ފައިސާ ޗާޕުކުރަން ބޭނުން، އިތުރު އަހަރެއް ދެއްވާ – މިނިސްޓަރ އަމީރު
20 އެޕްރީލް 2021 - 12:25
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ
ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް
މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް
ހުށަހަޅައިފިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި
ދައުލަތުގެ ޙަރަދުތައް ފޫބެއްދުމަށް އޯވަރޑްރޯ ފެސިލިޓީ ވަރަށް ބޮޑަށް އެހީތެރިވެ
ދޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިޤްތިޞާދު އެއްކޮށް ހަމައަކަށް
އެޅިފައިނުވުމަކީ މިހާރު ޤާނޫނުން ދީފައިވާ އިސްތިސްނާތައް އެއް އަހަރަށް ދަންމަން
އެދުނު ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ސަމީރު ވިދާޅުވީ،
މިދިޔަ އަހަރު 4 ކުއާޓަރގައިވެސް އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުވާ މިންވަރު
ހުރީ %0 އަށް ވުރެ ދަށުގައިކަމަށެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ގައި އިޤްތިޞާދު
%4.2 ދަށްވެގެން ދިޔައިރު، ދެވަނަ ކުއާޓަރ ގައި %51.8 ދަށްވެގެން ދިޔައެވެ. އަދި 3
ވަނަ ކުއާޓަރ ގަައި، %44.2 ދަށްވެގެން ދިޔައިރު ފަހު ކުއާޓަރގައި މިއަދަދު ހުރީ
%30.5ގައެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު
ލަފާ ކުރެވޭ ގޮތަށް ބަލާއިރު މިއަހަރުވެސް ކުއާޓަލީ ޖީޑީޕީ ދަށަށް ދާނެއެވެ. މީގެ
އިތުރުން އަން-އެންޕްލޮއިމެންޓް ރޭޓް އަދި ބެލެންސް އޮފް ޕޭމެންޓުގެ ދަތިކަން
ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން އިޤްތިޞާދު ހަރުދަނާ
ކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރީގެ
އިޤްތިޞާދީ ހާލަތުގެ %85 އާއި %90 ދެމެދުގެ ސައިޒަކަށް އިޔާދަ ކުރެވޭނެކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޙަރަދުތައް
ފޫބެއްދުމަށް މިދިޔަ އަހަރު އެޕްރީލް މަހުގެ ތެރޭގައި ނެގި އޯވަރ ޑްރާފްޓް
ފެސިލިޓީގެ ޙަރަދުތައް ކުރެވުނީ ބަޖެޓުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެކަން، ދައުލަތުގެ އެކައުންޓިން ނިޒާމުގެ ތެރެއިން ކުރެވިގެން ދާކަން އޭސީސީ
އަދި އޮޑިޓަރ ޖެނެރަލް އޮފީހުން ޔަޤީން ކުރައްވާކަން މިނިސްޓަރ ފާހަގަ
ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި،
ބަޖެޓު ކޯޑުން ބޭރުން އެއްވެސް ޙާރަދެއް ނުކުރެވޭއިރު، މިފަދަ އޯވަރޑްރޯ
ފެސިލިޓީއަކީ ދައުލަތައް ލިބޭ އާމްދަނީ ދައްވާ ހިނދު ޙަރަދު މެނޭޖް ކުރުމަށް
ބޭނުން ކުރެވޭ އެއް ޓޫލްކަމަށް ވިދާޅުވިއެވެ.