މުސްކުޅި އާބާދީގެ 28 އިންސައްތަ މީހުން ހަކުރު ބަލި ހުރޭ

23 އޮކްޓޯބަރ 2021 - 14:11

ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %28 މީހުންނަކީ ހަކުރުބަލި ހުންނަ މީހުންކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން ނެރެފައިވާ ތަފާސްހިސާބުން ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 19،528 ދޮށީ އުމުރުގެ މީހުން އެބަތިއްބެވެ. މީގެތެރެއިން %52 އަކީ ފިރެހެނުންނެވެ. އެއީ 10،081 މީހުންނެވެ. އަދި %48 މީހުންނަކީ އަންހެނުންނެވެ. އެއީ 9،447 މީހުންނެވެ. ދޮށީ އުމުރުގެ މީހުންގެ ތެރެއިން %28 މީހުންނަކީ ހަކުރުބަލި ހުންނަ މީހުންނެވެ.

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނައަކީ މިދެންނެވި ގޮތަށް އިންސޫލިން އުފައްދައި ނުދިނުމުން، ލޭގައި ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ.

advertisement

ހަކުރު ބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމުންނެވެ. މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލްކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ އިންސިއުލިން މަދުވުން، ނުވަތަ އޭގެ މަސައްކަތް ނުކުރާ ގޮތް މެދުވެރި ވުމުންނެވެ. ހަކުރު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިއީ މުޅިން ރަނގަޅު ކުރެވިދާނެ ބައްޔެއް ނޫން ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.

އުމުރުން ދުވަސްވީ މީހުންގެ ކިބައިން ހަކުރުބަލި ފެންނަ މިންވަރު އިތުރެވެ. އާންމުގޮތެއްގައި އުމުރުން ދުވަސްވީ މީހުންގެ ކިބައިން އެންމެ ގިނައިން ފެންނަނީ އިންސޫލިން އުފެދޭ މިންވަރު މަދުވުން ނުވަތަ އުފެދޭ އިންސިއުލިންގެ ބާރު ދައްވުން ފަދަ ކަމެއް މެދުވެރިވުމުން ފެންނަ ހަކުރު ބައްޔެވެ.

ރިއެކްޝަންސް
0
0
0
0
0
0
0