ވެންޓިލޭޓަރުގެ މައްސަލައިގައި ވަރަށް އަވަހަށް ނަތީޖާއަކާއި ހަމައަށް ދެވޭނެ – ޕީޖީ
20 އެޕްރީލް 2021 - 12:09
ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ
މައްސަލާގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާ،
މި މައްސަލާގައި ވަރަށްއަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓަރ
ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން
ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، މިމައްސަލާގައި ދައުވާކުރެވޭ ވަރަށް ހެކި
ހުރެއްޖެނަމަ ދައުވާކުރައްވާނެކަމަށެވެ. އެގޮތުން މިހާތަނަށް ވެންޓިލޭޓަރުތަކުގެ
މައްސަލަ ތަހުގީގުކޮށް އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ
ލިޔެކިއުންތަކަށް ބަލާއިރު އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެ ހެތްކެއް
މިހާތަނަށް ދެއްކިފައި ނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ
ކުރިމައްޗަށް ހުށަހެޅި ޑޮކިއުމަންޓްތަކެއްގަ އަދިނެތޭ ކުށެއް ސާބިތުވާވަރުގެ
ހެއްކެއް . އަޅުގަނޑުމެން ދެން އޭސީސީގައި ދަންނަވާފައިވާނެ އިތުރަށް ތަހުގީގް ފުރިހަމަކުރައްވަން.
އިތުރު ބައެއް ކަންކަން އަޅުގަނޑުމެންނަށް އެބަފެނޭ ބަލަންޖެހޭ ކަންތައްތަކެއް.
އެނގިވަޑައިގަންނަވާނެ މި މައްސަލައަކީ ވަރަށް ބޮޑަށް ޤައުމީ މަސްލަހަތު އޮތް،
ވަރަށް ޕަބްލިކް އިންޓްރެސްޓް ބޮޑު މައްސަލައެއް.” ޕީޖީ ވިދާޅުވިއެވެ
ޙުސައިން ޝަމީމް ވިދާޅުވީ އެންމެ ފަހުން ބެލި ބެލުމުން އަދިވެސް އިތުރު
ކަންތައްތަކެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކުރެވިގެން އެކަންތައް އަލުން
ފޮނުވައިދެއްވުމަށް އޭސީސީގައި އެދިފައިވާނެކަމަށެވެ. އެގޮތުން މިހާރު ބަލަމުންދާ
ކަންކަން ބެލުމުން މިމައްސަލާގައި ކޮންމެވެސް ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ
ޔަޤީންކަން އެބައޮތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައި
އައު ކަންންތައްތަކެއް މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން
އެކަންކަން ބެއްލެވުމަށްފަހު، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި
ޢާންމުންނަށް އޭގެ ނަތީޖާއަށް ދެވިއްޖެކަމުގެ އިހްސާސްވާ ކަހަލަ ނަތިޖާއެއް
ފެންނާނެކަމަށެވެ. ނަމަވެސް އެކަން ބަރޯސާވަނީ ތަހުގީގީ އިދާރާތަކަށްކަންވެސް ޕީޖީ
ފާހަގަކުރެއްވިއެވެ. އެހެންކަމުން އުއްމީދު ކުރައްވަނީ އެ މަޢުލޫމާތުތައް މިފަހަރު
ލިބޭނެކަމަށްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ދުބާއީގެ އެގްޒެކިއުޓާސްއާ ޙަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ
އަނބުރާ ހޯދުންކަމަށާ، އެހެންކަމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމަވާފައިވާކަަމަށް
ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.