ރިޕޯޓު: ހައްތާވެސް ވަގުން، ވައްކަން ފެށެނީ ރައްޔިތުންގެ ކިބައިން!

27 މެއި 2021 - 8:48

މަޖިލީހުގެ އިންތިހާބަށް ތައްޔާރުވަމުން ދިޔަ ދުވަސް ވަރެވެ. މާވަރުގަދަ އޮލަ ވާހަކައެއްގެ ތެރެއިން ހަރުކުލައިގެ މީހަކު އަޑަށް ބާރުލާފައި ބުންޏެވެ. ރަށު ގޮނޑި ނަގަން ބޭނުން ވަނީ 12 މިލިއަން ރުފިޔާއެވެ. އެ ވަރު ހިފައިގެން ރަށަށް އަރައިފިއްޔާ ގޮނޑި ފަސޭހަކަމާ އެކު ލިބޭނެއެވެ. އޭނާ ދެއްކީ އުތުރު ރަށެއްގެ ވާހަކައެކެވެ.

އާބާދީގައި 5،000 މީހުން ހިމެނޭ ރަށެއް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރާ ގޮނޑި 12 މިލިއަނަށް ލިބޭނެ ކަމަށް އޭނާ ބުނި ވާހަކައަކީ އެތައް ފަހަރަކު އިވިފައިވާ ވާހަކައެކެވެ. ހަގީގަތުގައި ވެސް އެކަން އޮންނަނީ އެ ގޮތައްކަން އެ ހަރަދުކުރާ މީހުން ދައްކާ ވާހަކައިން ވެސް އެނގެއެވެ. ސުވާލަކީ ރަށެއްގެ ގޮނޑީގެ އަގު 12 މިލިއަނަށް ގަންނަން ލިބެނީ ކޮންތާކުން ހެއްޔެވެ؟ ނޫނީ އެ ފައިސާ ހޭދަކުރަންޖެހެނީ ކީއްވެހެއްޔެވެ؟ ނުވަތަ މަޖިލީހަށް ކުރިމަތިލަނީ އެވަރުގެ ތަނަވަސްކަން ހުރި މަހުޖަނުން ހެއްޔެވެ؟ އެ ފަންޑް ހޯދާނީ ކިހިނެއް ހެއްޔެވެ؟

advertisement

ފުރަތަމަ އުފެދޭ ސުވާލަށް ޖަވާބެއް ލިބޭތޯ ބަލަމާ ހިނގާށެވެ. އެހާ ބޮޑު ހޭދައެއް ކުރަންޖެހެނީ ކޮން ކަމަކަށް ހެއްޔެވެ؟ އެންމެ މުހިންމު ސުވާލެވެ. ކެމްޕެއިނަކަށް އެހާ ބޮޑު ހޭދައެއް ދާނެ ހެއްޔެވެ؟ ރަށަށް ކުރާ ކެމްޕެއިން ދަތުރުތަކަށް އެހާ ވަރު ހޭދަވާނެ ހެއްޔެވެ؟ ކެމްޕެއިން ކުރަނީ ތިން މަސް ދުވަހަށް ކަމަށް ބަލަމާ ހިނގާށެވެ. ދަތުރެއްގެ ހަރަދަށް 50،000ރ.ގެ ރޭޓުން ތިން މަސް ދުވަހުގެ ތެރޭގައި 600،000ރ.ގެ ބަޖެޓެކެވެ. ކެމްޕެއިން ޓީމްތަކުގެ ކެއިން ބުއިމަށް 500،000ރ. ކަނޑައަޅަމާ ހިނގާށެވެ. ޕޯސްޓަރާއި އެ ނޫން ވެސް ކަން ކަމަށް އިތުރު 500،000ރ. ހޭދަވީއެވެ. ސިޔާސަތުތައް ޕްރޮމޯޓްކުރުމަށް އަދި އިތުރު މިލިއަނެއްހާ ރުފިޔާ ހޭދަކުރަމާ ހިނގާށެވެ. އޭރު ޖުމްލަ ހަރަދު 2.6 މިލިއަނަށް އެރީއެވެ. ޒުވާނުންގެ އެކި ކަންކަމަށް އަދި އިތުރު މިލިއަނެއްހާ ރުފިޔާ ހޭދަކުރިޔަސް 3.6 މިލިއަން ރުފިޔާގެ ބަޖެޓަކުން ސަލާމަތްވީއެވެ. ބާކީ 8.4 މިލިއަން ރުފިޔާ ހޭދަވަނީ ކޮން ކަމަކަށް ހެއްޔެވެ؟

ދެން އޮތީ އެ ފައިސާ ހޯދާނެ ގޮތެކެވެ. މަޖިލީހަށް ކުރިމަތިލާ ކޮންމެ މީހަކީ މިފަދަ މުއްސަނދިކަން ލިބިފައިވާ ބައެއް ނޫނެވެ. ގިނަ ފަހަރަށް އެ ފައިސާ ހޯދަންޖެހެނީ “އެހީތެރިން”ގެ އަތުންނެވެ. މި ބުނާ އެހީތެރިންނަކީ އެ މީހަކު ހޮވުމުން އޭގެ ބަދަލު ކޮންމެ ވެސް ސިފައެއްގައި ބޭނުންވާ މީހުންނެވެ. ނުވަތަ މަހުޖަނުންނެވެ. އެފަދަ ފަރާތްތަކުން ބަދަލު ހޯދަނީ މަޖިލީހާއި ސަރުކާރުގެ ތެރެއިން ކުރާ ކަންކަމުންނެވެ. އެ ގޮތުން އެފަދަ މަހުޖަނުންނަށް މަގުފަހިވާ ގޮތަށް ގާނޫނުތައް ބައްޓަންކުރުމުގައި އެހީތެރިވުން ނުވަތަ ވޯޓު ދިނުމެވެ. އެ ސިޔާސަތުތަކަށް ތާއީދުކުރުމެވެ. ދެ ވަނަ ގޮތަކީ މަޖިލީހުގެ މެންބަރުކަމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ތެރެއިން މަޝްރޫއުތަކަށް އަތް ބޭނުމެވެ. ނުވަތަ ގުޅުންތައް ބަދަހިކޮށް އެފަދަ މަޝްރޫއުތައް އެ މަހުޖަނުންނަށް ނުވަތަ އެ މީހުންނަށް މަންފާވާ ގޮތަކަށް ނުވަތަ ބައި އެޅޭ ގޮތަށް އެކަން ވާނެ ގޮތަކަށް މަގުފަހިކުރުމެވެ. މިއީ މެންބަރުކަން ހޯދުމުގެ ފަންޑަށް ސްޕޮންސަރކުރާ ފަރާތްތަކުން ބަދަލު ހޯދާނެ ގޮތްތަކެވެ.

ތިން ވަނަ ސުވާލަށް ޖެހިލަމާ ހެއްޔެވެ. އެހާ ބޮޑު ހޭދައެއް ކޮށްގެން މަޖިލީހުގެ ގޮނޑިއެއް ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މަޖިލިސް މެންބަރެއްގެ މުސާރައަކީ އެލަވަންސްތަކާ އެކު 80،000ރ. އެވެ. އަހަރަކު 960،000ރ. އެވެ. ފަސް އަހަރުގެ ދައުރެއްގައި 4.8 މިލިއަން ރުފިޔާއެވެ. އެހެން ކަމަށްވަ ނަމަ 12 މިލިއަން ރުފިޔާ ފަސް އަހަރަށް އިންވެސްޓްކޮށްގެން 4.8 މިލިއަން ރުފިޔާ ހޯދަން އުޅޭނީ މޮޔައިން ނޫން ހެއްޔެވެ؟ ފައިދާއެއް ނެތް ގެއްލުން ހުރި ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ މަޖިލީހަށް ކުރިމަތިލާ ކޮންމެ މީހަކީ އެހާ ވެސް ރައްޔިތުން ދެކެ ލޯބިވާ މީހުން ހެއްޔެވެ؟

ކުރިން ކުރި ސުވާލަށް ރުޖޫއަވަމާ ހިނގާށެވެ. ގޮނޑި ގަތުމުގެ ބަޖެޓްގެ 9.4 މިލިއަން ރުފިޔާ ހޭދަވާ ގޮތެވެ. ކެމްޕެއިންތަކުގައި ވަރަށް ކައިރިން، ހާއްސަކޮށް 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި މަސައްކަތްކުރި އަދި ބަޖެޓް ވެސް ބެލެހެއްޓި މީހަކު މައުލޫމާތު ދިން ގޮތުން އެ ފައިސާ ހޭދަކުރަނީ ރައްޔިތުންނަށެވެ. އެއީ ވަކިވަކި ފަރުދުންނާއި އެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ޒުވާނުންގެ ގްރޫޕްތައް “ހިތް ރުއްސުމަށް” ކުރާ ހޭދައެއެވެ.

ކޮންމެ ވެސް މީހެއްގެ ކެފޭ އަށް އައިސްކްރީމް ހަދާ މެޝިނަކާއި ޕޮޕްކޯން މެޝިނެކެވެ. ކޮންމެވެސް މީހަކަށް އެއާކޯނެކެވެ. ނޫނީ ބޭރުގައި ކިޔަވަންހުރި ކޮއްކޮއެއްގެ ކިޔެވުމުގެ ހަރަދެވެ. ފުރާޅު ޓިނު ބަދަލުކޮށް ފާހާނާއެއް ހެދުމުގެ ހަރަދެވެ. ބޭންކަށް ދައްކަން އޮތް ލޯނެއް ނުވަތަ ދަރިންގެ ހަރަދު ނުދީގެން ކޯޓުން ކޮށްފައި އޮތް ހުކުމުން ސަލާމަތްވާނެ ގޮތެކެވެ. ކުޑަ ލޯންޗެއް ނޫނީ ހަތަރު ފުރޮޅުލީ އުޅަނދެއް ނޫނީ ކުޑަ މިނުން ސައިކަލެއް ވެސް އެންމެ ރަނގަޅެވެ. ކްލަބް ޖަމިއްޔާތަކަށް ބޭނުންވާ ކުޅިވަރު ސާމާނީ މުބާރާތްތައް ބާއްވައިދިނުމާއި މިހެން ގޮސް އެ މީހުން ހިތްހަމަޖެހޭ އެތައް ކަމެއް މި ބުނާ ބަޖެޓްގެ ތެރެއަށް ވަދެއެވެ. މިހުރީ ހައްތަހާ ވެސް އޭނާގެ ބަޖެޓް ފޮތް ބަލައިލުމުން ފެންނަން ހުރި ހަރަދުތަކެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ސަރުކާރާއި ޝަރުއީ ދާއިރާގައި ނުފޫޒު އޮތް ނަމަ ކުށުގެ މައްސަލަތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޖަލުގައި ތިބޭ މީހުން ގޭބަންދަށް ބަންދުކުރުން ނޫނީ މިނިވަން ވާނެ ގޮތެއް އޮތް ނަމަ އެކަން ކުރުން ވެސް ޝަރުތަކަށް ވެއެވެ. ވަޒީފާތައް ހަމަޖައްސައިދިނުމާއި މި ނޫން ވެސް ކަންކަން މި ލިސްޓްގެ ތެރެއަށް ވަދެއެވެ.

މީގެ އިތުރުން އިދިކޮޅުގައި މަސައްކަތްކުރާ ނުފޫޒު ގަދަ މީހުން އުފުރާލުމަށް ނުވަތަ އެ މީހުންނަށް ނުފޫޒު ފޯރުވުމަށް ބޮޑެތި އަދަދުތަކުން ކުރަންޖެހޭ ހަރަދު ވެސް ކުޑައެއް ނޫނެވެ. މުޖުތަމައުގައި އެ މީހެއްގެ ނުފޫޒު އޮތް މިންވަރަކުން އަގު މަތިވެއެވެ. މިސާލަކަށް ކްލަބެއް ނޫނީ ޖަމިއްޔާއެއްގެ ބޮޑަކު ކޮޅު ބަދަލުކޮށްލަން މިލިއަނުން ކިޔައެވެ. މިފަދަ އެތައް ހަރަދެކެވެ. މިއީ ކެމްޕެއިންގެ ހަރަދުތަކެވެ. ވޯޓުލާ ދުވަހު ނޫނީ އޭގެ ކުރީ ރޭ ކުރަންޖެހޭ ހަރަދު ވެސް ވަކި ކުޑައެއް ނޫނެވެ. ޒުވާނުންގެ “ހިތް ރުއްސުމަށް” ނުރައްކާތެރި އަދި ގަބޫލުކުރަން ދަތި ކަންކަން ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމްތަކުން ކޮށްފައި އެބަހުރިކަން ކުރިން މައުލޫމާތު ދިން މީހާގެ ޑައިރީ ހުޅުވާލުމުން އެނގެއެވެ. ޒުވާން ގްރޫޕްތަކައް މަސްތުވާތަކެތި ފޯރުކޮށްދިނުން ފަދަ ކަންކަމެވެ. އާބާދީގައި 5،000 މީހުން ހިމެނޭ ރަށެއްގެ ގޮނޑި ހޯދަން 12 މިލިއަން ރުފިޔާ ހޭދަވާ ގޮތުގެ ސުވާލަށް މިއީ ރަނގަޅު ޖަވާބެކެވެ.

ރާއްޖޭގައި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާ އިރު މިފަދަ ކޮންމެ ކަމެއްގެ ޒިންމާ ރައްޔިތުން ވެސް ނަގަންޖެހެއެވެ. އިންތިހާބުތަކާ ގުޅިގެން ކޮށްފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުން ރާއްޖޭގައި ވޯޓު ވިއްކުމަކީ ވަރަށް އާންމު, އަދި އާދައިގެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ މަޖިލީހުންގެ މެންބަރު ކަމަށް ކުރިމަތިލާ މީހާއަކީ އެ މީހަކު ތަމްސީލްކުރާ ރައްޔިތުންގެ އަމިއްލަ ބޭނުންތައް ވެސް ފުއްދައިދޭން ހުންނަ މީހެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތަކީ މަޖިލީހަށް މެންބަރަކު ހޮވަނީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް މަގު ކޮށައިދިނުމަށެވެ. ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ސިޔާސަތުތައް ސަރުކާރަށް އިއްވައި ދިނުމަށެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނުތައް ހަދައި ސަރުކާރަށް މަގު ދައްކައިދިނުމަށް ކަމެވެ. މުހައްމަދުބޭގެ އޮޑީގައި އިންޖީނު އެޅުމަކީ މެންބަރުގެ ޒިންމާއެއް ނޫނެވެ. އޭނާ ހޮވީ އެކަމަކަށް ނޫނެވެ. އޭނަ ހޮވީ އިންޖީނު އެޅުމަށް ލޯނެއް ބޭނުންވާ ނަމަ އެ ލޯނު ލިބޭނެ ގޮތަށް މަގުފަހިވާނެ ސިޔާސަތެއް ސަރުކާރުން ގާއިމުކުރުމަށް އަޑު އުފުލުމަށެވެ. އެކަމަށް ބޭނުންވާ ގާނޫނު ހެދުމަށެވެ. އެކަން ކުރަން އޮންނަ އިދާރާ އިން އެކަން ނުވާ ނަމަ އެ ފަރާތެއް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށެވެ.

ވޯޓު ގަނެ ވިއްކުމުގެ ކަންކަން ގޮސްފައި އޮތް މިންވަރުން މަޖިލީހުގެ މެންބަރުންނަށް ވެސް ގަބޫލުކުރެވިފައި އޮންނަނީ ރައްޔިތުންގެ އެފަދަ ކަންކަން ކުރުމަކީ އެ މެންބަރެއްގެ އަމިއްލަ މުސާރައިން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. އެހެން ކަމުން ވިޔަފާރިއެއް ނުކުރާ ނޫނީ އެ ނޫން ގޮތަކުން އާމްދަނީއެއް ނުލިބޭ މެންބަރުން ރައްޔިތުންގެ ކަންކަމަށް މުސާރަ ހުސްކޮށްފައި، އެ މީހުން ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން ރައްޓެހިން އަތުން ނަގައިގެން އުޅެންޖެހޭ ފަހަރު ވެސް ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. ބައެއް މެންބަރުން އުޅެނީ އަބަދު ވެސް ދަރަނީގައެވެ. ހާއްސަކޮށް ދެ ވަނަ ދައުރަކަށް އުންމީދުކުރާ ނަމަ ރައްޔިތުންގެ ކަންކަން ކޮށްދޭންޖެހޭތީ އެ ނޫން ގޮތެއް ވެސް ނޯވެއެވެ. އަނެއް ބައި މެންބަރުން އެ މީހުންނަށް ލިބުނު ގޮތަކަށް ހޯދަނީއެވެ. ސަރުކާރުގެ ތެރެއިން ނުފޫޒުގެ ބޭނުން ކޮށްގެންނެވެ. އެއްބައި ރައްޔިތުންނަށް ހޭދަކޮށްފައި ދެން ފަހަރަކުން ކެމްޕެއިން ކުރާ ވަރަށް ފޮރުވަނީ ނޫނީ އިންވެސްޓްކުރަނީއެވެ.

މަޖިލީހުގެ މެންބަރުންގެ ވާހަކަ ބާއްވާށެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ސޯޝަލް މީޑިއާ އިން ފެނުނީ މިފަދަ މެސެޖްތަކެކެވެ. މި ފަހަރު ވޯޓު ދޭނީ ފައިސާ ދޭ މީހަކަށް ކަމަށް ބުނެ ލިޔެފައިވާ އެތައް ސްޓެޓަސްއެއް ފެނުނެވެ. ގާނޫނީ ގޮތުން ވޯޓު ވިއްކުމާއި ގަތުމަކީ ކުށަކަށް ވިޔަސް އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ވޯޓުގެ އަގު ސޯޝަލް މީޑިއާގައި ހާމަކުރަނީއެވެ. ނަމަވެސް އާދަނު ގޭގެ ފުރާޅު ޓިނު ބަދަލުކުރުމަކީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ހޮވޭ ކައުންސިލަރުގެ ޒިންމާއެއް ނޫނެވެ. ކައުންސިލްތައް ހޮވަނީ ރަށުގެ ތަރައްގީގެ ޕްލޭންތައް ހަދައި އެ ކަމަށް މަސައްކަތްކުރުމަށެވެ. ރަށު މީހާގެ ތަރައްގީ އަށް މަގުފަހިވާނެ އިގްތިސާދީ މަސައްކަތްތައް އިތުރުކުރުމަށެވެ. އާދަނުގެ ގޭގެ ފުރާޅު ޓިނު ބަދަލުކުރާނެ އާމްދަނީ އާދަނަށް ލިބޭނެ ފަދަ މަސައްކަތްތަކެއް ރަށުގައި ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް ވޯޓު ގަނެ ވިއްކުމުގެ ކަންކަން އިންތިހާ އަށް ގޮސްފައި އޮތުމުން އެއީ އިންތިހާބުވާ މީހާގެ ޒިންމާއެއް ކަމަށް ދިވެހިންގެ ސިކުނޑީގައި ވަނީ ބިންވަޅު ނެގިފައެވެ.

މިހާރު މިއޮތް ހާލަތަށް ވެސް ބަލަމާ ހިނގާށެވެ. ކޮވިޑްގެ މިހާލަތުގައި ވެސް މަޖިލީހުންގެ މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުންނާއި އެ ނޫން ވެސް އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ނިސްބަތްކޮށް ބުނެފައި ހުންނަ ބަސްތައް ފެނެއެވެ. ރައްޔިތުން ހާލުގައި ޖެހިގެން އުޅޭ އިރު މެންބަރު ކޮބައިތޯ އާއި ލިބޭ ބޮޑު މުސާރަ ކައިގެން ތިބެނީ ކަމަށް ބުނެ އެއްޗެހި ގޮވައެވެ. ނަމަވެސް ހަގީގަތުގައި މުސާރައިން ހޭދަކޮށްގެން ރައްޔިތުންގެ މުހުތާދުތައް ފިލުވައިދިނުމަކީ މެންބަރުގެ ޒިންމާއެއް ނޫނެވެ. މެންބަރުގެ ޒިންމާއަކީ އެކަމަށް ދައުލަތުގެ ތެރެއިން މަގުފަހިކޮށްދިނުމެވެ. މިހެން މިކަން އޮތް ނަމަވެސް ބައެއް މެންބަރުން އެ މެންބަރުންނަށް ލިބިގެންވާ ތަނަވަސްކަމުން ރައްޔިތުންނަށް ހޭދަކުރާކަން ފާހަގަކުރަން ޖެހެއެވެ. ކުރަންޖެހޭ ކަމަކަށް ނުވިޔަސް މާސްކާއި ސެނިޓައިޒާ އާއި ކާބޯތަކެއްޗާއި އެ ނޫން ވެސް ހަދިޔާތަށް ރަށްތަކަށް ފޮނުވާ މެންބަރުން ވެސް އުޅެއެވެ.

ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ވައްކަން ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ވެސް މި ދެންނެވި ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް ނުވަތަ ރުހުން ހޯދުމަށް ކޮށްފައިވާ ހޭދަ ވަކި ކުޑައެއް ނޫނެވެ. އެ ގޮތުން މެންބަރުން މެދުވެރިކޮށް ކޮށްފައިވާ ހޭދަތައް އެކަމަށް ހެކި ދެއެވެ. ބައެއް މެންބަރުންގެ ކެމްޕެއިނަށް އެ ފައިސާ ހޭދަކުރިކަން އެހެރީ ފެންނަށެވެ. ސިޔާސީ ޕާޓީތަކުން ވެސް އެކަން ކުރި ކަމަށް ތުހުމަތުކުރެވެއެވެ. ރާއްޖެއިން ކޮރަޕްޝަން ކުޑަކުރަން ބޭނުން ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ ވިސްނުން ބަދަލުކުރަންވީއެވެ. ނިޒާމުގެ ތެރެއިން އެފަދަ ކަންކަމަށް ހުރި މަގުތައް ބަންދުކުރި ނަމަވެސް އާސަންދަ ހޯދަން ވެސް މެންބަރަށް ގުޅަންޖެހޭ ކަމަށް ރައްޔިތު މީހާ އަށް ވިސްނޭ ނަމަ ދުވަހަކު ވެސް މި ކަމަކަށް ހައްލެއް ނާންނާނެއެވެ. އެވެނި ކަމެއް، މި ވެނި ކަމެއް ކޮށްދޭން އެދޭ ނަމަ އެ މީހެއްގެ ތާއީދު ހޯދުމަށް މެންބަރު ވެސް ނުވަތަ އެ ކަމުން ފައިދާ ލިބޭ މީހާ ވެސް އެ މަގެއް ހޯދާނެއެވެ. ވެރިމީހާ ކެއީ ރައްޔިތުންނަށް ވެސް ދީގެންނޭ ބައެއް މީހުން އެ ބުނަނީ ސަބަބެއް އޮތީމައެވެ. ވައްކަން ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ވާތީއެވެ. ހައްތާވެސް ވަގުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0