ރިޕޯޓް: އެއްވެއުޅުމުގެ މިނިވަންކަން ހިފެހެއްޓުމުގައި މިސަރުކާރަށްވެސް ކަމުދަނީ ރައީސް ޔާމީންގެ ސިޔާސަތު
29 މާޗް 2022 - 11:43
“އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު ނޯންނާނެ މުޒާހަރާ ކުރުން މަނާކޮށްފައެއް. އަދި މުޒާހަރާއެއް ފެއްޓިޔަ ނުދިނުމަށްޓަކައި މުޒާހަރާއަށް މިހާރު ފުލުހުންނަށް ލިބޭ އިންޓަލިޖެންސް އޭރު ހަމަގައިމު ވެސް ފުލުހުންނަކަށް ނުލިބޭ,” އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި އެއްވުން ފުލުހުން ހުއްޓުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވެއެވެ.
ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ކުރީގެ ސަރުކާރުގައި އޮތް ގޮތް ކަމަށް ރައީސް ޔާމީން ސިފަކޮށްދެއްވަން އެ އުޅުއްވާ މަންޒަރަކީ ކަން އޮތް ގޮތާ މުޅިން ދިމާ އިދިކޮޅެވެ. ހަގީގަތަކީ އެއްވެ އުޅުމުގެ މިނިވަންކަމަށް މިހާރު އޮތް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިކުރެއްވި ބޭފުޅަކީ އެމަނިކުފާނުކަމެވެ. “ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު” މިހާރު އޮތް ވަރަށް ހަނިކޮށްފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ. އެއީ އުވާލަންޖެހޭ އިސްލާހުތަކެއް ކަމަށް ބުނެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވަރަށް ބޮޑަށް ވަކާލާތު ވެސް ކުރިއެވެ. ނަމަވެސް އެމްޑީޕީން އިސްވެ އޮވެ އުފެއްދި ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު ވެސް އެ އިސްލާހުތައް އުވާލާފައެއް ނުވެއެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އެ ގާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ވަނީ 30 ދުވަހުގެ ތެރޭގައި އެތަނަކީ ކާނިވާ ސަރަހައްދު ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން އެހެން އެއްވެސް ތަނެއްގައި އެއްވާ ނަމަ އެކަން ފުލުހުން ހުއްޓުވާނެއެވެ. އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީންގެ ގެކޮޅު ކައިރިން ދުރަށް ނުދެވި ބަންދުވެފައި ތިބެންޖެހެނީ އެ ބޭފުޅުން އޭރު ގެންނެވި އެ އިސްލާހުގެ ސަބަބުންނެވެ. ހަތަރު ފަރާތުން ބެރިކޭޑް ޖަހައިގެން ފުލުހުން ވެސް އުޒުރަކަށް ދައްކަނީ އެ އިސްލާހުތަކެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރި
ގާނޫނު އަސާސީ ވަރަށް ފުޅާދާއިރާއެއްގައި ދީފައި އޮތް ހައްގެއް ވަރަށް ހަނިކުރި އެ އިސްލާހަކީ ގާނޫނު އަސާސީއާ ވަރަށް ބޮޑަށް ފުށުއަރާ އިސްލާހެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބުނެފައި ވެއެވެ. އޭރު ސަރުކާރުން ހަނިކުރީ އެއްވެ އުޅުމުގެ މިނިވަންކަން އެކަންޏެއް ނޫނެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ކަސްދޮޅު އެޅިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ނަމުގައި އުފަންކުރުވި “އަބުރުގެ ގާނޫނު” ވެގެން ދިޔައީ ހިޔާލުފާޅުކުމުގެ މިނިވަންކަމުގައި ބޮޑު ތަޅު އެޅުވުނު ސަބަބަކަށެވެ. އެ ގާނޫނު ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކާއި މީޑިއާތަކަށް ބޮޑެތި އަދަބުތައް ދިނެވެ. ނޫސްވެރިކަން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި ޓީވީ ސްޓޭޝަންތައް އެތައް މިލިއަނުން ޖޫރިމަނާކުރިއެވެ.
އާ ސަރުކާރެއް އައިސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ކުރެއްވި ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ. އެ ގާނޫނު އުވާލުމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހްތައް ވެސް އުވާލުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. އަދި 2019 ވަނަ އަހަރު މަޖިލީހުގެ ފުލް ކޮންޓްރޯލް އެމްޑީޕީ އަށް ލިބުމުން ފުރަތަމަ ކުރާނެ ކަމަކީ އެއީ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް އަދިއަދާ ހަމައަށް ވެސް އެ ގާނޫނު އޮތީ ރައީސް ޔާމީންގެ ސަރުކާރުގައި ގެންނެވި އިސްލާހްތަކާ އެކީގައި، އެ މިނިވަންކަމުގައި ތަޅު އަޅުވާފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސް ނައްތާލެއްވި އިރު އެއްވެ އުޅުމަށް އޮތް ހުރަސް މި ސަރުކާރު ނައްތާނުލުމުގައި ހީލަތްތެރިކަމެއް އެބަ އޮތެވެ.
ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިހާރުގެ އިދިކޮޅު ފަރާތްތަކުން އަމިއްލައަށް ކުރިމަތިކުރުވި ހުރަސްތަކުގެ ހިތި އެ ފަރާތްތަކަށް ތަޖުރިބާކުރަންޖެއްސުމަކީ އޭގެ އެއް މަގުސަދެވެ. “އެހާ އެއްވަން ބޭނުން ނަމަ ހައްޖަން ދާންވީ ނޫންތޯ” ކަމަށް ރައީސް ޔާމީން ވިދާޅުވި ބަސްފުޅު މިހާރު ތަހައްމަލުކުރައްވަން ޖެހިވަޑައިގެންފައި ވަނީ ހުދު އެމަނިކުފާނަށެވެ. އިދިކޮޅު ފަރާތްތަކަށް އެއްވެ އުޅުމަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަކީ އެމަނިކުފާނުގެ ސަރުކާރުން ގެންނެވި އިސްލާހްތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކެއް ކަމެއް އެމަނިކުފާނު މި ވަގުތު ހަނދުމަފުޅެއް ނެތެވެ.
އެ އިސްލާހްތަކަކަކީ އުވާލަންޖެހޭ އިސްލާހުތަކެއް ކަމަށް ބުނެ މިހާރުގެ އިދިކޮޅު ފަރާތްތަކުން ގޮވަމުންދަ ގޮވެލި ފައްޗަކީ އެމްޑީޕީ އާއި އަދި އެ ޕާޓީއާ އެކު ކޯލީޝަން ހަދައިގެން ތިބި ފަރާތްތަކުން މީގެ ކުރިން ގޮވަމުން ދިޔަ ގޮވެލި ފައްޗެކެވެ. ހަގީގަތަކީ އެއީ އުވާލަންޖެހޭ އިސްލާހުތަކެއް ކަމެކެވެ. ވަކި ބަޔަކު އިދިކޮޅުގައި އޮތަތީ ޖެއްސުން ކުރުމަށްޓަކައި އެ އިސްލާހުތައް ދެމެހެއްޓުމަކީ ވަރަށް ނާތަހުޒީބު ކަމެކެވެ. ނަމަވެސް އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކޮށްގެން އޭގެ މައްޗަށް މުޅި ޕާޓީގެ އަސާސް ބިނާކޮށްގެން ތިބި އެމްޑީޕީން މިއަދު ހަނދާން ނެތް ކަހަލައެވެ. ޕާޓީގެ އެންމެ އަސާސީ އެއް ސިފަ މިއަދު ވަނީ ގެއްލިފައެވެ. އެކަމަށް ވަކާލާތުކުރުމުގެ ބަދަލުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމަށް އެ އިސްލާހުތައް ބޭނުންކޮށް އަދި އެކަމަށް ހަޖޫ ޖެހުމަކީ ޕާޓީ އަށް ލިބޭ ހުތުރެކެވެ. އެއީ އުވާލަންޖެހޭ އިސްލާހްތަކެކެވެ.