައި. …އެހެންވީމާ އަދި ވެސް ނިޒާމު ރަނގަޅޭ، ނިޒާމު ރަނގަޅޭ ކިޔައިގެން ހިފަހައްޓައިގެން ކޮންމެހެން ގޮތް ދޫނުކުރަން ތިބެގެން، އަޅުގަނޑު ގަބޫލެއް ނުކުރަން މާރަނގަޅުތަކެއް ނުވަތަ ކާމިޔާބެއް އޮންނާނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ނިޒާމަށް ކޮންމެ ވެސް ބަދަލެއް ގެންނަންޖެހޭ. އަދި ގާނޫނު އަސާސީ ވެސް ހަމަ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ”.ގާނޫނީ ވަކީލް އަލީ ހުސައިން

ސިޔާސީ ވިސްނުމަކަށް ވުރެ އިސްލާހީ ވިސްނުން!

ގާނޫނު އަސާސީ އަށް ބަދަލުތައް ގެންނަންޖެހޭ ކަމާއި ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށް ގަބޫލުކުރާ މީހުން ދެ ފަޅީގައި ވެސް އެބަ ތިއްބެވެ. އިދިކޮޅު އެމްޑީޕީގެ ތެރޭގައި އަދި އިސްލާހީ މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ވެސް އެ ވިސްނުމުގެ މީހުން އެބަ ތިއްބެވެ. ހަމަ އެހެންމެ ސަރުކާރުގެ ތެރޭގައި ވެސް އެ ވިސްނުން ގެންގުޅޭ މީހުން އެބަ ތިއްބެވެ. މަޖިލީހުގައި މަހިބަދޫ ދާއިރާ ތަމްސީލްކުރައްވާ ޕީއެންސީގެ މެންބަރު އަހްމަދު ތޯރިގް ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ މިހާރު އޮތް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށެވެ. ޖޭއެސްސީ އިސްލާހުކުރުމުގެ ބަހުސްގެ ތެރެއިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވެފައި ވަނީ އިސްލާހު ގެންނަންޖެހިފައި ވަނީ ހަމައެކަނި ޝަރުއީ ނިޒާމަށް ނޫން ކަމަށާއި މުޅި ގާނޫނު އަސާސީ އަށް ވެސް އިސްލާހު ގެންނަންޖެހިފައިވާ ކަމަށެވެ. 

ކޮންމެ ކަމަކަށް ވެސް ޒަމާނާ އެކު ބަދަލުތައް ގެންނަންޖެހެއެވެ. ގާނޫނު އަސާސީ އަށް ވެސް އޮތީ އެ މަގެވެ. އެހެން ނަމަވެސް މިހާތަނަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހުތަކަކީ އަނަސް ވިދާޅުވި ފަދައިން ކޮންމެހެން ނިޒާމު އިސްލާހުކުރަން ނުވަތަ ކަންކަން އިސްލާހުކުރުމުގެ މަގުސަދުގައި ގެނެވުނު އިސްލާހުތަކެއް ނޫނެވެ. އިސްލާހުތައް ގެނެވިފައި ވަނީ ވެރިންގެ ބާރުވެރިކަން އިތުރުކުރުމަށް ނުވަތަ އެ ނޫން ވެސް ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ހަމަ ކުއްލި ކުއްލިއަށެވެ. އޭގެ ބަދަލުގައި މިކަމާ މެދު ރަނގަޅު ބަހުސެއް ކުރެވި މުޅި ގާނޫނު އަސާސީ އިސްލާހުކުރަން ފެނޭތޯ ބަލަން އެބަ ޖެހެއެވެ. އަދި އެކަން ކުރަން އަލުން ރައްޔިތުންގެ ހިޔާލު ވެސް ހޯދަން ޖެހެއެވެ. އެކަމަށް ހާއްސަ މަޖިލީހެއް އެކުލަވައިލަންޖެހޭ ނަމަ އެކަން ވެސް ކުރަންވީއެވެ. މީހުން އިހްލާސްތެރިވާނެ ކަމަށް ބަލައިގެން 16 އަހަރު ދެވިއްޖެއެވެ. އަދި ވެސް މި ނިޒާމަށް ވަގުތު ދޭންވީ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0