މަގުމަތީގައި އެހެންމީހުންނަށް އުނދަގޫވާގޮތައް އުޅަނދު ދުއްވުމަކީވެސް ބައްޔެއް
7 ފެބުރުއަރީ 2022 - 15:57
މަގުމަތީގައި އުޅަނދު ދުއްވާއިރު ބާރަށް ދުއްވުމާއި، ބަރުގޮނު އެޅުމާއި، ދުއްވާ އެހެންމީހުންނަށް އުނދަގޫކުރުމަކީވެސް ބައްޔެކެވެ. ސައިކޮލޮޖިސްޓުން ވަނީ މިއަށް ނަމެއްވެސް ދީފައެވެ. އެމީހުން ބުނަނީ މިގޮތައް މަގުމަތީގައި އަމަލުކުރާމީހުންގެ “އިންޓަމިޓެންޓް އެކްސްޕްލޯސިވް ޑިސްއޯޑަރ” ހުންނަކަމަށެވެ.
ސައިކޮލޮޖިސްޓުން ބުނާގޮތުން “އިންޓަމިޓެންޓް އެކްސްޕްލޯސިވް ޑިސްއޯޑަރ” އާބާދީގެ %7 މީހުންގެ ހުރެއެވެ. މިއީ ދިރިއުޅުމުގައި އެމީހުންނަށް ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި ކުޑައިރު އަނިޔާއެއް ތަހައްމަލް ކުރަންޖެހޭ މީހުންނަށް މިކަން ދިމާވުން ގާތްކަމަށް ވަނީ ބުނެފައެވެ. އަދި އެ އަނިޔާއެއް ގިނަ އަހަރުތަކަކަށް ދެމިގެންދާނަމަވެސް އެފަދަ މީހުންނަށް މިކަން ދިމާވުމަކީ އެކަށިގެންވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
އޭއޭއޭ ފައުންޑޭޝަނުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ މަގުމަތީގައި ” އެގްރެސިވް ޑްރައިވިން” ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތައް ދުއްވަނީ ތައުލީމުނެތް އުމުރުން 16 އަހަރާއި 26 އަހަރުގެ ފިރެހެނުންކަމަށެވެ. އަދި މިފަދަ މީހުންނަކީ ކުއްކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި އަދި ވައޮލެންސްއަށް ހުށައެޅިފައިވާ ބައެއް ކަމަށްވެސް ދިރާސާގައި ވަނީ ބުނެފައެވެ. މި ދިރާސާގައި ބުނެފައިވަނީ ރަނގަޅު ތައުލީމެއް ލިބި ރަނގަޅު އާމްދަނީ ލިބޭ މީހުން މަގުމަތީގައި އެހެންމީހުންނަށް އުނދަގޫވާގޮތައް އުޅަނދު ނުދުއްވާކަމަށެވެ.
މަގުމަތީގައި ތިމާކިތަންމެ ބަލައިގެން ދުއްވި ނަމަވެސް ދެން އަންނަ މީހާގެ ސަބަބުން ގިނަ އެކްސިޑެންޓްތައް ހިނގައި ގަވައިދުން ދުއްވާ މީހާއަށް ގިނަ ގެއްލުންތަކެއްވެސް ލިބިފައި އެބަހުއްޓެވެ. އޭއޭއޭއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި މިގޮތައް އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އެންމެ މަދުވެގެންވެސް 1700 އަށް އަރާނެކަމަށެވެ.
ބާރު ސްޕީޑްގައި އުޅަނދު ދުއްވާ މީހުން ބާރަށް ދުއްވަނީ އާންމުގޮތެއްގައި ކޮންމެވެސް ނަފްސާނީ ކަމަކާއި ކުރިމަތިލަމުންދާތީކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. އޭގެތެރޭގައި ވަޒީފާ ގެއްލުން، ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ރުޅިވުން، ވަރިވުން، ބައްޔެއް ތަހައްމަލް ކުރުން ފަދަ ކަމެއްގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ކަމެއް ކުރިމަތިވި ނަމަވެސް އުނޅަނދު ދުއްވަމުންދާއިރު މީހާ ހަމަޖެހިލުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:
- ދުއްވަމުންދާއިރު މީހާ ހަމަޖެހޭނެފަދަ މިއުޒިކްއެއް އަޑުއަހާލުން
- ވަގުތު އޮއްވައި ދާތަނަކަށް ދިއުމަށް ނިކުތުން
- ރުޅިއައިސް ހުރިނަމަ ދުއްވަން ނޭރުން
- ދިގު ދަތުރެއްނަމަ ބްރޭކްނެގުން
ޓްރެފިކް ޖެހިފައިވާނަމަ މީހާ ހަމަޖެހިލުން (ފުންކޮށް ނޭވާލުން، ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލުން)