ކޯވިޑުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް 1.9 މިލިއަން ރުފިޔާ

5 ޖޫން 2021 - 11:14

ކޯވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން 1.9 މިލިޔަނަށްވުރެގިނަ ރުފިޔާގެ ސިއްޙީ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މިތަކެތި ރާއްޖެއާ ރަމްޒީކޮށް ހަލާވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގައި ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 124671 ޔޫއެސްޑޮލަރު ނުވަތަ 1922426.82 (އެއްމިލިޔަން ނުވަސަތޭކަ ސައުވީސްހާސް ހަތަރުސަތޭކަ ސައްބީސް ރުފިޔާ)ގެ ސާމާނުގެ ތެރޭގައި 184,000 ޕީޕީއީއާއި 600 ޕަލްސް އޮކްސިމީޓަރު ހިމެނެއެވެ.

advertisement

މިތަކެތީގެ ސަބަބުން ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ފްރޮންޓްލައިންގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޤަފޫރު މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް އެމެރިކާއިން ގާތް އެކުވެރި ޤައުމެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާކަމަށެވެ.

އަދި ކޯވިޑް-19އާ ގުޅިގެން އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައި އެކަން ޢިއުލާންކުރެއްވިކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ، އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެމެރިކާގެ މިޝަން އޮފްދަ އެމްބަސީގެ ޑެޕިއުޓީ ޗީފް މާޓިން ކެލޭ ވިދާޅުވީ އެމެރިކާއާ ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުން ބަދަހިކުރުމާއެކު ކުރިއަށްއޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރާނެކަމަށެވެ. އަދި ޔޫއެސް އެއިޑްގެ މިޝަން ޑައިރެކްޓަރވެސް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0