ވަގުންނަށް ހާސް ކަމެވެ. ހާސް ދުވަހެއް ނޫނެވެ!

11 އެޕްރީލް 2022 - 11:14

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރިކޯޑްކުރެވިފައިވާ ކުށްތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، އެއްބާވަތަކަށް އެންމެ ޢާންމުކޮށް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅޭ މައްސަލަތަކަކީ ވައްކަމުގެ ނުވަތަ ވައްކަމާއި ގުޅިފައިވާ މައްސަލަތަކެވެ. މިދިޔަ އަހަރު ވައްކަމުގެ ގޮތުގައި 4752 މައްސަލަ، ފޭރުމުގެ 384 މައްސަލަ، އެމްބެޒްލްމަންޓްގެ 1011 މައްސަލަ، ގެއްލިފައިވާ ތަކެތީގެ 976 މައްސަލަ ފުލުހަށް ރިޕޯޓްކުރެވިފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ބަލާއިރު  ވައްކަމުގެ އެކަނިވެސް 1053 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ހަމައެކަނި ފުލުހަށް އެކިގޮތްގޮތަށް ރިޕޯޓްކުރެވިގެން ރިކޯޑް ކުރެވިފައިވާ ޢަދަދުތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް އެކިސަބަބުތަކާއިހުރެ ފުލުހުންނަށް ހުށަނޭޅި ދަނީވެސް މަދުންނެއް ނޫނެވެ.

ރާއްޖޭގެ އެހެނިހެން ހިސާބުތަކަށްވުރެ މާލެފަދަ އާބާދީ ބޮޑު، ކާރޫބާރު ބޮޑު ތަންތަނުގައި ފޯނު، ގަހަނާ، ފައިސާ، ސައިކަލު، އަގު ބޮޑު މުދަލާއި އިލެކްޓްރޯނިކްސް ފަދަ ތަކެތިން ވައްކަންކުރުން ގިނައެވެ. ރަށްރަށުގައި ނަމަ ގޯތިތެރޭގައާއި، ދަނޑުބިންފަދަ ތަންތަނުގައި ހައްދާފައި ހުންނަ ތަރުކާރީ އާއި މޭވާ ފަދަ ތަކެއްޗަކީ ވަގުންގެ މައި ޓާގެޓްތަކެވެ. އެހެންވީމާ، ޙަޤީގަތުގައި ވައްކަމާއި ފޭރުން މިއޮންނަނީ މާޙައުލުން ފަހިކޮށްދޭ ފުރުޞަތުތަކަށް ބިނާވެފައެއް ނޫންތޯއެވެ؟ މީސްކޮޅު މަދު ކުދިކުދި ރަށްރަށުގައި ވައްކަންކޮށްގެން ހޯދާ މުދަލާއި ފައިސާފަދަ ތަކެތި އަތުލައިގަތުމަށް ފަސޭހަވެފައި ރަށުން އެފަދަތަކެތި ބޭރުކުރަން ހުޅުވިފައި ހުންނަ ދޮރުތައް މަދުވުމަކީ އެހެން އެކަން ދިމާވާން މެދުވެރިވާ ސަބަބެއްކަމަށް ބެލެވިދާނެއެވެ.   

advertisement

ކަންމިހެން އޮތުމާއިއެކު، ވައްކަމާއި، ފޭރުމާއި، އެމްބެޒްލްމަންޓް ފަދަ ކުށްތަށް ގިނަވާން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ މިފަދަ ކުށްކުރާ މީހުންނަށް މިބާތުގެ ކުށްތަކަށް އަރައިގަންނަން މަގު ފަހިވާ ގޮތަށް ހުންނަ ބައެއް ކަންކަމޭ ބުނެވިދާނެ ނޫންތޯއެވެ. ޢާންމު ދިރިއުޅުމުގައި ދިމާވާ ކުދި އެކަމަކު މުހިންމު ކަންކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ވައްކަމާއި ފޭރުންފަދަ މައްސަލަތަށް މުޖްތަމަޢުގައި މިވަނީ އިންތިހާއަށް ގިނަވެ ރައްޔިތުންނަށް ޢާންމު އުނދަގުލަކަށްވެފައެވެ.  

ހޭލާށެވެ! ސަމާލުވާށެވެ!

      ވައްކަމުގެ އުނދަގުލުން ސަލާމަތްވާން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ގޭގައި ނުވަތަ އެޕާޓްމަންޓްގައި ސީސީޓީވީ ހަރުކުރެވިދާނެ ނޫންހެއްޔެވެ؟ އަގުބޮޑު މުދަލާއި، ގަހަނާ ފަދަ ތަކެތި ފަސޭހައިން އަތުޖެހޭ ހިސާބުގައި ބެހެއްޓުމުގެ ބަދަލުގައި ސޭފެއްގައި ނުވަތަ ރަނގަޅަށް ތަޅުލެވޭ އަލަމާރި، ކަބަޑު ފަދަ ތަންތަނުގެ ބެހެއްޓިދާނެ ނޫންހެއްޔެވެ؟ ގެއިން ބޭރަށްދާނަމަ ދޮރު ތަޅުލެވިފައި ހުރިތޯ ދެވަނަ ފަހަރަކު ޗެކްކޮށްލެވިދާނެ ނޫންހެއްޔެވެ؟ ސައިކަލު މަޑިދަށުގަޔާއި ސައިކަލުގެ ވަތްގަނޑުތަކުގައި ވޮލެޓާއި އެނޫނަސް އަގުބޮޑުތަކެއްޗާއި މުހިންމު ލިޔެކިޔުން ނުބެހެއްޓުމަށް އާދަކުރެވިދާނެ ނޫންހެއްޔެވެ؟ ސައިކަލު ޕާކުކުރާއިރު ހުންގާނު ތަޅުލައި ޝަޓަރ ލޮކް ކުރެވިދާނެ ނޫންހެއްޔެވެ؟ ފޯނުތަކުގެ އައި.އެމް.އީ.އައި ނަންބަރާއި، ބްރޭންޑާއި ގެންގުޅޭ ސިމްގެ މަޢުލޫމާތު އެނގޭނެހެން ބެހެއްޓިދާނެ ނޫންހެއްޔެވެ؟ ފަސޭހައިން ވަދެވޭގޮތަށް ހުންނަ ބެލްކަނި ފަދަ ތަންތާނގައި ފެންސްޖަހައިި މީހުން ނޫޅޭ ގަޑިތަކުގައި ދޮރު ރަނގަޅަށް ތަޅުލާފައި ބެހެއްޓިދާނެ ނޫންހެއްޔެވެ؟ އޮފީސް އިމާރާތް ފަދަ ތަންތަނުގައި ސީސީޓީވީ އާއި އެލާމް ސިސްޓަމް ހަރުކުރެވިދާނެ ނޫންހެއްޔެވެ؟

      ގޮތްނޭނގޭ ތަންތަނަށް ގޮސް ގިނައިރު އެތަންތާނގައި މަޑުނުކުރުމާއި، މީހުންމަދު އަނދިރި ސަރަޙައްދުތަކުގައި އެކަނި ނޫޅުމާއި، މީހުން ގިނަ ސަރަޙައްދުތަކުގައިވެސް އަބަދު ފޯނަށް ގެއްލިފައި އިނދެ ޙަރަކާތްތެރި ނުވުމާއި، ފެންނަގޮތަށް ފަހަތު ޖީބަށް ފޯނުތަކާއި ވޮލެޓުތައް ޖަހައިގެން ނޫޅުމާއި، މަގުމަތީގައި އުޅޭއިރު އަތްމަތީ ދަބަސްފަދަ ތަކެތި ކޮނޑުން އަޅުވާލެވޭނަމަ މަގާވީ ފަރާތަށް ނުވާގޮތަށް ކޮނޑުން އަޅުވާލައިގެން އުޅުންފަދަ ކަންކަމަކީ މީހަކު ދަސްކޮށްނުދިނަސް ޢާންމު ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކުޑަކުޑަ ކަންކަމެވެ. އެހެނަސް މިޒާތުގެ ކުޑަ ކަމަކުންވެސް ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުތަނުން ބޮޑުކުރެވިދާނެކަން އެންމެންނަށްވެސް އެނގި ފަހުމްވާން އެބަޖެހެއެވެ.

ތިބާއަށް ވައްކަމަށް ހިތްވަރުދެވޭތަ؟

      ވައްކަންކޮށްގެން ހޯދާ ތަކެތި ގިނަފަހަރަށް ފައިސާގެ ބޭނުމުގައި ވިއްކާލެވެއެވެ. އެހެންކަމަށް ވާނަމަ އެތަކެތި ގަންނަ މީހުންވެސް ނުއަގުގައި އެފަދަ ތަކެތި ގަތުން ހުއްޓާލަންޖެހެއެވެ. ގިނަފަހަރު ނުއަގުގައި އެއްޗެއް ގަންނާނީވެސް އެއެއްޗަކީ ސައްޙަ، ޙަލާލުގޮތުގައި ހޯދި އެއްޗެއް ނޫންކަން އެނގިހުރެ ކޮންމެވެސް ކުށުގެ ރިކޯޑެއް އޮތް މީހެއްގެ އަތުންނެވެ. މިއީ މިމުޖްތަމަޢުގައި މިކަންކަން ހިނގާގޮތެވެ. ވަށައިގެންވާ މާޙައުލު ދަސްކޮށް، ނުރަނގަޅު މީހުން ދަނެގަނެ، ބާވަތް ބާވަތުގެ ފަސާދައިން ދުރުވުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުމަކީ ކުޑަކަމެއް ނޫނެވެ. އަދި އެހެން މީހެއްގެ ހައްޤަކަށް އަރައިގަތުމަށް އެހީތެރިވެދިނުމަކީވެސް ކުޑަކަމެއް ނޫނެވެ. މުޖްތަމަޢުގެ ފުރިހަމަ އެއްބާރުލުން ލިބޭނަމަ ވަގުންނާއި، ލުޓޭރުންގެ މައްސަލަތަށް ސާބިތުކުރުމުގައި ތަޙުޤީޤީ އިދާރާއަށްވެސް ފަސޭހަވެ މުޖްތަމަޢުގެ އަމަން ފުރިހަމައަށް ބެލެހެއްޓޭނެއެވެ.

      އާއްމު ރައްޔިތުން ކިތަންމެ ހޭލުންތެރިވިޔަސް ވައްކަމާއި ފޭރުން ފަދަ މައްސަލަތަށް ހުއްޓުވުމުގައި ދައުލަތުގެ ކަމާއިބެހޭ މުވައްސަސާތަކާއި އިދާރާތަކުގެ ދައުރުވެސް ވަކި ކުޑައެއް ނޫނެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތައް ޒަމާނާއި އެއްގޮތަށް ބަދަލުވަމުންދާކަމީވެސް ފެންނަން އޮތް ހަޤީޤަތެވެ. އިންޓަނެޓުގެ ޒަރީއާއިން މުޅި ދުނިޔެ ހުޅުވާލެވިފައި އޮތްއިރު ވަގުންނާއި ފޭރޭމީހުން ޒަމާނީ ވަޞީލަތްތަކަށް ހޭނޭހާ އަވަހަށް ޤާނޫނުތަކާއި ޤަވާޢިދުތައް ޒަމާނާއި އެއްގޮތަށް މުރާޖަޢާ ކުރެވި ބަދަލުވާންވެސް ޖެހެއެވެ. އަނެކާގެ ހައްޤަކަށް އަރައިގަނެވޭ މިބާވަތުގެ މައްސަލަތަކުގައި ފިޔަވަޅުތައް އެޅި ހުކުމްތައް ތަންފީޒުކުރެވެންޖެހެއެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ދިވެހިރާއްޖޭ ޤާނޫނުތައް ތަންފީޒުކުމުގެ ބާރަކީ ‘ކޮރުވެފައި’ އޮތް ބާރެކެވެ. ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ މަސައްކަތްތަކީ ގުޅުމެއްނެތް މަސައްކަތެކޭ ހީވާ ފަހަރުވެސް އަންނަނީ އެހެންވެގެންތާއެވެ.

ކިތަންމެ ރައްކާތެރިވިޔަސް ވަގުން ވައްކަން ކުރާނެއެވެ. މިދައްކަނީ ދައުލަތުގެ ހަޒާނާއިން ކުރާ ބޮޑެތި ވައްކަންތަކާ އަޅާ ބަލާއިރު ޕެޓީ ކްރައިމްސް ނުވަތަ ކުދި ވައްކަންތަކުގެ ވާހަކައެވެ. މިފަދަ ވައްކަމާއި ފޭރުން ފަދަ ކުށްތަކަކީ، އިޖްތިމާޢީ އެއްބައެއްވަންތަ ބަދަހި ގުޅުމަކާއިއެކު ނައްތާލެވިދާނޭ ނުވަތަ ނިސްބަތުން ވަރަށް ބޮޑަށް މަދުކުރެވިދާނެ ފަދަ ކުށްތަކެވެ. ވަގުންނަކީ މީހުން ވިހާ ބައެއް ނޫނެވެ. އެއީ އުފެދޭ ބައެކެވެ. ފަގީރުކަމަކީ އެއް ސަބަބެވެ. ފަގީލު އާއިލާތަކުގެ ކުދިން މަސްތުވުމާއި ވައްކަމުގެ ތެރެއަށް ވަންނަ އަދަދު ބޮޑެވެ. މިއީ އާއިލާތަކުގެ ދުޅަހެޔޮކަމާއި ބާރުވެރިކަން އިތުރު ކުރެވިގެން ނޫނީ ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އާއްމުންގެ ދިރިއުޅުން އެކީ މަސައްކަތަށް ހުސްވާގޮތަށް އޮތްއޮތުން ބަދަލުވެ، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ސަމާލުކަންދެވޭނީ ސިޔާސަތުތައް ބަދަލުވެގެންނެވެ. އެދުވަހެއް އަންނަން ދެން އަހަރެމެންނަށް އޮތީ ވަގުންނަށް ރައްކާތެރިވުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0