ރިޕޯޓު: އިސްލާހުކުރަން ސަރުކާރަށް ފުރުސަތު އެބަ އޮތް!
12 އެޕްރީލް 2021 - 13:27
އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އިދިކޮޅު ސީޔާސީ ފަރާތްތަކަށް މާލޭގައި ކާމިޔާބު ލިބުނު މައިގަނޑު ސަބަބަކީ އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތުމެވެ. ކުރީގެ އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު އެއީ ގާތްގަނޑަކަށް ދިހަވަރަކަށް ޕަސެންޓޭ ބުނެވިދާނެއެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވި ކައުންސިލް އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންނާ އަޅާ ބަލާއިރު މާ ބޮޑުތަނުން މި ފަހަރު އިތުރުވެފައި ނުވުމުން ދޭހަވަނީ މި ފަހަރު ވެސް ވޯޓުލާން ނުކުތީ ގާތްގަނޑަކަށް ހަމަ އެއްބައެއް ކަމެވެ. މި މޭރުމުން ވިސްނާ ނަމަ އެ ފަހަރު އެމްޑީޕީ އަށް ވޯޓު ދިން ގިނަ ބަޔަކު އެ މީހުންގެ ނިންމުން މި ވަނީ ބަދަލުކޮށްފައެވެ. އޭގެ ސަބަބުތައް ގިނައެވެ.
މިދިޔަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔުމަކީ ވެސް އެމްޑީޕީގެ ބަދުނަސީބު ކަމުގައި ބައެއް މީހުން ދެކެއެވެ. އަދި ކޮވިޑްގެ ތެރޭގައި ހިނގައިދިޔަ އެތައް ކަމެއް މި ނަތީޖާ އަށް ވާސިލްވުމުގެ އަސްލެއް ކަމުގައި އެ ފަރާތްތަކުން ގަބޫލުކުރެއެވެ. ހާއްސަކޮށް އަބަދު ވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލާ އިންސާފު ގާއިމުކުރުމަށް ގޮވާލާ އެމްޑީޕީގެ އާންމު މެންބަރުން އެދުނު ފަދަ ބަދަލެއް އެ ޕާޓީގެ ހިއްސާ ބޮޑު މި ސަރުކާރުން ފެނިގެން ނުދިއުމަކީ އޭގެ މައިގަނޑު ސަބަބު ކަމުގައި އެ ފަރާތްތަކުން ގަބޫލުކުރެއެވެ.
ވައްކަމާއި ކޮރަޕްޝަނާއި ބޭއިންސާފަކީ އަބަދު ވެސް އެމްޑީޕީން ދެކޮޅު ކަންކަމެވެ. އޭރު ވެސް މިހާރު ވެސް އެކަންކަމާ ދެކޮޅަށް އަޑުއުފުލާ އެތައް ބަޔަކު އެ ޕާޓީގެ ތެރޭގައި ވެސް އެބަ ތިއްބެވެ. ކޮވިޑް ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ އަމަލުތަކާއި ކޮވިޑްގެ ހާލަތުގެ ސަބަބުން އާންމު ފަރުދުންގެ އިގްތިސާދީ ހާލަތު ދަށްވުމާއި އެކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރަށް އެޅިފައި ނުވުމާއި އިގްތިސާދީ ދުވެލި މަޑުޖެހުމަކީ ފާހަގަކޮށްލެވޭ ކަންކަމެެވެ.
ވެންޓިލޭޓަރުތައް ގަތުމުގެ ނަމުގައި 30 މިލިއަން ރުފިޔާގެ ބޮޑު އިހްމާލުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދައުވާކޮށް އިންސާފު ގާއިމުކުރުމުގައި ފެއިލްވުމަކީ ވެސް އެތައް ބައެއްގެ ނުރުހުން އޮތް ކަމެކެވެ. އާދައިގެ ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން ނިކަމެތި މީހާ އަށް ހުކުމްކުރާ އިރު މި ފަދަ ހިޔާނާތުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އުންސުރު ހަމަނުވެގެން ނުވަތަ ދައުވާ ސާބިތު ނުވެގެން ދޫވެގެން ދާތަން ދެކެން ދިވެހިން ބޭނުމެއް ނުވާކަމަށް މި ފަހަރުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ސޯޝަލް މީޑިއާގައި އަޑު އުފުލި އެތައް ބަޔަކު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި މިވެރިކަން ގެނައުމަށްޓަކައި އެތައް ބުރަ މަސައްކަތެއް ކުރި ފަރާތްތައް ހިމެނެއެވެ.
މީގެ އިތުރުން އިންސާފު ގާއިމުކޮށްދިނުމަށް ވަކާލާތުކޮށް އައި އެމްޑީޕީގެ ވެރިކަމުގައި ވެސް ބޭއިންސާފުން އެތައް ކަމެއް ހިނގައިދިޔަ ކަމަށް އެމްޑީޕީގެ އިސްކޮށް އުޅޭ އެތައް ބަޔަކު ތުހުމަތުކުރެއެވެ. ހާއްސަކޮށް ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި އެކަށީގެންވާ ބަދަލުތަކެއް ނުފެނި ވަކި ބައެއްގެ މުށުތެރެއަށް މުޅި ނިޒާމު ލެވިގެންދާ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން ބައްޓަންވެގެން ދިއުމާއި އެކަން ބަދަލުކުރަން މަސައްކަތް ނުކުރުން ވެސް އެއީ އެމްޑީޕީގެ އެކްޓިވިސްޓުން ތުހުމަތުކުރާ ކަންކަމެވެ.
މީގެ އިތުރުން ކޯލީޝަން ސަރުކާރެއްގެ ތެރެއިން ސިޔާސީ މަގާމުތަކާއި ވަޒީފާތައް ހަމަޖެހިގެން ދިއުމުގައި އެމްޑީޕީގައި ބުރަ މަސައްކަތްތައް ކުރި ގިނަ ފަރާތްތަކެއް އެކަހެރިވެގެން ދިއުމާއި އެކަން ކުރުމުގައި ހަމަހަމަކަމެއް ނެތުމާއި މޮޅުމީހާ އަށް މޮޅުގޮތް ވުމާއި ވަޒީފާތައް ހޯދުމާއި ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދުމަށް ކުރިއެކޭ އެއްގޮތަށް ވަކި މީހެއް ނުވަތަ ވަކި ބައެއްގެ “ރުހުން” ހޯދައި “ބައި” އަޅަންޖެހުމަކީ ވެސް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސަރުކާރާއި އަދި އެމްޑީޕީގެ ވެރިންނާ ދެކޮޅަށް އަޑު އުފުލާ ސަބަބުތަކެވެ.
އިންސާފަށް ވަކާލާތުކޮށްގެން ވެރިކަމަށް އައިސް އިންސާފުގެ ކުރިމަތީގައި ވަކި ބަޔަކަށް “ހިމާޔަތް” ލިބިފައި ވުމަކީ ވެސް މި ލިސްޓްގައި ހިމެނޭ ކަންކަމެވެ. އެ ގޮތުން ކުރީގެ ސަރުކާރަށް އެންމެ ބޮޑަށް ތުހުމަތުކުރެވުނު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އިންސާފު ގާއިމުކުރުމުގައި ސަރުކާރުން އިހްމާލުވެފައި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަމައިން އެ މައްސަލަ ނިމިފައި އޮތުމަކީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ސަބަބުތަކެވެ.
އަނެއްކޮޅުން އެމަނިކުފާނު ޖަލުގައި އޮންނަވާ އިރު އެކަމުގައި އެއަށް ވުރެ ބޮޑެތި ހުކުމްތައް އައިސްފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ފަދަ ބޭފުޅުން އަރާމުގައި ގޭގައި ތިއްބެވުމަކީ ގިނަ ބަޔަކަށް ހަޖަމްކުރަން އެހާ ފަސޭޖަ ކަމެއް ނޫނެވެ. އަދި އެ ހިޔާނާތުގެ ބައިވެރިންގެ ގޮތުގައި ތުހުމަތުކުރެވޭ ފަރާތްތައް ސަރުކާރުގެ އެތެރޭގަ އާއި ބޭރުގައި މިނިވަންކަމާ އެކު އުޅޭތަން ދެކެން އެމްޑީޕީގެ ގިނަ ބަޔަކު ނޭދޭ ކަން ވޯޓުގެ ނަތީޖާ އިން ހާމަވެއެވެ.
ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ފިއްލެވުމަށް ސަރުކާރުން ފުރުސަތު ދެއްވުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ސަރުކާރުގެ ފަހަތު ފަޔަށް ބުރަވުމާއި ސަރުކާރާ ގުޅުން ހުރި ނުވަތަ “އާއިލީ” ފަރާތްތަކަށް ހިމާޔަތް ހޯދައިދިނުމަށް މަސައްކަތްކުރާކަމުގެ ތުހުމަތަކީ ވެސް އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުން ސަރުކާރުގެ ބޮލުގައި އަޅުވާ ތުހުމަތުތަކެވެ..
ވިޔަފާރިވެރިންގެ ކުރިމަތީގައި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވާންޖެހިފައި އޮތް އޮތުމަށް ބަދަލެއް ގެނެވިފައި ނެތުމަކީ ވެސް ގިނަ ބައެއް ފާޑުކިޔުން ސަރުކާރަށް އަމާޒުވާ ކަމެކެވެ. އެ ގޮތުން އާދައިގެ ކުދި ގެސްޓް ހައުސްތަކާއި ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކި އެންމެ ދުވަހެއް ވިޔަސް އެ ވިޔަފާރިތައް ކޮށިއަރާ ވަރަށް ޖޫރިމަނާ ކުރެވޭ އިރު އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އަވަސްވެ ގަތުން ފަދަ ކަންކަމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންގެ ހިތުގެ އުދާހެކެވެ. ބުރަ މަސައްކަތް ކުރާ އާދައިގެ މީހާގެ އަތުން އިންކަމް ޓެކްސް ނަގާއިރު އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރިކުރާ ބޮޑެތި ބިޔަ ކުންފުނިތަކާއި ވިޔަފާރި ވެރިން ޓެކްސް އަށް ހަދަމުން އަންނަ މަކަރު ނުފެންނަ ކަމަށް ހަދައި އެކަން ހައްލުކުރުމުގައި ގޮތެއް ނުހޯދި އޮތުމަކީ ވެސް ސަރުކާރާ މެދު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އޮތް ޝަކުވާއެކެވެ.
ބޮޑެތި ވިޔަފާރިވެރިން ގާނޫނުތަކާ ހިލާފަށް އެތައް ކަމެއް ކުރާ އިރު އަދި އަޑީގައި ތިބެ ޑޮލަރުގެ ވަގު ވިޔަފާރިކުރުމާއި ބިދޭސީންގެ ވަގު ވިޔަފާރިތައް ނުހުއްޓުވައި އާންމު ރައްޔިތު މީހާގެ ސައިކަލް ފަހަތުން ސްޓިކާ ޖަހަން ފުލުހުން ނެރެ މަސައްކަތް ކުރުމަކީ އިންސާފު ކަމުގައި ގަބޫލުކުރަން ދައްޗެވެ. ގާނޫނުތައް ހެދުމުގައި އަބަދު ވެސް ވިޔަފާރިވެރިންނަށް ފަހިވާ ގޮތް ހޯދުމާއި މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތައް ބައްޓަންކުރުމާއި އެންމެ ކުޑަ އުޖޫރަށް ކަނޑައެޅުމަށް އެމްޑީޕީން ވީ ވައުދާ ހިލާފުވުމަކީ ވެސް އެތައް ބައެއްގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓް މުވައްޒަފުން ރަށު ބަންދުގައި ބައިތިއްބާފައި ސިޔާސީ ފަރާތްތަކަށް މިނިވަންކަން ދީ ސިޔާސީ ބޭނުންތައް ފުއްދުމަށް ކޮވިޑް އެއީ ނެތް އެއްޗެއްގެ ގޮތުގައި ސިފަވާ ގޮތަށް ސަރުކާރުގެ އުސޫލްތައް ހެދުމަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ރިސޯޓް މުވައްޒަފުން އެ މީހުންގެ ރުޅިގަނޑު ސަރުކާރަށް ބޭލި ސަބަބެކެވެ.
މީގެ އިތުރުން އަމިއްލަ މެނިފެސްޓޯގައި އިންޓަނެޓްގެ އަގު ހެޔޮކުރަން ލިޔެފައި އެކަން ނުވެ އޮތީ އެހެން ޕާޓީއެއްގެ ވަޒީރެއްގެ ސަބަބުން ކަމަށް ބުނެ އެ ވަޒީރު މަގާމު ދުރުކޮށްފައި އެކަން ވެސް މި ދައުރުގައި ދެން ނުވެދާނެހެން ހީވާ ގޮތަށް ސަރުކާރުގެ އަމަލުތައް ބެހެއްޓުމަކީ ވެސް ސަރުކާރާ މެދު އާންމު ރައްޔިތު މީހާ ކުރާ ޝަކުވާއެކެވެ.
ރައްޔިތުންގެ ޝަކުވާގެ ލިސްޓްގެ ކުރީގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބައެއްގެ ޝަކުވާއަކީ ސަރުކާރުން ވައުދުވި ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކަށީގެން މަސައްކަތްތަކެއް ކުރެވިފައި ނުވުމެވެ. ކުރީގެ ސަރުކާރުން ހަޑިހާވާފައި އޮތް “ހިޔާ” މަޝްރޫއުގެ ހަޑިތައް ފިލުވަން ދެ އަހަރާ ބައި ނެގުމަކީ ވެސް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ފްލެޓްތައް ދިނުން ލަސްވުމާއި ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް އަގަށް ވުރެ ބޮޑު އަގެއް ދައްކަންޖެހުމަކީ ވެސް ބަލައިގަންނަ ދަތި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ކޮންމެ ސަބަބަކާ ހުރެ ތަނުގެ އަގު ބޮޑުވިޔަސް ސަރުކާރު މެދުވެރިވެގެން އެކަން ހައްލުކުރަންޖެހޭ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ކުޑަ އިންޓްރެސްޓުގަ ރައްޔިތުންނަށް ގެދޮރު ގަނެވޭނެ ގޮތް ހެދުމުގެ ސިޔާސަތަކާ އެކު ވެރިކަމަށް އައި ނަމަވެސް އަދި އަދަށް ދާންދެން ވެސް އެ ވައުދު ފުއްދުމަށް އެކަށީގެންވާ މަސައްކަތްތެއް ނުކުރެވި އުޅެނިކޮށް ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމަކީ މާލެއިން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބެކެވެ. ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ވެސް އެކަށީގެންވާ ގޮތުގައި ލޮލުކޮޅަށް ފެންނަ ހިސާބަށް ގެނެވިފައި ނުވާކަމީ ގަބޫލުރަންޖެހޭ ހަގީގަތެކެވެ.
ޕީޕީއެމްގެ ވެރިކަމުގައި ޗައިނާގެ ދަރަނީގެ ދަންތުރައިގައި ޖެހިފައިވާ ކަމަށް ތުހުމަތުކޮށް ވެރިމަށް އައި ސަރުކާރުން ހާރިޖީ ސިޔާސަތު ވަކި ގައުމަކާ ދިމާއަށް އެއްކޮށް ދީއްލައިލުމަކީ ވެސް ގިނަ ބަޔަކަށް ހަޖަމްކުރަން ފަސޭހަ ކަމެއް ނޫނެވެ. އިންޑިއާގެ ދަރަނީގެ ތެރޭގައި ރާއްޖެ ތާށިވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރު ދެނީ ރާއްޖޭގެ މަޝްރޫއުތަކުގައި އިންޑިއާގެ ބައިވެރިވުން އޮތް މިންވަރުންނެވެ. ޕާކްތަކުގެ ބިންގަޑު އެއްވަރުކޮށްލުން ފަދަ ކުދި ކުދި ކަންކަމުން ފެށިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ބިޔަ ބޮޑު މަޝްރޫއުތަކުގައި އިންޑިއާ އަށް ބަރޯސާވާ ގޮތަށް ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތު ބައްޓަންވުމަކީ ގިނަ ބަޔަކަށް ހަޖަމްކުރަން ފަސޭހަ ކަމެއް ނޫނެވެ. ސަރުކާރު ވަކި ގައުމަކަށް ބުރަވުމަކީ ސަރުކާރަށް ތާއީދުކުރުމުގައި ދެމި ތިބި ބައެއް ފަރާތްތަކުން ވެސް ފާޑުކިޔާ ކަމެކެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ޕާޓީގެ ތެރޭގައި އޮތް ކޯޅުމަކީ ވެސް މި ސަރުކާރާ މެދު އާންމުންގެ ޝަކުވާތައް އިތުރުވާ ސަބަބެކެވެ. ކަންކަން ކުރުމަށް އެމްޑީޕީގެ ތެރެއިން ހުރަސްތައް ކުރިމަތިވާ ކަމާއި ޕާޓީގެ ވެރިންގެ މެދުގައި ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ތަފާތުވުންތައް އޮތުމަކީ އެމްޑީޕީ ނިކަމެތިވަމުންދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް ކަންކަން ނުވުމުގައި ކުރީގެ ސަރުކާރަށާއި ކޮވިޑަށް ފޫޅުކަނޑައިގެން ދެން ފަރުޖެއްސޭނެ ގޮތެއް ނެތެވެ. މި ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މިކަންކަން ހައްލު ނުކުރެވިއްޖެ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ވާނީ އެމްޑީޕީ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
އިންސާފާއި ހަމަހަމަކަން ގެއްލިފައިވާ ކަމަށް ގަބޫލުކުރެވި މާޔޫސްވެފައިވާ އެމްޑީޕީގެ އެތައް ބަޔަކު އަލުން އަނބުރާ ޕާޓީގެ ތެރެއަށް ގެނެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަން އެމްޑީޕީއަށާއި ސަރުކާރަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ރަނގަޅު ވިލާވަޅެއްގައި ކަމުގައި ސަރުކާރާއި އެމްޑީޕީގެ އިސް ބޭފުޅުން ގަބޫލުކުރައްވައިފި ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.