މަސައްކަތު މާހައުލުގައި “ވަރބަލް އެބިއުސް” ކުރޭތަ؟
15 މާޗް 2022 - 12:03
އަނިޔާގެ ވާހަކަ ދައްކާއިރު އަހަރެމެންނަށް އަބަދުވެސް ހީވެފައިވަނީ އަނިޔާއަކީ ހަމައެކަނި ފިޒިކަލީ ލިބޭ އެއްޗެއްކަމަށެވެ. ނަމަވެސް އަނގައިން ބުނާ ބުުނުމެއްގެ ސަބަބުންވެސް އަނިޔާ ލިބި އެބިއުސްއަށް ވެއެވެ. މީގެތެރޭގައި “ވަރބަލް އެބިއުސް” އަކީ ވަރަށް އާންމު ކަމެކެވެ. ވަރބަލް އެބިއުސްއަކީ އަނގައިން ބުނާ ބުނުމެއްގެ ސަަބަބުން ނުވަތަ ބޭނުންކުރާ ބަހުރުވައެއްހެ ސަބަބުން ނުވަތަ އުޅޭ އުޅުމެއްގެ ސަބަބުން އަނެކާއަށް ކުރާ އަނިޔާއެވެ.
ވަރބަލް އެބިއުސްގެ ވާހަކަ ދައްކާއިރު އަހަރެމެންނަށް ހީވަނީ މިއީ ހަމައެކަނި އަހަރެމެންނާއި ގާތް މީހުންގެ ފަރާތުން ލިބޭ އަނިޔާއެއްކަމަށެވެ. ނަމަވެސް ވަރބަލް އެބިއުސްގެ ވާހަކަ ދައްކާއިރު މިބާވަތުގެ އެބިއުސް އެންމެ ގިނައިން ކުރަނީ އޮފީސް މާހައުލުގައެވެ.
އޮފީސް މާހައުލުގައި ބޮސްގެ ފަރާތުން ނުވަތަ އެކުގައި މަސައްކަތްކުރާ މީހުންގެ ފަރާތުންވެސް ވަރބަލް އެބިއުސް ލިބެއެވެ. އޮފީހަކީ ގޭގެ މާހައުލަށްފަހު އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނެވެ. އެހެންކަމުން އޮފީސް މާހައުލުގައި ކުރިމަތިވާ ވަރބަސް އެބިއުސްގެ އަމަލުތަކަކީ ސީރިއަސް ކަންކަމެވެ.
ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި 50 މިލިއަނަށްވުރެ ގިނަ މީހުންނަށް އޮފީހުގެ މާހައުލުގައި އެބިއުސްގެ އެކިއެކި ކަންކަމާއި ކުރިމަތިލާންޖެހެއެވެ. މީގެތެރޭގައި ވަރބަސް އެބިއުސްގެ އަމަލުތައް ގިނަކަމަށް ހޯދުންތަކުން ދައްކައެވެ.
އޮފީހުގެ މާހައުލުގައި ވަރބަލް އެބިއުސް ކުރާއިރު ބިރުދެއްކުމާއި، އުޅިއައިސްގެން ހަޅޭލެވުމާއި، ގޮސިޕް ކުރުމާއި އަދި ތަފާތު ދޮގު ވާހަކަތައް ފެތުރުން ފަދަ ކަންކަން ކުރެއެވެ.
މީގެ ސަބަބުން އޮފީހުގެ މަސައްކަތްތަކަށް ހުރަސްއެޅި އޮފީހާއި އަދި އޮފީހުން ބޭރުގައި މީހާ ޑިޕްރެޝަނަށް ދިއުމަށް މަގުފަހިވެއެވެ. މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ ސީރިއަސް މައްސަލައެކެވެ. މީގެ ސަބަބުން ނަފްސާނީ ބޮޑު ބައްޔަކަށްވެސް ބަދަލުވެފައި އެބަހުއްޓެވެ. އޮފީހުގެ މާހައުލުގައި މިފަަދަ މައްސަލަތައް ދިމާވާނަމަ މިކަމަށް އެކްޝަން ނެގުމަކީ މުހިންމު ކަމެކެވެ. މި މައްސަލަ ސުޕަވައިޒަރަށް ނުވަތަ އެޗްއާރ އަށްވެސް ހުށައެޅިދާނެއެވެ.