ސްކްރީނަށް މޫނު އޮބައިގެން އުޅުމަކީ ފަރުވާ ލިބޭ ބިހޭވިޔަރަލް އެޑިކްޝަނެއް

13 އެޕްރީލް 2022 - 13:01

ފިކުރުކޮށް ވިސްނާނެ ކަންކަން ބައިވަރެވެ. ބަވަނަ ދުނިޔެއެއްގައި، ވިއަވަތިވުމެއް، ބިކަވުމެއް ނުވަތަ މެދުމިންވަރެއްގެ ހަޔާތީ ތަޖުރިބާތަކެއް ކުރެވެމުން ދާއިރު، ގެއްލުމެއް ނޫނީ ނެތް ހެއްލުމެއްގައި ވުމަކުން ކޮޅެއްގައިޖެހޭކަށް ނެތެވެ. ދުނިޔަވީ އަޞްލީ ދިރިއުޅުމުގެ ހެޔޮ ރާހަތް ލިބޭނީ ދިރިއުޅުމުގެ ފުރިހަމަ ކޮންޓްރޯލް ތިމާގެ އަތުގައި އޮވެގެންނެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތާއި ލިބޭ އާމްދަނީއަކީ ތިމާ ހިތްހަމަޖެހޭ އެއްޗަކަށް ވާންޖެހެއެވެ. މަސްނޫޢީ ލޯތަކާއި، ފޯނުތަކާއި އެކިއެކި އާލާތްތަކުން އަތްތައް މޮހެލައި ދިރިއުޅުން ބިނާކުރަން ތިމާއަށް ނިކުމެވެންޖެހެއެވެ. ބުއްދީގެ އަހުލުވެރިންނަކީ ތަރުތީބުމަގުން ތަރުބިއްޔަތުވެފައިވާ މީހުންނެވެ. ތަރުވާޒުގެބައި ކުރުކޮށްލުމަށްފަހު މައި ނުކުތާތަކަށް ޖެހިލަމާބަހީއެވެ.  

ފިކުރުކޮށް ވިސްނަންވީ، މަސްނޫޢީ ޖާދުލެއްގައި މަސްތުވެފައިވުމުން ޒިންމާތަކަށް ނަޒަރު ހިންގައިލާނެ ވަގުތެއް ނުވާނެތީއެވެ. މިޒަމާނުގައި ކުރެވޭ ކައިވެންޏާއި ލިބޭ ދަރީންނަކީވެސް އާދަކާދައެކެވެ. ސަޤާފަތެކެވެ. ލަފުޒުތަކުގެ ތެރެއިން ‘ޒިންމާދާރުކަން’ ރަދީފުން ފޮހެލެވިފައިވާ ފަދައެވެ. ދަރީންނަށް ލިބޭ މަދަރުސީ ތަރުބިއްޔަތަށްވުރެ ކުރިއަށް ޚާއްސަވާ އެންމެ މުހިންމު ތަރުބިއްޔަތަކީ މައިންބަފައިންގެ ފަރާތުންދެވޭ ތަރުބިއްޔަތުކަން ޔަޤީނެވެ. މީހާ މީހަކަށްވުމުގެ ހަޤީޤީ ބިންގާ، ގޭގެ އޮޅިތެރެއިން އަޅައިދެނީ މައިންބަފައިންނެވެ. އެހެންކަމަށްވާނަމަ، ފާޅުވާ ފަޖުރުއްސާދިޤުގެ އަލިކަމާއިއެކު ޖެހިޖެހި ހުންނަ ރަނގަބީލަކަށްވުރެ ދަރިއެއްގެ ޙަޔާތަށް ބެލެނިވެރީންގެ މުހިންމުކަން ބޮޑުވާންޖެހެއެވެ. ދަރީންގެ ޙަޔާތުގެ ކޮންމެކަމެއްގައިމެ އެންމެގާތް، އެންމެއެކުވެރި ދާރިސެއްގެ ހައިސިއްޔަތު ލިބެންޖެހެނީ މައިންބަފައިންނަށެވެ. އެޙާލަތް އަންނާނީ ވަގުތުދެވިގެން، ކަމާއި އުޅެވި ޒިންމާދާރުވެވިގެންތާއެވެ.

advertisement

24 ގަޑިއިރު ތެރެއިން 6 ގަޑިއިރާއި 9 ގަޑިއިރުގެ މިންވަރަކަށް ލޯތައް ތަތްވެފައި ހުންނަނީ ސްކީރަނަކަށް ކަމުގައިވާނަމަ، ކެއުމާއި ބުއިމާއި، ނިދުމާއި، އާމްދަނީ ހޯދަންކުރާ މަސައްކަތްތައްފަދަ ޟަރޫރީ ކަންކަން ކޮޅެއްގައި ޖެހޭނެހެއްޔެވެ؟ ވަޤުތަކީ ހިތްފުރޭވަރަށް، ބޭނުންވާހާވަރަކަށް ލިބޭނެ އެއްޗެކަށް ނުވާއިރު ގުދާރުން ފެށިގެން ބޯކޮޅުވަތަށް ޖަހައިގެން ހުންނަ ކޮންމެ މިނިޓަކީ ދިރިއުޅުމަށްޓަކައި ކޮންމެހެން ހޭދަކުރަން މަޖުބޫރު ޟަރޫރީ ކޮންމެވެސްކަމަކުން އުނިކުރެވިގެންދާނޭ މިނެޓެކެވެ. ގެއްލިއްޖެ ވަގުތެއް، އެއީ ސިކުންތެއްކަމުގައި ވީނަމަވެސް އަނބުރައެއް ނުލިބޭނެއެވެ. ނޭނގިނަމަވެސް ތާއަބަދު ކަމަކަށްގޮސް ހުސްވުމަކީ، ފިޠުރިއްޔަ ނަޒަރިއްޔާއަކުން ބެލިޔަސް ހައްދެއް ފަހަނައަޅައި ދިޔުމެވެ.  

އިންސާނީ ގުޅުންތަކާއި، އިޖްތިމާޢީ ގާތްކަން ދެމެހެއްޓުމުގެ މުހިންމުކަން ބުނެދޭން އިތުރު ބަޔަކު ނާންނާނެއެވެ. ސިކުނޑި ތަރައްޤީވުމުގައި އިންސާނީ އަދި އިޖްތިމާޢީ ގުޅުން ބެހެއްޓުމުގެ މުހިންމުކަން ބޮޑެވެ. އެކަހެރިކުރެވިފައިވާ ސިކުނޑިއަކަށް ނަގައިގަނެވޭނީ ދިމާލަކުން ލައިދެވޭ އެއްޗެކެވެ. އަމިއްލައަށް ކަންކަން ހޯދައިގަތުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. އެހެންކަމުން ސްކީރުން ލޯނައްޓައި ފޮތް ކިޔުމާއި ކަންކަން ހޯދައި ބެލުމުގައި ވަގުތު ހޭދަކުރުމަކީ ފަހަށް ކުރެވޭ އިންވެސްޓްމެންޓެކެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަމާއި ދަރިންގެ ދުޅަހެޔޮކަމަކީ މިއަދު ކުރާ ކަމަކުން ބަދަލުކުރެވެން އޮތް ކަމެކެވެ.

ފިކުރުކޮށް ވިސްނަންވީ ‘ސުމޭކު’ ވީވީނުން ދިރިއުޅުން ސުމަކަށް ދުއްވައިނުލާނެ ގޮތްތަށް ހޯދުމަށެވެ. ފަސޭހަވިޔަސް ދެމިގެންދާ ތުރާލަކަށް ހަޔާތުގެ ކަންކަން އަނބުރައިނުލާން ކުރެވެން އޮތްހައި ކަމެއް ކުރުން އެއީ ފަރުދީ ޒިންމާއެކެވެ. މިސާލަކަށް ތިމާކުރާ މަސައްކަތަކީ ތިމާއާއި އެކަށީގެންވާ މަސައްކަތަކަށް ހެދުމާއި، ހަށިގަނޑު ލޮޑުކޮށްލާ މަސައްކަތެއް ކުރާނަމަ އެކަށީގެންވާ ވަރަށް އަރާމުކުރުމަކީ ނަފްސަށް ދޭންޖެހޭ ހައްގެކެވެ. ހަށިގަނޑަށް ދޭންޖެހޭ ހައްގެކެވެ. ދުވާލަކު 24 ގަޑި ލިބޭއިރު 8 ގަޑި އިރު ނިދުމަށް، 8 ގަޑީ މަސައްކަތަށް އަދި އަނެއް 8 ގަޑީ އިރު އަރާމު ކުރުމާއި އާއިލާ އަށް ހާއްސަކުރެވޭތޯ ބެލުން ވަރަށް މުހިންމެވެ. ގައި ވަރު ދެރަވެ މުސްކުޅިވާދުވަހު ހަސްފަތާލުތައް ފަޅުފިލުވައި، އުމުރު ދުވަހު އެއްކުރި ފައިސާފޮތި އެދަފަ ތަންތަނަށް އޮއްސާލުމަކީ ކާމިޔާބެއް ހެއްޔެވެ؟

މިއީ ބިހޭވިޔަރަލް އެޑިކްޝަންއެއް

މަސްނޫޢީ އާލާތްތަކާއި، ފޯނާއި މީސް މީޑިއާއަކީ ތަމައްދުނުވެފައިވާ ޒަމާނީ ދުނިޔެއެއްގައި އެއާ ނުލައި އުޅެވޭނެ އެއްޗެއް ނޫނެވެ. މީގެތެރެއިންވެސް މީސް މީޑިއާއަކީ ސްކްރީންތަކަށް މީހުން ގެއްލުވާލާ މައިގަނޑު އެއް ސަބަބެވެ. މީސް މީޑިއާގެ އެކިއެކި އެޕްލިކޭޝަންތައް ‘ހާވަން’ ހޭދަކުރެވޭ ވަގުތު އަންދާޒާކޮށްލަން ނޭނގޭ މީހުން މިކުޑަކުޑަ މުޖްތަމަޢުގައިވެސް މަދެއްނޫނެވެ. އެނގޭ ހެއްޔެވެ؟ މިއީ ޒާތެއްގެ މަސްތެކެވެ. ޤަބޫލުކުރަން ދަތިވިޔަސް މިއީ ‘ބިހޭވިއަރަލް އެޑިކްޝަނެކެކެވެ’. މީސް މީޑިއާގަައި މައިގަނޑު ގޮތެއްގައި މިއޮންނަނީ ދެއްކުންތެރިކަމެވެ. ތިމާއަށް ލިބޭ އުފާތަކާއި ތިމާގެ އަތުގައި ހުރި މުދަލާއި ތިމާގެ މޮޅުކަން މީހުންނަށް އަންގާލައި އެއަށް މީހުންގެ ‘ރިއެކްޓްތައް’ ހޯދުމެވެ. ބުނެވޭގޮތުގައި މީހުން މީސް މީޑިއާގައި ހޭދަކުރާ ވަގުތުގެ ތެރެއިން 80 އިންސައްތައެއްހާ ވަގުތުގައި ދައްކަނީ ތިމާގެ ކާމިޔާބާއި ތިމާގެ ހަޔާތުގެ ވާހަކަތަކެވެ.  

 ހާވާޑް ޔުނިވާސިޓީއިން ހެދި ސްޓަޑީއަކުން ދައްކާގޮތުގައި މީސް މީޑިއާގައި ޙިއްސާކުރެވޭ މިފަދަ ވާހަކަތަށް ހިއްސާކުރުމުން ލިބޭ ނޮޓިފިކޭޝަނެއް ނުވަތަ ރިއެކްޝަނަކުން އިންސާނާގެ ސިކުނޑިއަށް ޑޯޕަމީން ފޮނުވާލައެވެ. ސިކުނޑީގައި ޑޯޕަމީން ލެވެލް މަތިވުމުން އެއީ މީހާއަށް ލިބޭ ‘ރިވޯޑެއްކަމަށް’ ސިކުނޑިން ނިންމައެވެ. އެއަށް ދެވިހިފުމަށް މިސްރާބުޖަހަނީ އެހިސާބުންނެވެ. އެމީހެއްގެ މީސް މީޑިއާގެ ޕޯސްޓްތަކަށް ‘ރީޓުވީޓްތަކާއި’ ‘ލައިކްތައް’ ކޮންމެހެންވެސް ބޭނުންވަނީ އެހެންވެއެވެ. މަސްތުވާ ބާވަތްތަށް ބޭނުންކުރުމުންވެސް މިގޮތަށް ‘ޑޯޕަމީން’ ލެވެލް މަތިކޮށްލައެވެ. މީސް މީޑިއާއަށް ދެވި ހިފުމުން ސްކްރީނަކަށް މޫނު އޮބައިގެން ނޫންގޮތަކަށް ނީނދެވެއެވެ. މިއީ އެޑިކްޝަނެއްގެ ގޮތުގައި ދަރަޖަކުރެވޭ ކަމަކަށް ވާތީ މިކަމަށް ތެރަޕީ ނަގާދޭ ތަންތަންވެސް ދުނިޔޭގައި އެބަ ހުއްޓެވެ.

ފިކުރުކޮށް ވިސްނަންވީ މީސް މީޑިއާ އެޕްލިކޭޝަންތަކާއި މިބާވުތުގެ އެހެނިހެން އެޕްލިކޭޝަން ހެޔޮގޮތުގައި ބޭނުންކުރުމަށެވެ. ދިރިއުޅުމުގައި މިތަކެތިން ލިބޭ ފަސޭހަތައް ބައިވަރެވެ. ކުރަންވީ އެކަމަކު ކުރުން ދަތި ކަމަކީ މިތަކެތީގެ ބޭނުން ހުދޫދުން ބޭރުނުވެ ކުރުމެވެ. ތިމާއާއި އާއިލާއަށް ގެއްލުން ނުވާފަދައިން އެއަށް ތިމާގެ ވަގުތު ދިނުމެވެ. ދިރިއުޅުން ކިތަންމެ ނުކިއްސަރުކޮށް ރޭވިފައި އޮތަސް ވީވަރަކުން މިކަންކަން ހަމަމަގަށް އެޅުވޭތޯ ބެލުމަކީ ކުރެވިދާނެކަމެކެވެ. ސްކީރުން ލޯ ނެއްޓުމަކީ އުނދަގޫ ކަމެކެވެ. އަހަރެމެން މިކަމަށް ދެވިހިފާފައިމިވާ މިންވަރަކީ ކަންބޮޑުވާން ޖެހޭ މިންވަރެކެވެ. ހަޔާތުގައި ގިނަ ދަތިތައް ހުރި އިރު އިތުރު ދަތިތަކަށް އަމިއްލައަށް ޖިސްމާއި ނަފްސު ހުށައެޅުމަށް އަހަރެމެންނަށް ކުޅަދާނަވެގެން ނުވެއެވެ. ހަޔާތުގައި ކުރަން ހުރި ކަންކަން އެއަށް ވުރެ ގިނައެވެ. ވަގުތު ބޭކާރުކުރުމަކީ ވަރިހަމަކޮށްލައިގެން ތިބެވެން އޮތް ކަމެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
1
1
0
0