ވިލާކޮލެޖުން އެ ކޮލެޖްގެ ކެމްޕަސް ހިންގާ ރަށްރަށައް 20,000 މާސްކް ހަދިޔާކޮށްފި
15 ޖޫން 2021 - 13:49
ވިލާ ކޮލެޖުން އެކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށުގެ ރަށު ކައުންސިލުތަކަށް 000،20 މާސްކު ހަދިޔާކޮށްފިއެވެ.
ވިލާ ކޮލެޖުން ހަދިޔާކުރި މި މާސްކުތައް ކައުންސިލްތަކާއި ޙަވާލު ކޮށްފައިވަނީ، ކެމްޕަސްތަކުން އެ ކެމްޕަސް ހުންނަ ރަށްރަށުގެ ކައުންސިލް ތަކާއެކު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ތަކުގައެވެ.
ވިލާ ކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށްކަމުގައިވާ ހދ. ކުޅުދުއްފުށީ ކެމްޕަސް، ށ. ލޭކްސައިޑް ކެމްޕަސް (ށ. ފޮނަދޫ) ޅ. ނައިފަރު ކެމްޕަސް، އދ. މަހިބަދޫ ކެމްޕަސް، ލ. ގަން ކެމްޕަސް ގެ އިތުރުން ސ. ހިތަދޫ ކެމްޕަހުން، އެ ރަށްރަށުގެ ކައުންސިލްތަކާއި މާސްކުތައް ވަނީ ޙަވާލު ކޮށްފައެވެ.
ވިލާ ކޮލެޖުން ބުނީ މިއީ ދިވެހިރާއްޖެ “ކޮވިޑު 19″ގެ ބަލިމަޑުކަމުގެ ޙާލަތުގައި ތިބި މި ދަނޑިވަޅުގައި ވިލާ ކޮލެޖު ކެމްޕަސްތަކުން، ކައުންސިލްތަކަށް އެހީވުމުގެގޮތުން ކުރެވުނު ހަދިޔާއެއްކަމަށެވެ.
ވިލާ ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަތީތަޢުލީމު ފޯރުކޮށްދޭ އެއް މުޢައްޞަސާއަށް ވީއިރު، ކޮލެޖުގެ ކެމްޕަސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވަނީ ޤާއިމުކުރެވިފައެވެ.