މިދިޔަ އަހަރު 29 މިލިއަން ރުފިޔާ ދައުލަތައް އަނބުރާ ހޯދަން އަންގާފައިވޭ – އޭސީސީ

17 މާޗް 2021 - 14:03

2020 ވަނަ އަހަރު 29 މިލިއަން ރުފިޔާ ދައުލަތައް އަނބުރާ ހޯދަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން  (އޭސީސީ) އިން ހާމަކޮށްފިއެވެ.

އޭސީސީން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން މިދިޔަ އަހަރު 961 މައްސަލައެއް ބަލައި، ދަޢުވާކުރުމަށް 15 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށެވެ.

advertisement

އޭސީސީގެ އަހަރީ ރިޕޯޓުގައިވާގޮތުން 2020ވަނަ އަހަރު އޭސީސީން އިސްނަގައިގެން ބަލަން ކަނޑައެޅި 82 މައްސަލައާއި އެ ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލަ ހިމެނޭހެން ޖުމްލަ 938 މައްސަލަ އެ ކޮމިޝަނުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މިއާއެކު މިދިޔަ އަހަރު އޭސީސީންވަނީ ޖުމްލަ 961 މައްސަލައެއް ބަލައި ނިންމާފައިވެއެވެ. މި ޢަދަދަކީ 2019ވަނަ އަހަރާ އަޅާބަލާއިރު %35 އިތުރު އަދަދެކެވެ. 2020ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާއިރު، މިއީ ފާއިތުވި ތިންއަހަރުތެރޭ އެ ކޮމިޝަނުން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވި އެންމެ ގިނައަދަދުކަން ކޮމިޝަނުން ފާހަގަކުރެއެވެ.

ތަޙުޤީޤާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިޞްލާޙުކުރުމަށް 341 އެންގުމެއް 2020ވަނަ އަހަރު އޭސީސީންވަނީ އަންގާފައެވެ. އަދި މިދިޔަ އަހަރު 29,158,155.91(ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކް ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަން އޭސީސީން ފާހގަކުރެއެވެ.

މީގެ އިތުރުން 2020ވަނަ އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 41 ސެޝަނެއް ހިންގައި 1442 މީހަކަށް މައުލޫމާތު އޭސީސީން ވަނީ ދީފައެވެ. އަދި ރިސްކް އެސެސްމެންޓް ހުދު ކަރުދާހާއި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން 6 ކަރުދާހެއްގެ މަސައްކަތް އޭސީސީން ކޮށްފައިވެއެވެ. އޭގެ ތެރެއިން 3 ކަރުދާހެއްވަނީ މިދިޔަ އަހަރުވަނީ ޝާއިޢުކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0