ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ބުނެދެނީ ކޮން އެއްޗެއް؟
12 އެޕްރީލް 2021 - 10:23
ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ އާންމު އިންތިހާބުތަކެވެ. އެ އިންތިހާބުތަކުގައި ރައްޔިތުން ބަސް ބުނުމުގައި ދެ ގޮތެއް ގެންގުޅެއެވެ. އެއް ގޮތަކީ ގިނަ ބަޔަކު ވޯޓު ލާން ނުކުމެ އެ މީހުން ބޭނުންވާ ގޮތް ދެއްކުމެވެ. ދެ ވަނަ ގޮތަކީ ވޯޓަށް ފުރަގަސްދީ މެސެޖެއް ދިނުމެވެ. ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ރައްޔިތުން ވަނީ މި ދެ މެސެޖް ވެސް ދީފައެވެ. ބޮޑެތި އާބާދީތައް އޮތް ސަރަހައްދުތަކުން ރައްޔިތުންގެ ޝުއޫރު ފާޅުކޮށްދިނީ ވޯޓަށް ފުރަގަސްދީގެންނެވެ. ހާއްސަކޮށް ސަރުކާރުގައި އެންމެ ބޮޑު ހިއްސާވާ އެމްޑީޕީ އާއި “ސައިލެންޓް ވޯޓާސް” އެ ވަނީ އެ މީހުންގެ މެސެޖް ސަރުކާރަށް ދީފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޖަމާވެފައިވާ އަދި އެންމެ ބޮޑު އާބާދީއެއް އޮތް މާލެ އިން ބަސް އިއްވީ ވޯޓަށް ފުރަގަސްދީގެންނެވެ. އެއްބަޔަކު މިކަން ސިފަކުރަނީ އެތައް ޒަމާނެއް ވަންދެން ރަންރީނދޫ ކުލައިގައި އޮތް މާލެ ފިޔައިތޮށި ކުލަޔަށް ބަދަލުވި ބަދަލުވުމެއްގެ ގޮތުގައެވެ. ނަމަވެސް ނަތީޖާތަކުންނާާއި ވޯޓު ލާން ނުކުތް މީހުންގެ އަދަދަށް ބަލާއިރު އެކަން މުޅިން ސާފެއް ނޫނެވެ.
މާލޭގެ ވޯޓުލާ އާބާދީއަކީ 51،702 އެވެ. ނަމަވެސް ވޯޓުލާން ނުކުމެފައި ވަނީ ގާތްގަނޑަކަށް 16،500 މީހުންނެވެ. އެއީ ގާތްގަނޑަކަށް 32 ޕަސެންޓެވެ. މިއީ ނިސްބަތުން ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބެއްގައި ވެސް މާލެއިން އެންމެ މަދުން މީހުން ވޯޓުލާން ނުކުތް ފަހަރެވެ. މީގެ ތެރެއިން މާލޭގެ ވޯޓުލެވޭ އާބަދީގެ ހުރިހާ އެންމެނަށް ވޯޓު ލެވޭ މޭޔަރު ހޮވުމުގެ ވޯޓުގައި އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ދިހަ ވަރަކަށް ހާސް ވޯޓު ކާމިޔާބުކުރެއްވި ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ ހަހާހެއްހާ ވޯޓެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ މީގެ ކުރިން ވެސް ޓާންއައުޓް ދަށް އިންތިހާބެކެވެ. ނަމަވެސް މި ފަހަރު އެހެން ފަހަރުތަކަށް ވުރެ ވެސް މަދެވެ. އެ ގޮތުން 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ 19،900 އެއްހާ މީހުންނެވެ. އެއީ އޭރު ވޯޓުލުމުގެ އާބާދީގެ 43 ޕަސެންޓް މީހުންނެވެ.
މާލޭގެ 19 ގޮޑީގެ ތެރެއިން މޭޔަރުކަމާ އެކު 12 ގޮނޑިއެއް އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކުރާނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކާ އިރު އެމްޑީޕީ އަށް ލިބެނީ އެންމެ ހަތް ގޮނޑިއެވެ. މިހާރު އޮތް ކައުންސިލަށް ބަލާއިރު 2017ގެ އިންތިހާބުގައި އެމްޑީޕީން ވަނީ 13 ގޮނޑީގެ ތެރެއިން 12 ގޮޑި ކާމިޔާބުކޮށްފައެވެ.
މާޒީ އަށް ބަލާއިރު އެމްޑީޕީ އަށް މާލޭގެ ގޮނޑިތައް ގެއްލުމަކީ އާ ކަމަކަށް ވިޔަސް އެއިރެއްގައި އޮންނަ ސަރުކާރާ ދެކޮޅަށް މާލޭގެ ރައްޔިތުން ގޮތް ނިންމުމަކީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ހުރިހާ ބާރުތަކާ އެކު ވެރިކަން ކުރި ފަރާތްތަކާ ދެކޮޅަށް ނުކުމެ މާލޭގެ ރައްޔިތުން ވޯޓުލާފައި ވެއެވެ. 2008 އިން ފެށިގެން މި ހަގީގަތް ފެންނަން އެބަ އޮތެވެ. އެންމެ ފަހުން 2017 ވަނަ އަަހަރު ޕީޕީއެމް ވެރިކަމުގައި އޮތީ ހުރިހާ ބާރަކާ އެކުގައެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި މާލޭ ރައްޔިތުން ވޯޓު ދިނީ އޭރުގެ އިދިކޮޅު ކެންޑިޑޭޓުންނަށެވެ. އެހެން ކަމުން ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ އަދި ސިޔާސީ ކުރިމަގު އަންދާޒާކުރުމުގައި މާ ސާފު ނަތީޖާއެއް ކަމުގައި ބެލޭނެ ފުރުސަތެއް ވެސް ނެތެވެ.
ކަން މިހެން އޮތް ނަމަވެސް މާލެއަކީ ވެރިކަން ކުރާ ރަށުގެ އިތުރުން ސިޔާސީ ގޮތުން އެންމެ ވާދަވެރި މައިދާނެވެ. އެހެންކަމުން ވެރިކަންކުރާ ޕާޓީ އާއި އިދިކޮޅު ފަރާތްތަކުގެ ކުރިމަތިލުންތައް އެންމެ ބޮޑަށް އޮންނަނީ ވެސް މާލޭގައެވެ. ރައްޔިތުންގެ އަޑުގެ ގޮތުގައި ސިފަކުރެވެނީ ވެސް މާލޭގެ ސިޔާސީ އަޑެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ވަގުތު ސިޔާސީ ތާޅަފިލީގައި ހުރީ އިދިކޮޅުގެ އަޑެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ސިޔާސީ ބުރަދަން ވަޒަންކުރުމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ގުނެނީ ވަރަށް ކުޑަ ނިސްބަތަކުންނެވެ. ވޯޓުލާ މީހުން އާބާދީގެ 32 ޕަސެންޓަކީ ހަގީގަތުގައި ވެސް މަދު އަދަދެކެވެ. އެހެން ކަމުން މި ވަގުތު ސާފު ވާން އޮތީ ވޯޓު ދިން މީހުންގެ މެސެޖެވެ. ބާކީ 68 ޕަސެންޓް މީހުން އިހްތިޔާރުކުރީ ވޯޓު ނުދިނުމަށެވެ. އެއީ ދެގޮތަކަށް މާނަކުރެވިދާނެ ކަމެކެވެ.
އަނެއްކޮޅުން ލާމަރުކަޒު ކުރުމަށް ތާއީދުކުރާ އެތައް ބަޔަކު ބުނަމުންދަނީ އެ ނިޒާމު ބިނާވެފައި ވަނީ ހަމައެކަނި މާލެ އަށް ނޫން ކަމެވެ. މާލޭގެ މެޖޯރިޓީއާ ނުލައި ވެސް ސަރުކާރެއް ހިންގިދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ހާއްސަކޮށް މާލެ އާއި އައްޑޫ ފަދަ އާބާދީ ބޮޑު ތަންތަނުގެ މެޖޯރިޓީ ނެތި ވެސް ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގިދާނެ ކަމަށް ގަބޫލުކުރާ ބަޔަކު އެބަ ތިއްބެވެ. މި ފަހަރުގެ ކައުންސިލް އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން ގިނަ ރަށްތައް ހިންގާނީ ސަރުކާރުގެ މެޖޯރިޓީއާ އެކުގައެވެ. އެހެންކަމުން މާލޭގައި މަރު ތަޅު އެޅުވުނަސް ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިނގާތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފެންނާނެއެވެ. ސަރުކާރު އަތުން މާލެ ގެއްލުމަކީ ލާމަރުކަޒީ ނިޒާމު ނާކާމިޔާބުވާންޖެހޭ ސަބަބެއް ނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މާލޭގެ މެޖޯރިޓީ ނެތި ވެސް ސަރުކާރު ހިންގިދާނެ ކަމަށް ދެކޭ މީހުން ހަދާ ގޮތެއް ވެސް ބަލަމާ ހިނގާށެވެ.