ވަޒީފާ މާހައުލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވާ ބައެއް އަންހެނުން އެ ވާހަކަ ނުދައްކަނީ ކީއްވެ؟

13 އޮކްޓޯބަރ 2021 - 17:35

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ވަރަށް ގިނައިން ދިމާވާ މައްސަލަތަކެކެވެ. ރާއްޖޭގައިވެސް މިފަދަ މައްސަލަތައް ގިނައެވެ. ނަމަވެސް މައްސަލަތައް ރިޕޯޓްކުރާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރެވެއެވެ.

އެމެރިކާގެ އީކުއަލް އެންޕްލޯއިމަންޓް އޮޕަޗުނިޓީ ކޮމިޝަނުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާއިގެ ޝިކާރައަކަށްވާ %75 މީހުން އެކަންކަން ރިޕޯޓް ނުކުރާކަމަށެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ އަނިޔާ ލިބުނު މީހާއަކީ އެޓެންޝަން ސީކަރއެއްގެ ގޮތުގައި ލޭބަލްވާން ބޭނުންނުވުމެވެ. މީގެއިތުރުން މިފަދަ މައްސަލަތައް ރިޕޯޓްކުރުމުގެ ސަބަބުން އެހެންމީހުންގެ ފަރާތުން އަންނާނެ ފުރައްސާރައާއި އެމީހުން ކިޔާނެ އެއްޗަކާއި ދޭތެރޭ ވިސްނާފައިވެސް ގިނަ މީހުން މިފަދަ މައްސަލަތައް ރިޕޯޓްނުކުރާކަމަށް ވަނީ ބުނެފައެވެ.

advertisement

ޔުނިވަރސިޓީ އޮފް މޮސޮރީ ކޮލަންބިއާއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ %98 އޮފީސްތަކުގައި ޖިންސީ ފުރައްސާރަކުރާ މީހުންނަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައިވާކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ގިނަ މީހުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ރިޕޯޓް ނުކުރާ ސަބަބުތައްވެސް ގިނަކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި ކުންފުނީގެ އެޗްއާރަށް މުވައްޒަފުން އިތުބާރު ނުކުރުން ހިމެނެއެވެ. އަދި މައްސަލަތައް ރިޕޯޓްކޮށްފިނަމަ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ބިރަށްވެސް ގިނަ މީހުން މިފަދަ މައްސަލަތައް ރިޕޯޓްނުކުރެއެވެ. އަދި މިއީ ކެރިއަރަށް އެޅޭ ހުރަހެއްގެ ގޮތުގައި ދެކުމުގެ ސަބަބުންވެސް ބައެއް މީހުން މިފަދަ މައްސަލަތައް ރިޕޯޓް ނުކުރެއެވެ.

ބައެއް ކުންފުނީގެ ތެރޭގައި ޒަމާންތަކެއް ވަންދެން މިފަދަ ކަންކަން ދަނީ ކުރިއަށެވެ. މީގެ ސަބަބުންވެސް ބައެއް މީހުން ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓްކުރުމަށް ފަސްޖެހެއެވެ. ސަބަބަކީ ރިޕޯޓް ކުރި ނަމަވެސް މިކަމުން ވާނެ މާބޮޑު ފައިދާއެއް ނުވަތަ އެކަންކުރި މީހާއަށް އަދަބު ނިލިބޭނެކަމަށް ހީކުރެވެއެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ މިފަދަ މައްސަލަތަކަކީ ރިޕޯޓްނުކޮށް ދޫކޮށްލަންޖެހޭ ފަދަ މައްސަލަތަކެއް ނޫނެވެ. ތިމާ ކެރިގެން ނަގާ ފިޔަވަޅަކީ މިކަމުން އެތައް ބަޔަކު ސަލާމަތްވުމަށް އެޅޭ ފިޔަވަޅަކަށްވެސް ވެދާނެއެވެ.

ރިއެކްޝަންސް
0
0
0
0
1
0
0