ރެކޮމެންޑް ކުރިވަރަށްވުރެ ދަށްކޮށް މިނިމަމް ވޭޖް ކަނޑައެޅުމުން ކަންބޮޑުވުން
10 ނޮވެމްބަރ 2021 - 12:48
މިނިމަމް ވޭޖުގައި ހިމަނަންޖެހޭ ފިކްސްޑް އެލަވަންސްތަކުގެ އިންސައްތަ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން ( އެމް އެޗް ޕީ ޔޫ) އިން ބުނެފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްޔެ މިނިމަމް ވޭޖް ކަނޑައެޅުމާއެކު އެއް ބަޔަކު މިކމަށް ސަނާ ކީ ނަމަވެސް އަނެއް ބަޔަކު ދަނީ ފާޑު ކިޔުންތަކާއި ކަންބޮޑުވުންތައް އއެކި ގޮތްގޮތުން ސަރުކާރިގެ ސަމާލު ކަމަށް ގެންނަމުންނެވެ.
އެގޮތުން އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިމަމްވޭޖުގައި ހިމަނަންޖެހޭ ފިކްސްޑް އެލަވަންސްތަކުގެ އިންސއްތަ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި އަސާސީ މުސާރައިގެ ގޮތުގައި 70 ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ލިބޭ ނަމަ އެކަމަށް ދެކޮޅު ހެދުމަށްވެސް ވަނީ ގޮވާލާފަ އެވެ.
މިނިމަމް ވޭޖުގެ އަދަދުތަކާމެދު ކަންބޮޑުވުން ފާޅު ކުރަމުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިމަމް ވޭޖު ކަނޑައެޅިގެން ދިޔުމަކީ މަސައްކަތް ކުރާ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަމާ އިގުތިސާދީ ގޮތުން މަސައްކަތްތެރިން ބާރުވެރިކުރުމަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން(އައި.އެލް.އޯ) އިން ލަފާ ދެނީ މަސައްކަތްތެރިން، ވަޒީފާދޭ ފަރާތްތައް އަދި ސަރުކާރުގެ މަންދޫބުން ހިމެނޭ، ޓްރައިޕާޓައިޓް ޑައިލޮގްތަކެއްގެ ތެރެއިން ކުރެވޭ ދިރާސާތަކެއްގެ މައްޗަށް މިނިމަމް ވޭޖް ކަނޑައެޅުމަށް ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމުގައި ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާތަކުންވެސް، ގައުމުތަކުގައި، މިނިމަމް ވޭޖްގެ އަދަދުތައް ކަނޑައަޅައިފައިވަނީ ޓްރައިޕާޓައިޓް މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގައި، މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލެއްވި މިނިމަމް ވޭޖް އެޑްވައިސަރީ ބޯޑުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވާފަ އެވެ.
މިނިމަމް ވޭޖް ބޯޑުގައި މަސައްކަތްތައް ކޮށްފައިވަނީ، މަސައްކަތްތެރިންނާއި އޭނާގެ އާއިލާތަކުގެ އަސާސީ ބޭނުންތަކަށް އަދި އިގުތިސޯދަށް ކުރާނެ އަސަރުތަކުގެ ހިސާބުތައްކުރެވިގެން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން އަދަދު ތަކަކާއި ހަމައަށް ވާސިލްވުމަށް ބޭނުންކުރެވިފައިވާ ފޯމިއުލާއަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ ބެލެންސްޑް އެޕްރޯޗެއްކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެން ނަމަވެސް މަސައްކަތްތެރިޔާގެ އަސާސީ ބޭނުންތައް އަދި އިގްތިސޯދަށް އަންނާނެ ލޮޅުންތަކަށް ރިއާޔަތްކޮށް، ވަޒީފާދޭފަރާތް، ސަރުކާރު އަދި މަސައްކަތްތެރިންގެ އިއްތިފާގުން ފާސްކުރެވުނު އަދަދުތަކަށް، އިކޮނޮމިކް މިނިސްޓަރު، ބަދަލުގެނައުމަކީ އެ ޖަމިއްޔާގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. ތިން ފަރާތް އެކުލެވޭ ބޯޑަކުން ނިންމާ ނިންމުމަކަށް، އެެއް ފަރާތުން ބަދަލު ގެނައުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރަމުންދާ ގޮތެއް ނޫން ކަމަށާއި މިގޮތަށް ކަންކުރުމަކީ، އައިއެލްއޯ އަދި ބައިނަލް އަގުވާމީ އުސޫލުތަކާއި މުޅިން ހިލާފުކެމެއް ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ދިވެހި ރާއްޖޭގެ އިގުތިސޯދު ކުރިއަރާ ދާނެ ކަމަށް ލަފާކުރެވިިފައިވާ މިންގަނޑުތަކާއި، ކޮވިޑުގެ-19ގެ އިގުތިސޯދީ ދަތީގެ ވަގުތުތަކުގައިވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތްތަކަށް ރިއާޔަތް ކުރުމަށްފަހު، މަޝްވަރާ އާއި ދިރާސާގެ މަތީން ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއިއެކު ނިންމާ އަރުވާފައިވާ ލަފާ މަދު މަހުޖަނުންކޮޅެއް ރުއްސަން ބަދަލުކުރުމަކީ ކޮށްގެންވާނެ ކަމެއްކަމަށް އެ ޖަމިއްޔާއިން ނުދެކޭ ކަމަށް ވަނީ ބުނެފަ އެވެ.
“ވަކީން ހާއްސަކޮށް ޒަރޫރީން މިންގަޑުން ދެވޭނެކަމަށް ފެނުނު 8900 ރުފިޔާ، އިގުތިސާދުގެ އެންމެމަތީފަންތީގެ ވިޔަފާރިތަކަށް ދޭވޭނެކަން ޔަގީންވާ ހިނދު އެއަދަދު ކުޑަކުރަން ނިންމި ނިންމުމާއި، ކުދި ވިޔަފާރިތަކަށް އިގުތިސޯދީ މިންގަނޑުން ދެވޭނެކަމަށް ހޯދުނު 5000ރ،4500 ރުފިޔާއަށް ކުޑަކުރުމަކީ، ފުލްޓައިމް މަސައްކަތްކުރާ ފަރާތްތަކަށް އެކަށިގެންވާ މުސާރައެއް ނޫން. އެހެނީ އަހަރުގެ ދޮށީ އުމުރުގެ އަސާސީ އެލަވަންސްގެ ގޮތުގައި އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމުނުއިރު، 8 ގަޑިއިިރު މަސައްކަތްކުރާ ފަރާތަކަށް 5000 ރުފިޔާ ދޭން ސަރުކާރަށް ނުފެނުމަކީ ކަންބޮޑުވުމެއް. އަދި ހބިދޭސީ މަސައްކަތްތެރިން މިނިމަމްވޭޖުން މަހޫރޫމު ކުރުމަކީ ހަގީގީ މަގުސަދު ގެއްލި ކަންބޮޑުވުން ހިމެނޭކަމެއް.” މަސައްކަތްތެރިން އަދި ހާއްސަކޮށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ އެމްޓީޔޫސީން ބުންޏެވެ.
ދިވެހިރާއްޖޭގައި އަލަށް މިނިމަމް ވޭޖް ކަނޑައެޅިގެން ދާއިރު މިހާރުވެސް ވާޒީފާ އަދާކުރާ ފަރާތްތަކުގެ އެންމޮބޮޑު ކަންބޮޑުވުމަކީ ވަޒީފާއާއި ބެހޭ ގާނޫނު ތަންފީޒު ކުރެވެމުން ނުދިއުން ކަމަށާއި ދައުލަތާއި އާންމު ވިޔަފާރިތަކުންވެސްދަނީ ވަޒީފާއާއި ބެހޭ ގާނުނާއި ހިލާފަށް އަމަަލު ކުރަމުންކަމުން ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ހާއްސަކޮށް މިނިމަމް ވޭޖް ފަދަ މުހިއްމު ސިޔާސަތެއް ކަނޑައެޅިގެން އަންނައިރު ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށްވެސް ބުންޏެވެ.