ތައުލީމީ ފެންވަރެއްނެތް، އެކަމަކު ސިޔާސީ މީހުންގެ މުސާރަ ވަނީ ބޮޑު!
27 އެޕްރީލް 2021 - 11:05
މަތީ ތައުލީމާއި ތަމްރީން ހޯދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑު މުސާރަލިބޭ ވަޒީފާއެއް ހޯދައި ރީތި ދިރިއުޅުމެއް އުޅުމެވެ. ވަޒީފާ ހޯދުން އެހާ އުނދަގުވެފައިވާ ޒަމާނެއްގައި ކިތެންމެ ވަރަކަށް ކިޔެވިއަސް ބައެއް ފަހަރު އެންމެ އެކަށީގެންވާ ވަޒީފާ ނުލިބޭ ފަހަރުވެސް އާދެއެވެ. އަދި ހާސިލްކުރާ ތައުލީމާއިއ އެއް ފެންވަރެއްގ މުސާރައެއް ނުލިބޭ މައްސަލައަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.
މި ސަރުކާރުން ކައުންސިލަރުންނަށް ދޭން ކަނޑައެޅި މުސާރައާއިއެކު އަނެއްކާވެސް މި މައްސަލަ މިވަނީ ހޫނުވެފައެވެ. މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ މުސާރައިގެ ތަފްސީލްގައި ބަޔާންކުރާގޮތުގައި އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީތަކުގެ މޭޔަރުންނަށެވެ. އެގޮތުން މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު، ޖުމްލަ 40،000 ރުފިޔާގެ މުސާރައެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 35000 ރުފިޔާ ދޭން ފާސްކޮށްފައިވާއިރު، ސިޓީ ކައުންސިލް މެންބަރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާއިން 28،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެއީ 22،400 ރުފިޔާގެ މުސާރަ އަކާއި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާއެވެ.
ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި ޖުމުލަ 23،000 ރުފިޔާ ދިނުމަށާއި ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ޖުމުލަ 15،000 ރުފިޔާ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިހާރު ކައުންސިލް ރައީސްއަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ކައުންސިލުގެ ނައިބު ރައީސްގެ މުސާރައަކީ 12،000 ރުފިޔާއެވެ. އަދި ރަށު ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 10،000 ރުފިޔާއެވެ.
މިކަމާއިމެދު އާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސަބަބަކީ ޓީޗަރުންނާއި، ނަރުހުންފަދަ މަތީ ތައުލީމު ހާސިލްކޮށްގެން ޤައުމަށް ނުހަނު އަގުހުރި ޙިދުމަތްތަކެއް ކުރަމުންއަންނަ ބައެއްގެ މުސާރަ ބޮޑުނުކޮށް ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ މުސާރަ ބޮޑުކުރުމެވެ.
ކައުންސިލްކަމަށް ކުރިމަތިލާއިރު ތައުލީމީ ފެންވަރު ނުބަލާއިރު ޤައުމުގައި ތިބި ތައުލީމާއި ތަޖުރިބާ ލިބިގެން އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި ނުބައްދަލް މުސާރައެއް ކައުންސިލަރުންނަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެއިތުރުން މި ސަރުކާރުން ފުއްދަން ބުނި ގިނަ ވައުދުތަކެއް ޙާއްސަކޮށް މިނިމަމް ވޭޖް ކަނޑައެޅުންފަދަ މުވައްޒަފުންނާއި ގުޅުންހުރި މުހިންމު ގިނަ ކަންކަން ނުނިންމު ހުއްޓައި އެކަންކަން ކުރުން މާ ރަނގަޅުވާނެކަމަށް ބުނެވެސް މީހުން ވަނީ ޝުއޫރުފާޅުކޮށްފައެވެ.
ކައުންސިލް މެންބަރުންގެ އިތުރުން މަޖިލިސް މެންބަރުންނަށްވެސް ބޮޑު މުސާރައެއް އަންނަނީ ދެމުންނެވެ. ނަމަވެސް ކައުންސިލް މެންބަރުކަމަށް އަދި މަޖިލިސް މެންބަރުކަމަށް ކުރިމަތިލެވޭނީ ވަކި ތައުލީމީ ފެންވަރެއްކަމަށް ކަނޑައަޅައި އެފެންވަރުގެ މީހުންނަށް އެކަނި ކުރިމަތިލެވޭގޮތައް ހަދައި މިވަރުގެ މުސާރައެއް ކަނޑައެޅުން ރަނގަޅުކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.