ފުރާވަރުގެ ދަރިފުޅަށް ޕްރައިވަސީދޭނީ ކިހާވަރަކަށް؟
12 ފެބުރުއަރީ 2022 - 16:45
ފުރާވަރަށް އަރައިގެން އަންނަ ކުދިންނަކީ އެކުދިންގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަންފަށާ ދުވަސްވަރެކެވެ. މިދުވަސްވަރުގައި އައު ކަންތައްތައް ތަޖުރިބާކޮށް ކުއްޖާގެ އުޅުމަށް ބަދަލުއާދެއެވެ. އަދި މިއީ ފްރައިވަސީވެސް ކުއްޖާއަށް ބޭނުންވާނެ ދުވަސްވަރެކެވެ. ކުއްޖާ ތަރައްޤީވުމަށްވެސް ޕްރައިވަސީ ބޭނުންވެއެވެ.
ކުއްޖާއަށް ޕްރައިވަސީ ދޭއިރު މާބޮޑަށް ޕްރައިވަސީ ދީފިނަމަ އޭގެ ނާޖާއިޒް ފައިދާ ދަރިފުޅު ނަގާ މަގުއޮޅިގެން ހިނގައިދާނެއެވެ. އަދި ޕްރައިވަސީ ނުދީފިނަމަ މައިންބަފައިންދެކެ ރުޅިއައިސް އެމީހުންނަށްކުރާ އިތުބާރުވެސް ގެއްލިދާނެއެވެ. އެހެންކަމުން ދަރިފުޅަށް އެންމެ އެކަށީގެންވާ މިންވަރުގެ ޕްރައިވަސީއަކީ ކޮބައިތޯ މިއީވެސް އުފެދޭ ސުވާލެކެވެ.
ކުއްޖާގެ އެންމެ ތުއްތު އިރުގައިވެސް ކުއްޖާއަށް ބޭނުންވާ މިންވަރަށް ޕްރައިވަސީދީ މައިންބަފައިންނާއިމެދު ކުއްޖާގެ އޮންނަ އިތުބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ކުއްޖާގެ ކަންތައްތައް ކުއްޖާ ލައްވައި ކުރުވިދާނެއެވެ. އަދި ޖާނަލްއެއްފަދަ އެއްޗެއް ލިޔުމަށް ކުއްޖާއަށް ބާރުއަޅައި ވަގުތު ދެވިދާނެއެވެ. އަދި ކުއްޖާގެ ރަހުމަތްތެރިންނާއި ފޯނުން ނުވަތަ އެނޫންވެސް ގޮތަކަށް ވާހަކަދެއްކުމަށް ފުރުސަތު ދެވިދާނެއެވެ. މިއީ ކުއްޖާގެ އުމުރާއި އެއްވަރަށް ކުއްޖާއަށް ޕަރައިވަސީދީ ބެލެނިވެރިޔާއާއި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ކުރެވިދާނެކަމެކެވެ.
ކުއްޖާއަށް ޕްރައިވަސީ ދޭއިރު ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި މާޒީގައި ކަންތައްތަ ހިނގާފައި ހުރި ގޮތުން ކުއްޖާ ތެދުހަދަނީ ކިހާ މިންވަރަކަށްތޯ ބަލައި ޕްރައިވަސީ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޕްރައިވަސީ ދޭއިރުވެސް ވަކި ލިމިޓެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ފެންނަ ކަންކަމަށް ސަމާލުކަން ދޭށެވެ. އެގޮތުން ކުއްޖާގެ އުޅުމުން ތަފާތުކަމެއް ފާހަގަވޭތޯ ބަލާ އަބަދުވެސް އެކަމަކަށް ސަމާލުވާށެވެ.
ކުއްޖާއަށް ޝައްކުކުރުމުގެ ކުރިން ކުއްޖާއަށް ރީތިބަހުން ވާހަކަދައްކާށެވެ. ކަމަކަށް ޝައްކުވުމުން ފާރަލުމުގެ ބަދަލުގައި ވާހަކަދެއްކުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި މިއީ ކުއްޖާއަށް ބެލެނިވެރިޔާއާއިމެދު އޮންނަ އިތުބާރުވެސް ބޮޑުވެގެންދާނެކަމެކެވެ.