ހެނދުނުގެ ކަސްރަތު މުހިންމުވާ ސަބަބު
18 ނޮވެމްބަރ 2021 - 12:09
މީގެ 10 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު ކަސްރަތުކުރުމަކީ އަހަރެމެންގެ ތެރޭގައި އެހާ ގިނަ މީހުން ކުރާކަމެއްނޫނެވެ. ނަމަވެސް މިއަދު ކަސްރަތުކުރުމަކީ ކޮންމެ މީހަކުވެސް ކުރަމުންއަންނަ ވަރަށް ރަނގަޅު އާދައަކަށް ވަނީ ހަދާފައެވެ. ރާއްޖޭގައި ކަސްރަތުކުރާ މީހުންގެ އަދަދު ކޯވިޑް19 ގެ ލޮކްޑައުންއަށްފަހު އިތުރުވިއޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ކުރިން މަގުމަތީގައި ކަސްރަތުކުރަން އުޅޭ މީހުންނަށްވުރެ ގިނަ މީހުން ކޯވިޑްގެ ލޮކްޑައުންއަށްފަހު ކަސްރަތުކުރާތަން ފެނެއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ގޭގައި ލޮކްޑައުންގައި އެހައި ގިނަދުވަސް ތިބެންޖެހުމާއި ހަށިގަނޑަށް އައި ބަދަލުތައް ހިމެނިދާނެއެވެ.
ގިނަ މީހުން ކަސްރަތުކުރަނީ އެމީހުންނަށް ލިބޭ ހުސްވަގުތުތަކުގައެވެ. ބައެއް މީހުން ހެނދުނު ހޭލައިގެން ކަސްރަތުކުރެއެވެ. އަނެއްބަޔަކު ދުވާލުގެ މަސައްކަތްތައް ނިންމާލުމަށްފަހު ރޭގަނޑުގެ ވަގުތުގައި ނުވަތަ ހަވީރުގެ ވަގުތުތަކުގައިވެސް ކަސްރަތުކުރެއެވެ. ނަމަވެސް ހެނދުނު ކަސްރަތުކުރުމަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިއްބައިދޭކަމެކެވެ. އޭގެތެރޭގައި:
ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން
ހޭލައިގެން ކަސްރަތުކުރުމަކީ އެދުވަހުގެ ބާކީއޮތް ބައިގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެކަމެކެވެ. ދުވަސް ފެށުމުގެ ގޮތުން ހިނގައިފިނަމަ އެ ދުވަހެއްގައި ހަށިގަނޑަށް ގިނަ ހަކަތަ ލިބިދޭނެކަމަށް ވެއެވެ. ވަކިން ހާއްސަކޮށް ބޭރު މަގުތަކުގައި ހިނގައިފިނަމަ ހަކަތަ ލިއްބައިދޭ މިންވަރު އިތުރުވާކަމަށްވެއެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ހެނދުނު ވަގުތު 20 މިނިޓް ބޭރުގައި ހިނގި މީހުންގެ ހަށިގަނޑުގައި 20 މިނިޓް ގޭތެރޭގައި އާދައިގެ ކަސްރަތު ކުރި މީހުންނަށްވުރެ ވަރުހުރެއެވެ.
މޫޑު ރަނގަޅުވުން
ހެނދުނުގެ ވަގުތަކީ ދުވަހުގެ ވަގުތުތަކުގެ ތެރެއިން މީހާ އެންމެ ތާޒާއެއް ވަގުތެވެ. އެގޮތުން ހެނދުނު ހިނގާލުމުން ކަންކަމާ މާބޮޑަށް ވިސްނޭ ނަމަ އެކަމުން ދުރުހެލިކޮށްދީ، މޫޑު ރަނގަޅުވެއެވެ. އަދި މިއީ ނަފުސާނީ ގޮތުންވެސް މީހާއަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.
ބަރުދަން ލުއިވުން
އާންމުގޮތެއްގައި ބައެއް މީހުން ހިނގަންދަނީ ބަރުދަން ލުއިކޮށް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށެވެ. ހެނދުނު ވަގުތު ހިނގުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 30 މިނިޓް ހުއްޓާނުލައި ހިނގައިފިނަމަ 150 ކެލޮރީސް ހަށިގަނޑުން ނެތިކޮށްލައެވެ. އަވަހަށް ނަތީޖާ ނެރެން ބޭނުންނަމަ ހިނގުމުގައި ހޭދަކުރާ ވަގުތު އިތުރު ކުރެވިދާނެއެވެ.
ބަލިތަކުން ރައްކާތެރި ކޮށްދިނުން
ހެނދުނު ވަގުތު ހިނގުމަކީ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ނޭވާލުމަށާއި ހަޖަމުކުރުމަށްވެސް މިކަމުގެ ސަބަބުން އެހީތެރިވެދެއެވެ. ދިރާސާތަކުން ދެއްކި ގޮތުގައި 30 މިނިޓް ހިނގައިފިނަމަ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ. ހަކުރުބަލި ހުންނަ ފަރާތެއް ހެނދުނު ވަގުތު 20-30 ހިނގައިފިނަމަ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭކަމަށް ދިރާސާއިން ދައްކައެވެ.
މިހުރިހައި ކަންކަމާއިއެކު ހެނދުނުގެ ވަގުތުގައި ހިނގުމަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭކަމެކެވެ. ނަމަވެސް ހެނދުނުގެ ވަގުތުގައި ހިނގަން ދަތިވާ ފަރާތްތަކަށް ދުވާލުގެ އެހެން ވަގުތެއްގައިވެސް ކަސްރަތުކުރެވިދާނެއެވެ.