ރިޕޯޓު: 30 ޕަސެންޓުން ވެރިކަން ކުރެވިދާނެތަ؟

14 ފެބުރުއަރީ 2022 - 13:17

ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަންކުރުމުގައި އެންމެ މުހިންމު ރޯލެއް އަބަދުވެސް އަދާކުރަމުން އަންނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެންމެ ފުރަތަމަ ޕާޓީ އަދި މިހާރު އެންމެ މެންބަރުން ގިނަ ޕާޓީ އަށް ވުމާއި މި ވަގުތު ވެރިކަމުގައި އޮތުމުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ފުލް މެޖޯރިޓީ އެމްޑީޕީ އަށް އޮތުމަކީ އޭގެ އެއް ސަބަބެވެ. މަޖިލީހުގައި އިތުރު އެއްވެސް ބައެއްގެ އެހީއާ ނުލައި ވެސް ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އެމްޑީޕީ އަށް އޮތުމުން ވެރިކަމާއި އަދި އިންތިހާބުތަކާ ގުޅޭ ކަންކަން ބަދަލުކުރުމުގެ ފުރިހަމަ ބާރު އެ ޕާޓީ އަށް އެބަ އޮތެވެ. އެހެން ނަމަވެސް ފެށުނީއްސުރެ ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަމުން އަންނަ އެމްޑީޕީން މަޖިލީހުގައި ކަމެއް ނިންމުމުގެ ކުރިން އެ ޕާޓީގެ މުހިންމު ގުނައަންތަކުގެ މެދުގައި މަޝްވަރާކޮށް، ގޮތްތަކެއް ނިންމައެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ގުނައަނަކީ ގައުމީ މަޖިލީހެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރެއަކީ ގައުމީ މަޖިލީހުގެ މުހިންމު ޖަލްސާއެއް އޮތް ރެއެކެވެ.


އެމްޑީޕީގެ ގިނަ ކަންކަން ނިމިދަނީ އެ ޕާޓީގެ އެއް ބާނީ އަދި އެންމެ ނުފޫޒުގަދަ ކަމަށް ބެލެވޭ ޕާޓީގެ ރައީސް އަދި މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސްގެ ގޮތުގައި ހުންނެވި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށެވެ. އެ ނޫން ހާލަތެއް މެދުވެރިވާ ހިނދު ޕާޓީގެ އެތެރޭގައި އަބަދު ވެސް ބޮޑެތި ކޯޅުންތައް އުފެދެއެވެ. އަދި އެފަދަ ކަމަކަށް އިސްނަންގަވާ ބޭފުޅުންނަށް ޕާޓީއާ ފެއަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވެއެވެ. ނުވަތަ ފެއެއް ޖައްސާލައެވެ. އެ ގޮތުން ޕާޓީގެ ކުރީ ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއް މިހާރު ތިއްބެވީ ޕާޓީއާ ދުރުގައެވެ. އޭގެ ތެރޭގައި އިސް މަގާމުތައް ފުރުއްވި އިބްރާހީމް އިސްމާއިލާއި، ރީކޯ މޫސާ މަނިކާއި، ޑރ. މުހައްމަދު މުނައްވަރާއި އަލްހާން ފަހުމީ ފަދަ އެތައް ބޭފުޅުންނެއް ފާހަގަކޮށްލެވެއެވެ.

advertisement


މިއީ ދާދި ފަހަކާ ޖެހެންދެން އެކަން އޮތް ގޮތެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ އެކު މި މަންޒަރު ވަނީ ބަދަލުވާން ފަށާފައެވެ. ރައީސް ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް ހުރިހާ ކަމެއް ނުނިމޭ ކަމާއި ދެބަސްވުންތަކުގައި ރައީސް ސޯލިހު ކުރި ހޯއްދަވާކަން މި ތިން އަހަރުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ޕާޓީގެ އެތެރޭގެ ހަލަބޮލިކަން މައިތިރިކުރައްވައި ސުލްހަ ހޯއްދެވުމަށް ރައީސް ސޯލިހް މަސައްކަތްކުރައްވާތަން ވަރަށް ގިނަ ފަހަރު ވަނީ ފެނިގެން ގޮސްފައެވެ.


އެމްޑީޕީގެ އެތެރޭގައި މި ފަހަކަށް އައިސް އުފެދިފައިވާ ހުރިހާ ކޯޅުމެއްގެ އަސްލު ގޮސް ގުޅެނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއެވެ. އެ އިންތިހާބުގައި ވާދަކުރައްވާނެކަން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހް މިހާތަނަށް ހާމަނުކުރެއްވި ނަމަވެސް އެ މަނިކުފާނުގެ އަރިސް ބޭފުޅުންނާއި ވަޒީރުން އެ މަނިކުފާނު އިންނަވާ ޖަލްސާތަކުގައި ވެސް ދައްކަވާފައި ވެއެވެ. އެކަމާ ދެކޮޅު ހައްދާފައިނުވާ އިރު މިހާތަނަށް ނުސީދާ ގޮތެއްގައި ދެ ވަނަ ދައުރެއް ބޭނުންފުޅުވާކަން ރައީސް ސޯލިހް ވެސް ގެންދަވަނީ ހާމަކުރައްވަމުންނެވެ. އަނެއްކޮޅުން އެ މަނިކުފާނުގެ އެންމެ ގާތް މިތުރު އަދި ޕާޓީގެ ރައީސް ނަޝީދު ވެސް ހުންނެވީ ލިބުނު ގޮތަކުން ވެރިކަން ހޯއްދެވުމަށް ފާޅުގައި ނިކުމެ ވަޑައިގެންނެވެ. އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކެވި ނަމަވެސް ކޮންމެ ސިފައެއްގައި ވިޔަސް ވެރިކަމަށް ވަޑައިގަތުމަކީ އެ މަނިކުފާނުގެ އަޒުމެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްލެއް ބޮޑުކަމުން ރައީސް ނަޝީދު ގެންދަވަނީ އެކަމަށްޓަކައި ކޮށްޓެވޭނެ އެންމެ ފަސޭހަ މަގުތައް ކޮށްޓަވަމުންނެވެ. މިހާތަނާ ޖެހެންދެން ދައްކަވަމުން ގެންދަވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމުގެ ވާހަކައެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދު އަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމާއި މަޖިލީހުގައި އެމަނިކުފާނުގެ ފަޅި އަށް އޮތް ތާއީދު ކުޑަވުމުން އެކަމުގައި ކުރިއެއް ލިބިވަޑައިނުގަންނަވާނެކަން މި ފަހަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކުން ހާމަވެއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގައި ކުރިއެރުމެއް ނުލިބިއްޖެ ނަމަ ދެން އޮތް މަގެއްގެ ވާހަކަ ވެސް އެ މަނިކުފާނު މިހާރު ވަނީ ފައްޓަވާފައެވެ. އެއީ ރިޔާސީ އިންތިހާބެއްގައި 30 ޕަސެންޓުން މަތިން އެންމެ ގިނައިން ވޯޓު ލިބޭ ފަރާތަކަށް ރާއްޖޭގެ ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނޫ އަސާސީ އިސްލާހުކުރުމެވެ.


ގާނޫނޫ އަސާސީގައި މި ވަގުތު އޮތީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ އެއް ވޯޓު އިތުރަށް ލިބޭ ފަރާތަކަށް ވެރިކަމަށް އާދެވޭ ގޮތަށެވެ. ނަމަވެސް ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހައިޖާނު ބޮޑު ނިޒާމެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެކަން ކުރެވިދާނެ ބޭފުޅަކު ނެތްކަމަށް އެމަނިކުފާނާއި އެމްޑީޕީ ވެސް ގަބޫލުކުރެއެވެ. އެހެން ކަމުން ރިޔާސީ ނިޒާމެއްގެ ތެރެއިން ކޯލީޝަނެއް ހަދައިގެން ނޫނީ ވެރިކަމެއް ކުރެވެން ނެތްކަން އެއީ މާޒީން ހެކިދޭ ކަމެކެވެ. މި ބަދަލު ގެނައުމަށް ރައީސް ނަޝީދު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ވެސް ކޯލީޝަނެއް ނެތި ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރެވޭނެ މަގެއް ހޯއްދެވުން ކަމަށް އެމަނިކުފާނާއި އެ ވިސްނުމަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެއެވެ.


ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ފެންނަން އޮތީ އެއް ޕާޓީއަކަށް ނުވަތަ ސިޔާސީ އެއް ބޭފުޅަކަށް ވޯޓުލާ މީހުންގެ 50 ޕަސެންޓް ތާއީދު ނެތް ކަމެވެ. އެ ގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ރައީސް ނަޝީދަށް ވެސް ފުރަތަމަ ބުރުގައި ކާމިޔާބު ނުހޯއްދެވުނެވެ. ދެ ވަނަ ބުރުގައި އެކަން ހާސިލްވީ ބައެއް އެހެން ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ތާއީދާ ވެސް އެކުގައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ވެސް ވީ އެފަދަ ގޮތެކެވެ. ނަމަވެސް އެ ފަހަރު ރައީސް ނަޝީދާ ބައިއަތު ހިފާނެ ސިޔާސީ ލީޑަރަކު ނުވުމުން ދެ ވަނަ ބުރުގައި ކާމިޔާބު ހޯއްދެވީ އަބްދުﷲ ޔާމީނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުން ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތެވެ. ނަމަވެސް އެ ފަހަރު ވެސް އެކަން ކާމިޔާބުވީ ފުރަތަމަ ބުރުގައި ރައީސް ސޯލީހާ އެކު ގިނަ ސިޔާސީ ބޭފުޅުންތަކެއް ތިއްބެވުމުނެވެ. މިކަންކަމުން ވެސް ދޭހަކޮށްދެނީ ރާއްޖޭގައި އެއް ލީޑަރަކަށް އެވަރުގެ ބޮޑު ތާއީދެއް ނެތް ކަމެވެ.


ރައީސް ނަޝީދު ވެސް މި ހަގީގަތް ގަބޫލުކުރައްވައެވެ. މިހާރު ނިޒާމު އޮތް ގޮތުން ކޯލީޝަނެއް ނުވަތަ ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ރިޔާސީ އިންތިހާބެއްގައި ކާމިޔާބެއް ނެތެވެ. އޭގެ ނަތީޖާއަކަށް ވަނީ ވެރިކަމުގެ ބާރުތައް ކުދި ޕާޓީތަކާ ހިއްސާކުރަންޖެހި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ސަރުކާރު އޮމާންކޮށް ހިންގުމުގައި ދަތިތައް ކުރިމަތިވުމެވެ. އެ ގޮތުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް މާ ގިނަ ދުވަސްތަކެއް ނުވެ ކޯލީޝަން ރޫޅި މައްސަލަތައް ބޮޑުވިއެވެ. ރައީސް ސޯލިހްގެ ސިޔާސަތުގެ ސަބަބުން މި ވެރިކަމުގެ ބޮޑު ބައި މި ވަނީ ކޯލީޝަންގެ ބައިވެރިންނާ އެކު ފުރިހަމަ ކުރައްވާފައެވެ. ކުދިކުދި ހިޔާލު ތަފާތުވުންތަކާ އެކު ވެސް ވެރިކަމުގެ ލަގަން ރައީސް ސޯލިހް ގެންދަވަނީ ވަރަށް ހަރުދަނާ ކަމާ އެކު ހިފަހައްޓަވަމުންނެވެ. ނަމަވެސް ކޯލީޝަން ވެރިކަމެއް ކާމިޔާބުކަމާ އެކު ކޮންމެ ކޮންމެ ބޭފުޅަކަށް ނުކުރެއްވޭނެއެވެ. ހާއްސަކޮށް ބާރުތައް ބައިބައިކުރެވޭނެ ގާނޫނީ ހަމައެއް ނެތި ނުވަތަ ކޯލީޝަން ހަދައިގެން ވެރިކަންކުރާނެ ގޮތެއް ގާނޫނު އަސާސީގައި ނުލިޔާހާ ހިނދަކު އެއީ ދެމިގެންދާނެ ކަމެއް ނޫނެވެ. ނުވަތަ ހައްލެއް އޮތް މައްސަލައެއް ވެސް ނޫނެވެ. ރައީސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވެސް އެ ދައްކަނީ އެ ވާހަކައެވެ.


އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި 30 ޕަސަންޓުން މަތިން އެންމެ ގިނައިން ވޯޓު ހޯއްދަވާ ބޭފުޅަކަށް ވެރިކަން ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކުން ގޯހެއް ނެތެވެ. އެއީ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ވެސް ވެރިކަން ކުރަމުން އަންނަނީ މައިނޯރިޓީން ކަމަށް ވުމެވެ. އެ ގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 25 ޕަސެންޓެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށް 40 ޕަސެންޓް ލިބިވަޑައިގަތެވެ. ނަމަވެސް ވެރިކަމުގެ ހުވާކުރެއްވީ ރައީސް ނަޝީދެވެ. އޭގެ ފަހުން 2013 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް 45 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. އެ މަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓެވެ. ނަމަވެސް އެ ފަހަރު ރައީސްކަމުގެ ހުވާކުރެއްވީ ޔާމީނެވެ. އެހެންކަމުން އެ ދެ އިންތިހާބުން ވެސް ހާމަވާން އޮތް ކަމަކީ ރައީސް ނަޝީދު އެ ވިދާޅުވާ 30 ޕަސެންޓް ވެސް ނުލިބޭ ފަރާތަކަށް މިހާރު ވެސް ވެރިކަން ކުރުމުގެ ފުރުސަތު ރިޔާސީ ނިޒާމުގައި ހުޅުވިފައި އޮތް ކަމެވެ. އެހެންކަމުން މައިނޯރިޓީން ވެރިކަންކުރުމަކީ ޑިމޮކްރަސީތަކުގައި އާ ކަމެއް ނޫންކަން މިކަމުން ވެސް ސާބިތުކޮށްދެއެވެ. އަދި ޕޮޕިއުލާ ވޯޓުން ކުރި ލިބެންނުޖެހޭކަން ބައިނަލްއަގުވާމީ ދުނިޔެއިން ވެސް މިސާލުތައް ފެންނަން އެބަހުއްޓެވެ. އެމެރިކާގެ ރިޔާސީ ނިޒާމު ބައްޓަންވެފައި އޮތީ ވެސް އެންމެ ގިނަ ވޯޓު ލިބޭ ފަރާތެއް ވެރިކަން ކުރާ ގޮތަކަށް ނޫނެވެ.


އަނެއް ބަޔަކު ދެކޭ ގޮތުގައި އެންމެ ގިނަ ވޯޓު ލިބޭ ފަރާތެއް ވެރިކަމަށް އަންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އެމްޑީޕީން ވެސް މީގެ ކުރިން ވާހަކަ ދައްކަމުން އައި ގޮތަށް ކޯލީޝަނެއްގެ ތެރެއިން ވެރިކަންކުރެވޭނެ ގާނޫނީ ހަމައެއް ގާއިމުކުރުމެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ގާނޫނޫ އަސާސީ އަށް ގެންނަންޖެހޭ އިސްލާހަކީ އެއީ އެވެ. އެކަމުގައި އޮތީ ދެ ގޮތެކެވެ. އެއީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއަށް ކޯލީޝަން ސަރުކަރުގެ ސިފަތައް ވައްދައި ބަރުލަމާނީ ސިފަތައް އުނިކުރުމެވެ. ނުވަތަ ފުރިހަމަ ބަރުލަމާނީއަކަށް ބަދަލުވެ، ގިނަ ޕާޓީތައް އެކުވެގެން ވެސް ސަރުކާރެއް އެކުލައިވެލެވޭނެ ހަމައެއް ގާއިމުކުރުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0