ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމަކީ ކުށެއް
12 އޮކްޓޯބަރ 2021 - 15:09
ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކައަކީ އަބަދުވެސް އެންމެ ހޫނުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކުދިންނަށް އާއިލާގެ ތެރެއިންނާއި އާއިލާއިން ބޭރުން ތަފާތު އެކިއެކި އަނިޔާތައް ލިބެމުންދާއިރު މިކަމާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
އޭގެ ތެރޭގައި އެކަމާ ދެކޮޅަށް އަޑު އުފުލުމާ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަގައިން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވެސް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ސަރުކާރާ، ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ހުއްޓުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދެއެވެ.
ނަމަވެސް ބައެއް ފަހަރު ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކަތައް ސިއްރު ކުރާ ފަހަރުވެސް ފެނިގެންދެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތައް އިނގިހުރެ ރިޕޯޓްނުކުރުމަކީ ކުށެކެވެ. ކުޑަކުދިންނާއި ގާތުން މަސައްކަތްކުރާ ބައެއް މީހުންވެސް މިފަދަ ކަންކަން އިގިހުރެ ސިއްރުކުރާ ތަން ފެނިގެންދެއެވެ. މިސާލަކަށް ކުޑަކުދިންނާއި ގުޅޭ މަރުކަޒެއްގައި މަސައްކަތްކުރާ މީހަކަށްވެހުރެ އެތަނުގައި މަސައްކަތްކުރާ އެހެން މީހެއްގެ ފަރާތުން ކުޑަކުއްޖަކަށް އަނިޔާއެއް ލިބިދާނެކަމުގެ ނުރައްކަލެއް އޮތްކަން އެނގިހުރެ އަދި އެކަން ހުއްޓުވުމަކީ ނުވަތަ އެ ނުރައްކާ ކުޑަކުރުމަކީ އޭނާގެ ބާރުގެ ދަށުގައިވާ ކަމެއްކަމުގައިވާ ހާލަތުގައި އެކަން ނުކޮށް ދޫކޮށްލުމަކީ ކުށެކެވެ.
މީގެއިތުރުން ކުޑަކުއްޖާގެ އާއިލާގެ މީހެއްކަމުގައިވީނަމަވެސް ކުއްޖަކަށް އަނިޔާއެއް ލިބޭނަމަ އެކަން ރިޕޯޓްނުކޮށް ނުވަތަ އެކަމާއި އަޅާނުލައި ދޫކޮށްލުމަކީ ކުށެކެވެ.
ކުޑަކުދިން ހިމާޔަތްކުރުމަކީ އަހަރެމެން އެންމެންގެ ޒިންމާއެކެވެ. މުޖްތަމައުން އެކުދިންނަށް ލިބިދާނެ އެންމެހައި ނުރައްކަލުން އެކުދިން ސަލާމަތްކުރުމަކީ މުޅި މުޖްތަމައުގެ ޒިންމާއެކެވެ.
ޖެންޑަރ މިނިސްޓްރީންގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ އަދަދު އިންތިހާއަށް އިތުރެވެ. އެކުދިން ރައްކާތެރިކޮށް ބަލަން ތިބޭ މީހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ އެކުދިން ބޮޑުވެގެން އަންނަ އިރު ދެވޭ ވަރަށް ވެސް ނުރަނގަޅު މެސެޖެކެވެ.
މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިގައުމުގެ ހުންގާނުގައި ހިފައި މި ގައުމު ކުރިއަރުވަން ތިބޭނެ މީހުންނެވެ. ނަމަވެސް އެކުދިންގެ މުސްތަޤުބަލް ވިއްސިވިލާހިކޮށް ފުނޑުފުނޑު ވެގެންދާއިރު ބައެއް ފަރާތްތަކުން މަންޒަރު ބަލަން ތިބުމަކީ އިންތިހާއަށް ހިތާމަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ.