ގުޅުން ދެމެހެއްޓުމަށް ލޯބި އެކަނި ފުދޭތަ؟
14 މާޗް 2022 - 15:01
ރިލޭޝަންޝިޕްއެއްގައި ލޯތްބަކީ ވަރަށް މުހިންމު އެއްޗެއްކަމަށް މީހުން ބުނެއުޅެއެވެ. ލޯބިނުވާ މީހަކާއިއެކު ދިރިއުޅުމެއް ނޫޅެވޭނެއޭ ބުނާއަޑުވެސް އަހަމެވެ. އެހެންނަމަވެސް ގުޅުމެއް ކުރިއަށްގެންދަން ހަމައެކަނި ލޯބި ފުދޭތޯ މިއީ ކުރެވޭ ސުވާލެކެވެ. ހަމައެކަނި ލޮތްބާއިއެކު ގުޅުމެއް ދެމިއޮވެދާނެބާވައެވެ؟
ހާލަތައް ބެލުމަށްފަހުގައި ދިރިއުޅުން ކުރިއަށްގެންދިއުމަށް އެކި ހާލަތުގައި އެކިއެކި ކަންކަން މުހިންމުވާ ފަހަރުވެސް އާދެއެވެ. ކޮންމެފަހަރަކު ދިރިއުޅުމުގައި ލޯތްބަކީ އެންމެ މުހިންމު ކަމަށް ނުވެދާނެއެވެ. ދިރިއުޅުމުގައި ލޯބި އިންތިހާއަށް އޮތްނަމަވެސް ބައެއް ހާލަތްތަކުގައި އެ ދިރިއުޅުމެއް ކުރިއަށްނުގޮސްފާނެއެވެ. އޭގެ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.
2 މީހުން އެއްކަމެއް ބޭނުންނުވުން
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން އެހެން މީހަކާއިއެކު ދިރިއުޅުމެއް ފަށާއިރު މިއީ ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. ތިމާއާއި ތިމާގެ ބައިވެރިޔާއާއި ދެމެދުގައި ތަފާތުތަކެއް ހުންނާނެކަމެވެ. ނަމަވެސް 2 މީހުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންތައް ތަފާތުނަމަ އެ ދިރިއުޅުމުގައި ލޯބި އަދި އޮތަސް ގުޅުން ކުރިއަށް ނުގޮސްދާނެއެވެ. މިސާލަކަށް ބުނާނަމަ ތިމާ ދަރިން ބޭނުންވާއިރު ތިމާގެ ބައިވެރިޔާއަކީ ދަރިން ހޯދަން ބޭނުންނުވާ މީހަކަށް ވެދާނެއެވެ. މި ހާލަތުގައި އެ ދިރިއުޅުމެއް ކުރިއަށްގެންދިއުން ވާނީ އުނދަގޫ ކަމަކަށެވެ.
ބައިވެރިޔާއަކީ މެޗުއަރ މީހަކަށް ނުވުން
މެޗުއަރ ނުވުމަކީ ގިނަ ފަހަރު ދިރިއުޅުން ކުރިއަށްގެންދިއުމަށް އުނދަގޫކަމަކަށްވެއެވެ. މެޗުއަރ ނޫންމީހަކު ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައްވެސް ތަފާތުވެގެންދެއެވެ. އަދި މިއީ ލޯބިވިއަސް ގުޅުމަށް ބުރޫއަރާކަމަކަށްވެއެވެ.
ވާހަކަދެއްކުމުގައި ހުންނަ މައްސަލަތައް
ވާހަކަނުދެއްކުމަކީ ވަރަށް ގިނަ ފަހަރު ގުޅުމަށް ބުރޫއަރާކަމެކެވެ. އެކަކަކީ ވާހަކަދައްކާ މީހަކަށް ވާއިރު އަނެކަކަކީ ވާހަކަނުދައްކާ މީހަކަށްވެދާނެއެވެ. އެހެންކަމަށްވާނަމަ އެ ގުޅުން ކުރިއަށްގެންދަން އުނދަގޫވާނެއެވެ. ހިޔާލު ތަފާތުވެ މާގިނައިން ޒުވާބުކުރަން ޖެހޭނަމަ އެއީވެސް މައްސަލައެކެވެ.
އުފަލެއް ނެތުން
މިއީ ވަރަށް ގިނަފަހަރު ގުޅުންތައް ނިމުމަކަށް އަންނަ ސަބަބެކެވެ. ކައިވެނި ކޮށްގެން އުޅޭއިރު އެ ގުޅުމެއްގައި އުފާވެރިކަމެއް ނެތުމަކީ މައްސަލައެކެވެ. ބައިވެރިޔާ ރަނގަޅު ނަމަވެސް އުފަލެއް ނުލިބޭ ފަހަރު ދިމާވެއެވެ.