ރިޕޯޓު: “މާލެ އަށް”، ނިމުމެއް ނެތް ސުރުހީއެއް!
11 އޯގަސްޓް 2021 - 9:00
“ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި އެކަކު ފަރުވާ އަށް މާލެ ގެންނަނީ” އެވެ. “މާދޫގައި އަލިފާނުގެ ހާދިސާއެއް، ހަތަރު މީހަކު ފިހިގެން މާލެ ގެނެސް ފަރުވާދެނީ” އެވެ. “އުތުރުގައި ނަގާ ކޮވިޑް ސާމްޕަލް ޓެސްޓް ކުރަން މާލެއަށް” ގެންނަނީއެވެ. “މުލީގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސްފި” އެވެ. މިއީ ހައްތަހާ ވެސް ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި އޮންލައިން ނޫސްތަކުގެ ސުރުހީތަކެވެ. ފާހަގަކުރެވުނު ކަމަކީ ކަމެއް ޖެހޭ އިރަށް މާލެ އައުން ނޫން ގޮތެއް އަދިވެސް ނެތީއެވެ. މާލެ ގެނެސްގެން ވާން ނެތުމުން ބޭރަށް ދާންޖެހޭ ވާހަކަ އަދި ބާއްވާށެވެ. ހާއްސަކޮށް ސިއްހަތާ ގުޅުންހުރި ކަންތައްތަކުގައެވެ.
މިއީ ނިމުމެއް ނެތް ސުރުހީތަކެކެވެ. ކުޑަ ސިޓީ އުވާލައި މާލެއަކީ ހުއްދައެއް ނެގުމެއް ނެތި ކޮންމެ ބަޔަކަށް ވެސް އެރޭ ރަށަކަށް ވީއްސުރެ ވެސް މިކަން އޮތީ މިހެންނެވެ. އޭގެ ކުރިން މާލެ އާދެވެނީ ކުޑަ ސިޓީއަކުން ހުއްދަ ނަގައިގެންނެވެ. އޭރު ވެސް އެކި ބޭނުންތަކުގައި މާލެ ނައިސް އުޅެން ދައްޗެވެ. މާލެ ނައިސް ބޭނުންތައް ފުއްދަމުން ދިޔަ ދެކުނުގެ ބައެއް ރަށްތަކަށް ޖެއްސި ހާލު ތާރީހުގެ ފަތްފުށްތައް ހާވާލީމާ ފެންނާނެއެވެ. އެންމެ ކުޑަމިނުން މުސާރަގަނޑު ބަލައި ވެސް ކޮންމެ މަހަކު ދަތުރު ހަދާފައި އަންނަންޖެހެނީ މާލެއެވެ. އެ ދުވަސްތައް މާޒީވެ، ދިޔަ ނަމަވެސް ބައެއް ކަންކަމުގައި ހާލަތު އަދިވެސް އޮތީ ހަމަ އެ ގޮތަށެވެ.
ރާއްޖޭގެ އެކި ކަންކޮޅަށް ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ބޮޑެތި “ތަރައްގީތައް” އައިސްފިއެވެ. ޒަމާނީ ވަސީލަތްތަކަށް ދިވެހިން ފަރިތަވެއްޖެއެވެ. ސްމާޓް ފޯނާއި ސްމާޓް ޓީވީ އާއި 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓް ލިބޭނެ ގޮތް ހަމަޖެހިއްޖެއެވެ. ރޭޑިއޯ ސިގްނަލްގެ އިންތިޒާރުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް އައިސް ވަގުތުން ވަގުތަށް ޚަބަރުތައް ތިމާ އަށް ލިބޭނެ މަގު އިންޓަނެޓާއި މޯބައިލުން ތަނަވަސްވެގެން ހިނގައްޖެއެވެ. ރަށްތަކުގައި ދިރިއުޅެމުން އަންނަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މުޖުތަމައު ތަހްޒީބު ވެއްޖެއެވެ. މިހުރިހާ ކަމެއް ބަދަލުވެގެން ދިޔަ އިރު ވެސް ބަދަލު ނުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ބޮޑެތި ކަންކަމުގައި އަދިވެސް މާލެ އަންނަން ޖެހުމެވެ.
ޒަމާނީ އެތައް ތަރައްގީއެއް ލިބުނު އިރު ވެސް ރާއްޖޭގެ ރަށްތަކުގައި ސާފު ބޯފެން ލިބޭނެ ގޮތް ނެތުމާއި ލޮނު ފެނުން ފެންވަރައި، ގައިން ތާހިރުވެގެން އުޅެންޖެހިފައި ތިބި އެތައް ރަށެއް އަދިވެސް އެބައޮތެވެ. ފެނާއި ނަރުދަމާގެ ހިދުމަތް އަދިވެސް އޮތީ “ގާއިމުކުރުގެ މަގުމަތީގަ” އެވެ. ކޮންމެ މީހެއްގެ އަތުގައި ޒަމާނީ ފޯނެއް އޮތެއް ކަމަކު ތަނެއް ބިންދައިގެން ހިނގައްޖެ ނަމަ އެކްސްރޭގަނޑު ނަގަން ވެސް އަދިވެސް މާލެ އަންނަންޖެހޭ އައުމަކަށް ހުއްޓުމެއް ނެތެވެ. ސިއްހީ ބޮޑެތި ބަދަލުތަކެއް ފާއިތުވި އަހަރުތަކުގައި ރަށްތަކަށް އައި ނަމަވެސް ބޮޑު ކަމެއް ޖެހިއްޖެ ނަމަވެސް އަދިވެސް ވެރިރަށް މާލެ އަށް ނައިސް ވާނެ ގޮތެއް ނެތެވެ.
ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ދިވެހިން އަދިވެސް ތިބީ ތަރައްގީގެ ކޮޅު ފެންނަ ހިސާބުގައެވެ. ސަބަބެއް ކަމަށް ބުނަނީ އަސާސީ ބޭނުންތަކުގައި މާލެ އަށް ކުރަންޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސްފައި ނުވުމެވެ. އަމިއްލަ ރަށުން ނުވަތަ ކައިރި ސަރަހައްދަކުން ވެސް އަސާސީ ބޭނުންތައް ފުދޭނެ ގޮތެއް ނެތުމުންނެވެ. ލާމަރުކަޒީ ގާނޫނެއް ވުޖޫދުވެ، ރަށްތަކުގެ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ކަރުދާހުގައި ދީފައި އޮތް ނަމަވެސް ލައިސަންސް ކާޑާއި އައިޑީކާޑް އަދި ޕާސްޕޯޓް ފަދަ މުހިންމު ލިޔެކިޔުންތައް ހެދުމާއި މި ނޫން ވެސް އެތައް ކަމެއްގައި ބައެއް ރަށްރަށުން އަދިވެސް މާލެ އަންނަންޖެހެއެވެ.
މިހެން ބުނި ނަމަވެސް ފާއިތުވި އަހަރުތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ނުލިބެއެކޭ ނޫނެވެ. ތައުލީމީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވެއެވެ. އަމިއްލަ ރަށުގައި ތިބެގެން އޯލެވެލް ހެދުމާއި އަތޮޅުން އޭ ލެވެލް އަށް ކިޔެވުމުގެ ފުރުސަތާއި އޮންލައިންކޮށް ޑިގްރީ ލެވެލްގެ ބައެއް ކޯސްތައް ރަށުގައި ތިބެ ފުރިހަމަކުރެވޭނެ މަގު ތަނަވަސްވެފައި ވެއެވެ. މަތީ ތައުލީމު ހާސިލްކުރުމަށް މާލެ އައުން ނޫން ގޮތެއް ނެތް ކަމަށް ދެކޭ ދެކުމާއި މޮޅަށް ކިޔެވޭނީ މާލެ އައިސްގެން ކަމަށް ދެކޭ ދެކުން މިހާރު ކޮންމެވެސް ވަރަށް ބަދަލު ވެއްޖެއެވެ. ރަށްރަށުގެ ބައެއް ސްކޫލްތަކުން މާލެ އަށް ވުރެ ރަނގަޅު ނަތީޖާތައް ނެރުމަކީ އޭގެ ހެއްކެކެވެ. ނަމަވެސް އެއީ ކޮންމެ ރަށަކަށް ލިބިފައިވާ ނަސީބެއް ނޫނެވެ. މިހެން ވެސް ފާހަގަކުރެވެން ހުރީ ވަރަށް މަދު ކަމެކެވެ. ގިނަ ކަންކަމުގައި އަދިވެސް އޮތީ މާލެ އައުމެވެ.
އަސާސީ ހިދުމަތްތަކުގެ ތެރެއިން މާލެ އަށް އެންމެ ބޮޑަށް ބަރޯސާ ވާންޖެހިފައި ވަނީ ސިއްހީ ހިދުމަތާއި އާންމު ކާބޯތަކެތި ހޯދުމުގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަގުވާމީ ބަނދަރުތައް ގާއިމުކުރެވިފައިވީ ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން ވެސް އެ ބަނދަރުތަކަށް ސީދާ ބޭރުން އުޅަނދުފަހަރު ޖައްސައި މުދަލެއް ނުގެނެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދީފައެވެ. އުތުރާއި ދެކުނު ބަނދަރުތަކަށް ސީދާ ބޭރުން އުޅަނދުފަހަރު މިހާރު ދަތުރުކުރެއެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ކާބޯތަކެއްކާއި އިމާރާތްކުރުމާއި އެ ނޫން ވެސް މުދަލުގެ ބޮޑު ބައެއް އަދިވެސް ޖަމާވަނީ މާލޭގެ ވިޔަފާރި ބަނދަރަށެވެ. ރަށްތަކުގެ އުޅަނދުފަހަރު އަދިވެސް ޖެހެނީ އެ ތަކެތި ހޯދުމަށް މާލެ އަށް ދަތުރުކުރަންށެވެ. މި ކަމަށް އެދެވޭ ހައްލެއް އޮތީ މަރުކަޒީ ގޮތުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުމަށް ގެންގުޅޭ ވިސްނުމުގައި އަމަލީ ސިފައެއް ޖައްސައިގެންނެވެ. ނަމަވެސް މިއީ ކޮންދުވަހަކުން ހާސިލްވާނެ ލަނޑުދަނޑިއެއް ކަމެއް ލަފާކުރަން ވެސް ދައްޗެވެ.
ޒަމާނީ ފޯނުތަކާއި ސްމާޓް ޓީވީ އާއި އޮޓަމެޓިކް ދޮންނަ މެޝިނަކީ ދިވެހިންނަށް ފަރިތަ ތަރައްގީގެ ކުލަވަރު ދައްކުވައިދޭ ސާމާނުކަމުގައި ވިޔަސް ހަގީގީ ތަރައްގީ ގުޅިފައި ވަނީ އަސާސީ ބޭނުންތަކާއެވެ. މާލެ އަންނަންނުޖެހި ތިމާ ހުރި ހިސާބަކުން ނުވަތަ ކައިރި ސަރަހައްދަކުން އެ ބޭނުންތައް ފުދޭނެ ގޮތެއް ހަމަޖެހުނު ދުވަހަކުން ނޫނީ ހަގީގީ ތަރައްގީ ހާސިލެއް ނުކުރެވޭނެއެވެ. އަނިޔާއެއް ލިބޭ އިރަށް ގަދަކަނޑުގައި ނޫނީ ހެލިކޮޕްޓަރުގައި އެމަޖެންސީކޮށް މާލެ ގެންނަން ނުޖެހޭ ދުވަހެއް އައިސްގެން ނޫނީ ތަރައްގީގެ ފޮނި މީރުކަން ހާސިލްވާކަށް ނެތެވެ. މާލޭގެ ބަދަލުގައި އައްޑޫ ނުވަތަ ކުޅުދުއްފުށީ ނުވަތަ ތިނަދޫ ފަދަ މަރުކަޒީ ރަށްތަކުން މި ހިދުމަތްތައް ލިބޭނެ މަގު ފަހިވެ، މީޑިއާތަކުގެ ސުރުހީތަކުގައި މާލެ ނޫން އެހެންތަނެއްގެ ނަން ގެނެވޭނެ ފެންވަރަށް ރާއްޖެ މިހާރު އޮންނަންވާނީ ތަރައްގީވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އަށް ބަލާއިރު ހަމަހަމަ ގޮތެއްގައި ބެހިގެން ދާ ނަމަ މި ލަނޑުދަނޑިއަކީ މިހާރު ވެސް ހާސިލްވެފައި އޮންނަންޖެހޭ ލަނޑުދަނޑިއެކެވެ.