ކޮވިޑް ގެ ސަބަބުން ދިރާގުގެ ސާފު ފައިދާ 22.2% ދަށަށް!

22 މެއި 2021 - 9:36

މުޅިދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ދިރާގު ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1% ދަށްވެފައެވެ. ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ. 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2% ދަށް އަދަދެކެވެ.

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިރާގުގެ ހިއްސާދާރުން، މުވައްޒަފުން އަދި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ދިރާގުގެ ބޯޑުން މިވަގުތު އެންމެ އަހައްމިއްޔަތުކަން ދޭ އެއްކަމެއްކަމަށް އެ ކުންފުނިން އަންގައެވެ. އެހެންކަމުން މިދިޔަ އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ އަހަރީ އާންމު ޖަލްސާވެސް ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ “ފަހިވޯޓު” މެދުވެރިކޮށް އޮންލައިންކޮށެވެ. އެގޮތުން ބޭއްވި 32 ވަނަ އަހަރީ އާންމު ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަގްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

advertisement

ކޮވިޑް19ގެ ސަބަބުން އެންމެންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ވަނީ އެތަކެއް ލޮޅުމެއް އަރާފައިއެވެ. މުޅި ދުނިޔެ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ދިރާގުގެ ހިދުމަތްތަކުން ވަނީ އައު އާންމު ހާލަތަކަށް ނުވަތަ “ނިއު ނޯމަލް” އަކަށް ވާސިލުވުމަށް އެހީވެދީފައިއެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން އެ ކުންފުނިން މަސައްކަތްކުރާ ގޮތާއި، އުނގެނުމާއި، ވިޔަފާރި ކުރާގޮތާއި އެކަކު އަނެކަކާ މުއާމަލާތުކުރާ ގޮތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިއެވެ. ދިރާގު ނެޓްވޯކާއި، ފޯރުކޮށްދޭ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، އެހިދުމަތްތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކުރާ ތަސައްވަރު ކާމިޔާބުކުރުމަށްޓަކައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްމެންޓްތަކުގެ ނަތީޖާއަކަށްވީ ކޮވިޑް19ގެ ސަބަބުން ދިރާގަށާއި، ދިވެހި މުޖުތަމައުއަށާއި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކާ ކުރިމަތިލައި، މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލިބިދިން އެހީއަކާއި ބާރަކަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައިވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދީފައިވަނީ ދިރާގުގެ މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށާއި ވިޔަފާރި ދެމެހެއްޓުމާއި އަދި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅުންތަކަށް އެއްވެސް ހިދުމަތެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ.

ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށާއި، ދިރާގުގެ ހިދުމަތްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރިކޮށްދީ، ދިވެހި މުޖުތަމައު ބާރުވެރި ކުރުމަށްޓަކައި ދިރާގުން ވަނީ ރާއްޖޭގައި ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރއެއް ގާއުމުކޮށްދީފައިއެވެ. އިންޓަރނެޓް ކަނެޓްޓިވިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ދިރާގުން މުހިންމު އެއް އިންވެސްޓްމަންޓް ކަމުގައިވާ މޯލްޑިވްސް ސްރީލަންކާ ކޭބަލް (އެމްއެސްސީ) ގެ މަސައްކަތް ނިންމައި ހިދުމަތްވަނީ ދޭންފަށާފައެވެ. މި މަޝްރޫގެ ޖުމްލަ އިންވެސްޓްމެންޓުގެ 45%ވަނީ ދިރާގުން ހަރަދު ކޮށްފައެވެ.

ގިނަގުނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ތަޖުރިބާއެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު އަބަދުވެސް ކުރިއަށް ދެއެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ 80% ގޭބިސީއަށް ޚިދުމަތް ވަނީފޯރުކޮށްދީފައެވެ. އަދި ކަސްޓަމަރުންނަށާއި ވިޔަފާރިތަކާއި އާންމުންގެ ހިދުމަތުގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އިތުރު ކަސްޓަމަރުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ގުޅުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް އިތުރުކޮށްފައިވާނެއެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެއް ކަމަށް އެ ކުންފުނިން އަންގައެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ކަމަށްވެސް އަންގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0