ޕީޓީއެސްޑީ ހުންނަ މީހަކާ ދިމާލައް ބުނެގެން ނުވާނެ އެއްޗިހި
26 ޖެނުއަރީ 2022 - 15:29
ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސޯޑާރ ( ޕީޓީއެސްޑީ ) ހުންނަ މީހުންނަކީ މި ކަމުން ސަލާމަތް ވުމަށް ކޮންމެ ދުވަހަކުވެސް ފައިޓް ކުރަމުން އަންނަ ބައެކެއެވެ. ބާރުގަދަ އަޑު، މީހުން ގިނަ ތަންތަން، ފްލޭޝް ލައިޓް ފަދަ ކަންތައްތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް މީ ފަދަ މީހުންގެ ހާލަތު އިހުނަށްވުރެ ގޯސްވެގެންދެއެވެ.
މިފަދަ ކަމެއް ތަހައްމަލް ކުރަމުންދާ މީހުންގެ ކައިރީގައި ބުނަންނުޖެހޭ ވާހަކަތައްވެސް ހުންނާނެއެވެ. ކޮންމެ ފަހަރަކު ޕީޓީއެސްޑީ ހުންނަ މީހަކާއި ދިމާވާއިރު، އެއީ އެފަދަ މީހެއް ކަމެއް ނޭގިދާނެއެވެ. އެފަދަ މީހުންނާއި ވާހަކަދައްކާއިރު، ބުނާނެ އެންމެ ރަނގަޅު ޖުމްލައަކީ މީއޭ ކިޔާފައި ބުނާނެ ވަކި ޖުމްލައެއް ނޯވެދާނެއެވެ. އެހެންނަމަވެސް އެ މީހުންގެ އެ ޓްރޯމާއި މެދު ހަމްދަރްދީވެ، ވާހަކަދައްކަން ފެށުން ރަނގަޅު ސްޓާރޓް އަކަށް ވެދާނެ އެވެ. ޔުނިވަރސިޓީ އޮފް ވިސްކޮންސިން ސްކޫލް އޮފް މެޑިސިން އެންޑް ޕަބްލިކް ހެލްތްގެ އެސޯސިއޭޓް ޕްރޮފެސަރ ކަމަށްވާ ޖެކް ނިޓްސްކޭ ވިދާޅުވީ މިފަދަ މީހުންގެ ހާލަތު ވީހާވެސް ބޮޑަށް ދަނެގެން، އެފަދަ މީހުންނަށް ފަރުވާ ކުރަން މަސައްކަތް ކުރުމުން އެ މީހުންގެ ޓްރީޓްމެންޓް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އެފަދަ މީހުންނާ ވީހާވެސް އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަކީ މުހިއްމު ކަމެކެވެ. އެ މީހުންނާއި ދިމާލަށް ހަޅޭލަވާ އަޑުގަދަކޮށް ވާހަކަދެއްކުމަކީ އެ ފަދަ މީހުންގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެއެވެ. ސަބަބަކީ ޕީޓީއެސްޑީ ހުންނަ ގިނަ މީހުންނަކީ ދިރިއުޅުމުގައި ބޮޑެތި ކަންތަކާއި ކުރިމަތިލާންޖެހިފައި ތިބޭ މީހުންނެވެ. މިސާލަކަށް ޖިންސީ ގޯނާގެ ޝިކާރަކަށް ވުން، މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ފެނުން ފަދަ ކަންތައް ހިމެނެއެވެ.
އެފަދަ މީހުންނާއި ވާހަކަދައްކާއިރު، ކޮށްގެން ނުވާނެ ސުވާލުތަކެއްވެސް ހުންނާނެއެވެ. ހާދިސާ އަކާއި ގުޅޭ ގޮތުން ސުވާލުކުރާއިރު، އޭނަ ކުށްވެރިކޮށްފައި ސުވާލުކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ޕީޓީއެސްޑީ ހުންނަ މީހުންނަށް ސަޕްރައިޒް ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެއެވެ. އެއީ އެފަދަ ބަލި ހުންނަ މީހުންނަކީ ދިރިއުޅުމުގައި ބިރާއި ކުރިމަތިލާންޖެހިފައި ތިބި މީހުންނެވެ. އެހެންކަމުން އެ މީހުންނަށް ނޭގި އެދެވޭ ސަޕްރައިޒްއަކުން އެފަދަ މީހަކު ސިއްސައިގެން ގޮސް ޕެނިކް އެޓޭކެއް ޖެހުން ފަދަ ނުރައްކާތެރި ކަމަކާއި ކުރިމަތިލާންޖެހިދާނެއެވެ.