މާރޗް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ %13 އިތުރު

18 އެޕްރީލް 2021 - 12:26

މާރޗް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ ދައުލަތައް ލިބުނު އާމްދަނީވެސް އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ވަނީ %13 އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 13 އިންސައްތައިގެ އިތުރުވުމެކެވެ.

advertisement

ފާއިތުވި މާރިޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މާރިޗް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ މާރިޗް މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗް މަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް އިތުރުވެ ދައުލަތައް ލިބުނު އާމްދަނީ އިތުރުވިނަމަވެސް މިއަހަރުގެ މާރޗް މަހު އެކްސްޕޯޓް ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 380 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މާރޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 301 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ %21 ދަށްވުމެކެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ސިންގަޕޯއެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު އިންޑިއާ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 432 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަޕާން، އިންޑިއާ، އެމެރިކާ އަދި ޖަރުމަނުވިލާތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0