ރިޕޯޓް: ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް: އުވާލަންޖެހޭ ކަމެއް!

7 ފެބުރުއަރީ 2022 - 13:48

އުފަންވީއްސުރެ މަރުވުމާ ހަމައަށް ހޯދާ ކޮންމެ ޚިދުމަތެއްގެ ކުރިން ބުނެދެންޖެހޭ ކަމެކެވެ. އައިޑީ ކާޑުން ފެށިގެން ފޯނު ލައިނާއި އިންޓެނެޓާއި އެ ނޫން ވެސް ޒަރޫރީ ހުރިހާ ބޭނުމެއްގައި ވެސް ފުރަންޖެހޭ ފޯމްތަކުގައި ވެސް އެންމެ ކުރިން އޮޅުން ފިލުވާ މައުލޫމާތުތަކުގެ ތެރޭގައި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް ހިމެނެއެވެ. އެންމެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި ވެސް ކަން އޮތީ މިހެންނެވެ. ފަހަރުގައި ބައެއް ކަހަލަ ކަންކަމުގައި މިއީ މުހިންމު މައުލޫމާތަކަށް ވެދާނެއެވެ. ނަމަވެސް ސުވާލަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ނުވަތަ ދޭ ކޮންމެ ހިދުމަތެއް ނުވަތަ އަދާކުރާ ކޮންމެ ހައްގެއް ބިނާވަނީ މި ދެ އެޑްރެހުގެ މައްޗަށް ހެއްޔެވެ؟

ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހުގެ މައްސަލަ އެންމެ ބޮޑުވާ އެއް ހިސާބަކީ ބޯހިޔާވަހިކަމާ ޖެހުމުންނެވެ. މިކަން އެހާ ބޮޑު މައްސަލައަކަށް ވަނީ ދައުލަތުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސިޔާސަތު ވެސް ބައްޓަންކޮށްފައިވާ ގޮތުންނެވެ. ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހުމުން އެ މީހަކު ދިރިއުޅޭ ތަނަތަކަށް ވުރެ ރަޖިސްޓްރީ ވެފައިވާ ތަނަކަށް ބަލާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައި އޮތުމަކީ މީގެ މައިގަނޑު ސަބަބެވެ. ނަމަވެސް ގާނޫނޫ އަސާސީ އާއި ގާނޫނުތަކުގެ ރޫހަކީ އެއީއެއް ނޫނެވެ. ގާނޫނީ ގޮތުން އިންސާނާ އަށް ލިބޭ ހައްގަކީ ބޯހިޔާވަހިކަމެވެ. އެއީ ވަކި ތަނަކަށް ވަކި ރަށަކަށް ނިސްބަތްވާ ކަމަކަށް ވާކަށް ނުޖެހެއެވެ.

advertisement

މިހާތަނާ ޖެހެންދެން ވެސް ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައި ވަނީ ކުރިން ވެސް މި ފާހަގަކުރި ސިޔާސަތުގެ ތެރެއިންނެވެ. ގިނަ ރަށްތަކުގައި ގޯތި ދިނުމާއި ރޯހައުސް ނުވަތަ ފްލެޓް ދިނުމުގައި ރަށަށް ނިސްބަތްވާ މީހުން ނޫން ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ހަދައެވެ. ނަމަވެސް ހަމަނުޖެހޭ ކަމަކީ ރަށަށް ނިސްބަތްވުމުން ފުދޭ ކަމެވެ. ރަށުގައި ދިރިއުޅޭތޯ ނުވަތަ ނޫންތޯ ގިނަ ފަހަރަށް ނުބަލައެވެ. ނުވަތަ ކަށަވަރު ނުކުރެވެއެވެ.

މިއީ އަހަރުތަކެއް ކުރީގައި އެކަން އޮތް ގޮތެއް ނޫނެވެ. ބައެއް ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު ހުޅުވާލާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ވެސް މި ޝަކުވާ އެބަ އޮތެވެ. މިއިން ޒަމާނަކު ރަށުގައި ދިރިނޫޅޭ ނުވަތަ ރާއްޖޭގައި ވެސް ދިރިނޫޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދީފައިވާ ކަމުގެ ޝަކުވާތައް ފެންމަތިވެފައި ވެއެވެ. މިހާތަނަށް ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ “ހިޔާ” ފްކެޓްތައް ދޫކުރުމުގެ ތެރޭގައި ވެސް މިފަދަ މައްސަލަތައް ފެންމަތިވިއެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ހިންގި އެ މަޝްރޫއުގައި މާލޭގައި މިއިން ޒަމާނަކު ނޫޅޭ ނުވަތަ މިހާރު މާލޭގައި ދިރިނޫޅޭ އެތައް ބަޔަކަށް ފްލެޓް ލިބިފައި އެބަހުއްޓެވެ. އެ ގޮތުން ފްލެޓަށް ފޯމު ލީއިރު މާލޭގައި އުޅުނަސް ހާލަތު ބަލައި ފްލެޓް ހަވާލުކުރި އިރު ދިރިއުޅުން ރަށަށް ބަދަލުކޮށްފައިވާ އެތައް ބަޔަކަށް ވެސް ފްލެޓް ލިބިފައި އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ރަށްރަށުގެ ބައެއް ކައުންސިލަރުންނަށް ހިޔާ ފްލެޓް ލިބިފައިވާ ކަމެކެވެ.

ހަގީގީ މައްސަލައަކީ އެއީއެއް ނޫނެވެ. ހަގީގީ މައްސަލައކީ ދާއިމީ އަދި މިހާރު ދިރިއުޅޭ އެޑްރެހުގެ ތަފާތުކުރުމެވެ. ސިޔާސަތުގެ ތެރެއަށް އެކަން ވެއްދުމެވެ. ބޯހިޔާވަހިކަމަކީ އެ މީހަކު ދިރިއުޅޭ ނުވަތަ އުޅެން ބޭނުންވާ ތަނަކުން ލިބިދޭންޖެހޭ އެއްޗެކެވެ. އެއީ ވަކި ރަށަކަށް ނިސްބަތްވީތީ ވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ ރަށެއްގައި ގެންގުޅެވިދާނެ ސިޔާސަތަކަށް ނުވެދާނެއެވެ. ހާއްސަކޮށް އެ ރަށެއްގައި ބިމުގެ ދަތިކަން އިންތިހާ އަށް ދަތި ރަށްރަށުގައި އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ފުރުސަތު ގެއްލޭ ގޮތަށް އެކަން އޮވެގެން ނުވާނެއެވެ. ނަމަވެސް އޭގެ މާނައަކީ ށ. މަރޮށިން ގޯތި ދޫކުރާ އިރު އެ ރަށުގައި ވިހި ތިރީސް އަހަރު ދިރިއުޅުނު ހދ. ދިއްދޫ މީހަކަށް ބޯހިޔާވަހިކަން ނުލިބޭނެހެން މަގު ބަންދުކުރުމެއް ނޫނެވެ. އެކަން އޮންނަންވާނީ އެ ތަނެއްގައި ގިނަ ދުވަހު ދިރިއުޅޭ މީހުންނަށް އެ ފުރުސަތު އޮންނަ ގޮތަށެވެ.

ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުން މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގޯތި ދިނުމަށް ނިންމަވާފައިވާ ވިދާޅުވިއެވެ. ރަނގަޅު ކަމެކެވެ. އިންތިޚާބުތައް ކާމިޔާބުކުރުމުގައި މިއީ އާންމު ވާހަކައެކެވެ. ނަމަވެސް އެ މަނިކުފާނު އެ ވިދާޅުވީ “މާލޭގެ ރައްޔިތުން” ކަމާ ބެހޭ އިދާރާތަކުން މާނަކުރަނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމައެކަނި މާލޭގެ ދަފްތަރުގައި ތިބި މީހުން ހެއްޔެވެ؟

މާލޭގެ ރައްޔިތުންގެ ތެރެއިން 5،000 މީހުންނަށް ގޯތި ކަނޑާފައި ދިނުމަކީ މާލޭގައި ދިރިއުޅޭ ދެލައްކައެއްހާ މީހުންގެ އާބާދީ އަށް ލިބޭ ތަސައްލީއެއް ނޫނެވެ. ގޮތް ހޯދައިދޭންޖެހެނީ މާލޭގެ ރަޖިސްޓްރީގައި ތިބި މީހުންނަށް އެކަންޏެއް ނޫނެވެ. ސިޔާސަތު ބައްޓަންކުރަންޖެހެނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކު ވެސް ހިމެނޭނެ ގޮތަށެވެ. އެއީ މާލޭގެ ރަޖިސްޓްރީގައި ތިބި މީހުންގެ ވެސް އަދި މުޅި އުމުރު ދުވަހު ދިރިއުޅުމުގެ ހުރިހާ ކަމެއް މާލޭގައި ބިނާކޮށްގެން ތިބި މީހުންގެ ހައްގުތައް ވެސް ނުގެއްލޭނެހެނެވެ. އެ ސިޔާސަތު އޮންނަންވީ ހަމައެކަނި މާލެއަކަށް ވެސް ނޫނެވެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ބަލައި ކޮންމެ ތަނެއްގައި އެ ފަދަ މަޝްރޫއެއް ހިންގިޔަސް އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަނަކަށް ނިސްބަތް ނުވާ މީހުންނަށް އެ ހައްގު ގެއްލޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. 

ހއ. ދިއްދޫ އަޙްމަދު ރަޝީދަށް މުހިންމީ އަހަރަކު އެއް ފަހަރު ނުވަތަ ހާލަކުން ފަހަރަކު ޗުއްޓީ އަށް ދާ ހދ. ދިއްދޫގެ ބަނދަރު ހަދައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމެއް ނޫނެވެ. އޭނާ އަށް މުހިންމީ އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅޭ މާލޭގައި ހެޔޮ އަގެއްގައި، މި ސަރުކާރުން ދޭން ފެށި މިނިމަމް ވޭޖުން ހަމަޖެހިލައިގެން ދިރިއުޅޭވޭނެ ބޯހިޔާވަހިކަމެއް ލިބުމެވެ. ސަރުކާރަށް އޭނާ ކުރާ ތާއިދާއި ވޯޓު ބިނާ ވަނީ އޭގެ މައްޗަށެވެ. ގާނޫނުގައި އޮތަތީ، ދިއްދޫ ފޮއްޓަށް ވޯޓު ލިޔަސް ވޯޓު ދިނުމުގައި އޭނާ ވިސްނާނީ ދިއްދޫގެ ހާލަތަށް ހެއްޔެވެ؟ ނޫނީ މުޅި އުމުރު ދުވަހު އޭނާގެ އަނބިމީހާ އާއި ދަރިންކޮޅު ދިރިއުޅުނު މާލޭގައި ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ލިބޭނެ މަގެއް ތަނަވަސްކޮށްދިން ބަޔަކާ މެދު ހެއްޔެވެ؟

ބޯހިޔާވަހިކަމުގެ މައްސަލަ އެކަންޏެއް ނޫނެވެ. ވޯޓު ލުމުގައި ވެސް ބަލަނީ ދިރިއުޅޭ ތަނަކަށް ވުރެ ދާއިމީ އެޑްރެހަށެވެ. ނަމަވެސް ހާގީގަތުގައި މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި މިއީ ބަލަންޖެހޭ ކަމެއް ހެއްޔެވެ؟ ދިއްދޫ އަހުމަދު ރަޝީދުގެ މުޅި އާއިލާ އުމުރު ދުވަހު ހިދުމަތް ހޯދަނީ މާލެއިން ކަމަށްވާ އިރު ރަށުގައި ހުންނަން މައްސަލަތަކުގައި ސިޔާސަތު ކަނޑައަޅާ ބަޔަކު ހޮވަން ވޯޓު ދޭންޖެހޭ ސަބަބެއް ނުވިސްނެއެވެ. ތަހުޒީބީ އެހެން ގައުމުތަކުގައި ވެސް އޮންނަ އުސޫލުން ވޯޓު ލާން ރަޖިސްޓްރީކޮށް އެ ދިރިއުޅޭ ތަނެއްގެ ކަންކަން ނިންމުމުގައި ބަސް އިއްވޭނެ ނިޒާމަކަށް އިންތިޚާބުތަކުގެ ގާނޫނު އިސްލާހުކުރަންޖެހެއެވެ. މިއީ މީގެ ކުރިންވެސް އެކި މަރުހަލާތަކުގައި ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފައިވާ ކަމެކެވެ. ދާއިމީ އެޑްރަހާއި މިހާރު ދިރިއުޅޭ އެޑްރެހުގެ މައްސަލަ އަށް ކޮންމެ ވެސް ހިސާބަކުން ނިމުން އަންނަންޖެހެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައެވެ. ކުދި އާބާދީތަކުން ފެށިގެން ބޮޑެތި ބިން އޮތް ރަށްރަށުގައި ވެސް އެކަން އޮތީ އެހެންނެވެ. އެހެންކަމުން ވަކި ރަށެއްގައި ވަކި ގޮތަކަށް ސިޔާސަތު އެކުލަވައިލުމުގެ ބަދަލުގައި އެކަމަށްޓަކައި އޮންނަންވީ އެއް ސިޔާސަތަކެވެ. އެންމެންނާ މެދު އަމަލުކުރެވެންވީ އެއް ގޮތަކަށެވެ. އޮންނަންވީ ބޯހިޔާވަހިކަމުގެ އެއް ގާނޫނެކެވެ. ދިރިއުޅޭ ތަނަކުން ބޯހިޔާވަހިކަން ލިބޭނެ މަގެއް ތަނަވަސްވެފައި އޮންނަންޖެހެއެވެ. އެއީ ދާއިމީ އެޑްރެހަށް ނުވަތަ މިހާރު ދިރިއުޅޭ އެޑްރަހަށް ނިސްބަތްނުވާނޭހެން ކޮންމެ ފަރުދަކަށް ވެސް ބޯހިޔާވަހިކަން މުހިންމުކަން ދަނެ އެކުލަވައިލެވޭ ގާނޫނަކަށް ވާންޖެހެއެވެ. އަސާސީ ހައްގުތައް ތަންފީޒުކުރުމުގައި ތިމާގެ ނިއްކުރީގައި ޖަހާފައިވާ ނިޝާނެއް ފަދައިން ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ވަކި ތަނަކަށް އުފަންވީތީ ނުވަތަ ވަކި ރަށައްގައި ރަޖިސްޓްރީ އޮތަތީ އަސާސީ ހައްގަކުން މަހްރޫމްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރިއެކްޝަންސް
5
3
15
1
0
0
1