ޖުލައި 23 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތައް ކަރަންޓީނުން ދޫކުރުމާއި ޕީ.ސީ.އާރ ޓެސްޓު ހެދުމާގުޅޭ ގަވާއިދު
25 ޖުލައި 2021 - 13:54
ޖުލައި 23 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖެއައިސް ކަރަންޓީނުގައި މިވަގުތު ތިބި ފަރާތްތަކާއި އަދި 23 ޖުލައި 2021 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތް އެޗްޕީއޭއިން އިއުލާންކޮށްފިއެވެ.
އެގޮތުން ޑަބްލިއުއެޗްއޯއިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ފުރިހަމަކޮށް ރާއްޖެ އައިސް 7 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލުވޭނެއެވެ.
މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ދޫކޮށްލެވޭނެކަމަށް އެޗްޕީއޭ ބަޔާންކޮށްފައިވެއެވެ.
މިގޮތުގެ މަތިން ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީ.ސީ.އާރ ޓެސްޓު ހަދަންވާނެއެވެ. އަދި ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީ.ސީ.އާރ ޓެސްޓު ހެދުމަށްވެސް އަންގަވާފައިވެއެވެ.
އަދި ހަމަ އެހެންމެ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން (ރާއްޖެ އަންނަ ދުވަހާ ހަމައަށް) 60 ދުވަސް ހަމަނުވާ ފަރާތްތަކާއި މި ފަރާތްތަކާ އެކުގައި ދަތުރުކޮށްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލެވޭނެއެވެ.
އަދި މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ތިރީގައިވާ ގޮތުގެ މަތިން ޕީ.ސީ.އާރ ޓެސްޓު ހެދުން ލާޒިމް:
- ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީ.ސީ.އާރ ޓެސްޓު ހެދުން
- ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ ތެރޭގައި ޕީ.ސީ.އާރ ޓެސްޓު ހެދުން.
މި ހާލަތްތަކަށް ނުފެތޭ 23 ޖުލައިގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން އަންގައެވެ..