ރިޕޯޓު: ރައީސް ނަޝީދަށް 54 އަހަރު، ލޯތްބާއި ނަފުރަތު އިންތިހާއަށް ހޯއްދެވި

18 މެއި 2021 - 7:58

އުމުުރުން 54 އަހަރު ބައްދަލު ކުރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަކަށް ފަރުވާ ހޯދުމަށް ޖަރުމަނު ވިލާތުގައި ހުއްޓައެވެ. މިދައްކަނީ ދިވެހިރާއްޖެ ފަހުގެ ތާރީހެއްގައި ދެކުނު ސިޔާސީ، އިޖްތިމާއީ އަދި އިޤްތިސާދީ އެންމެ ބޮޑު ބަދަލެއް ގެނަުއުމުގެ މޭސްތިރިއާ ކެނެރީގެ ނަޝީދުގެ ހަޔާތުގެ އަޑިގުޑަން ތަޖުރިބާތަކުގެ ވާހަކެއެވެ.

ރައީސް ނަޝީދަކީ ޒުވާން އުމުރުގައި ވެސް ވަރަށް “ސިޔާސީ އަޑު ހަރު” ބޭފުޅެކެވެ. އަބަދުވެސް ބަދަލަށް އަޑު އުފުއްލެވި، ދައްކަވަން ޖެހޭ ވާހަކައެއް ސީދާ ދިމާލަށް ދައްކަވާ އަދި އެކަމުން ނަފުރަތާއި ލޯބި އިންތިހާއަށް ލިބިލެއްވި ފަރާތެކެވެ. ލިޔުންތެރިކަމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުންނާއި އިސްލާހީ މަސައްކަތަށް ހުންނަ ފޯރިއެއްގެ ސަބަބުން ވަރަށް ޒުވާން އުމުރުގައި ބަދަލުތަކުގެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. “ސަންގް” މަޖައްލާ އުފައްދަވައިގެން އެފަދަ ހިޔާލުތައް އެ ނޫހުގައި ޝާއިއުކުރައްވަމުން ގެންދެވިއެވެ. އެއީ އޭރުގެ ވެރިންނަށް ހަޖަމްކުރައްވަން އުނދަގޫވި ކަމަކަށްވިއެވެ. މާ ގިނަ ދުވަހެއް ނުވެ މަޖައްލާ ބަންދުކޮށް ނަޝީދު ޖަލުގެ ކުޑަ ގޮޅިއަށް ލައި އެތައް އަނިޔާއެއް ދިނެވެ…

advertisement

ކަމާ ބެހޭ ފަރާތްތަކަށް ކުރިމަތިކުރައްވަމުން ގެންދެވި ސުވާލުތަކާއި ދިވެހިން އޭރު ނުދަންނަ ޑިމޮކްރަސީ ފަލްސަފާތައް ޖެހިލުންވުމެއް ނެތި ރައީސް ނަޝީދު ހާމަކުރައްވަމުން ގެންދެވުން ވެގެން ދިޔައީ އޭރުގެ ވެރިންނަށް އަދި ގިނަ އަދަދެއްގެ އާންމުނަށް ހަޖަމްކުރަން އުނދަގޫވި ކަމަކަށެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރައީސް ނަޝީދު ދައްކަވަމުން ގެންދެވި މަންޒަރުތައް ގަބޫލުކުރަން އޭރު ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް ފަސޭހައެއް ނުވިއެވެ. ހާއްސަކޮށް ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށެވެ. އެހެންކަމުން އެކި ތުހުމަތުތަކުގައި އެމަނިކުފާނު ވަނީ އެތައް ފަހަރެއްގެ މަތިން ޖަލުގައި ހޭދަކުރައްވާފައެވެ. ބޮޑެތި އަނިޔާތަކެއް ތަހައްމަލްކުރައްވާފައެވެ. އުމުރުފުޅުން 54 އަހަރު ވެގެން ދިޔައިރު ވެސް ހުންނެވީ އެ ގޮތުގައެވެ. އެމަނިކުފާނު މިހާތަނަށް ދެއްކެވި ގިނަ ވާހަކަތަކަށް ފުރަތަމަ ގިނަ ބައެއްގެ ނުރުހުމާއި ހިތްހަމަނުޖެހުން ރައްދުވިޔަސް ފަހުން އެ ވާހަކަތަކަށް ތައުރީފްކުރަން މަޖުބޫރުވިއެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ އަދި ހަޖޫޖެހިކަމުގައި ވިޔަސް ރައީސް ނަޝީދު ބޭނުންވާގޮތަށް އާހިރުގައި ކަން ނިމިފައި އޮންނަ އޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ޕާޓީ ނިޒާމާއި، ކައުންސިލްތަކުގެ ނިޒާމާއި، ޖުޑިސަރީއާއި، ޓެކްސްގެ ނިޒާމު ހިމެނޭގޮތަށް ގެނެސްފައިވާ ސޯސަލް ސެކިއުރިޓީ ނިޒާމުން އަޑުހަރުކޮށް ކިޔައިދެއެވެ.

އިންސާފުން ބޭރު ކަމެއް ހިނގާ ނަމަ އެކަމެއްގެ ވާހަކަ އެމަނިކުފާނު އަބަދު ވެސް ދައްކަވާނެކަމަށް ވަކާލާތު ކުރައްވައެވެ. އަދި އިންސާފު ގާއިމުކުރުމާއި އަދުލުގެ ނިޒާމު އިސްލާހްކުރެއްވުމުގެ ވާހަކަ އަބަދު ވެސް ގެންދެވީ ދައްކަވަމުންނެވެ. އެ ވާހަކަތައް މާލޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލުކުރެވެންދެން އެމަނިކުފާނު އެ ވާހަކަ ދެއްކެވިއެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ މުށު ތެރޭގައި ހުރިހާ ބާރުތަކާއި ވޯޓު ފޮށި ވެސް އޮއްވައި 2000 ވަނަ އަހަރު މަޖިލީހަށް ވަޑައިގެންނެވުމެވެ. މާލޭގެ ދެގޮނޑިންކުރެ އެއް ގޮނޑި އެމަނިކުފާނު ކާމިޔާބުކުރެއްވިއެވެ. މި ކާމިޔާބީއާ އެކު ދެން އަދި ކުރިއަށް ވުރެ ވެސް ގާތުން، ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވާން ރައީސް ނަޝީދަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދިޔައީ އެމަނިކުފާނު އެ ގޮނޑިން ބޭލޭނެ ގޮތެއް ހޯދަމުންނެވެ. އެގޮތުން ވެލާނާގެ ތަޅާލާފައި ވަނިކޮށް އެތަނަށް ނަޝީދު ވަޑައިގެން އުޅުއްވަނިކޮށް ހައްޔަރުކޮށް ވަގު ތުހުމަތު އަޅުވައި އަނެއްކާ ވެސް ޖަލަށް ލީއެވެ. ނަމަވެސް ލިބުނު ކުޑަ މިނިވަންކަމުގެ ތެރެއިން އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ސްރީ ލަންކާ އަށް ވަޑައިގެންނެވިއެވެ.

ލަންކާގައި ހުންނަވައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ވާހަކަ ރައީސް ނަޝީދު ދައްކަވަން ފެއްޓެވުމުން ވެސް އެތައް ބައެއްގެ ނަފްރަތާއި ފުރައްސާރަ ކުރިމަތިވިއެވެ. ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި އެކުވެރިންނާއި އެމަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ގުޅިގެން މޯލްޑިވްސް ޑިމޮކޮރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނަމުގައި ޕާޓީ އުފަންކުރެއްވިއެވެ. ސަރުކާރު ރޭވުންތަކާ ހުރެ ލަންކާގައި ވެސް ހުންނަވަން ދަތިތަކާ ކުރިމަތިވުމުން ފަހުން އިނގިރޭސި ވިލާތަށް ވަޑައިގެން ވެސް ދޫދެއްވުމެއް ނެތި މަސައްކަތް ކުރިއަށް ގެންދެވިއެވެ. ޕާޓީ އުފެއްދުމަކީ ގާނޫނީ ގޮތުން ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް، ގާނޫނަށް އަދި ގާނޫނު އަސާސީއަށް ވެސް ބަދަލެއް ނުގެނެސް ރާއްޖޭގައި ޕާޓީތައް އުފެއްދޭނެ ކަމަށް ވިދާޅުވެ ކުރެއްވި ވަކާލާތް އެމަނިކުފާނު ކާމިޔާބުކުރެއްވިއެވެ. ގާނޫނީ ގޮތުން ފުއްނާބު އުސް އެތައް ބޭފުޅުންނަކާ ޖަދަލުކުރައްވައި ކުރި ހޯއްދެވިއެވެ. އެންމެ ފަހުން 2005 ވަނަ އަހަރު ޖޫން މަހު ސަރުކާރަށް މަޖުބޫރުވީ ޕާޓީތައް ވުޖޫދުކުރުމަށް ފުރުސަތު ހުޅުވައިލުމަށެވެ. އެ ބަދަލަށް ވެސް ގިނަ ބަޔަކު އޭރު ދިޔައީ ފާޑުކިޔަމުންނެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ ޕާޓީ ނިޒާމް ދިވެހިން ބަދަލުކޮށްފިކަމެވެ.

އެނބުރި ރާއްޖެ ވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެކަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް ފުރުސަތު ލިބިވަޑައިގަތުމުން ފުރަތަމަ ވާދަކުރެއްވި ރިޔާސީ އިންތިހާބު ވެސް ދެވަނަ ބުރުން ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގަތެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ބޮޑެތި ބަދަލުތަކެއްގެ ވާހަކަ ދައްކަވަމުންނެވެ. ދިވެހިން މީގެ ކުރިން ނުދަންނަ އެތައް ކަމެއް ތައާރަފްކުރައްވާނެ ކަމުގެ ވައުދުފުޅާ އެކުއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލީ ޓެކްސްގެ ނިޒާމެވެ. ޖީއެސްޓީއާއި ބީޕީޓީގެ ވާހަކަ ވިދާޅުވުމުން ގިނަ ބަޔަކު ޖޯކު ޖެހިއެވެ. ނަމަވެސް އެކަން ކުރައްވައި ދައުލަތުގެ އާމްދަނީ ދެގުނަ ކުރެއްވިެއެވެ. ޓެކްސްގެ ނިޒާމުގެ ތެރެއިން ގައުމު ހިންގައި، ދިވެހިން މިއަދު މިދެކޭ ތަރައްގީ އާއި އަދި ދައުލަތަށް ލިބިފައިވާ މުއްސަނދިކަމުގެ ހަގީގަތަކީ އެ ބަދަލެވެ. ކުރިން ދެ އަކުރަށް ނާރާ ބަޖެޓް މިއަދު އެތައް ގުނައެއް ބޮޑުވެ ދިވެހިން ނުދެކޭ އެތައް މަޝްރޫއެއް ހިންގުމުގެ ގާބިލްކަން ސަރުކާރުން ހޯދީ ޓެކްސްގެ ނިޒާމުގެ ތެރެއިންނެވެ. ދައުލަތަށް ޑޮލަރުން އާމްދަނީ ފުރަތަމަ ލިބޭނެގޮތް ހައްދަވައި، ސޯސަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން އާސަންދައާއި ތައުލީމީ އެހީތަކާއި، ނިކަމެތިންނަށް ލިބޭނެ އެލަވަންސްތައް ތައާރަފްކޮށް މަޤުބޫލްކަން ހޯއްދެވިއެވެ. އަމިއްލައަށް ފްލެޓް ދެޮންބެ ހެދި، އޭރު ރާއްޖެ ނުދެކޭ މިންވަރަށް ފުލެޓާއި ގެދޮރުގެ މަސްޜޫއުތަށް ފެއްޓެވިއެވެ.

ގެސްޓް ހައުސްގެ ވިޔަފާރީގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން އެމަނިކުފާނު އުޅުއްވަނީ ދިވެހިން ދީނުން ބޭރުކުރަން ކަމަށް ތުހުމަތުކުރިއެވެ. އަދި ދެކެވޭ އެހެންވާހަކަތައް ގުޅުވައި، ދީނާދުރު ނުވަތަ “ލާދީނީ” ބޭފުޅެއްގެ ޓެގް އެޅުވިއެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ޓުއަރިސްޓުން ޒިޔާރަތްކުރަން ފަށައިފި ނަމަ ދިވެހިން ދީނުން ބޭރުވެދާނެ ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރިއެވެ. އެކަމާ ދެކޮޅަށް އަޑު އުފުލިއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީ އެކަން ފެއްޓެވުމުގެ ނަތީޖާ މިއަދު ދިވެހިންނަށް ފެނި، އާމްދަނީ ހޯދޭނެ ރަނގަޅު މަގެއް ފެނި އެންމެ އާދައިގެ މީހާއަށްވެސް މިވަނީ ޓޫރިޒަމްގެ ފައިދާ ލިބިފައެވެ.

ހިލޭ ފޮތް ފަންސޫރު ދީ “ޔުނިވާސަލް” ބޭސްފަރުވާގެ ނިޒާމެއް ގާއިމުކުރުމުގެ ވާހަކަ އާއި އެކަނިވެރި މައިންނާއި ރިޓަޔަކުރާ ފަރާތްތަކަށް އެލަވަންސް ދޭ ވާހަކަ އަށް ވެސް ގިނަ ބަޔަކު ދިޔައީ ޖޯކު ޖަހަމުންނެވެ. ރޯޔަލްޓީންނާއި އިމްޕޯޓް ޓެކްސް އިން ލިބޭ ކުޑަ އާމްދަނީން އެއީ ދައުލަތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް އެކަށީގެންވާ ޓެކްސް ނިޒާމެއްގެ ތެރެއިން އެއީ ދައުލަތަކަށް މާބޮޑު ބުރައެއް ނޫންކަން މިއަދު މި ވަނީ ސާބިތުވެފައެވެ. ރައީސް ނަޝީދުގެ ދުރުވިސްނުންފުޅާ ބޯހަރުކަމުގެ ތެރެއިން އުފަންވި ފަލްސަފާތަކުން މިފަދަ އެތައް މިސާލުތަކެއް ފެންނަން އެބަހުއްޓެވެ.

އިދިކޮޅު ފަރާތްތަިކާއި ސިފައިންނާއި ފުލުހުންގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ދައުރު ހަމަވުމުގެ ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެރިކަިމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެ ސިޔާސީ ހަޔާތް މުޅިން ބަދަލުކޮށްލިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވައި ހަނި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނަވައި، އެއަށްފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ޓެރަރިޒަމްގެ ތުހުމަތުކުރައްވައި އަނެއްކާ ވެސް ރައީސް ނަޝީދު ޖަލަށް ލެއްވިއެވެ. ބޭސްފަރުވާ އަށް ބޭރަށް ވަޑައިގަތުމަށް ފުރުސަތެއް ދެއްވުމުން އަނެއްކާ ވެސް އިނގިރޭސި ވިލާތަށް ވަޑައިގެން އެތަނުގައި ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވަންދެން ހުންނެވީ އެތަނުގައެވެ. އެނބުރި ވަޑައިގެން ދެން ފެއްޓެވީ ގާނޫނީ ގޮތުން ގައުމަށް ބޭނުންވާ އިސްލާހްތައް ގެންނެވުމަށެވެ. އެ މަގުސަދުގައި 2019 ވަނަ އަހަރު މަޖިލީހަށް ކުރިމަތިލެއްވިއެވެ. ކުރީގެ ރައީސަކު މަޖިލީހަށް ކުރިމަތިލައްވާތީ ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އެއީ ވެސް ޑިމޮކްރަސީގެ އާ ފިލާވަޅެއްކަން ދިވެހިންނަށް ދަސްކޮށްދެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުގައި ވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ޓެރަރިސްޓް ހަމަލާއެއްގެ ޝިކާރައަކަށްވެ މިވަގުތު ޖަރުމަނު ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ހަރުކަށި ފިކުރާ އަދި ބޭރުގައުމުތަކަުގެ ދާހިލީ ހަނގުރާމަތަކަުގައި ދިވެހިން ބައިވެރިވުމާ ބެހޭ ގޮތުން ދައްކަވަމުން ގެންދެވި ވާހަކަތަކަށް ވެސް ނުރުހުން އަމާޒުވިއެވެ. ދީނީ އެކިއެކި ޖަމްއިއްޔާތަކުން ނަޝީދަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކޮށް ނަފުރަތު އުފެއްދިއެވެ. ނަމަވެސް މިއަދު އަކަމުގެ ހަޤީޤަތް ދިވެހިންނަށް މިވަނީ ސާފުވެ މިކަމުގެ ނުރައްކާ އެނގިފައެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވެނީ ބޯހަރު ގޮތްދޫނުކުރާ ގަދަބަސް ބުނާ ބޭފުޅެއްގެ ގޮތުަގައެވެ. ގަބޫލުކުރައްވާ ގޮތެއްގެ މަތީގައި ދެމިހުންނަވާ އަދި އެކަން ކާމިޔާބުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީހަކު ބުނާއެއްޗަކަށް ބެލުމެއްނެތި، މިހާތަނަށް ދިވެހިންނަށް ދެއްކެވި ބަދަލުތަކާއި ގެންގުޅުއްވި ފަލްސަފާތައް ހަގީގަތަކަށް ހެއްދެވުމުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައި ވެއެވެ. ވެރިކަމުގެ ނިޒާމާ މެދު ވެސް އެމަނިކުފާނު ގެންގުޅުއްވާ ފަލްސަފާ އަށް ގިނަ ބަޔަކު ފާޑުވިދާޅުވެއެވެ. އެ ގޮތުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް 2007 ވަނަ އަހަރު ކުރެއްވި މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެ ހިޔާލުފުޅު ބަދަލެއް ނުކުރައްވައެވެ. އަނެކާ ވެސް ގެންދަވަނީ އެ މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތް ވަނީ ވަރުގަދަކުރައްވާފައެވެ.

ރައީސް ނަޝީދަކީ އިންތިހާއަށް ރައްޔިތުންގެ ލޯތްބާއި ނަފުރަތު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ފަހުގެ ޒަމާނެއްގައި ރާއްޖެ އަށް އައި ބޮޑެތި ބަދަލުތަކުގެ ތައުރީފު ރައީސް ނަޝީދަށް ހައްގުކަމެވެ. އަދި ބައެއް ކަންކަމުގައި ގޯސްތަކެއް ނުހައްދަވައެކޭވެސް ނޫނެވެ. ރާއްޖެ އެނބުރި ވަޑައިގެން ސިޔާސީ މަސައްކަތަށް ނުކުންނަވައި، ބަރުލަމާނީ ނިޒާމަށް ރާއްޖެ ގެންދިއުމަށް ކަނޑައެޅިގެން މަސައްކަތް ކުރާނެކަމާމެދު ޝައްކެއްވެސް ނެތެވެ. މިކަމަށްވެސް އަނެއްކާވެސް ރައްޔިތުން ރައީސް ނަޝީދުގެ މަސައްކަތް ބަލައިގަތްގޮތަކަށް ވޯޓު ދޭނެކަމާމެދު ސައްކެއްނެތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0