ރިޕޯޓު: އެންމެ ތަސްވީރެއް، އެކަމަކު އެތައް ފިލާވަޅެއް!

19 އޯގަސްޓް 2021 - 13:42

އިޖުތިމާއީ ވަރަށް މުހިންމު މައްސަލަތަކަށް އަލިއަޅުވާލައި މުހިންމު ޕޯސްޓައް ކުރާ ނޫސްވެރިއެއް ކަމަށްވާ މަރިޔަމް ވަފާ ވަރަށް ފަހުން ސޯޝަލް މީޑިއާ އަށް ދޫކޮށްލި ފޮޓޯއެކެވެ. ފެންނަނީ މާލޭގެ ފުޓްސަލް ދަނޑެއްގައި އެއް އަރިމަތީގައި ހުރި ގިނަ އަދަދެއްގެ ކުނި ބުންޏެވެ. ގިނައީ ޕްލާސްޓިކް ހުސްފުޅިއެވެ. އެ ތަސްވީރާ އެކު މުހިންމު މެސެޖެއް ވެސް ދޫކޮށްލާފައި ވެއެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ ތަސްވީރަށް ވުރެ ބޮޑަށް މެސެޖަށެވެ. ލިޔެފައި ވެއެވެ.

“މިއީ ދަ ގްރޭޓް މާލޭގެ ފުޓްސަލްއަށް ޚާއްސަ ދަނޑެއްގެ އެތެރެއެވެ. މިތަން ފެނި، ހައިރާންވެ އަންތަރީސްވީއިރު މިތަން ބޭނުންކުރަމުންދިޔަ އެއްވެސް ޒުވާނަކަށް މިއީ މާ ބޮޑުކަމަކަށްވެގެން އުޅޭތީއެއް ނުފެނެއެވެ. އެވެރިންނަށް މިމަންޒަރު ފެނިފެނި އާދަވީއެވެ. މިއީ ފުޓްސަލް ނުކުޅޭ މީހުން ވަދެ ނުކުމެހަދާ ތަނެއް ނޫނެވެ. މޮޅަށް ފުޓްސަލް ކުޅޭ ކިޔަވައިގެން ތިބި ޒުވާނުން ބޭނުންކުރާ ތަނެކެވެ. މިތަނުން ފެންނަ ފުޅިތައް މިއީ އޮޔާ ލައްގާފައިވާ އެއްޗެއްނޫނެވެ.

advertisement

މިތަނުގައިވާ ކޮންމެ ފުޅިއަކީ ކޮންމެވެސް މީހަކު ފެން ބޯން ބޭނުން ކުރި ފުޅިއެކެވެ. ގާއިމު އެކަކު ބޮއެ ހުސްކުރިހާ ފުޅިތަކެއް ކަމަކަށް ނުބެލެވެއެވެ. މިގޮތް ހަމަ އެތަނުގައި ކުޅޭ ޒުވާނުންނަށް އޯކޭވީބާވައެވެ؟ ކުންޏަކީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއްތޯއެވެ؟ ޕްލާސްޓިކްގެ ނުރައްކަލަކީ ހަމައެކަނި ސިޔާސީ ކުޅިވަރެއްބާވައެވެ؟ ކިޔަވައިގެން ތިބި ދިވެހި ދަރީން އުނގެނުނުހާ ޢިލްމަށް ވީ ކިހިނެތްތޯއެވެ؟

ޑަސް ބިން ނެތުމަކީ ކުނި އަޅަން ލިބޭ ފާހެއްބާވައެެވެ؟ އެތަނުގައި ފާޚާނާ ތައްޓެއްވެސް ނެތެވެ. އެހެންވީމަ ޤަޟާ ޙާއްޖަތް ވެސް ކުރަންވީތޯއެވެ؟ ނޫނެކެވެ. އެކަމަށްދަނީ ގެއަށެވެ. ތިމާ އުފައްދާ ކުނިވެސް ގެއަށް ގެންދާށެވެ. ނުވަތަ ޑަސްބިނެއް ހުރި ހިސާބަކަށް ގެންދަން އާދަކުރާށެވެ. ތަރައްޤީ އަކީ މިފަދަ ޢަމަލެވެ. ކުދިކުދި ކަންކަމެވެ.”

މި މެސެޖް ކުރު ނަމަވެސް ތަސްވީރެކޭ އެއްގޮތަށް އެތައް ވާހަކައެއް ބުނެދެއެވެ. އެއް ކަމަކީ ދުރޫސުލް އަހްލާގުގެ ވާހަކައެވެ. އަނެއް ކަމަކީ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކެވެ. އަނެއްކަމީ ތިމާވެށި ރައްކާތެރިކުރުމުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމެވެ. ހަގީގީ ތަރައްގީއަކީ ކޮބައިކަމާ މެދު ވެސް މި މެސެޖްގައި އަލިއަޅުވާލާފައި ވެއެވެ.

ސުވާލަކީ ވަފާ އެ ފާހަގަކުރާހެން ތައުލީމީ ޒުވާނުންތަކެއް ބޭނުންކުރާ ތަނަކަށް މި ހާލަތު މެދުވެރިވީ ކީއްވެ ހެއްޔެވެ؟ ހަމަ ވިސްނޭ ޒުވާނުންތަކެއްގެ ކިބައިގައި ދުރޫސުލް އަހްލާގު ނެތީ ކީއްވެ ހެއްޔެވެ؟ ތިމާ ވަށައިގެން އޮންނަ މާހައުލުގެ ސާފު ތާހިރުކަމަކީ މި ބުނާ ދުރޫސުލް އަހްލާގުގެ ތެރެއިން ހިމެނޭ ކަމެކެވެ. ދުރޫސުލް އަހްލާގަކީ ހަމަ ކުއްލިއަކަށް އަށަގަންނަ ކަމެއް ނޫނެވެ. އެއީ ތަރުބިއްޔަތުގެ ތެރެއިން އިންސާނާ އަށް ލިބިދޭ އާދަތެކެވެ. ސާފު ތާހިރުކަމާއި މީހުންނާ މުއާމަލާތްކުރާނެ ރިވެތި ގޮތްތަކާއި މުޖުތަމައުގެ ތެރޭގައި އަދަބު އަހްލާގު ބަހައްޓަންވީ ގޮތްތަކަކީ ތައުލީމީ ނިޒާމުގެ ބައެއްގެ ގޮތުގައި ބަލައި އަދި ތަރުބިއްޔަތުގެ ތެރެއިން އެންމެ ޅަފަތުން ފެށިގެން ދަސްކޮށްދެވޭ ކަންކަމަށް ވެއްޖެ ނަމަ އަހަރެމެންގެ ކުރިއަށް އޮތް ޖީލުގެ ކިބައިން މިކަންކަން ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

ވަފާގެ ތަސްވީރުން ދޭ އެއް މެސެޖަކީ އަހަރެމެންގެ ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމެކެވެ. ދިރިއުޅުމުގެ އާދަކާދަ ދަސްކޮށްދިނުމުގެ ބައި އިތުރުކުރަންޖެހޭ ކަމެކެވެ. ޖަޕާން ފަދަ ބައެއް ގައުމުތަކުގެ ރައްޔިތުންގެ ކިބައިން މި ދެންނެވި ރިވެތި އަހްލާގީ ސިފަތައް ފެންނަނީ އެ މީހުންގެ ތައުލީމީ އަދި ތަރުބިއްޔަތުގެ ނިޒާމުގެ ތެރެއިން އެކަންކަން ދަސްކޮށްދީ އުނގަންނައި ދޭތީއެވެ. ކޮންމެ ދުވަހަކު ސްކޫލް ނިމޭ އިރު ދަރިވަރުންގެ ކްލާސްތަކުން ކުނި ނެގުމާއި ސާފުކުރުން ފަދަ ކަންކަމަށް ހަފުތާއެއްގެ ވަކި ދުވަސްތަކެއް ހާއްސަކުރުމާއި ދިރިއުޅުމުގެ އާދަކާދަ އާއި މުޖުތަމައުގެ އަދަބު އަހްލާގު ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ނިޒާމެއް ޖަޕާން ފަދަ ގައުމުތަގައި އޮވެއެވެ.

ރާއްޖޭގައި ވެސް މީގެ ކުރިން މި ފަދަ ގޮތަކަށް ތައުލީމީ ނިޒާމުގެ ތެރެއިން ދުރޫސުލް އަހްލާގު ދަސްކޮށްދެއެވެ. ނަމަވެސް ފަހަކަށް އައިސް އެއީ ހަމައެކަނި ޓެކްސް ފޮތުގައި އޮންނަ ފިލާވަޅަކަށް ވެއްޖެއެވެ. މިއީ ބަދަލުކުރަންޖެހޭ ކަމެކެވެ. މުޖުތަމައުގައި ހުރި ބޮޑެތި މަައްސަލަތަކުގެ އަސްލު ގޮސް ފެށެނީ މި ފިލާވަޅު އެކަށީގެންވާ ގޮތެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން އަދި ތަރުބިއްޔަތުގެ ތެރެއިން ވެސް ދަސްކޮށްދެވިފައި ނުވާތީއެވެ. ދަރިވަރުންގެ އަހްލާގީ މައްސަލަތަކާއި ބުލީ ކުރުމާއި އަދި ތައުލީމީ ހަޔާތުގެ ވަރަށް ކުރީކޮޅު ދުންފަތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި ގޭންގް މާރާމާރީތަކާއި ބަސް މަގުގެ މައްސަލަތަކަކީ އޭގެ ނަތީޖާއެވެ. ދުރޫސުލް އަހްލާގުގެ ފިލާވަޅު ނަގައިދޭ ގޮތް ބަދަލުކޮށް އާ ފެށުމަކުން ފަށައިފި ނަމަ ކުރި އަށް އޮތް ޖީލު ސަލާމަތް ކުރުމުގެ ކުޑަ އުންމީދެއް އެބަ އޮތެވެ.

ތިމާވެށި ރައްކާތެރިކުމުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ޕްރޮޕެގެންޑާއެކޭ ބުނެވިދާނެ އެތައް ކަމެއް އެބަ ހުއްޓެވެ. ތިމާވެށީ ރައްކާތެރިކުރުމުގެ ސިޔާސަތުގެ ވާހަކަ ގައުމުގެ ވެރިން އަދި އެކަން ކަމަށް ވަކާލާތުކުރައްވާ ސިޔާސީ ލީޑަރު ވަރަށް ގިނައިން ދައްކަވައެވެ. ނަމަވެސް ހަގީގަތުގައި ދައުލަތުގެ މުޅި ސިޔާސަތުގެ ތެރެއިން މިކަންކަމެއް ނުފެނެއެވެ. ކަނޑުގެ ލޮނުގަނޑު ބޮޑުވެ ރާއްޖެ އަޑިއަށް ދާ ވާހަކަ އާއި ރަަށް ގިރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން ލީޑަރު ދައްކަވާ ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ކިތަންމެހާ ވެސް ބޮޑެވެ. ކަރުތާ ފެނުގައި އަދި ކަނޑި އަޑީގެ ޖަލްސާތައް ބާއްވައިގެން ދެއްވާ މެސެޖްތައް ކިތަންމެހާ ވެސް ރީތި ނަމަވެސް ދައުލަތުގެ ތަރައްގީގެ ސިޔާސަތުގެ ތެރޭގައި މި ދެންނެވި ކަންކަމެއް ތަންފީޒުވާތަނެއް ނުފެނެއެވެ. މިހާރު ވެސް ބަޔަކު މުޒާހަރާކުރަމުން އެދަނީ މަނާ ސަރަހައްދަކުން ވެލި ނަގައިގެން ރިސޯޓް ހަދާތީއެވެ. އަނެއް ބަޔަކު އަޑު އުފުލަނީ އަތޮޅުގައި އޮތް އެންމެ ނާޒުކު ރަށުގައި ރިސޯޓް ތަރައްގީކުރާތީއެވެ. ބިން ހިއްކުމާއި ފަޅުތަކާއި ފިނޮޅުތައް ހިއްކައިގެން ރިސޯޓްތައް ތަރައްގީކުރުމާއި މި ނޫން ވެސް އެތައް ކަމެއް އެބަ ހިނގައެވެ. ގާނޫނީ ނިޒާމުގެ ތެރެއިން ހުއްދަތައް ވެސް ލިބިގެންނެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ކުޅިވަރެކޭ ނުވަތަ ދުނިޔެއަށް ދައްކާ ދަޅައެކޭ ނުބުނެވެންވީ ކީއްވެ ހެއްޔެވެ؟ ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ލީޑަރު ދެއްކެވި ނަމަވެސް ދައުލަތުގެ ސިޔާސަތުން ފެންނަނީ ދިމާ އިދިކޮޅެވެ.

ހަގީގީ ތަރައްގީއާ މެދު ކުރެވޭ ސުވާލަށް ވެސް އޮތީ މި ތަސްވީރުގެ ވާހަކައެކެވެ. ފެންވަރު ރަނގަޅު ފުޓްސަލް ދަނޑުތަކާއި ރީތިހެން ހީވާ ސްޓޭޑިއަމްތަކާއި ބޮޑެތި އިމާރާތްތަކާއި ބްރިޖަތަކާއި މިހެން ގޮސް އުމްރާނީ ގޮތުން ކިތަންމެ ބޮޑު ތަރައްގީއެއް ވެސް ހޯދިދާނެއެވެ. ނަމަވެސް އެ ތަރައްގީގެ ހަގީގީ މާނަ ބިނާވަނީ އެ ފުޓްސަލްދަނޑުގައި ކުޅެން ތިބި ޒުވާނުންގެ ފިކުރާއި ވިސްނުމަށެވެ. މެސެޖްގައި ބުނާ ފަދައިން ދަނޑުގައި ހުއްޓައި ކުޑަކަމުދާންޖެހިއްޖެ ހާލަތެއްގައި އެތަނުގައި ހުރި ފާހާނާ ބޭނުންކުރުމުގެ ބަދަލުގައި ނުވަތަ އެފަދަ ތަނެއް ނެތް ހާލަތުގައި ގެއަށް ދިއުމުގެ ބަދަލުގައި ދަނޑުމައްޗަށް ނުވަތަ ދަނޑުގެ އަރިމައްޗަކަށް ޖެހިލައި އެކަން ކުރާ ނަމަ ތަރައްގީގެ މެޑަލެއްގެ ގޮތުގައި ފެންނަ އެ ރީތި ދަނޑުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ތަރައްގީއަކީ އިންސާނާ އަށް ވާގޮތެކެވެ. ތަރައްގީ ވާންޖެހެނީ ވެސް އިންސާނާއެވެ. ސިޔާސީ ކަންކަމުން އެއްފަރާތް ވެލައި ކުޑަކޮށް ވިސްނުން އެހެން މިސްރާބަކަށް ދީއްލާލައިފި ނަމަ މި ތަސްވީރުން އެ ބުނެދޭ އެތައް ވާހަކައެއް ދޭހަވާނެއެވެ. އަލުން ތަސްވީރަށް ބަލާލާށެވެ. އަދި މެސެޖް ކިޔާލާށެވެ.

ރިއެކްޝަންސް
0
1
0
1
0
1
0