ބޭނުން ވިޔަސް ނުވިޔަސް ސިޔާސީ ވާންޖެހޭ

14 އެޕްރީލް 2022 - 10:21

ދަތި މަރުޙަލާތަކެއް ކަޑައްތު ކުރުމަށްފަހު ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތަށް އުންމީދެއް ލިބިގެން ދިޔައީ 2005 ޖޫން ހާ ތާނގައި ރަސްމީކޮށް ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުރަހެއް ނެތްކަމަށް ސަރުކާރުން ނިންމެވުމާއި އެކުއެވެ. އޭރުގެ އޮޓޯކްރެޓިކް ވެރިކަން ބަދަލުކުރުމަށް އިޞްލާހީ ޙަރަކާތްތަށް ފޯރިއާއި އެކު އެކިގޮތްގޮތަށް ހިންގަމުންދިޔައެވެ. މިއަދު މިއީ އޭގެ 17 އަހަރު ފަހެވެ. އެންމެ ބޮޑު ތިން ޕާޓީގެ މެމްބަރުންގެ ޖުމުލައަކީ 109،289 އެވެ. 18 އަހަރު ފުރި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ އަދަދަކީ 273،128 އެވެ. އެހެންކަމުން ވޯޓު ހައްގު މީހުންގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ ސިޔާސީގޮތުން ހަރަކާތްތެރި، ސިޔާސީ ކަންކަމުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ ރައްޔިތުންކަމުގައި ބުނެވިދާނެއެވެ. 46 ޕަސަންޓު ރައްޔިތުން އަމުދުން އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވެއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އިން 2015 ވަނަ އަހަރު ހަދާފައިވާ ޑިމޮކްރަސީ ސާވޭ ދައްކާގޮތުން 49 އިންސައްތަ ރައްޔިތުން އެއްވެސް މިންވަރަކަށް ސިޔާސީ ޕާޓީތަކަށް އިތުބާރު ނުކުރެއެވެ. މިހާރު މިއަދަދު ފަންސާސް އިންސައްތައަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ.

advertisement

އިތުބާރުނެތީ ކީއްވެ؟

މިދިރާސާއިން ދައްކާގޮތުން 71 އިންސައްތަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއްވެސް ސަރުކާރަކުން އާއްމުރައްޔިތުންގެ ކަންކަމަށް ފަރުވާ ނުބަހައްޓައެވެ. އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ފަރާތްތަކުން ދޮގު ހަދަންފަސްނުޖެހޭ ކަމަށް 94 އިންސައްތަ މީހުންގަބޫލުކުރެއެވެ. ސިޔާސީ ޕާޓީތައް އައިސް ވެރިކަމުގެ ނިޒާމު ފޮރޮޅާލިފަހުންވެސް ބާރު ކޮންޓްރޯލް ކުރަނީ މަދު ބައެއް ކަމަށް އާއްމުންގެ ބޮޑު ބައެއް ގަބޫލުކުރާއިރު، ކަންކަން ހައްލުކުރަން އޮތްމަގަކީ މަޝްވަރާ އާއި ރައްޔިތުންގެ ބައިވެރިވުން ކަމަށް 97 އިންސައްތަ މީހުން ގަބޫލުކުރެއެވެ. ސުވާލަކީ ރައްޔިތުންނާ ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް ދައުލަތުގެ މުވައްސަސާތަކުން ކުރަނީ ކޮންކަމެއްތޯއެވެ؟

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވަނީ ފެންނަމަންޒަރުތަކާއި އިވޭ އަޑުތަކާއި ކުރާ މަސައްކަތުން ނިކުންނަ ނަތީޖާތަކާއި ރައްޔިތުންނާއި މާބޮޑު ގުޅުމެއް ނެތީމައެވެ. ސިޔާސީ ހަލަބޮލި މާހައުލުގައި ދައްކާ ވާހަކަތަކާއި ހަދާ ސިޔާސަތުތަކާއި ގުޅުމެއް ނުހުންނާތީއެވެ. ކެމްޕެއިންތަކުގައި ދައްކާ ވާހަކަތަކާއި އިންތިހާބަށް ފަހު ދައްކާވާހަކަތައް ދިމާނުވާތީއެވެ. މިހާރު މިހިނގާ ނިޒާމުގެތެރެއިން ބާއްވާ އިންތިހާބުތަކުގައި ދައްކާ ވާހަކަތަކަކީ މެނިފެސްޓޯއަކަށް ބިނާވެގެން ދައްކާ ވާހަކަތަކަކަށް ވާއިރު މި މެނިފެސްޓޯތަކަކީ ކިތައް ރައްޔިތުންގެ ބައިވެރިވުމާއެކު ކަނޑައަޅައި ނިންމާ ވައުދުބަރިތަކެއްތޯ މިއީ ކުރުން މުހިންމު ސުވާލެކެވެ.

ދެން އޮތީ ސިޔާސީ ފަރާތްތަކުން ހަދާ ސިޔާސަތުތަކުގެ ވާހަކަ ދެއްކުމެވެ. ސިޔާސަތުތައް ބައްޓަންކޮށް ހަދަނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެނިހެން އިދާރާތަކުންނެވެ. ސިޔާސަތު ކަނޑައެޅުމުގައާއި ގާނޫނުތައް ހެދުމުގެ އެއްވެސް މަރުހަލާއެއްގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް އެފަރާތްތަކުން އިސްނަގައިގެން މަސައްކަތްކުރާތަނެއް ނުފެނެއެވެ. ކުރަންޖެހޭ ކަމަކަށްވާތީ ގާނޫނުތަކުގެ ޑްރާފްޓްތައް އާއްމުންގެ ހިޔާލަށް ހުޅުވާލި ނަމަވެސް ޓައުން ހޯލް މީޓިންތައް ބާއްވައި ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ވާސިލުވެ މައުލޫމާތު ދީ، ރައްޔިތުންގެ ބައިވެރިވުން ހޯދަން ރައްޔިތުންގެ މަންދޫބުން މަސައްކަތްކުރާތަނެއް ނުފެނެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި އިންސާނީ ހައްގުގެ މައްސަލަތައް މަދުވާތަނެއް ނުފެނެއެވެ. ފެންނަނީ މަސްތުވުން ބޮއްސުންލައި ރަށްރަށުގައި ވައްކަމާއި ފޭރުން އިތުރުވާތަނެވެ. ޖަލު އާބާދީ ބޮޑުވަނީއެވެ. އެކަނިވެރިމައިން އެދަނީ ދެހާސް ރުފިޔާއިން ނުފުދޭކަމަށް ބުނަމުންނެވެ. ކުޑަކުދިން ކުށްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ހިޖުރަކުރުން މަތިވެ ރަށްރަށުގެ އާބާދީތައް އަންނަނީ މަދުވަމުންނެވެ. އޭސީސީއަށް ހުށައެޅި ބަލަމުންގެންދާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކުގެ ވެރިން ހިމެނެއެވެ. ފައިސާއަށް އެއްޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުވާ މަޖިލިސް މެމްބަރުން ގިނައެވެ. ބޮޑެތި ވައްކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެތެރޭގައި ދައުލަތުގެ މުއްސައްސާތަކުގެ ވެރިން ހިމެނެއެވެ.

ފޫހިކޮށްލައިގެން ތިބެވޭކަށް ނެތް

ސިޔާސީ ކަންކަމުގެ މަތިން ފޫހިކޮށްލައިގެން ތިބެވޭކަށްނެތެވެ. ސިޔާސަތުތަކާއި ރައްޔިތުން ބެހެން ޖެހެއެވެ. ނުބެހިތިއްބަސް އެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމާއި މަސައްކަތަށް އަސަރުކުރާނެއެވެ. ސިޔާސީ ކަންކަމަކީ ކުޅިވަރެއްކަމުގައި ދައްކަން މަސައްކަތްކޮށް، ރައްޔިތުންނަކީ ހަމައެކަނި ކުޅިބަލައި، ވޯޓުދޭން ތިބޭބައެއް ކަމުގައިވެ އެކަން އާއްމުވެއްޖެނަމަ ސްރީލަންކާއަށް ދިމާވިފަދަ ބޮޑު އަޑިގަނޑަކަށް ރައްޔިތުން ވެއްޓުން ގާތެވެ. ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމަށް ރައްޔިތުން ނިކުމެގެން މެނުވީ މިގައުމުގައި ރައްޔިތުންތަކެއް އެބަތިބިކަން ދަންނާނެ ސިޔާސީ ބަޔަކު ނެތެވެ. ރައްޔިތުން ފޫހިކަންމަތީ ބޭތިއްބުމަށްފަހު ނިންމަމުން ގެންދާ ނިންމުންތަކާއި، ރައްޔިތުންގެ ބައިތުލްމާލަށާއި، ވަސީލަތްތަކަށް ވަމުންދަނީ ކިހިނެތްކަން ނުބަލައިފިނަމަ ފޫހިކަން ފިލައިގޮސް ބަލާލެވޭއިރު ގައުމެއް މުސްތަގުބަލެއް އަތުޖެހޭ ހިސާބަކު ނޯންނާނެއެވެ.

ރިއެކްޝަންސް
2
0
0
0
0
0
2