ރިޕޯޓް: ސިއްހީ ނިޒާމްގެ ލަދުވެތި މާޒީ، އެތައް ސަރުކާރުތަކެއްގެ އިހްމާލު!

14 ޖޫން 2021 - 10:35

މިއީ މިފަދަ ތަރައްގީ ޒަމާނެއްގައި ދައްކަން ތަންކޮޅެއް ލަދުވެތި ވާހަކައެކެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޭލުންތެރި މުޖުތަމައުއެއްގައެވެ. ބައެއް ރަށްރަށުގައި ސިއްހީ ނިޒާމު އޮތް ހާލަތަކީ ގައުމެއްގެ ހައިސިއްޔަތުން ލަދުގަންނަންޖެހޭ ހާލަތެކެވެ. މުޅި ނިޒާމު ބައްޓަންކޮށްފައި ވަނީ ކުދި ކުދި ކަންކަމުގައި ވެސް ދަތުރެއް ކޮށްފައި އަތޮޅު ހޮސްޕިޓަލަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލަށް އަދި ބޮޑު ކަމެއް ނަމަ މާލެ އަންނަން ޖެހޭ ގޮތަށެވެ. މިއީ އެތައް ބައެއްގެ، އެތައް ސަރުކާރެއްގެ، އެތައް ސިޔާސަތެއްގެ އިހްމާލެވެ. ސިއްހީ ނިޒާމުގެ ބަލިކަށިކަން މިހާ ބޮޑަށް އިހްސާސްކުރެވިގެން ގޮސްފައި މި ވަނީ ސިއްހީ ކާރިސާއެއް މެދުވެރިވުމުންނެވެ.


ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އެނގިގެން ދިޔަ އެއްކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމެކެވެ. ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ނުވެ ލަސްވެފައިވާ ކަމެކެވެ، މިއީ އިއްޔެއަކު މިއަދަކު ވީ އިހްމާލަކުން ކުރިމަތިވެފައިވާ ކަންކަމެއް ނޫނެވެ. ސިއްހީ ނިޒާމު ފެއިލްވުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ވެސް ނަގަންޖެހެއެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ސިއްހީ ނިޒާމަށް ލިބިގެން ހިނގައްޖެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ 40 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ނުލިބޭ ފަދަ ކުރިއެރުންތައް ބައެއް ރަށްރަށުގެ ސިއްހީ ދާއިރާ އަށް ލިބިފައި ވެއެވެ. މަޖުބޫރީ ހާލަތެއްގައި ނަމަވެސް އެއީ ރަނގަޅު ފާލެކެވެ.

advertisement


ކޮވިޑްގެ ހާލަތު ރާއްޖެ އަށް ކުރިމަތިވި އިރު ރާއްޖެ އޮތީ އެފަދަ ކާރިސާއަކަށް އެއްވެސް މިންވަރަކަށް ތައްޔާރުވެފައެއް ނޫނެވެ. ވަކި ވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ނަސީބެކޭ ބުނެވިދާނެއެވެ. އެހެން ނޫން ނަމަ އޭރު ރާއްޖޭގެ ސިއްހީ ހާލާތު އޮތް ގޮތުން އެއްފަސްގަނޑެއްގައި އޮތް ނަމަ މުޅި ގައުމު ކޮވިޑްގެ ތެރޭގައި ހަލާކުވެ ދިޔައީހެވެ. ކަރަންޓީން ކުރެވޭނެ ގޮތްތަކެއް އޭރަކު ނެތެވެ. ވެންޓިލޭޓަރެއްހާ ހިސާބު ވެސް ހުރީ މަދު ރަށެއްގައެވެ. އައިސީޔޫގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން އެންމެ ފުރިހަމަ ގޮތުގައި ނޫން ކަމަށް ވިޔަސް މިއިން ޒަމާނަކު ސިއްހީ ދާއިރާ އަށް ނުލިބޭ ފަދަ ކުރިއެރުންތަކެއް މިހާރު ވަނީ ލިބިގެން ގޮސްފައެވެ.


މިދިޔަ އަހަރު އެކަނި ވެސް 1.7 ބިލިއަން ރުފިޔާ ވަނީ ސިއްހީ ވަސީލަތްތައް ގާއިމުކުރުމަށް ހަރަދުކޮށްފައެވެ. މިއީ ހަމައެކަނި ވަސީލަތްތައް ގާއިމުކުރުމަށް ކޮށްފައިވާ ހޭދައެވެ. އޭގެ ތެރޭގައި ކޮވިޑް ފެސިލިޓީތައް ހެދުމާއި ވެންޓިލޭޓަރު ހޯދުމާއި، އައިސީޔޫ އެނދު އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ މާލޭގެ އިތުރުން އައްޑޫ އާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުއްޓާއި އެ ނޫން ވެސް ސަރަހައްދީ ސިއްހީ ހިދުމަތް ދޭ ތަންތަނާއި ރަށްރަށުގައި ވަސީލަތްތައް އިތުރުކުރުމަށް ކޮށްފައިވާ ހޭދައެވެ. މީގެ އިތުރުން ޓާޝިއަރީ ފެންވަރުގެ ފަސް ހޮސްޕިޓަލެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ބަޖެޓްކޮށް މި ސަރުކާރުން އަންނަނީ އެ މަސައްކަތްކުރަމުންނެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައެވެ. މިއީ ސިއްހީ ދާއިރާ އަށް، ހާއްސަކޮށް ރަށްތަކުގެ ސިއްހީ ދާއިރާ އަަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ މަޝްރޫއުތަކެކެވެ.


“މުޅި ސިއްހީ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހޭ. އެގޮތުން އަޅުގަނޑުމެން ފުރަތަމަ ވެސް ނިންމީ ޓާޝިއަރީ ފަސް ހޮސްޕިޓަލް ފަސް ސަރަހައްދުގައި ގާއިމުކުރަން. އޭގެ އިތުރަށް އަތޮޅު ފެންވަރުގައި އިތުރު ހޮސްޕިޓަލްތަކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފައްޓައިގެން އެބަ ގެންދަން. އެއީ ބީއެމްއެލް ތުރޫކޮށް އަޅުގަނޑުމެން ހޯދާ ފައިނޭންސާއި އަދި ކުވައިތު ފަންޑުން ދީފައި ހުރި ފައިނޭންސާ އެކީގައި،” ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ.


ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ނިޒާމު މި ދައުރުގެ ތެރޭގައި ވަރަށް ބޮޑަށް ހަރުދަނާކޮށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ކަމަށެވެ. އޭގެ ތެރޭގައި އެ ތަންތަނަށް ބޭނުންވާ މީހުން ހޯދުމާއި މީހުން ބިނާކުރުން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.


“އަޅުގަނޑުމެންނަށް ކޮވިޑާ ގުޅިގެން މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި އައިސީޔޫ ބެޑް އިތުރުކުރެވިއްޖެ 126 އައިސީޔޫ ބެޑް. މާލެ އަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު 31، އަތޮޅުތަކުގެ އެކި ރަށްރަށުގައި 95 އައިސީޔޫ ބެޑް އިތުރުކުރެވުނު. މިއީ ކުރިން އެއްގޮތަކަށް ވެސް ނެތް ތަންތަން. އޭގެ އިތުރުން… ކޮވިޑް އަށް ހާއްސަކޮށްގެން ފެސިލިޓީތަކުގައި 58 ވެންޓިލޭޓަރު އެބަހުރި. އަދި ސްޓޮކްގައި އިތުރަށް 30 އެބަހުރި.،” ރައީސް ސޯލިހް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
“މިހާރު އަޅުގަނޑުމެން އިއުލާންކޮށްގެން ކުރިއަށް ގެންދާ ކުދި ހޮސްޕިޓަލް ހެދުމުގެ މަޝްރޫއު ވެސް އޭގެ ތެރޭގައި ހިމެނޭ. ގާތްގަނޑަކަށް އޭގެ 18 ހޮސްޕިޓަލެއް އަޅުގަނޑުމެން ރާއްޖެ ތެރޭގައި ތައްޔާރުކުރެވޭނެ. އެއީ 30 ބެޑްގެ ހޮސްޕިޓަލް. މިހާރު ގިނަ ތަންތަން ވަނީ އިއުލާންކުރުމުގެ މަރުހަލާގައި. އަދި ކުރެހުންތަކާއި ހުރިހާ އެއްޗެއް ނިމި އެކަންތައްތައް އަޅުގަނޑުމެން މިހާރު ކުރަމުން މި ގެންދަނީ،” ނަސީމް ވިދާޅުވިއެވެ.


މިއީ މުސްތަގުބަލުގެ ޕްލޭންތަކެވެ. މި ކަންކަމުގައި އަމަލީ ސިފަ ޖެހެން ދުވަސްތަކެއް ނަގާނެއެވެ. މާލެ ސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތަކެއް ސަރުކާރުތަކުން ގާއިމުކޮށްފައި ވެއެވެ. އެ ގޮތުން ނިމިދިޔަ ސަރުކާރުގެ ތެރޭގައި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުން އިމާރާތްކޮށް ނިންމައި މި ސަރުކާރުން ހިދުމަތް ފެށި ދަރުމަވަންތަ ހޮސްޕިޓަލް ފާހަގަކޮށްލެވެއެވެ. މިއީ މާލޭ ސަރަހައްދުގައި ދައުލަތުން ދެމުން އަންނަ ސިއްހީ ހިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭގެ އިތުރު އަމިއްލަ ފަރާތަކުން ގާއިމުކުރި ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް އަލަށް އިތުރުކުރެވުނު އިމާރާތާ އެކު ގިނަ ހިދުމަތްތަކެއް މާލޭ ސަރަހައްދުގައި މިހާރު ދެމުން އާދެއެވެ. ނަމަވެސް ފަހަކާ ޖެހެންދެން މި ފޯކަސް އޮތީ ހަމައެކަނި މާލޭ ސަރަހައްދަށެވެ. ކޮވިޑާ އެކު އެނގިގެން ދިޔައީ ރަށްރަށުގައި ވެސް މިފަދަ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމެވެ.


ކޮވިޑްގެ ހާލަތުގައި ދަތުރުނުކުރެވި މާލެ ނާދެވެމުން ކޮވިޑް ނޫން ބަލިތަކަށް ހޯދަންޖެހޭ ފަރުވާތައް ހޯދުމުގައި އެތައް ބަޔަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެހެންކަމުން މާލެ އަށް އޮތް ފޯކަސް ރަށްރަށަށް ބަދަލުކުރަންޖެހޭކަން ދަނެ ސަރުކާރުން މިހާރު ވަނީ މަޝްރޫއުތަކެއް ރާވާފައެވެ. ކޮވިޑްގެ ދަތިތަކުގެ ތެރޭގައި ވެސް މި މަޝްރޫއުތައް ހިންގުމަށް އިސްކަންދޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. މިއީ ކުރިއަށް އޮތް 50 ވަރަކަށް އަހަރަށް އަމާޒުކޮށްގެން ގާއިމުކުރާ ތަންތަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން މި ދައުރު ނިމޭ އިރު އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުވެފައި އޮންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.


ރައީސްގެ އަންދާޒާއަކީ މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނަތީޖާ ފެނުމެވެ. މި ބަދަލުތަކާ އެކު ރާއްޖެ ކުރިން ނުދެކޭ ފަދަ އެތައް ބަދަލެއް ސިއްހީ ނިޒާމުން ފެނިގެންދާނެ ކަމުގެ އުންމީދު ބޮޑެވެ. ކުދި ކުދި ކަންކަމުގައި މާލެ އަންނަންޖެހި އަދި ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ ހުރިހާ ބާވަތެއްގެ ބަލިތަކަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭސްފަރުވާކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ ކޮންމެ މީހެއްގެ ވެސް އުންމީދެވެ. ހަގީގަތަށް ބުނާ ނަމަ މިއީ މިހާރު ފުރިހަމަވެފައި އޮންނަންޖެހޭނެ އުންމީދުތަކެކެވެ. ނަމަވެސް އެތައް ބައެއްގެ އިހްމާލުން މިއަދާ ހަމައަށް ވެސް މިކަންކަން ހުރީ ނުވެއެވެ. ރަށްރަށުގައި ސިއްހީ ހިދުމަތް އޮންނަނީ ނަމަކަށެވެ. ބަލިމީހާ އުފުލާނެ އެމްބިއުލަންސްގަނޑެއް ނެތްތަނުގައި ބޭހެއް ނުލިބޭ ކިތަންމެ ރަށެއް މިހާރު ވެސް އެބަ ހުއްޓެވެ. މިއީ ކުރު ރާސްތާ ޕްލޭނެއްގެ ދަށުން ހައްލުކުރަންޖެހޭ ކަންކަމެވެ. ސަރުކާރުގެ މިހާަރު އަމާޒު ހުރި ގޮތަށް ކަންކަން ދާ ނަމަ މިއީ އިންގިލާބީ ބަދަލަކަށް ވާނެއެވެ. މި މައްސަލަތަކަށް ދާއިމީ ހަލެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0