އެކަނި އުޅޭ ފިރެހެނުންނަށް ސިއްހީ ގިނަ މައްސަލަތަކެއް: ދިރާސާ
24 ޖެނުއަރީ 2022 - 16:21
ވަރިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހެދި އެކަނި އުޅޭ ފިރެހެނުންނަށް ސިއްހީ ގިނަ މައްސަލަތައް ދިމާވާކަަމަސް ދިރާސާއަކުން ދައްކައިފިއެވެ.
ޑެންމާކްގައި ކުރި ދިރާސާއަކުން ދައްކާގޮތުން ކައިވެނި ރޫޅުން، ނުވަތަ ބްރޭކްއަޕްގެ ސަބަބުން ފިރެހެނުންނަށް އިންފްލެމޭޝަންގެ މައްސަލަތައް ދިމާވާ މިންވަރު ވަރަށް ބޮޑަށްވެސް އިތުރެވެ. މި ހޯދުންތަކުގައި އަންހެނުންނަށް މިފަދަ މައްސަލަތައް ދިމާނުވާކަމަށް ވަނީ ބުނެފައެވެ.
އިންފްލެމޭޝަންގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ފަސޭހަވާން ގިނަ ވަގުތު ނަގައެވެ. މީގެތެރޭގައި އިންޖަރީއެއްވުން ނުވަތަ އިންފެކްޝަނެއް ވުމުން އެކަން ރަނގަޅުވާން ނަގާ ވަގުތު ހިމެނެއެވެ.
ޔުނިވަރސިޓީ އޮފް ކޮޕެންހޭގަންއިން ކޮށްފައިވާ މި ދިރާސާގައި 48 އަހަރާއި 62 އަހަރުގެ 4835 މީހަކު ވަނީ ބައިވެރިކޮށްފައެވެ. ދިރާސާގައި ބައިވެރިވި 4612 މީހުން (3170 ފިރެހެނުން އަދި 1442 އަންހެނުން) ގެ ބްެރޭކްއަޕްގެ މައުލޫމާތު ވަނީ ހޯދާފައެވެ. އޭގެތެރޭގައި އެމީހުން އެކަނި ހޭދަކުރި އަހަރުފަދަ މައުލޫމާތު ވަނީ އެއްކޮށްފައެވެ. ދިރާސާގައި އެމީހުންގެ ދިރިއުޅުމުގެ 26 އަހަރުގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
މި ހޯދުންތަކުން ދައްކާގޮތުގައި އެކަނި ދިރިއުޅޭ ފިރެހެނުންނަށް އިންފެލެމޭޝަންގެ މައްސަލަ ދިމާވާ މިންވަރު އިތުރެވެ. އެގޮތުން 2 ނުވަތަ އެއަށްވުރެ ގިނަފަހަރު ބްރޭކްއަޕް ވެފައިވާ ފިރެހެނުންނަށް މި މައްސަލަ ދިމާވާ މިންވަރު %17 އިތުރެވެ. އަދި 7 އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރު އެކަނި އުޅުނު ފިރެހެނުންނަށް އިންފްލެމޭޝަން ދިމާވާ މިންވަރު %12 އިތުރެވެ. އަދި މި މައްސަލަ އަންހެނުންނަށް ދިމާނުވާކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް ކައިވެނި ރޫޅި އެކަނި ދިރިއުޅެންޖެހިފައިވާ ފިރެހެނުންނަށް ސިއްހީ މައްސަލަތައް ދިމާވާކަމާއި އަމިއްލަ ނަފްސަށް ގެެއްލުން ދިނުން ގިނަކަމަށް ވަނީ ހޯދިފައެވެ. އޭގެތެރޭގައި އަމިއްލައަށް މަރުވާން އުޅުންފަދަ ކަންކަން ހިމެނެއެވެ.