ރިޕޯޓު: “އިހްމާލް” ފޮރުވަން މީޑިއާތަކުގެ ފަހަތުން ދުވުން ބަލައެއް ނުގަނެވޭ!

25 ޖޫން 2021 - 10:48

މަރާލުމަށް ފަހު ފޮއްޓަކަށް ލާ އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައާ ބެހޭ ގޮތުން މީޑިއާތަކުން ގެންދަނީ ތަފާތު އެތައް ޚަބަރުތަކެއް ފަތުރަމުންނެވެ. އޭގެ ތެރޭގައި ކުޑަކުއްޖާ އާއި އެ ކުއްޖާގެ އާއިލާގެ ކަރާމާތައް ގެއްލުންވާ ފަދަ އެތައް ވާހަކަތެއް މެއިންސްޓްރީމް މީޑިއާގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ދަނީ ފަތުރަމުންނެވެ. މިކަމާ ގުޅިގެން މީޑިއާގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެކަމާ ގުޅުންހުރި މައްސަލަތައް ބެލުމުގެ މަސައްކަތް އެ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ވެއެވެ.

މިކަން މި ގޮތަށް އޮއްވައި ޖެންޑަ މިނިސްޓްރީން މި ވަނީ ބައެއް މީޑިއާތައް ޖޫރިމަނާކޮށް އިންޒާރުގެ ނޯޓިސްއެއް ފޮނުވާފައެވެ. އެނގިފައިވާ ގޮތުގައި ޖެންޑަ މިނިސްޓްރީން މި ގޮތަށް އަމަލުކޮށްފައި ވަނީ މީޑިއާގެ ކަންކަމުގައި ގާނޫނީ ބާރު ދީފައި އޮތް ދެ މުއައްސަސާއާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިއެވެ.

advertisement

މިކަމާ ގުޅިގެން މީޑިއާތަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މީޑިއާތަކާ ގުޅޭ ދެ އިދާރާއެއް އޮއްވައި ސަރުކާރުގެ މިނިސްޓްރީއަކުން މީޑިއާތަކަށް ފިޔަވަޅު އެޅުން ބައެއް ފަރާތްތަކުން ސިފަކޮށްފައި ވަނީ މިއީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.


ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުތަކުން ބޭނުންވާ ގޮތަށް ހިފަހައްޓައި އޮބި އެޅުމަށް ސަރުކާރުތަކުން މީގެ ކުރިން ވެސް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެކަމުގައި ލިބުނު ކާމިޔާބީ އަށް ވުރެ ސަރުކާރުތަކަށް ކުރިމަތިވި ނާކާމިޔާބީ އާއި ގެއްލުން މާބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް މިފަދަ ގޮތަކަށް މަސައްކަތްކުރި އެވެ. މީޑިއާ ކައުންސިލާއި ބްރޮޑްކޮމްގެ ގާނޫނުގެ ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވޭތީ “އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު” ގެ ނަމުގައި ގާނޫނެއް އުފަންކުރުވައި މީޑިއާތައް ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އެ ނޫން ވެސް މައްސަލަތައް ފެންމަތިކުރުވަމުން ގެންދިޔަ މީޑިއަތަކާއި ނޫސްވެރިން މިލިއަނުން ޖޫރިމަނާކުރިއެވެ. ނަމަވެސް މީޑިއާގެ އަނގަ ބަންދުކުރަން ކުރި މަސައްކަތް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

މި ސަރުކާރު އައީ މީޑިއާގެ މިނިވަންކަމަށް ވަކާލާތު ކުރަމުންނެވެ. އެކަމުގެ ހެކި ސަރުކާރުން ދެއްކީ އަބުރުގެ ގާނޫނު އުވާލައިގެންނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައި ވަނީ މި ސަރުކާރުން މީޑިއާތައް ޖޫރިމަނާކޮށް ފިޔަވަޅު ނާޅާނެ ކަމަށެވެ. ނަމަވެސް ދައުރު ދެބައިވެ، އަނެއްކާ ވެސް ރިޔާސީ އިންތިހާބެއް ކައިރިވާން ފެށުމުން ސަރުކާރުގެ ރާގު މި ވަނީ ބަދަލުވާން ފަށާފައެވެ. މިނިވަން މީޑިއާގެ ދުއްތުރާ މި ސަރުކާރަށް ވެސް ހަޖަމްކުރަން އެހާ ފަސޭހައެއް ނުވިއެވެ.

މީޑިއާގައި ސުލޫކީ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. ހައްލުކުރަންޖެހޭ ގިނަ ކަންކަން ވެސް އެބަހުއްޓެވެ. ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ސަރުކާރުން މި ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމަށްޓަކައި އޮތް ޒަމާނަށް ނުފެތޭ ދެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް އޮތީ ކޮޅެއްގައި ނުޖެހިއެވެ. ދެ މުއައްސަސާ އެއްކޮލުމުގެ ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެއެވެ. ދާއިރާ ތަރައްގީކުރުމަށް އޮތް ދެ މުއްސަސާ އަށް ދެނީ ހަމައެކަނި އިދާރީ ހިންގުމުގެ ބަޖެޓެވެ. ދާއިރާ ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތަށް ލޯލާރި ވެސް ސަރުކާރަކުން ނުދެއެވެ. އެއިން ތަނެއްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތާ ވީހާ ދުވަހެކެވެ. މީޑިއާތައް މިހާލަތަށް ވެއްޓުމުގައި ސަރުކާރު ޒިންމާ ބޮޑެވެ. އެކަން އިސްލާހުނުކޮށް އަދި އެކަމަށްޓަކައި އުފައްދާފައި އޮތް އިދާރާތަކުގެ ބޭރުން އެހެން ގާނޫނުތަކާއި ގަވާއިދުތައް އުފަންކޮށް މީޑިއާތަކުގެ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފިޔަވަޅު އެޅުމަކީ މި ކަމަށް އޮތް ހައްލެއް ނޫނެވެ.

ޖެންޑަ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފިޔަވަޅު އަޅާފައި ވަނީ “ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު”ގެ 53 ވަނަ މާއްދާ އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކަަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ މިފަދައިންނެވެ.

“ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ. މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަޙްޤީޤުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ ޢާންމުންނަށް ޚިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއް ނަމަ، ލައިސެންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ،”

މި ގާނޫނު ފުރަތަމަ މަޖިލީހަށް ހުށަހެޅުމާ އެކު ވެސް މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. މީޑިއާތައް ޖޫރިމަނާކޮށް ލައިސެންސް ނުވަތަ ހުއްދަ ވެސް ހިފެހެއްޓުމުގެ ބާރު މިނިސްޓަރަށް މުތުލަގަށް ދިނުމަކީ އޭގެ ނަތީޖާ ފަހުން ގޯސްވާނެ ކަމެއް ކަމަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ވެސް އަދި ސަރުކާރުން ވެސް އެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ. މިއަދު ކުރީ ސަރުކާރެކޭ އެއްގޮތަށް އަބުރުގެ ގާނޫނު އުފަންކުރި ފަދައިން އެހެން ގާނޫނެއް އުފަންކޮށް ހަމައެކަނި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ނާތަހުޒީބު އަމަލެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގައި ފަހަތަށް އެޅި ފިޔަވަޅެކެވެ.

މިކަމާ ބެހޭ ގޮތުން ގާނޫނީ ބޭފުޅަކު ވިދާޅުވީ “ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު”ގެ 53 ވަނަ މާއްދާގައި ދީފައިވާ ބާރަކީ ޖެންޑަރ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ދީފައިވާ ބާރެއް ނޫން ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން އެ ބޭފުޅާ ފާހަގަކުރެއްވީ އެ ގާނޫނުގެ ދަށުން ޖެންޑަ މިނިސްޓްރީން ހަދާފައިވާ “ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު”ގެ 18ވަނަ މާއްދާ ތަރުތީބުކޮށްފައިވާ ގޮތެވެ. އެ މާއްދާގެ (ށ)ގެ (3) ވަނަ ނަންބަރުގައި ބުނެފައި ވަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަމެއް ކުރީ ޤާނޫނީ ޝަޚްޞަކުން ނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ މީޑިއާއަކުން ނަމަ، އަދި އެ ކަމެއް ކުރީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ

ރެގިއުލޭޓަރީ އިދާރާއަކަށް މައްސަލަ ފޮނުވައި، އެކަން އާންމުކުރުން؛ ކަމަށެވެ. ގާނޫނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މީޑިއާތަކެއް ނަމަ އަމަލުކުރަންވާނެ ގޮތް އެ ގަވާއިދުގައި އެ ވަނީ ކަނޑައަޅާފައެވެ. އަދި އެއާ އެކު އެކީގައި 2019 ވަނަ އަހަރު މަޖިލީހުން ފާސްކުރި ވުޖޫދުގެ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި މީޑިއާތަކާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު އެމްއެމްސީ އަށް ދީފައިވުމުން މީޑިއާތަކަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ވެސް ޖެންޑަ މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ގަވާއިދުގައި ޖޫރިމަނާ އާއި އެ ނޫން ވެސް ފިޔަވަޅުތަކަކީ ޤާނޫނީ ޝަޚްޞްތަކާއި މީޑިއާތައް ފިޔަވައި ދެން ހުރި އެހެން ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކެވެ. އެހެންކަމުން މިނިސްޓްރީގެ މި ފިޔަވަޅަކީ އެ ބޭފުޅުން އަމިއްލަ އެކުލަވައިލި ގަވާއިދާ ވެސް ހިލާފު ފިޔަވަޅެއް ކަމަށް ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.

އަނެއްކޮޅުން މީޑިއާތަކަށް ފިޔަވަޅު އަޅާފައި މި ވަނީ ކުޑަކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޖެންޑަ މިނިސްޓްރީގެ ގިނަ އިހްމާލުތަކެއް ހުރި ކަމަށް ވެސް ތުހުމަތުކުރެވިފައި ވަނިކޮށެވެ. އެ ގޮތުން އެ ކުއްޖާ މަރާލާފައި ވަނީ އެ ކުއްޖާ އަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވަނިކޮށް، އަދި އެކަމާ ގުޅޭ ގޮތުން މީޑިއާތަކުން ގިނަ ސުވާލުތަކެއް ވެސް ފެންމަތިކުރަމުން ދަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުގެ ކިބައިން “ހޭ ވެސް އަހާނުލައި” ފިޔަވަޅު އެޅުމަކީ ގާނޫނަކުން ބާރު ލިބިފައި އޮތެއް ކަމަކު މިނިސްޓްރީގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ.

މިކަމާ ގުޅިގެން މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ “ކުޑަކުދިންގެ އަދުލުގެ ގާނޫނު”ގެ 15 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ޚަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ހަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކުރާ އުސޫލް އެކުލަވައިލުމުގެ ބާރު ލިބިދީފައި ވަނީ ކައުސިލަށް” ކަމަށެވެ. އެހެން ކަމުން އެ އުސޫލުގެ ދަށުން “ކުޑަކދުިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު”ގެ 33 ވަނަ މާއްދާއާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ މީޑިއާ ކައުންސިލުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

“އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި އިޖުރާއަތުން ބޭރުން އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެ ކަމެއްކަމުގައި މި ކައުންސިލުން ގަބޫލެއް ނުކުރާ” ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް، އަދަބު ދިނުން ނޫން ކަމަށާއި މި ގޮތަށް މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލްކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ހިނގައިދާނެ ކަމެއްގެ ގޮތުގައި ވެސް ވެސް މީޑިއާ ކައުންސިލުން ސިފަކޮށްފައި ވެއެވެ.

“ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު”ގެ 53 ވަނަ މާއްދާގައި ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް މީޑިއާތަކާ ގުޅޭ ކަންކަމުގައި ފިޔަވަޅު އެޅުމަކީ ބްރޮޑްކޮމް އާއި އެމްއެމްސީގެ ގާނޫނުން މަތިކޮށްފައިވާ ކަމެކެވެ. އަދި ބްރޯޑްކޮމް އިން ދޫކޮށްފައިވާ ލައިސަންސެއް ބާތިލްކުރުމަކީ ކޮމިޝަނުގެ ނިންމުމަކުން ކޯޓުން ނޫނީ ނުކުރެވޭ ގޮތަށް ގާނޫނުގައި މިހާރު ވެސް އޮއްވައި، ޢާންމުންނަށް ޚިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއް ނަމަ، ލައިސެންސް ހިފެހެއްޓުން ފަދަ ފިޔަވަޅެއްގެ ތެރެއިން ލައިސަންސް ހިފަހައްޓައި އަދި މީޑިއާތަކުގެ ހުއްދަ ހިފެހެއްޓުމަކީ ޖެންޑަ މިނިސްޓްރީ އަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އެއީ ގާނޫނީ ތައާރަޒުވުމެކެވެ. އިސްލާހުކުރަންޖެހޭ ކަމެކެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލަ އާއި އަދި މި ނޫން ވެސް މިފަދަ އެހެން މައްސަލަތަކުގައި ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމުގައި ސުލޫކީ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. ކުއްޖާގެ ކަރާމާތް ރައްކާތެރިކޮށްދިނުމަކީ ހުރިހާ ފަރާތްތަކެއްގެ ވެސް ޒިންމާއެކެވެ. އެކަންކަން ކަމާ ބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ. ނަމަވެސް މީޑިއާތަކުގެ މައްސަލަތައް ހައްލުކުރުމަށް ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅު އެޅުމަކީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ މި ޒަމާނުގައި އޮތް ހައްލެއް ނޫނެވެ. މީޑިއާތަކުގެ ސުލޫކީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު މިކަމުން ސުވާލު އުފެދެއެވެ. މީޑިއާތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ އެވެ. ނަމަވެސް ދަނޑިމާރު އަޅައިގެން ކަންކަން ހައްލުވާނެ ކަމަށް ގަބޫލުކުރަމަކީ މޮޔަކަމެކެވެ. ބައެއްގެ އިހްމާލު ފޮރުވުމަށް މީޑިއާތަކުގެ އަނގަ ބަންދުކުރަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0