ރާއްޖޭގައި ވަރި ގިނަވާ އެންމެ ބޮޑު ސަބަބު
29 އޯގަސްޓް 2021 - 16:10
ރާއްޖެއަކީ ނިސްބަތުން ބަލާއިރު ވަރީގެ އަދަދު އެންމެ ގިނަ ޤައުމެކެވެ. 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިއީ ދުނިޔޭގެ ރެކޯޑެކެވެ. އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު 2014 ވަނަ އަހަރުން ފެށިގެން އޮތީ ދިވެހިރައްޖޭގައެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ، ރާއްޖޭގައި ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 އިންސައްތަ ވަރި، ނިސްބަތުން ބަލާނަމަ ކުރާ ކަމަށެވެ. ރާއްޖެ ފިޔަވާ ދެވަނައަށް އެންމެ ވަރި ގިނަ ގައުމަކީ ބެލަރޫސް އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރި އެވެ. މި ލިސްޓުގައި ތިންވަނައިގައި ވަނީ އެމެރިކާ އެވެ. އެ ގައުމުގެ ވަރީގެ ރޭޓްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ކޮންމެ 1000 މީހަކަށް 4.34 ވަރި އެވެ.
އިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.
ރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވެދާނެ ސަބަބުތަކެއްވެސް ހުރެދާނެއެވެ. ރާއްޖޭގައި ވަރިކުރުން އޮންނަނީ ފިރިމީހާއަށް ގޭގައި ހުރެގެންވެސް ވަރިކޮށްލާ ފަހުން ކޯޓަށްގޮސް ވަރި ސާބިތުކުރެވޭ ގޮތަށެވެ. އެހެންކަމުން ރުޅި އަންނަ ކޮންމެ ފަހަރަކު ވަރިކުރާ މީހުންވެސް އުޅެއެވެ. އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރި ސާބިތުކުރުމަށް ގިނަ މަރުހަލާތަކެއް ނޯވެއެވެ. މިއީ ފަސޭހަކަމަކަށް ވަނީ ވެފައެވެ. މިއީވެސް ވަރި އިތުރުވެދާނެ ސަބަބެއްކަމަށް ވެދާނެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ކައިވެންޏެއް ކުރުމަކީވެސް ގިނަ މަރުހަލާތަކެއް ފުރިހަމަކުރަންޖެހޭ ކަންކަމެވެ. ނަމަވެސް ރާއްޖޭގައި ކައިވެނި ކުރުންވެސް ވެފައިވަނީ ވަރަށް ފަސޭހަކަމަކަމަށެވެ. ކައިވެނީގެ މުހިންމުކަމާއި މިކަމުގެ ޒިންމާ ނޭންގެނީސް ޒުވާން އުމުރުގައި ރާއްޖޭގައި ކައިވެނިކުރާ ނިސްބަތް ގިނައެވެ. އެހެންކަމުން ކައިވެނި ރޫޅޭލެއް އަވަސްވެގެންދެއެވެ.
ކައިވެންޏަކީ މުޅި ދިރިއުޅުމަށް ވެވޭ އަހުދެކެވެ. މައްސަލަތައް ނުޖެހޭ ކައިވެންޏެއް ނުހުންނާނެއެވެ. ނަމަވެސް ގިނަ ކައިވެނިތައް ރޫޅެނީ ކައިވެންޏަށްފަހު ދިމާވާ މައްސަލަތައް ހައްލުކުރަން ނޭންގޭތީއެވެ.
ކައިވެނީގެ ބޭރުން އެހެންމީހުންނާއި ގުޅުން ބޭއްވުމަކީވެސް ރާއްޖޭގައި ކައިވެނިތައް ރޫޅެން ދިމާވާ މައްސަލައެކެވެ. އެހެންކަމުން ރާއްޖޭގެ ވަރީގެ ނިސްބަތް ދަށްކުރުމަށް ކައިވެނި ކުރުމުގެ ކުރިން މިއީ ކިހާ މުހިންމުކަމެއްކަން އިނގިހުރެ ކައިވެނީގެ ފަހުން އަންނާނެ އެންމެހައި ކަންކަމަށް 2 މީހުން ތައްޔާރުވެ ކައިވެނި ކުރުމަކީ މުހިންމުކަމެކެވެ. މިއީ ރާއްޖޭގެ ވަރީގެ ނިސްބަތް ދަށްކުރެވޭނެ ގޮތެއްވެސްމެއެވެ.