ހަކުރުބަލި ޓައިޕް 2ގެ އަލާމާތްތައް އަވަހަށް ދެނެގަންނާނީ ކިހިނެތް؟
21 ފެބުރުއަރީ 2022 - 14:17
ހަކުރު ބަލި ޖެހުމަކީ ލޭގައި ދައުރުވާ ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމެވެ. އެހެންކަމުން ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.ހަކުރު ނުވަތަ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ.
ހަކުރު ބައްޔަކީ މުޅިން ރަގަޅު ނުކުރެވުނު ނަމަވެސް މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގައިވާ ޗިސްމޭ އިން އުފައްދާ ތާސީރެއް ކަމުގައިވާ އިންސިއުލިން މަދުވުމުން ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ. އެހެންކަމުން މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ.
ހަކުރު ބަލީގެ ވައްތަރުތައް
ޓައިޕް 1 ހަކުރު ބަލި:
މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަނީ ވަރަށް މަދުންނެވެ. ޓައިޕް އެކެއްގެ ހަކުރު ބަލި އާއްމުކޮށް ޖެހެނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އެ ކުދިންނަށް ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ޖަހަންޖެހެ އެވެ.
ޓައިޕް 2 ހަކުރު ބަލި:
މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަމުންދިޔަ ކަމުގައި ވިޔަސް އޭގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެ އެވެ. ބައެއް މީހުންގެ ގައިގައި ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައެއް ނުދެ އެވެ.
އެ ބާވަތުގެ ހަކުރު ބަލީގައި ގުޅަބޭސް ބޭނުންކުރެ އެވެ. ބައެއް ހާލަތްތަކުގައި އިންސިއުލިން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަންޖެހެ އެވެ.
މާބަނޑު ދުވަސްވަރު ޖެހޭ ހަކުރު ބަލި:
ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު ބައެއް އަންހެނުންނަށް މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހެ އެވެ. ނަމަވެސް ވިހެއުމުން ގިނަ މީހުންގެ ހަކުރު ކޮންޓްރޯލްވެގެންދެ އެވެ.
ޓައިޕް2 ހަކުރު ބަލި ހުރިކަމަށް ޝައްކުކުރެވޭ ނިޝާންތައް
– އަވަސް އަވަހަށް ކުޑަކަމުންދާން ޖެހުން
– އާދަޔާ ހިލާފަށް ވަރުބަލިވުން
– އަތްފައި އައްސިވުން
– ތަނެއް ހަލާކުވުމުން ފަސޭހަވާން އުނދަގޫވުން
– އަވަސްއަވަހަށް ބަނޑުހައިވުން
– ލޯފުސްވުން
– ކުޑަކަމުދާ ނިޒާމާ، ހިރުގަނޑު އަދި ހަމުގެ ބަލިތައް ޖެހުން އަވަސްވުން
ބައްޔަށް އޮތް ފަރުވާ
– ހަކުރު އަޅައިގެން ކާބޯތަކެތި ބޭނުން ނުކުރުން
– ދުވާލަކު ގާތްގަނޑަކަށް 30 މިނެޓު ވަންދެން އަދި ހަފުތާއަކު މަދުވެގެން ފަސް ދުވަހު ކަސްރަތުކުރުން
– ކެއުމުގައި ކާބޯހައިޑްރޭޓްސް (ހަނޑޫ، ފުށް، ފަލަމަޑީގެ ބާވަތްތައް) މަދުން ބޭނުންކުރުން
ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން ހިމެނެ އެވެ. ލޭގެ ޕްރެޝާ ނުވަތަ ލޭގައި ސަރުބީ މައްޗަށް ދިއުމާއި ހަށިގަނޑަށް ލިބެންވާ ކަސްރަތު ގަވައިދުން ލިބެމުން ނުދިއުމަކީ ވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެކެވެ.