ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއް މައިންބަފައިންނަށް ހެދޭ ގޯސްތައް

30 އޯގަސްޓް 2021 - 17:52

ދަރިން ތަރުބިއްޔަތުކުރުމަކީ ޒިންމާ ބޮޑު މަސްއޫލިއްޔަތެކެވެ. ހެދޭ އެންމެ ގޯހަކުންވެސް ކުއްޖާގެ މުޅި ދިރިއުޅުމަށް އަސަރުކޮށްފާނެއެވެ. އެހެންކަމުން ލޯތްބާއިއެކު ދަރިން ތަރުބިއްޔަތުކުރަންޖެހެއެވެ. އަދި ދަރިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދޭންޖެހެއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އެ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކޮށް ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރެވޭނެކަމުގެ އުންމީދާއިއެކު ކުއްޖާ ތަރުބިއްޔަތުކުރުމުން ބެލެނިވެރިޔާގެ ޒިންމާ ރަނގަޅަށް އަދާކުރެވުނީއެވެ.

ދަރިންދެކެ ލޯބިވުމަށް ބެލެނިވެރިޔާއަށް ހުރަސްއެޅޭ ސަބަބުތައް

advertisement

ބެލެނިވެރިޔާ ދަރިންދެކެ ލޯބިވުމަށް ހުރަސްއެޅޭ މައިގަނޑު 2 ސަބަބެއް އޮވެދާނެއެވެ. ފުރަތަމަ ސަބަބަކީ ބެލެނިވެރިޔާ އޭނާ އަމިއްލަ ނަފްސު ދެކެ ލޯބި ނުވުމެވެ. އަމިއްލަ ނަފްސު ކުއްވެރިކޮށް އަމިއްލަ ނަފްސުދެކެ ރުޅިއަންނަ ބެލެނިވެރިންނަށް އެމީހުންގެ ދަރިންދެކެ ލޯބިވުމަށް ހުރަސްއެޅިގެންދެއެވެ. ބެލެނިވެރިޔާ ދަރިންދެކެ ލޯބިވުމަށް ހުރަސްއެޅޭ އަނެއް ސަބަބަކީ ބެލެނިވެރިޔާގެ އެކްސްޕެކްޓޭޝަންއާއި އެއްވަރަށް ދަރިފުޅުގެ ހުރިހައިކަމެއް ފުރިހަމަވާންޖެހޭ ކަމަށް ޤަބޫލުކުރެވުމެވެ. މިސާލަކަށް ބެލެނިވެރިޔާގެ އުންމީދުތަކާއި އެއްވަރަށް ދަރިފުޅުގެ ޕްރޮގްރެސް ނުހުރެދާނެއެވެ. ނުވަތަ އެހެން ކުއްޖަކާއި ތިމާގެ ދަރިފުޅު އަޅާކިއިދާނެއެވެ.

ދަރިފުޅަކީ ތިމާގެ މިލްކިއްޔާތެއް ނޫން

ދަރިފުޅުގެ ހުރިހައިކަމެއް ބައްޓަންވެފައި ހުންނަންޖެހޭނީ ބެލެނިވެރިޔާ ބޭނުންވާގޮތަކަށް ނޫނެވެ. އާނއެކެވެ. ދަރިފުޅަކީ ތިމާގެ ދަރިއެކެވެ. ނަމަވެސް އެއީ ތިމާއާއި ހަވާލުވެގެންވާ އަމާނާތެކެވެ. ދަރިފުޅު މިލްކުވެގެންވަނީ އޭނާއަށެވެ. އޭނާ ބޭނުންވާ ކަންކަން ކުރުމުގެ އިހްތިޔާރު އޮންނަންވާނީ ދަރިފުޅަށެވެ. އެއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމަކަށް ނުވާހާ ހިނދަކުއެވެ.

ލޯބިން ތަފާތު ފެންނާނެ

ލޯބި ލިބިގެން ބޮޑުވާ ކުދިންގެ ފަރާތުން އެ ތަފާތު ފެންނާނެއެވެ. އޭނާގެ އުޅުމާއި އެހެންމީހުންނާއިމެދު ކަންތައްތައްކުރާ ގޮތާއި ހިތްހަމަޖެހުން ލޯބި ލިބިގެން ބޮޑުވާ ކުދިންގެ އިތުރުވާނެއެވެ. އެހެންކަމުން ދަރިފުޅުކުރާ ކަމެއްގެ ސަބަބުން އެ ކުއްޖާދެކެ މައިންބަފައިން ވާލޯބި އެންމެ ތަންފުކެއްވެސް ކުޑަނުވާނެކަން ދަރިފުޅަށް ބުނެދޭންޖެހެއެވެ. މިއީ ބެލެނިވެރިޔާގެ ފަރާތުން ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ.

ތަރުހީބާއި ހިތްވަރުނުދިނުން

ދަރިފުޅު ކުރާ ކަންކަމުގައި ބެލެނިވެރިޔާގެ ފުރިހަމަ ތާއިދާއި ހިތްވަރު ދޭންޖެހެއެވެ. މިއީ ދަރިފުޅު ދިރިއުޅުމުގެ ދަތުރުގައި ކުރިއަށްދިއުމަށް ލިބޭ ހިތްވަރެކެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާނެކަމެކެވެ.

ދަރިއަކު ބަލާބޮޑުކުރުމަކީ އުނދަގޫ ޒިންމާބޮޑު ކަމެކެވެ. ބެލެނިވެރިއެއްގެ ދަތުރުގައި ބައެއް ފަހަރު ތިމާއަށް ގޯސްހެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ ގޯހެއް ހެދިއްޖެނަމަ ބެލެނިވެރިޔާވެސް ދަރިފުޅު ކައިރިން މައާފަށް އެދުމެވެ. އަދި 2 ވަނަ ފަހަރު އެކަން ތަކުރާރު ނުކުރުމެވެ. ދަރިފުޅަށް ލޯބި ދިނުމަށް ފުރަތަމަ ތިމާ އަމިއްލަ ނަފްސު ދެކެ ލޯބިވާށެވެ.

ރިއެކްޝަންސް
2
1
0
0
2
1
0