ރިޕޯޓް: “ރިޔާސީ” ބޯޑު އަޅުވައިގެން ހިންގާ “ބަރުލަމާނީ” ވެރިކަން!
25 އެޕްރީލް 2021 - 14:50
ވަކި ނަމެއް ނުވަތަ ވަކި ނިޒާމަކަށް ނިސްބަތް ނުކުރި ނަމަވެސް ބޮޑުވަޒީރެއްގެ ދަށުން ގައުމު ހިންގުމަކީ ރާއްޖެ އަށް އާ ކަމެއް ނޫނެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް މިހާރު އޮތް ގާނޫނު އަސާސީގައި ހިމެނުމަށް ރައްޔިތުންގެ ވޯޓަކަށް ހުޅުވާލުމުގެ ކުރިން މި ބަހުސް އެންމެ ފުރަތަމަ ފެއްޓެވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 2004 ވަނަ އަހަރު އިސްލާހީ އެޖެންޑާ އިއުލާން ކުރައްވަމުން ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުތަކުގައި ނުސީދާ ގޮތެއްގައި ބަރުލަމާނީ ނިޒާމަކަށް ބާރު އެޅުއްވިއެވެ. އަދި އެފަދަ ނިޒާމެއް އޮންނާނެ ގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. ނަމަވެސް 2007 ވަނަ އަހަރާ ހަމައަށް އައި އިރު އެމަނިކުފާނުގެ އެ ވިސްނުންފުޅު ބަދަލުކުރައްވައި ކެމްޕެއިން ފެއްޓެވީ ރިޔާސީ ނިޒާމަކަށެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ރައީސް މައުމޫނު 2004 ވަނަ އަހަރު ހިޔާލު ފާޅުކުރެއްވި ގޮތާ ހިލާފަށް ރިޔާސީ ނިޒާމެއް ދެމެހެއްޓުމަށް ނިންމެވީ އޭރު ޑިއާރުޕީގައި ތިއްބެވި އިސް ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު އެގޮތަށް ހިޔާލު ދެއްވުމުން ކަމަށް ވެއެވެ. ފޯރިގަދަ ކެމްޕެއިނަކަށް ފަހު ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯދީ ރިޔާސީ ނިޒާމެވެ. އެ ފަހަރުގެ ވޯޓާ މެދު އިދިކޮޅުން ގިނަ ތުހުމަތުތަކެއް ކުރިވެސްމެއެވެ. ވޯޓު ލުމާއި ގުނުމުގެ ނިޒާމު އޭރު އޮތީ ދެ ފުށް ފެންނަ ގޮތަށް ނޫން ކަމުން ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ. ވަގުތުން ވޯޓު ނުގުނުމާއި ފޮށިތައް މާލެ ގެނެސް ނަތީޖާ ހާމަކުރުމާ ދެމެދު ގިނަ ކަންތައްތަކެއް ކޮންމެ އިންތިހާބެއްގައި ވެސް ހިނގާ ކަމަށް އޮންނަނީ ތުހުމަތުކުރެވިފައެވެ. އެހެންކަމުން ނިޒާމާ ބެހޭ ގޮތުން ނެގި ވޯޓުގެ ހަގީގީ ނަތީޖާއާ މެދު އަދި ވެސް އެތައް ބަޔަކު ސުވާލު އުފައްދައެވެ.
ނިޒާމު ކަނޑައެޅުމުގެ ވޯޓު ނެގުމުގެ މަސައްކަތުގެ ކުރިން 2004 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށުނެވެ. އެކަމަށްޓަކައި ހާއްސަ މަޖިލީހެއް އެއްކުރެވުނެވެ. އެ ބޭފުޅުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމެވެ. އެކަން ކުރުމަށް ދެ ފަހަރެއްގެ މަތިން މަޖިލީހުގައި ވޯޓަށް ވެސް އެހިއެވެ. ނަމަވެސް ވަކި ގޮތަކަށް ފާސްނުކުރީ އެފަދަ ބޮޑު ކަމެއް މަޖިލީހުން ފާސްކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ދޫކޮށްލުމުގެ ވިސްނުން ގިނަ ބޭފުޅުން ގެންގުޅުއްވުމުންނެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ނިޒާމާ މެދު ވަކި ގޮތެއް ނުނިމި ތިން އަހަރެއްހާ ދުވަސް ދިޔަ ނަމަވެސް ގާނޫނު އަސާސީގެ މުހިންމު ގިނަ ކަންކަން ދިޔައީ ނިންމައި ޑްރާފްޓްކުރަމުންނެވެ. ނަތީޖާއަކަށްވީ މެންބަރުން ވެސް ދެކަފިވެ، ނިޒާމާ މެދު ވެސް ދެކަފި ވިސްނުންތަކެއް ހާއްސަ މަޖިލީހުގެ ތެރޭގައި ވެސް އޮތުމެވެ. އެހެންކަމުން ގާނޫނު އަސާސީގައި ހުރި މުހިންމު ކަންކަން ކަނޑައެޅުމުގައި ވެސް މި ދެ ވިސްނުމަށް ވެސް ބުރަވެފައި ވެއެވެ. މިހާރު އޮތް ގާނޫނު އަސާސީ ބަލައިލުމުން އެކަން ފާހަގަކުރެވޭނެއެވެ. ހާއްސަކޮށް ހަމައެކަނި ގާނޫނު އަސާސީ ބަލައިގެން ރާއްޖޭގައި އޮތީ ކޮން ކަހަލަ ނިޒާމެއްކަން ދެނެގަންނަން ވެސް ދަތިވާ ހިސާބަށް ބައެއް ކަންކަން މަސްހުނި ވެފައި ވެއެވެ.
ގާނޫނު އަސާސީ އެކުލަވާލައި ބާރުތައް ވަކިކުރި އިރު ބައެއް ހާލަތްތަކުގައި ބަރުލަމާނީ ވިސްނުމުގެ ބޭފުޅުންގެ ބަސް ވަރުގަދަވުމުގެ ނަތީޖާއަކަށްވީ ނަމެއްގައި ރިޔާސީ ނިޒާމުގެ ނަން ބޯޑު އެޅުވިފައިވުމެވެ. ނަމަވެސް ގާނޫނު އަސާސީގައި ބަރުލަމާނީ ސިފަތަކުގެ ނުފޫޒު ގަދަވުމެވެ. އެ ގޮތުން ރިޔާސީ ނިޒާމާ ހިލާފަށް މަޖިލީހަށް ނުވަތަ މަޖިލިސް ކޮންޓްރޯލްކުރާ ޕާޓީއަކަށް ބޮޑެތި ބާރުތަކެއް ގާނޫނު އަސާސީން ވަނީ ލިބިދީފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ފިޔަވައި އެހެން ހުރިހާ ބާރުތަކެއް މިހާރު ވެސް އޮތީ މަޖިލީހުގެ އަތް މަތީގައެވެ. މިއީ ބަރުލަމާނީ ނިޒާމުގެ އެންމެ އަސާސީ އެއް ސިފައެވެ. ރައީސަކަށް ހުންނަ ފަރާތަށް އެއްވެސް ކަމެއް މަޖިލީހުގެ ރުހުން ނެތި މިހާރު ވެސް ނުކުރެވެއެވެ. ހުދު އެމަނިކުފާނު ބޭނުންފުޅުވާ ވަޒީރުން ވެސް އައްޔަންކުރެވެން އަންނަނީ މަޖިލީހުގެ ނުވަތަ މަޖިލިސް ކޮންޓްރޯލްކުރާ ޕާޓީން ބޭނުންވާ ގޮތަކަށެވެ. އަނެއް ބާރު ކަމަށްވާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުގޫ ވެސް އޮތީ މަޖިލީހުގެ އަތް މަތީގައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމާއި ޝަރުއީ ދާއިރާ ކޮންޓްރޯލްކުރާ ޖުޑިޝަލް ސާވިސް ކޮމިޝަން ވެސް ބައްޓަންކޮށްފައި ވަނީ އެއިރެއްގައި މެޖޯރިޓީ އޮންނަ މަޖިލީހަށް ކޮންޓްރޯލް އޮންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ މުޅި ދައުލަތުގެ ކޮންޓްރޯލް އޮތީ މަޖިލީހުގެ އަތްމަތީގައެވެ.
ގާނޫނު އަސާސީ އެކުލަވައިލި އިރު ބަރުލަމާނީ ސިފަތައް އޭގައި ހިމެނުނު މައިގަނޑު އެއްސަބަބަކީ އެ ނިޒާމަށް ތާއީދުކުރާ ގިނަ ބަޔަކު މަޖިލީހުގައި އޭރު ތިއްބެވުން ކަމަށް އެ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެ ގޮތުން ހާއްސަ މަޖިލިސް އެކުލަވައިލެވުނީ ވެސް ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށް ވެފައި އެމަނިކުފާނު ފުރަތަމަ ބަހުސަށް ހުޅުވައިލެއްވި ވެރިކަމުގެ ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމް ކަމަށް ވުމުން އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެސް އެކަމަށް “ބޯޖެއްސެވީ” ކަމަށް އޭރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ. އެއީ އެކަން ވުން ވަރަށް ގާތް ގޮތެކެވެ. ސަބަބަކީ އޭރު ވެރިކަމުގައި ހުންނަވާ ބޭފުޅަކު ފާޅުކުރައްވާ ހިޔާލަކަށް ދެކޮޅު ހެއްދެވުމަކީ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ ކިބައިގައި އޮންނަ އާދައަކަށް ނުވުމެވެ. އެހެންކަމުން ގާނޫނޫ އަސާސީ ވެސް ފުރަތަމަ ޑްރާފްޓްކުރެވެމުން އައި އިރު އޭގެ އަސަރު ދެމިގެން އައީ ކަމުގައި ބެލެވެއެވެ. އަނެއްކޮޅުން ނިޒާމު ކަނޑައެޅުމުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދިޔައިރު ވެސް އޭރުގެ ބައެއް ވަޒީރުން ފާޅުގަޔާއި ސިއްރިއްޔާތުގައި އިދިކޮޅު އެމްޑީޕީގެ ވިސްނުމަށް ތާއީދުކުރައްވާކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.
ވެރިކަމުގެ ނިޒާމުގެ ވާހަކަ އަނެއްކާ ވެސް ތިލަވެފައިވާ އިރު މި ފަހަރު ވެސް އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ވެރިކަމެއްގައި ދެން ރައީސްކަމަށް ކުރިމަތިނުލައްވާނެކަން އިއުލާނުކުރައްވާފައިވާ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށްޓަކައި ފާޅުގައި ކެމްޕެއިން ފައްޓަވާފައެވެ. އަދި އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެކަން ކުރެވެން އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެންނެވެ.
ނިޒާމު ކަނޑައެޅުމުގެ ވޯޓަކަށް ރައްޔިތުންނާ ހަމައަށް ދިއުމުގެ ކުރިން މަޖިލީހުން އެކަމަށްޓަކައި ގޮތެއް ކަނޑައަޅަންޖެހެއެވެ. އަދި އޭގެ ކުރިން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް އެކަމަށް ގޮތެއް ކަނޑައަޅަންޖެހެއެވެ. ގައުމީ މަޖިލީހުގައި އަދި އެ ބަހުސް ރަސްމީކޮށް ފަށާފައި ނުވި ނަމަވެސް އެކަމަށް ތާއީދު އޮތްވަރު ބެލުމަށް ރައީސް ނަޝީދު ނެންގެވި ވޯޓުގައި މާބޮޑު ތާއީދެއް އެކަމަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން އެކަން މި ހަފުތާގައި އޮތް ގައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އަށް ވެސް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން ދެން އޮތް މަގަކީ އެމްޑީޕީން މިހާރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ވިސްނުންފުޅަށް ތާއީދުކުރާ ފަރާތްތައް މަގާމުތަކަށް އިންތިހާބުވުމެވެ. އެ ނޫން ގޮތަކަށް ނިޒާމު ކަނޑައެޅުމުގެ ބަހުސް މަޖިލީހަށް ދާނެ ގޮތެއް ނެތެވެ.
ރައީސް ނަޝީދު ކުރައްވާ މަސައްކަތް ކޮޅެއްގައި ނުޖެހުނަސް ނުވަތަ ނިޒާމާ ގުޅޭ ވޯޓަކަށް ނުދިޔަ ނަމަވެސް ގާނޫނު އަސާސީގައި މިހާރު ހުރި ގިނަ ކަންތައްތަކެއް ބަދަލުވާންޖެހޭ ކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އެބަ ތިއްބެވެ. އެއީ ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ސިފަ ޖެއްސުމެވެ. ބަރުލަމާނީ ނަމަ އެ ސިފަތަކެވެ. ރިޔާސީ ނަމަ ހަގީގީ ރިޔާސީ ނިޒާމެއްގެ ސިފަ ގާނޫނު އަސާސީ އަށް ލިބިދޭންޖެހެއެވެ. ހަމައެކަނި ރިޔާސީ ނިޒާމުގެ ނަންބޯޑު އަޅުވައިގެން “ބަރުލަމާނީ” ވެރިކަމެއް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.