ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަނީ ވަރަށް ބޮޑުތަން ކުޑަކޮށްދީފައި – ރައީސް

30 ޖޫން 2021 - 14:18

ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، އިތުރަށް އަގު ކުޑަކުރަންވެއްޖެނަމަ، ދަޢުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޔާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުދެއްކުމަށްޓަކާ، ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަމަށެވެ.

advertisement

ހިޔާ ފްލެޓްތަކުގެ އަގުތަކާގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ސަރުކާރުން %8 އިންޓްރެސްޓް ރޭޓުގައި 20 އަހަރުން ދައްކާގޮތަށް ކޮމަރޝަލް ލޯނެއް ނަގައިގެންކަމަށެވެ. އަދި އޭރު ފްލެޓްތައް އަގުކޮށްފައިވާގޮތުން ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ޖެހޭކަމަށާއި، 20 އަހަރުން ދައްކާނަމަ، މަހު ކުލީގެ ގޮތުގައި 10،419 ރުފިޔާ ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ސޯޝަލް ހައުންސިންގެ ގޮތުގައި ދޫކުރާ ތަނަކަށް މިއީ ބޮޑު އަދަދެއްކަމަށާއި، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ، ކުރީގެ އަގުތައް ރިވިއުކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައަޅާފައިވާ އަގެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަކުރަންވެއްޖެނަމަ، ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް، ދަޢުލަތުގެ ބަޖެޓުންވެސް ވަރަށް ބޮޑު ޢަދަދެއް ހޭދަކުރަންޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ފްލެޓްތަކުގެ ވެރިފަރާތާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހު 14 ގައި ފެށުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0